ހަބަރު

ދަމަނަ ވެއްޓާ ބެހޭގޮތުން އެނގެނީ ކިހާވަރަކަށް؟

ދަމަނަ ވެށި ގިނަ މީހުންނަށް އެނގިގެން ގޮސްފައިވަނީ ކުޑަކުދިންނަށް ވެކްސިން ދީ އަދި ކުޑަކުދިންގެ ބަރުދަން ބަލައިދޭ ތަނެއްގެ ގޮތުގަ އެވެ. ގިނަ މީހުންނަށް ދަމަނަ ވެށި އާ ބެހޭ ގޮތުން އެނގޭ މިންވަރަކީ އެއީ އެވެ. ނަމަވެސް އެތަނަކީ އެއަށްވުރެ މާ ގިނަ ހިދުމަތްދޭ ތަނެކެވެ. މިހާރު ދޭ ހިދުމްތްތައް އިތުރު ކުރަން އަދިވެސް ވިސްނުން އެބަހުއްޓެވެ.

ނަވާރަ ސަތޭކަ އަށްޑިހަ ހަތަރު ވަނަ އަހަރު މާލޭ ހެލްތު ސެންޓަރުގެ ނަމުގައި ހުޅުވާ ހިދުމަތް ދޭން ފެށި އެ މަރުކަޒު 2013 ވަނަ އަހަރު ދަމަނަ ވެށީގެ ނަމަށް ބަދަލުކޮށް ހިންގަމުން އަންނަނީ އާބަން ހެލްތު ކެއާ ސެންޓަރެއްގެ ގޮތުގަ އެވެ. ދަމަނަވެށިން އާންމުކޮށް ދޭ ހިދުމަތްތަކުގެ ތެރޭގައި ހިމެނެނީ ކުޑަކުދިން ކިރުމާއި، ކުޑަކުދިންނަށް ވެކްސިން ދިނުން، ސާވިކަލް ކެންސާ ސްކޭނިން، ދުންފަތުގެ އިސްތިއުމާލް ކުރުން ހުއްޓާލަން ބޭނުންވާ މީހުންނަށް އެހީތެރިވުން، އުމުރުން ދުވަސްވީ މީހުންގެ ތެރެއިން ހިނގާ ބިނގާވެ ނޫޅެވޭ ބަލި މީހުން ކައިރިއަށް ޒިޔާރަތްކޮށް މީހުން ބެލުން، ބޭސް އަޅައިދިނުން އެވެ. އަދި އެއީ ގައިން ގަޔަށް އަރާ މީހުންގެ ހާއްސަ ކްލިނިކް، ފުރާވަރު ކުދިންގެ ހާއްސަ ކްލިނިކެއްވެސްމެ އެވެ. މީގެ އިތުރުން އެކިއެކި ކަންކަމުގައި ކައުންސިލިން ދިނުމާއި، އާއިލާ ރޭވުމަށްވެސް ދަމަނަވެށިން އެހީތެރިވެދޭނެ އެވެ.

ދަމަނަވެށިން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރެއިން ދަތުރުވެރިންނަށް ދޭ ވެކްސިން އަށް އަގުނަގާނެ އެވެ. އަދި އެހެން ހުރިހާ ހިދުމަތެއް އާސަންދައިން ކަވާ ކުރާނެ ކަމަށް ދަމަނަ ވެށީގެ ޑިރެކްޓާ ނަޔާޒް އަހްމަދު ވިދާޅުވި އެވެ.

އެތައް ހާސް ބަޔަކު ދަމަނަވެށިން ހިދުމަތް ހޯދާއިރު ހިދުމަތް ހޯދަން ނިކަން ފަސޭހަވެސް މެ އެވެ. ރަޖިސްޓްރީ ވުމުން އެ ނިމުނީ އެވެ. ކުރިއަށް އޮތްތަނުގައި މާބޮޑަށް ފަސޭހެވެގެން ދާނެވެސް މެ އެވެ. އެޕޮއިންޓްމަންޓް ސިސްޓަމް ގާއިމްކުރަން މިހާރު ވަނީ ނިންމާފަ އެވެ. ދެ މަހެއްހާ ދުވަހުގެ ތެރޭގައި ފަށަން މިހާރު ދަނީ ތައްޔާރުވަމުންނެވެ. މި ސިސްޓަމްގެ ދަށުން ކުއްޖާއަށް ވެކްސިން ޖަހާ ދުވަސް ކައިރި ވުމުގެ އެއް ދުވަސް ކުރިން ރިމައިންޑާއެއްވެސް ދޭނެ އެވެ.

"މިހާރުވެސް މިކޮޅުގައި އެޕޮއިންޓްމަންޓް ހައްދާކަށް ނުޖެހޭނެ. ކިއުގަ ޖެހޭކަށް ނުޖެހޭނެ. އެކަމަކު މިހާރު މިއުޅެނީ ތަންކޮޅެއް ފަސޭހަ ކޮށްލަން. އެޕޮއިންޓްމަންޓް ސިސްޓަމެއް ގާއިމްކުރަން. މިހާރު މިވަމުންދާ ގޮތަކީ ބައެއް މީހުން މި އަަންނަނީ މެންދުރު ގަޑީގައި. އެންމެން އެއް ގަޑިއެއްގައި އައިމަ ހިދުމަތްދޭން ތަންކޮޅެއް އުނދަގޫވޭ. އެހެންވެ މިއުޅެނީ މުޅި ދުވަހަށް ބަހާލަން. އެއީ އަށަކުން ދެ އަކަށް. އޭރަށް އަންނަންވީ ދުވަހާ ގަޑިއާ ދެވޭނެ. އަދި އެ ސިސްޓަމް އިން އެއް ދުވަސް ކުރިން ރިމައިންޑާ އެއް އެފަރާތައް ދެވޭނެ." ނަޔާޒް ވިދާޅުވި އެވެ.

ދަމަނަވެށިން އެންމެ ގިނަ މީހުން ހޯދާ ހިދުމަތްތަކުގެ ތެރޭގައި ކައުންސިލިންގެ ހިދުމަތް ހިމެނެ އެވެ. މި ހިދުމަތް އެންމެ ގިނައިން ހޯދަނީ ޒުވާނުން ކަމަށް ނަޔާޒް ވިދާޅުވެ އެވެ. ހިދުމަތް ދިނުމުގައި ހަރަކާތްތެރިވަނީ ގާބިލް ކައުންސިލަރުންނެވެ. ދަމަނަވެށިން މި ހިދުމަތްދެނީ އެޑޮލެެންޓް ހެލްތު ކެއާ އާ ގުޅުވައިގެންވެސްމެ އެވެ. މީގެ އިތުރުން ގޭގެއަށް ގޮސް އުމުުރން ދުވަސްވީ ބަލި މީހުން ބެލުމުގެ ހިދުމަތަކީވެސް ފާހަގަކޮށްލެވޭ ހިދުމަތެކެވެ. އެ ހިދުމަތަށް ރަޖިސްޓާކޮށް 33 ޕޭޝަންޓުންނެއް ދަނީ ހިދުމަތް ހޯދަމުންނެވެ. ޑޮކްޓަރަކާއި ނަރުހެއް ހިމެނޭ މި ޓީމުން ބަލި މީހުންގެ ކައިރިއަށް ގެތަކަށް އެންމެ މަދުވެގެން މަހަކު އެއް ފަހަރު ނުވަތަ ދެ މަހުން އެއް މަހު ޒިޔާރަތްކުރާނެ އެވެ. ޓީމަށް މެމްބަރުން އިތުރުކުރަންވެސް ދަނީ ވިސްނާފަ އެވެ. ޕޭޝަންޓެއް މާބޮޑަށް ހާލު ގޯސްވެއްޖެ ނަމަ ވީ އެންމެ އަވަހަކަށް ބަލި މީހާއަށް ފަރުވާ ދިނުމަށް އަވަސްވެ ގަނެ އެވެ.

"އެ ހިދުމަތަށް ރަޖިސްޓްރީވާ ފޯމް ލިބެން ހުންނާނެ ޖެންޑާ މިނިސްޓްރީން. ފޯމް ފުރާފަ ޖެންޑާ އަށް ހުށަހެޅީމަ ޓީމެއް ދާނެ އެގެއަކަށް އެސެސްމެންޓެއް ހަދަން. އެސެސްމަންޓަށްފަހު ޖެންޑާއިން ދަމަނަ ވެއްޓަށް އަންގާނެ އެގެއަކަށް ގޮސް އެ ޕޭޝަންޓަކަށް ހިދުމަތްދޭން. ފުރަތަމަ ވިޒިޓްގައި އަޅުގަނޑުމެން ތާވަލެއް ރާވާލާނަން ކިހާ ފްރިކުއެންޓްކޮށްތޯ އެގެއަކަށް ދާން ޖެހެނީ." ނަޔާޒް ވިދާޅުވި އެވެ.

އެންމެ ޑޮކްޓަރަކާއެކު މިހާރު ފަރުވާ ދިން ނަމަވެސް އިތުރު ޑޮކްޓަރެއް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ދަމަނަވެށިންދޭ ހިދުމަތްތައް ފުޅާ ކުުރުމަށްވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި މާބަނޑު މީހުންގެ ހާއްސަ ކްލިނިކެއް ގާއިމްކޮށް، ވިހެއުމަށްފަހު މައިންނާ ދަރިންނަށް ދޭ ހިދުމަތްތައް ތައާރަފް ކުރުމަށްވެސް ދަނީ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން ތަހުލީލް ތައް ކުރުމަށް ސާމްޕަލް ނެގުމުގެ ހިދުމަތް ތައާރަފްކުރުންވެސް މެންޑޭޓްގައި އެބައޮތެވެ.

ހެލްތު މިނިސްްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫންވެސް އިއްޔެވަނީ ދަމަނަ ވެއްޓަށް ޒިޔާރަތް ކުރައްވާ އެތަނުގެ މައުލޫމާތު އޮޅުން ފިލުވާފަ އެވެ. އެތަނުގެ މުވައްޒަފުންނާއިވެސް ދުންޔާ ބައްދަލުކުރެއްވި އެވެ.