ކުޅިވަރު

ވިކްޓަރީ އަލުން ދިވެހި ކޯޗަކާއެކު! ތަޖުރިބާ ކިހިނެއް ވާނެ؟

ވިކްޓަރީ ސްޕޯޓްސް ކުލަބަކީ، ރާއްޖޭގެ ފުޓްބޯޅައިގައި ބިދޭސީ ކޯޗުންނާ އެންމެ ދުރު އެއް ކުލަބެވެ. އަދި އެ ޓީމަކީ، ކޯޗުން އަވަސް އަވަހަށް ބަދަލު ކުރުމުގެ ސަގާފަތް ނެތް ކުލަބެކޭ ދެންނެވި ދާނެ އެވެ. ނަމަވެސް ހާލަތު ބަދަލު ވެއްޖެ އެވެ. އެ ހާލަތު ބަދަލުވި ދަނޑިވަޅަކީ، 2013 ވަނަ އަހަރު އެ ކުލަބު އަޑިއަޅާލައި "ބާރު" ކެނޑުނު ވަގުތު އެވެ.

ވިކްޓަރީގެ ތާރީހަށް ބަލާއިރު، އެ ޓީމަށް ބިދޭސީ ކޯޗުން ގެންނަނީ، ޓީމު އަރިއަޅާ ލުމުން ކޮޅަށް ޖެހުމަ ށެވެ. ވިކްޓަރީގެ ފުޓްބޯޅައިގެ ހަޔާތުގައި އެޓީމުން ފެނުނު އެންމެ ކާމިޔާބު ކޯޗް އަބްދުލް ޖަލީލް (އަބްޖީ) 1990 ވަނަ އަހަރު އޭނާގެ ކޯޗިން ކެރިއާ ހުއްޓަލުމުން ގެނައީ، އިންޑިއާގެ ކުރީގެ ފުޓްބޯލަ ކުޅުންތެރިޔެއް ކަމުގައިވާ ޖަނަތިނަ މަން އެވެ. އޭނާ އާއެކު އެފަހަރު ދެ މުބާރާތެއްގެ ފައިނަލު ކުޅުނެވެ.

ނަވާރަސްތޭކަ ނުވަދިހަ ފަސް ވަނަ އަހަރު ވިކްޓަރީ އަޑިއަޅާލުމުން، ޓީމު ނަގާ ކޮޅަށް ޖަހަން، ވިކްޓަރީގެ އޭރުގެ ބޯޑުން ޖަނަތިނަމަ މަން އާ އަލުން ޓީމު ހަވާލު ކުރިއެވެ. އޭގެ ފަހުން 2013 ވަނަ އަހަރާ ހަމަޔަށް، ވިކްޓަރީއަށް ބިދޭސީ ކޯޗެއް ގެނެސްފަ އެއް ނުވެއެވެ. ދެހާސް ތޭރަ ވަނަ އަހަރް ވިކްޓަރީގެ ކުރިން. ކ. ހުރާ އަށް ނިސްބަތްވާ ހުއްރިއްޔާ ސްޕޯޓްސް ކުލަބާއި ނިއުރޭޑިއަންޓަށް ދިވެހި ލީގް ހޯދައިދިން ކޯޗް ސޮލަވާކިއަގެ ވަލްޑަމީރު ގޮފާ އެވެ. ދެހާސް ތޭރަ ވަނަ އަހަރު ވީ ވިކްޓަރީގެ 46 އަހަރުވީ ތާރީހްގައި އެޓީމަށް ކުރިމަތިވި އެންމެ ހިތްދަތި އަހަރެ ށެވެ. ދެ ވަނަ ޑިވިޝަނަށް ރެލިގޭޓް ވާން ދަނިކޮށް، އެޓީމަށް ސަލާމަތް ކޮށް ދިނީ މިހާރު ވެލެންސިއާ އަށް ކުޅެމުންދާ ނައިޖީރީއާގެ މިޑްފީލްޑާ ޗިންޑާ ކަކާ ޖެހި ލަންޑުން ނެވެ.

ރެލިގޭޓް ނުވެ ސަލަމާތް ވިއެވެ. އަލުން ދިވެހި ކޯޗަކާ ޓީމު ހަވާލު ކުރި އެވެ. ދެހާސް ފަނަރަވަނަ އަަހަރު ލީގް ފަސް ވަނަ ހޯދި އެވެ. މިދިޔަ އަހަރު، ސީޒަންގެ މެދަކާ ހަމަޔަށް އެޅުނު އިރު، ޓީމު އޮތީ، އަލުން ރެލިގޭޝަން ޒޯނަށް ވެއްޓިފަ އެވެ. ރެލިގޭޝަންގެ މަޅިން ވިކްޓްރީ ސަލަމަތް ކުރުމަށް ގެނައީ، ކުރިން ވެލެންސިއާ އާއި ވިބީ އަށް ކާމިޔާބު ހޯދައިދިފައިވާ ކޯޗް ހަންގޭރީގެ ލާސްލޯ ކިސް އެވެ. ކިސްއާ އެކުވެސް ވިކްޓަރީ ރެލިގޭޝަން ޒޯނުން ސަލާމަތް ނުވި އެވެ. ރެލިގޭޓް ނުވެ ސަލާމަތްވީ، ޕްލޭއޮފް ދެ މެޗުން މޮޅުވެގެން ނެވެ. ނަމަވެސް ކިސްއާއެކު ޓީމުގެ ކުޅުން ރަނގަޅުވި އެވެ.

ކިސް އަށް ފަހު އަނެއްކާވެސް މިއަހަރު ދިވެހި ކޯޗެކެވެ. ކުރިން ވިކްޓަރީ އަށް ކުޅުނު، މިދިޔަ ދެ އަހަރު ބިޖީގެ ކޯޗް މުހައްމަދު ޝާޒްލީ (ޝާޒް) އެވެ. ވިކްޓްރީގެ ސަޕޯޓަރުން އުފައްދާ ސުވާލަކީ އަނެއްކާވެސް ދިވެހި ކޯޗެކެކެވެ. ތަޖުރިބާ ކިހިނެއް ވާނެ ހެއްޔެވެ. ކޮންމެ ޓީމެއްގެ ކޯޗް ކަން ކޮށްދިނަސް، އެއީ އެ ހުންނަ ކޯޗަކަށް ކުރިމަތިވާ ޗެލެންޖެ ކެވެ.

ޝާޒް ގަބޫލު ކުރާ ގޮތުގައި، ވިކްޓަރީ ކަހަލަށް ވަރުގަދަ ތާރީހެއް އޮތް ސަޕޯޓަރުން ގިނަ ޓީމަކަށް ކޯޗް ކޮށްދިނުމަކީ، މާބޮޑު ޗެލެންޖެކެވެ. ހުދު ޝާޒްވެސް މިފަހަރުގެ ސަީޒަނަށް ނިކުންނަނީ އެކަން ދެނެގެން ނެވެ.

މިދިޔަ އަަހަރު ބީޖީ ގައި އޮތް ސްކޮޑުގައި ރަނގަޅު ބިދޭސީ ކުޅުންތެރިޔެއްވެސް ނެތެވެ. ލީގްގެ ކުރީ ކޮޅު ބައެއް މައްސލަތައް ކުރިމަތިވި ނަމަވެސް، އޭނާ ވަނީ ލީގް ފަހު ކޮޅުގައި ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. ނަމަވެސް ލީގްގެ ކުރީ ކޮޅު ދިމާވި މައްސަލަތަކާ ހުރެ، ބީޖީ އަށް ތާވަލުގެ ފުލުން ސަލާމަތް ނުވެ ވުނެވެ.

ޝާޒް އާ މެދު އިތުބާރު އުފެދޭ ސަބަބަކީ، ބީޖީ ހާލުގައި ޖެހުނު އިރުވެސް، ޓީމެއްގެ ގޮތުގައި އެޓީމު ހިފެހެއްޓި ކަމަވެ. ލީގްގައި ނިއުރޭޑިއަންޓާއި ވިކްޓްރީ އަތުން މޮޅުވި އެވެ. ލީގަށް ފަހުން އެފްއޭ ކަޕް ކްއާޓާ ފައިނަލުގައި ނިއުރޭޑިއަންޓާ ދެކޮޅަށް ވަރުގަދަ ކުޅުމެއް ބީޖީގެ ޓީމުން ދެއްކި އެވެ. ނިއު ކާމިޔަބު ހޯދީ ޕެނަލްޓީ ޖަހައިގެންނެވެ. އަދި މަޝްހޫރު ކުޅުންތެރިޔެއް ނެތް ނަމަވެސް ލީގް ޗެމްޕިއަން މާޒިޔާއާ ދެކޮޅަށް ވެސް ލީގް ގައި ވަރުގަދަ ފައިޓެއް ދިނެވެ.

ވިކްޓަރީން މިފަހަރު ނިކުންނަނީ ތައްޓެއް ހޯދުމުގެ އަމާޒު ގައެވެ. އެ އަމާޒުގައި ނިކުންނަ، ވިކްޓަރީގެ ކޯޗް ބަދަލު ކުރުމުގެ ހިޔާލު އެހާ ރަނގަޅު ނޫން ކަމަށް އަވަސްއާ ވާހަކަ ދެއްކި ފުޓްބޯޅައިގެ ތަޖުރިބާ ކާރަކު ބުންޏެވެ.

"އަޅުގަނޑަކީ ވިކްޓްރީ އަށް އެޑްވައިސް ކުރާ މީހެއް ނަމަ، އަޅުގަނޑު ބުނާނީ ހަމަ ކިސް އާއެކު ކުރިއަށްދާށޭ، އެއީ މިދިޔަ އހަރުން ފެށިގެން ކިސް ގެނގުޅުނު ޓީމެއް ވީމަ އޭނާ އަށް ދެން އެނގޭނެ ކުރިއަށްދާން، އާ ކޯޗަކު ގެނައުމުން އަލުން ޖެހޭނީ މަސައްކަތް ފަށަން." އޭނާ ބުންޏެވެ.

ނަމަވެސް ކިސް އާއެކު ކުރި ތަޖުރިބާ ވިކްޓަރީގެ މެނޭޖްމެންޓަށް އެހަ ކަމު ނުދިޔަ އެއެވެ. އޭނާ ގެނައީ ރެލިގޭޝަނުން ސަލާމަތް ކުރާ ށެވެ. ނަމަވެސް ވިކްޓަރީ ރެލިގޭޝަން ޒޯނު ފަހަނައަޅައި ނުދެވު ނެވެ. ދެ ވަނަ ޑިވިޝަންގެ ރަނަރަފު ޓީމު ޒެފްރޯލްއާ އެކު ކުޅުނު ޕްލޭއޮފް މެޗުން ވިކްޓްރީ ފަސޭހައިން ސަލަމަތް ވާނެ ކަމަށް އެންމެ ބުންޏެވެ. ކަންވީވެސް އެހެންނެވެ. ކިސްއާ އެކުވެސް، ވިކްޓރީ އަށް ބޭނުންވި ހިސާބަކަށް ނުދެވުނެވެ.

އެހެންވެ ޝާޒްލީ ވިކްޓަރީގެ ކޯޗަކަށް ގެނައުން ގޯހެއް ނޫނެވެ. ދެން އޮތީ ކިސް ގެނގުޅުނު ސްކޮޑް ވިކްޓްރީގައި އެބައޮތް ހެއްޔެވެ. ޝާޒް ބުނީ ކިސްއާއެކު ކުޅުނު ޓީމުގެ ތިން ކުޅުންތެރިން ފިޔަވައި އެހެން ކުޅުންތެރިން ޓީމުން ދޫކޮށްލީ އެވެ. ޓީމުގައި އޮތީ ތަޖުރިބާ ކަރު ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިން ހިމެނޭ މަސްހުނި ސްކޮޑެކެވެ.

ވަރުގަދަ ޓީމުތަކާ ދެކޮޅަށް، ބީޖީން ރަނަގަޅު ފައީޓެއް ދިން އިރު، އިބްރާހިމް ޝިޔާމް (ދޮނާ) ފިޔަވައި، ފުރަތަމަ ޑިވިޝަންގެ ތަޖުރިބާ ކާރު ކުޅުންތެރިޔެއްވެސް ނެތެވެ. ރަނގަޅު ބިދޭސީ ކުޅުންތެރިޔަކުވެސް ނެތެވެ. އެފަދަ ސްކޮޑަކަށް ޝާޒް ގެނގުޅުނީ ވެސް އެފަދަ ޓެކްޓިކްސް ތަކެކެވެ. ވިކްޓަރީގައި ތަޖުރިބަކާރު ސްކޮޑެއްވެސް އެބައޮތެވެ. އެހެންވެ އެ ސްކޮޑަށް ޝާޒްގެ ޓެކްޓިކްސް ތަފާތު ވާނެ އެވެ.

"މިހާރު ވިކްޓަރީގައި އޮތް ސްކޮޑާއެކު އިރާދަ ކުރެއްވިއްޔާ ވަރަށް ބޮޑު އުންމިދެއް އެބައޮތް ކާމިޔާބު ހޯދޭނެކަން، މިފަހަރު ހަމަޔަގީނުންވެސް މިދިޔަ ފަސް އަހަރަށް ފަހު ވިކްޓްރީގައި އޮތް އެންމެ ވަރުގަދަ ސްކޮޑް މިއޮތީ،"

ކުރިން ވިކްޓރީ އަށް ކޯޗް ކޮށްދިން، މައުރޫފް އަހްމަދު (މާއްޓޭ) ބުނީ ޝާޒް އަކީ މޮޅު ކޯޗެއް ކަމަށާއި އޭނާ އާ މެދު އިތުބާރު އެބައޮތް ކަމަށެވެ.

"ޓެކްޓިކަލީ ޝާޒް އަކީ މޮޅު ކޯޗެއް، އަދި ކޯޗިންގެ ނޮލެޖްވެސް ހުންނާނެ، އެ ސްކޯޑާއެކު، ވިކްޓްރީ މަސައްކަތް ކޮށްފިއްޔާ ކަމިޔާބާ ހަމަޔަށް ދެވޭނެ." މާއްޓޭ ބުންޏެވެ.

ޝާޒްއަކީ މޮޅު ޓެކްޓީޝަނެކެވެ. އޭނާ ވަނީ، މިދިޔަ ދެ އަަހަރު އެކަން ސާބިތު ކޮށްދީފަ އެވެ. ތަޖުރިބާކާރު ގިނަ ކުޅުންތެރިން ހިމެނޭ ޓީމަކާއެކު ޝާޒް ގެ ޓެކްޓިކްސް މަސައްކަތް ކުރާނެ ކަމަށް ވިކްޓރީގެ ކޯޗިން ސްޓާފަކު ބުންޏެވެ.