ކުޅިވަރު

ނިއުގެ ކެޕްޓަނަކަށް އިމްރާން

Feb 4, 2017
2

ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ކެޕްޓަނަކަށް ގައުމީ ޓީމުގެ ކުރީގެ ގޯލް ކީޕަރު އިމްރާން މުހައްމަދު ހަމަޖައްސައިފި އެވެ.

މިއަދު، އީގަލްސްއާ އެކު ކުޅުނު އެކުވެރި ކަމުގެ މެޗުގައި، ނިއުރޭޑިއަންޓްގެ ކެޕްޓަން ބޭންޑް އިމްރާނާ ހަވާލު ކޮށް ދެއްވީ ނިއުގެ ޗެއާމަން މުހައްމަދު ޒިޔާދެވެ. އިމްރާން ކެޕްޓަނަކަށް، ހަމަޖެއްސި އިރު، ވައިސް ކެޕްޓަނުން އަދި ކަނޑައަޅާފައެއް ނުވެއެވެ.

ނިއުގެ ޖެނަރަލް ސެކެޓްރީ އަހްމަދު ނިޔާޒު މޫސާ (ޓެޑް) ވިދާޅުވީ ލީގް ފެށެން ކައިރި ވަމުން، ވައިސް ކެޕްޓަނުން ކަނޑައަޅާނެ ކަމަށެވެ. މީގެ ކުރިންވެސް ނިއު އަށް ކުޅުނު އިމްރާން ވަނީ، އެޓީމުގެ ކެޕްޓަންކަން ކޮށްފަ އެވެ. ދެހާސް ތޭރަ ވަނަ އަހަރު، ނިއު ސީޒަންގެ ހުރިހާ މެޗަކުން މޮޅުވެ، ހުރިހާ މުބާޜާތެއް ކާމިޔާބު ކުރިއިރު، އެޓީމުގެ ކެޕްޓަނަކީ އިމްރާން އެވެ.

މިދިޔަ ޑިސެމްބަރު މަހު، ނިއު އަށް ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، އަލުން ނިއުގެ ކެޕްޓަން ކަމާ ހަވާލުވެދާނަންތޯ އަވަސް އިން ސުވާލު ކުމުރުން ވިދާޅުވީ، ނިއުރޭޑިއަންޓަށް ޓަކައި، އެކުލަބުން އެދުނު ކޮންމެ ކަމެއް އޭނާ ކޮށްދޭނެ ކަމަށެވެ.

"އަޅުގަނޑު މިދަނީ މިފަހަކަށް އައިސް ކެޕްޓަން ބޭންޑް ދޫކުރަމުން ގޮސް އެއް ކޮށް ދޫކޮށްލަމުން، އެހެން ނަމަވެސް ނިއު އިން އެދިއްޖެނަމަ ކެޕްޓަން ބޭންޑާ ހަވާލުވާން ވެސް ތައްޔާރު ނިއުރޭޑިއަންޓަށް ޓަކައި، އަޅުގަނޑު ގާތުން އެދުނު ކޮންމެ ކަމެއް ކޮށްދޭނަން،"

އިމްރާން ވަނީ އޭނާ ނުވަ އަހަރު ވަންދެން ކުޅުނު ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ކެޕްޓަންކަން ވެސް ކޮށްފަ އެވެ.

މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލީ، އޭޝިއަން ކަޕް ކޮލިފައިން ބުރުން ޖާގަ ހޯދުމަށް ލާއޯސްއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގަ އެވެ. އެ މެޗުގައި ގައުމީ ޓީމުގެ ކެޕްޓަން ބޭންޑް އެޅީ ވެސް އޭނާ އެވެ. ކުރިން އޭނާ އަކީ ގައުމީ ޓީމުގެ ވައިސް ކެޕްޓަން ވެސް ކޮށްފަ އެވެ.