ވިޔަފާރި

އެމްޓީސީސީން ހިއްސާގެ އަގު ދަށްކޮށް، އިތުރު ހިއްސާ ވިއްކަނީ

މޯލްޑިވްސް ޓްރާންސްޕޯޓް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ހިއްސާގެ އަގު ދަށްކޮށް މިހާރު ތިބި ހިއްސާދާރުންނަށް އިތުރު ހިއްސާ ވިއްކަން އެކުންފުނީގެ ބޯޑުން ނިންމައިފި އެވެ.

އެމްޓީސީސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޝެއާ ސްޕްލިޓްކޮށް، މިހާރު ތިބި ހިއްސާދާރުންނަށް އިތުރު ހިއްސާވިއްކުން ނޫނީ، ރައިޓްސް އިޝޫ ކުރަން އެކުންފުނީގެ ބޯޑުން ނިންމާފައިވާ ނިންމުން ތަންފީޒު ކުރުމަށް ފާސްކުރަން ޖެހޭ ގަރާރު ފާސްކުރުމަށް އެކުންފުނީގެ ހިއްސާދާރުންގެ ހާއްސަ އާންމު ޖަލްސާއެއް މި މަސްތެރޭގައި ބާއްވާނެ ކަމަށެވެ.

ޝެއާ ސްޕްލިޓް ކުރަން ބޯޑުން ނިންމި އުސޫލަކީ، 50 ރުފިޔާގެ މޫނު މަތީ އަގުގައި ހުރި ހިއްސާގެ އަގު ފަސް ރުފިޔާއަށް ކުޑަކުރާށެވެ. މި ނިންމުމާ ގުޅިގެން، މިހާރު ހުރި ކޮންމެ ހިއްސާއަކަށް އިތުރު 10 ހިއްސާ ލިބޭނެ ރައިޓްސް އިޝޫ ކުރުމަށް ބޯޑުން ކަނޑައެޅި އުސޫލަކީ މިހާރު ތިބި ހިއްސާދާރުންނަށް އެއް ހިއްސާ، ޑިސްކައުންޓް އަގަކާ އެކު 62 ރުފިޔާގެ ރޭޓުން ވިއްކުމަށެވެ. ހިއްސާދާރުންނަށް ހިއްސާ ގަތުމަށް ހުޅުވާލާ ފުރުސަތުގައި ނުވިކި ހުންނަ ހިއްސާތައް، އާންމުންނަށް ވިއްކުމަށް ހުޅުވާލަން ނިންމާފައި ވަނީ ހިއްސާއެއް 112 ރުފިޔާއަށެވެ.

މި ނިންމުމާ ގުޅިގެން އެމްޓީސީސީގެ ޗެއާމަން އަހުމަދު ނިޔާޒް ވިދާޅުވީ މިހާތަނަށް އެކުންފުނިން ނުދެކޭ ފަދަ ބޮޑު އިންގިލާބަކާ ދިމާލަށް ދިޔުމަށް މި ނިންމުންތައް ވަރަށް މުހިންމު ކަމަށެވެ. އަދި އެކުންފުނީގެ އެއް އަމާޒަކީ ކުންފުނީގެ މަސައްކަތް ފުޅާ ކުރުމުގައި ހިއްސާދާރުންނަށް އަހަންމިއްޔަތުކަން ދިނުންމާއި އެ މީހުންގެ ބައިވެރިވުން އިތުރުކޮށް ގައުމުގެ ތަރައްގީއަށް މަސައްކަތް ކުރުން ކަމަށެވެ. އަދި މި ނިންމުމުގެ ސަބަބުން ކުންފުނީގައި ހިއްސާދާރުންގެ ބައިވެރިވުން އިތުރުވެގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޗެއާމަން ވިދާޅުވި އެވެ.

އެ ކުންފުންޏަށް މިދިޔަ އަހަރު ވެސް ވަނީ ސާފު ފައިދާގެ ގޮތުގައި 104.8 މިލިއަން ރުފިޔާ ލިބިފަ އެވެ.