ރިޕޯޓް

ނަޝީދު "ޑިކްޓޭޓަރަކަށް"! އެމްޑީޕީގެ މުސްތަގުބަލު ބަނަކޮށް!

އިދިކޮޅު އެންމެ ބޮޑު ޕާޓީ ގޮތުގައި އޮންނަ އެމްޑީޕީއަކީ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދިގު 30 އަހަރުގެ ވެރިކަން ނިމުމަކަށް ގެނައުމަށާއި ރާއްޖޭގައި ހަރުދަނާ ޑިމްކްރަސީއެއް ގާއިމް ކުރުމަށް އެންމެ ކުރިން މަސައްކަތް ފައްޓަވައިގެން އުޅުއްވި ޕާޓީ އެވެ. އީވާން ނަސީމް ޖަލުގައި މަރާލި ހާދިސާއަށް ފަހު އޭރުގެ ސަރުކާރަށް އައި ބޭރުގެ ޕްރެޝަރުތަކުން ރާއްޖެ މަލްޓި ޕާޓީ ނިޒާމަށް ބަދަލުވެ، އެމްޑީޕީގެ ހަރަކާތްތައް ރަސްމީކޮށް ފެށީ އެ މަސައްކަތުގައި ބާރަށް ކުރިއަށްދާށެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު އޭރު ވެވަޑައިގެންނެވީ ޑިމޮކްރަސީގެ ޗެމްޕިއަނަކަށެވެ.

އޭރު އެމްޑީޕީގެ އެއްވެސް މެންބަރަކަށް ގަބޫލު ނުކުރެވުނު ސިޔާސަތަކީ "ޑިކްޓޭޓާޝިޕް" ގެ ތެރެއިން ޕާޓީއެއް ނުވަތަ ގައުމެއް ހިންގަން އެއްވެސް ބަޔަކު މަސައްކަތް ކުރަން އުޅުމެވެ. އެމްޑީޕީން ދުށީ ފުރިހަމަ ޑިމްކްރަސީގެ އުސޫލުތަކަށް ތަބާވާ އަދި އެ ގޮތުގައި ދެމި އޮންނަ ޕާޓީއެއް ގޮތުގަ ކުރިއަރައިދާށެވެ. އެ ދުވަސްވަރު އޮތް ޑީއާރްޕީއަށް ވެސް އިދިކޮޅު އެމްޑީޕީން އެންމެ ބޮޑަށް ފާޑުކީ އާ ލީޑަރަކު ނެރުމުގެ ބަދަލުގައި ރައީސް މައުމޫންއަށް ޓިކެޓު ދީފައިވާތީ އެވެ. އަދި މައުމޫނަކީ ޑިކްޓޭޓަރެއްގެ ގޮތުގައި މުޅި ދުނިޔެއަށް ސިފަ ކޮށްދިނެވެ.

ނަމަވެސް މިއަދުގެ ސިޔާސީ މަޝްރަހު މި ވަނީ އޭރު އޮތް ހާލަތުން މުޅިން އަނެއް ފުށަށް ޖެހިފަ އެވެ. އާ ލީޑަރަކަށް ފުރުސަތު ނުދީ މުޅި ޕާޓީ ހިސޯރުކޮށްގެން ހުންނެވީ ރައީސް ނަޝީދެވެ. އޭނާގެ ބޭނުން ކުރައްވަނީ ޑިކްޓޭޓަރުންގެ އުސޫލުތަކެވެ. އެމަނިކުފާނަށް ކުރިމަތި ނުލެއްވޭނަމަ އެމްޑީޕީއަކަށް ވެސް ރިޔާސީ އިންތިހާބަށް ކުރިމައްޗަކަށް ނުލެވެ އެވެ. ޕީޕީއެމުން އާ ލީޑަރަކާއެކު ނިކުމެ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ދެވަނަ ދައުރަކަށް އިންތިހާބުވުމުގެ މަސައްކަތް ފަށާފައިވާއިރު ވެސް ނަޝީދު އެމްޑީޕީގެ ތެރެއިން އެހެން ލީޑަރަކަށް ޖާގައެއް ދެއްވާކަށް ބޭނުންފުޅެއް ނުވިއެވެ.

"ޑިމޮކްރަޓިކް ވެއްޓަކީ ލީޑަރަކަށް އެކަކު ހުންނަ ސިޔާސަތާ އިދިކޮޅަށް އޮންނަ އެއްޗެއް. އެއީ ގިނަ ބަޔަކަށް ވެސް ފުރުސަތު ދީގެން މެންބަރުންގެ މިނިވަން ހިޔާލާ އެއްގޮތަށް ކުރިޔަށް ދިޔުން. ނަމަވެސް ނަޝީދުގެ އެކަމެއް ނުފެނޭ. ނަޝީދަށް ކުރިމަތި ނުލެވެނީނަމަ އެހެން މީހަކަށް ކުރިމަތި ނުލެވޭނެކަމަށް ބުނެ އެ ދައްކައި ދެނީ އިތުރު މީހަކަށް އެއްވެސް އިރެއްގައި ފުރުސަތެއް ދޭން ބޭނުން ނުވާކަން. އަދި އަބަދުވެސް ޑިކްޓޭޓާޝިޕެއް ގެ ތެރެއިން މުޅި ޕާޓީއަށް ބާރު ފޯރުވާފައި އޮންނަކަން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އެ ދައްކަނީ. އެމްޑީޕީގެ ގިނަ އާންމު މެންބަރުންނަށް ވެސް މިއަދު ހެކި ވާނެ އެ މީހުންގެ ޕާޓީ އެ އޮތީ މުޅިން ނަޝީދުގެ އަތް ދަށުގައި ކަން. މިނިވަން ހިޔާލެއް ޑިމޮކްރަސީއެއް ނެތް ކަން،" ޕީޕީއެމް ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެން މަނިކް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ވާދަ ކުރެވޭނެ އެއްވެސް މަގެއް ނަޝީދަށް ނެތް އިރުވެސް ރައީސް ނަޝީދު ހުންނެވީ ގޮތް ދޫ ކުރައްވާ ވިސްނުމެއްގައެއް ނޫނެވެ. އެނބުރި ރާއްޖެ ވަޑައިގެންފި ނަމަ ޖަލަށް ވަޑައިގަންނަވަން ޖެހޭކަން ވެސް އަމިއްލަ ފުޅަށް ގަބޫލު ކުރައްވަ އެވެ.

ނަމަވެސް އަބަދު ވިދާޅުވަނީ އިދިކޮޅު އެއް ކެންޑިޑޭޓަކު ނެރެގެން ރައީސް ޔާމީން ބަލި ކުރެވޭނެ ކަމަށާއި އެ ބޭފުޅަކީ އެ މަނިކުފާނު ކަމަށެވެ. ނަޝީދާ އަމިއްލަ ފުޅަށް އަރުވާލެވިގެން ހުންނަވައި ބައެއް އިދިކޮޅު ސިޔާސީ ފަރާތްތައް ގުޅިގެން އިނގިރޭސިވިލާތުގައި އުފެއްދި އިދިކޮޅު އިއްތިހާދަށް ބަލައިލުމުން ވެސް އެއީ ނަޝީދު ބޭނުންފުޅުވާ ގޮތްކަން އެނގެ އެވެ.

އެމްޑީޕީގެ ކުރީގެ ޗެއާ ޕާސަން އަދި ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް، ރީކޯ މޫސާ މަނިކު ވިދާޅުވި ގޮތުގައި އިދިކޮޅު އިއްތިހާދަކީ އިނގިރޭސިވިލާތަށް ވަޑައިގަތުމަށް ފަހުގައި ވެސް ރައީސް ނަޝީދުގެ ނަން އެމްޑީޕީ ތެރޭގައި ހިނގަ ހިނގައި އޮތުމަށް އުފެއްދެވި ގްރޫޕެކެވެ. އަދި އެކަންކަމުގެ ތެރެއިން ނަޝީދުގެ އިސް ކުރައްވަނީ ޑިކްޓޭޓަރުންގެ އުސޫލެވެ.

މީގެ އިތުރުން ބައެއް އެހެން ފަރާތްތަކުން ސިފަ ކުރާ ގޮތުގައި ހިޔަނި ކެބިނެޓުގައި ރައީސް ނަޝީދާ އާއިލީ ގޮތުންނާއި ޕާޓީ ތެރެއިން އިތުބާރު ކުރެވޭ މީހުން އައްޔަންކޮށް ބޭރުގައި ގިނަ ރޭވުންތަކެއް ރާވާފައި ވެއެވެ. ނަމަވެސް އެއީ އެމްޑީޕީ ހިނގަނީ ނަޝީދުގެ މަސައްކަތުންކަން ދެއްކުމަށް ކުރައްވާ ކަމެއްގެ ގޮތުގައި ކުރި ކަމެކެވެ.

"އެމްޔޫއޯ ކިޔައިގެން ހަރުގެ ޖަލްސާތައް އޭރުގަ ބޭއްވީ އެމްޑީޕީގެ ސީދާ ހަރަކާތް ހިންގާފި ނަމަ އޭގެ ހުރިހާ ކްރެޑިޓެއް ލިބޭނީ މާލޭގައި އެ ހަރަކާތްތައް ހިނގި އެ ޕާޓީގެ ލީޑަރުންނަށް. އޭގެ ސަބަބުން އެމްޑީޕީގެ ލީޑާޝިޕަށް ބަދަލު އައިސްދާނެހެން ހީވެދާނެތީ ރައީސް ނަޝީދު އެމްޑީޕީގެ ހަރަކާތްތައް މަޑު ޖައްސާލުމަށް ފަހު އެމްޔޫއޯއޭ ކިޔައިގެން އެއްޗެއް ހަދައިގެން ރައީސް ނަޝީދުގެ ބޭފުޅުން ހިންގީ،" މޫސަ ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ އެ އަމަލުތައް އެފަދަ ގޮތަކަށް ހުރި ނަމަވެސް ހިޔާލުތައް އެއްގޮތްކޮށް ޕާޓީ އެތެރެ ރަނގަޅު ކުރުމަށް ބުނެ ސްރީލަންކާގައި ބޭއްވި މަޝްވަރާތަކަށް ފަހު އެ ޕާޓީއަށް ތާއީދު ކުރާ ގިނަ ބަޔަކު ހީކޮށްގެން ތިބީ ނަޝީދަށް ކުރިމަތި ނުލެވޭތީ ވަރުގަދަ އާ ކެންޑިޑޭޓެއް ނެރެން އެ ޕާޓީއިން އިއުލާން ކުރާނެ ކަމަށެވެ.

ނަމަވެސް ނަޝީދު ފަހަތަށް ޖެހިވަޑައި ނުގަތުމުގެ ސަބަބުން އެމްޑީޕީގެ ތެރޭގައި އެކަމާ ދޮކޮޅު ހަދާ ބަޔަކު އެބަތިއްބެވެ އެ ޕާޓީއިން ވެސް ރިޔާސީ އިންތިހާބަށް ޝައުގުވެރިވާ ކެންޑިޑޭޓުން ވެސް އެބަތިއްބެވެ. އެ ހުރިހާ ކަމަކަށް ހިޔަނި އަޅުވާލައި ނަޝީދުގެ އަޑުގަދަ ކުރައަވްން އުޅުއްވުމަކީ އެމަނިކުފާނު ޑިކްޓޭޓަރަކަށް ވެވަޑައިގެންވު މެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައަށް ފަހު ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރުކޮށްގެން އުޅުއްވި މައްސަލާގައި ވެސް ދައުވާއެއް ރައީސް ނަޝީދަށް އޮތުމުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމަނިކުފާނަށް ކުރިމަތިލުމުގެ ހުރިހާ ދޮރުތަކެއް ވަނީ ބަންދުވެފަ އެވެ.

އެފަދަ ހާލަތެއްގައި ހުންނަވައިގެން ވެސް ރައީސް ނަޝީދަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވިއްޖެ ނަމަ އެ އިންތިހާބަކުން އެމްޑީޕީ އެކަހެރިވާން ޖެހޭ ކަމަށް ނިންމި ނިންމުމަކީ އެ ޕާޓީގެ މުސްތަގުބަލާ މެދު އޮތް ސުވާލެކެވެ. އަދި ނަޝީދުގެ ސިޔާސީ މަސައްކަތަކާއި ޑިމޮކްރަސީއަށް ކުރައްވާ މަސައްކަތާމެދު ސުވާލު އުފެދޭ ކަމެކެވެ. އިތުރު ކެންޑިޑޭޓަކަށް އެމްޑީޕީން ފުރުސަތު ނުދޭ ކަމަށް ވަނީނަމަ ނަޝީދަށް އައި ޖަލު ހުކުމެކޭ އެއްފަދައިން އެމްޑީޕީ ވެސް އޮންނަން ޖެހޭނީ އިތުރު ގޮތެއް ނެތި އެއްވެސް އިންތިހާބަކަށް ވާދަ ނުކުރެވިފައި ކަން މިހާރު ކަށަވަރުވީ އެވެ.

"އެމްޑީޕީގެ އާންމު މެންބަރުންނަކީ މިނިވަން ހިޔާލަށް ތާއީދު ކުރައްވާ ފަރާތްތަކެވެ. އެ މީހުންވެސް މިހާރު ދެން ގަބޫލު ކުރަން ޖެހޭ މުޅި އެމްޑީޕީގައި އޮތީ ނަޝީދުގެ ދެފައި ކަން. އިތުރު ބަޔަކަށް އޭގެ ތެރެއިން ފުރުސަތެއް ނެތްކަން. އެކަން ގަބޫލުކޮށް ރީންދޫ ކުލަ ބަދަލުކޮށް އާ ޕާޓީއަކުން އާ ކެންޑިޑޭޓެއް ހަދާގެން ނިކުނަންވީ ނުވަތަ އެހެން ޕާޓީއަކާ ގުޅެންވީ. އިތުރު އެއްވެސް ގޮތެއް އެ ފަރާތްތަކަށް ނެތް،" ނިހާން ވިދާޅުވި އެވެ.