ކުޅިވަރު

ބަޔަކު ދަނީ ދެކޮޅަށް ރާވަމުން، މަގާމެއް ނުގެއްލޭ: ލަތީފު

Feb 5, 2017
2

ވީއޭއެމްގެ ރައީސް ކަމުގެ މަގާމުން، އޭނާ ދުރު ކުރުމަށް ވީއޭއެމްގެ އެތެރޭގައި، ތިބި ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް އޭނާއަށް މަގާމު ގެއްލޭނެ އެއްވެސް ހާލަތެއް އަދި ކުރިމަތި ނުވާ ކަމަށް، މުހައްމަދު ލަތީފު ވިދާޅުވެއްޖެ އެވެ.

މިއަދު އަވަސްއާ ވާހަކަ ދައްކަމުން، ވީއޭއެމްގެ ނައިބު ރައީސް އިއްޒަތު ވަހީދު ވިދާޅުވީ، ޔޫތް ސްޕޯޓްސް ކުލަބުގެ ނައިބު ރައީސް ކަމުން ލަތީފު ވަކިކޮށްފައިވާ ކަން އެ ކުލަބުން، ވީއޭއެމް އަށް އަންގާފައިވާ ކަމަށާއި އެހެންވެ ވީއޭއެމްގެ އަސާސީ ގަވައިދުގައި ބުނެފައިވާ ގޮތުގެ މަތިން ވީއޭއެމްގައި ލަތީފު ހުންނެވި ރައީސްކަމުގެ މަގާމުން އޭނާ ވަކިވެފައިވާ ކަމަށެވެ.

އަދި އެކަން ލަތީފަށް ވެސް އަންގާފައިވާނެ ކަމަށް އިއްޒަތު ވިދާޅުވި އެވެ. އަދި ވިދާޅުވީ، ލަތީފު އަށް މަގާމު ގެއްލުމުން، ވީއޭއެމް ހިންގުމުގެ މަސްއޫލިއްޔަތު އުފުލަމުން ދަނީ ނައިބު ރައީސްއެއްގެ ހައިސއްޔަތުން އޭނާ ކަމަށެވެ.

ވީއޭއެމްގެ އަސާސީ ގަވައިދުގެ 23 ވަނަ މާއްދާގެ (ށ) ގެ ފަސްވަނަ މާއްދާގައިވާ ގޮތުން ފުރިހަމަ މެންބަރުންގެ ތެރެއިން އިންތިހާބު ކޮށްފައިވާ މެންބަރަކު އޭނާ ރަޖިސްޓްރީވެފައިވާ ކުލަބް، ޖަމިއްޔާ ނުވަތަ ޖަމާއަތެއްގެ މެންބަރުކަމުން ވަކިކޮށްފިނަމަ އޭނާގެ މަގާމު ގެއްލޭނެ އެވެ.

ނަމަވެސް، މިއަދު އަވަސްއާ ވާހަކަ ދައްކަމުން، ލަތީފު ވިދާޅުވީ، އޭނާ ހަމައެކަނި، މަގާމު އަދާ ކުރަމުން ދަނީ ޔޫތު ސްޕޯޓްސް ކުލަބުގެ މެންބަރު ކަން އެކަނި ނޫން ކަމަށާއި، އޭނާ އަކީ ވިއޭއެމްގެ އިންތިހާބުގައި ވޯޓް ލުމުގެ ހައްގު ލިބިގެންވާ ކުލަބެއް ކަމަށްވާ އައްޑޫ ސްޕޯޓްސް ކުލަބުގެ ނައިބު ރައީސް ގަ މަގާމު ވެސް އަދާ ކުރާ ފަރާތެއް ކަމަށެވެ.

"އެހެން ކަމުން އަޅުގަނޑުގެ މަގާމު ގެއްލޭނެ އެއްވެސް ހާލަތެއް އަދި ކުރިމަތި ނުވޭ، ނަމަވެސް އަޅުގަނޑާ ދެކޮޅަށް ވީއޭއެމްގެ ތެރޭގައި ބަޔަކު ދަނީ ރާވަމުން،" ލަތީފު ވިދާޅުވި އެވެ.

ހޯމް މިނިސްޓްރީގެ ޖަމްއިއްޔާތަކާ ބެހޭ ރަޖިސްޓާ އަދި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޔޫސުފް އަބްދުލް ގަފޫރު ވިދާޅުވީ ވީއޭއެމްގެ އެއްވެސް ކަމަކާ ގުޅޭ ގޮތުން، ސިޓީ އެއް ލިބިފައިވާ ކަން އެނގެން ނެތް ކަމަށެވެ.