ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ ގިނަ ބަޔެއްގެ އަތުން ފައިސާ ނެގި، ފަތުހު ޖަމާއަތުގެ މެނޭޖިން ޑިރެކްޓަރު މ. އެކްސެލް މުހައްމަދު މުސްތޮފާ އާއި އޭނާގެ އާއިލާ މިހާރު ކޮބައި ހެއްޔެވެ؟ މިކަމުގެ މަތިން މިހާރު އެކަކު ވެސް ހަދާނެއް ނެތެވެ. އެ މައްސަލައިގައި މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފުލުހުން މުސްތޮފާ ހައްޔަރުކުރި އެވެ. ނަމަވެސް ސިއްހީ ހާލަތުން ހުރި ގޮތުން އޭނާ ވަނީ 18 ސެޕްޓެމްބަރުގައި ބަންދުން ދޫކޮށްލައިފަ އެވެ.
"މުސްތޮފާ ވެސް އެކޮޅަށް [ސްރީލަންކާ]އަށް ހިޖުރަ ކުރީކަމަށް އެ އާއިލާގެ ބައެއް މީހުން އެބަ ބުނޭ،" އަވަށްޓެރިޔާ ބުންޏެވެ.
އެހެން ކަމުން މުސްތަފާ އަނބުރާ ރާއްޖެއަށް ގެނެވިދާނެ ހެއްޔެވެ؟
މިއީ ފުލުހުންނަށް ވެސް މިހާރު ޖަވާބުދޭން ނޭނގޭ ސުވާލެކެވެ. ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ މުސްތޮފާ މިވަގުތު ރާއްޖޭގައި ނެތް ކަމަށެވެ. ނަމަވެސް އެ ތަހުގީގު އަދިވެސް ކުރިއަށް ދާ ކަމަށެވެ. އަދި މުސްތޮފާ ބޭރުުގައި ހުރުމުން ތަހުގީގަށް އެއްވެސް ހުރަހެއް ނޭޅޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ޔަގީންވާ ކަމަކީ، ކުށުގެ ތުހުމަތު ކުރެވޭ މީހުން އެނބުރި ރާއްޖެ ގެނައުމުގައި މިހާތަށް ކާމިޔާބެއް ނުލިބިވާ ކަމަށެވެ. ނޮވެމްބަރު ތިނެއްގެ ހަމަލާގައި ބައިވެރިވި، އަބްދުﷲ ލުތުފީ ލަންކާއަށް ބޭސްފަރުވާއަށް ދިޔަ ގޮތަށް އޭނާ އަދިވެސް އެ އުޅެނީ އެ ގައުމުގަ އެވެ.
އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަކީ ކުޑަ ކަންތައްތަކަށް ނުވާއިރު، މިހާތަނަށް ތިލަވި މައުލޫމާތު ތަކަށް ބަލާއިރު އިސްލާމިކް މިނިސްޓްރީން އެ ޖަމާއަތަށް ދިން ކޯޓާއަށް ވުރެ އިތުރަށް މީހުންގެ އަތުން ވަނީ ފައިސާ ނަގައިފަ އެވެ. އެ ޖަމާއަތުން ފައިސާ ނެގި މީހުންގެ އަދަދު 125 ވުރެ ގިނަ އެވެ. ވީއައިޕީ ޕެކޭޖްގެ ނަމުގައި ބައެއް މީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ވެސް އެ ކުންފުނިން ނަގާފައިވެ އެވެ.
ފަތުހު ޖަމާއަތުގެ 125 މީހުން ސަރުކާރުން ހައްޖަށް ފޮނުވާލަމުން އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ވިދާޅުވެފައި ވަނީ އެ ފައިސާ ފަތުހު ޖަމާއަތުގެ އަތުން ދައުލަތަށް ހޯއްދަވާނެ ކަމަށެވެ. އަދި މުދާ ވިއްކައިގެން ނަމަވެސް އެކަން ކުރާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ. އެކަމަކު މުސްތޮފާ ރާއްޖޭން ބޭރުގައި ހުރިއިރު، އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ އޭނާ އިންސާފުގެ ކުރި މައްޗަށް ގެނައުމެވެ. އެ ނޫން ގޮތަކަށް އެކަމެއް ދެން ކުރެވޭނެ ކަމަކަށް ނުފެނެ އެވެ.