ލައިފްސްޓައިލް

ދިޔައީ ވެކްސް ކުރަން، ލިބުނީ "ބޮޑު ކެއްސެއް"

ހަށިގަނޑުގެ ގުނަވަންތަކުގައި ހުންނަ އިސްތަށިތައް ގަވާއިދުން ބޭލުމަކީ މިހާރަކަށް އައިސް ހުރިހާ ގައުމެއްގައިވެސް ގިނަ އަންހެންކުދިން ފަރުވާތެރިވާ ކަމެކެވެ. މިއީ ދެ ޖިންސުގެ މީހުންވެސް ކުރާ ކަމެއް ނަމަވެސް ހާއްސަކޮށް ޒުވާން އަންހެންކުދިންގެ މެދުގައި މިކަން "މަޖުބޫރު" ކަމެއްގެ ގޮތުގައި އޮންނަނީ ބެލެވިފަ އެވެ. ބޭނުމަކީ ހަންގަނޑުގެ ކުލަ ބޮޑަށް ފާޅުކޮށްލައި ހަންގަނޑު އޮމާންކޮށް ދެކިލުމެވެ.

ގައިން އިސްތަށި ބޭލުމަށް ޓުވިޒަރާއި ރޭޒަރާއި، ކްރީމާއި ވެކްސް ޓޭޕް ފަދަ ތަކެތި ވިއްކަން ހުންނަ އިރު، ބައެއް ރީތިވާ ސެލޫންތަކުން ވެސް މި ހިދުމަތް މިހާރު ދެ އެވެ. ހުޅަނގުން ރާއްޖެއަށް ވާރުތަވި މި ހިދުމަތް މިހާރު ރާއްޖޭގެ ރީތިވާ ސެލޫންތަކުން ވެސް ލިބެން ހުންނައިރު، ހަށިގަނޑުގެ ޖިންސީ ގުނަވަންތަކާއި ސިއްހަތާ ވެސް ގުޅިފައިވާ މިފަދަ ކަންކަން ކުރާއިރު ރައްކާތެރިވާންޖެހޭ މިންވަރާމެދެ ވިސްނާލަނީ ކިހާ މީހުންނެއް ބާވައެވެ؟ މިއީ މުޖުތަމައުގެ ތެރޭގައި ފާޅުގައި ދައްކަން ލަދުވެތި ވާހަކަ ތަކަކަށް ވިޔަސް މިފަދަ ކަންކަމާމެދު ހޭލުންތެރިވާންޖެހެއެވެ. ނޫނީ ނުރައްކާތެރި ސިއްހީ ކަންތައްތަކަކާ ވެސް ކުރިމަތިލާންޖެހުމަކީ ވުން ދުރުގައި އޮތް ކަމެއް ނޫނެވެ.

އިހަކަށް ދުވަހު މާލޭގައިވެސް މިވަނީ މިފަދަ ހާދިސާއެއް ހިނގާފަ އެވެ. މިއީ އޮފީސް ނިންމާލުމަށްފަހު ރައްޓެއްސަކާއެކު ވެކްސް ކުރަން މާލޭގެ ސެލޫނަކަށް ދިޔަ ޒުވާން އަންހެންކުއްޖެއްގެ ވާހަކައެވެ. ސެލޫނަށް އޭނާ ދިޔައީ އާންމުކޮށް އެފަދަ ތަންތަނުން ވެކްސް ކުރާތީ ވަކި ހާއްސަ ފަރުވާލެއް ބަހައްޓައިގެނެއް ނޫނެވެ. ނަމަވެސް އެ ދުވަހު ކަން ހިނގައިދިޔައީ އެހެން ފަހަރުތަކާ ހިލާފަށެވެ. އާދައިގެ މަތިން ޖިންސީ ގުނަވަން ވެކްސްކޮށްލަން ދިޔަ އެ ޒުވާނާ ވެކްސް ކޮށް ނިމިގެން ގެއަށް ދާންޖެހުނީ ކެތްކުރަން ދަތިވި ބޮޑު ޒަހަމަކާ އެކު އެވެ.

"އާންމުކޮށް ސެލޫނުން ވެކްސް ކުރާތީ މާ ބޮޑަކަށް ނުވިސްނަން. މީގެ ކުރިން ވެސް ދަން ސެލޫނަށް. ވެކްސް ކުރަން ފަށައިގެން އިރުގަނޑެއް ވީތަނާ އާންމުކޮށް ނުވާ ވަރަށް ތަދުވާން ފެށީމަ ވަރަށް ގިނަ ފަހަރު އެހިން، ހަންގަނޑު ކަނޑައިގެން ދިޔައީހޭ. އެކަމަކު ވެކްސް ކޮށްދޭން ހުރި އަންހެން ކުއްޖާ ބުނަނީ އަހާ ކޮންމެ ފަހަރަކު ކަމެއް ނުވެއޭ. އަހަންނަށް ތަދުވާތީ އުޅޭތީ އޭނަ ހުރީ އެތަނުގައި ވަރަށް ބާރަށް ހިފަހައްޓާފަ،" އެ ޒުވާނާ ކިޔައިދިނެވެ.

ވީ ގޮތަކީ ވެކްސް ކުރުމަށް ގައިގައި ތަތްކޮށްފައި ހުރި މަލަމްގަނޑު ދަމައިގަތް ބޮނޑީގައި އޭނާގެ އަންހެން ހަށިގަނޑުން ތަންގަނޑެއް އިރައިގެން ދިޔައީ އެވެ. ހަތަރު ވަރަކަށް ސެންޓިމީޓަރަށް ހަންގަނޑު އިރައިގެން ދިޔަ އިރުވެސް "ތަޖުރިބާ ހުރި" ބިއުޓިޝަން އޭނާގެ މަސައްކަތުގައި އުޅުނީ އަވަދި ނެތި އެވެ. މާ ބޮޑު ފަރުވާލެއް ނުބަހައްޓާ ކަހަލަ އެވެ. އެހެން ފަހަރުތަކުގައި ބައިގަޑިއެއްހާ އިރުން ނިންމާލެވޭ އެކަން އެދުވަހު އޭނާއަށް ނިންމާލެވުނީ އެއްގަޑިއިރަށްވުރެ ވެސް ލަހުންނެވެ. އޭރު އެ ޒުވާނާއާ އެކު ވެކްސްކުރަން ދިޔަ އަންހެންމީހާ އިނީ ނިމިގެން އޭނާގެ އިންތިޒާރުގަ އެވެ.

"އެހެންޏާ ތިރީހަކަށް މިނިޓުން ނިމޭ ވެކްސް ކޮށް. އެކަމަކު އެ ދުވަހު ނެގި ގަޑިއިރަކަށްވުރެ ގިނަ އިރު. އަހަރެން އުޅުނީ ތަދުވާ ވަރުން ނުހުރެވިގެން. އެކަމަކު އެތާ ހުރެ އަމިއްލަޔަށް ބަލަން އުނދަގޫވާނެތީ ގެއަށްގޮސް ބަލާލި އިރު އޮތީ ހުސް ލޭ. އައްސިވެފަ ހުރީމަ އަހަންނަށް އެހާ ބޮޑަށް އިހުސާސް ނުކުރެވުނީ. ވަގުތުން ދިޔައީ އޭޑީކޭ އަށް. ޑޮކްޓަރު ބުނީ ވަރަށް ނުރައްކާތެރި ގޮތަކަށޭ ހަންގަނޑު އިރައިގެން ގޮސްފައި ހުރީ،" އެ ޒުވާނާ ކިޔައިދިނެވެ.

އިރައިގެން ގޮސްފައި ހުރި ތަން އިންފެކްޝަނުން ސަލާމަތްކުރުމަށް އޭޑީކޭއިން ޖެހުނީ އެތަން ފަހާށެވެ. ލިބުނު އެ އަނިޔާގެ ވާހަކަ އެ ޒުވާނާ ސެލޫންގެ ވެރިމީހާގެ ސަމާލުކަމަށް ގެނައުމުން އޭނާގެ ފަރާތުން "ސޮރީ" ބުނެ ލިބުނު ގެއްލުމުގެ ބަދަލު ދޭން ތައްޔާރަށް ހުރި ކަމަށް ބުންޏެވެ. ނަމަވެސް އެއަކުން ލިބޭނެ ހިތްހަމަ ޖެހުމެއް ކޮބާހެއްޔެވެ؟ ވެކްސް ކޮށްދިން މުވައްޒަފު އޭނާ އަތުން އެވަރުގެ އަނިޔާއެއް ދެވުމުން ވެސް މަސައްކަތްކުރީ އޭނާގެ ޒިންމާއެއް އޮތްކަމަށް ނުދެކި އެކަން ބޮލުން ދުއްވާލާށެވެ.

މި ފަދަ ހާދިސާތަކަށް ދިވެހި ޒުވާނުން ހޭލުންތެރިވާން ޖެހެ އެވެ. ހަށިގަނޑުގެ ނާޒުކު ގުނަވަންތައް ވެކްސްކުރުމަށް ނުދަންނަ ބައެއްގެ އަތްމައްޗަށް ދޫކޮށްލާއިރު އެމީހުން ތިމާއަށް ރައްކާތެރިވަނީ ކިހާ ވަރަކަށްތޯ ވަޒަންކޮށްލުން މުހިއްމެވެ. އަމިއްލަ ރައްކާތެރިކަން ހޯދާނީ އަމިއްލައަށެވެ. މިފަދަ ހާދިސާތައް ނުރައްކާތެރިވަނީ އަނިޔާއެއް ލިބި، ވަގުތުން ރައްކާތެރި ފިޔަވަޅެއް ނޭޅިއްޖެނަމަ ސިއްހީ ގޮތުންވެސް ނުރައްކާތެރި މައްސަަލަތަކެއް ކުރިމަތި ވެދާނެތީ އެވެ.

"ވެކްސް ކުރާއިރު، ހާއްސަކޮށް ނާޒުކު ގުނަވަނެއް، އެއަށްވުރެ ހާއްސަކޮށް ޖިންސީ ގުނަވަން ވެކްސް ކުރާއިރު ފުރަތަމަ ޓެސްޓު ކޮށްލަންޖެހޭ. ތިމާ މިކުރަނީ ކިހާ ރައްކާތެރި ކަމެއްތޯ، ކިހާ ވަރަކަށް ބަލައިގެންތޯ ވެކްސް މި ކުރަނީ. އެވަރަށް ސިކުނޑި ހުޅުވައިގެން ނޫނީ ނާޒުކު ގުނަވަންތައް ވެކްސް ކުރުމަކީ ރައްކާތެރި ގޮތެއް ނޫން. ސަބަބަކީ ޖިންސީ ގުނަވަން ފަދަ ނާޒުކު ގުނަވަންތަކަކީ ކަނޑައިގެން ގޮސްފިނަމަ ވަރަށް ފަސޭހައިން އިންފެކްޓް ވާ ތަންތަން،" ހަމުގެ ޑޮކްޓަރު ޑރ. މުހައްމަދު ހައިކަލް ވިދާޅުވި އެވެ.

ޖިންސީ ގުނަވަންތަކުން ހަންމެށި ލޭހިލިފައި ހުރުމަކީ ޖިންސީ ގުޅުން ހިންގުމުން ޖެހިދާނެ އިންފެކްޝަންތަކަށް ވެސް ހުޅުވޭ ދޮރެކެވެ. އެހެންކަމުން ވެކްސް ފަދަ ކަންކަން ކުރާއިރު ސަމާލުވާން ޑރ. ހައިކަލް ވަނީ އިލްތިމާސްކުރައްވާފަ އެވެ.

"އެފަދަ ގުނަވަނެއްގައި ތަނެއް ކަނޑައިގެން ގޮސްފައި ހުރެ، ޖިންސީ ގުޅުން ހިންގުމަކީ ވެސް ރައްކާތެރިކަމެއް ނޫން. އެގޮތަކީ އަނެކާގެ ހަށިގަނޑުގައި އިންފެކްޝަނެއް ހުރެއްޖެނަމަ އިންފެކްޝަން ޓްރާންސްފާވާން ވަރަށް ބޮޑަށް ފުރުސަތު ބޮޑުވޭ،" ހައިކަލް ވިދާޅުވި އެވެ.

ވީމާ މިފަދަ ކަންކަމަށް ސަމާލުވާށެވެ. އަމިއްލަ ދުޅަހެޔޮކަމާއި ރައްކާތެރިކަން، ހާއްސަކޮށް އަމިއްލަ ގުނަވަންތަކުގެ ރައްކާތެރިކަން އެހެން ބައެއްގެ އަތްމައްޗަށް ދޫކޮށްލައިގެން އެންމެ ރަނގަޅުވާނެ ކަމަށް ނުދެކޭށެވެ.