އުރީދޫ

އެމް ފައިސާ މެދުވެރިކޮށް ޓެކްސީއަށް ފައިސާ ދެއްކޭ ގޮތް ހަދައިފި

އުރީދޫގެ އެމް ފައިސާ މެދުވެރިކޮށް ޓެކްސީ އަށް ފައިސާ ދެއްކޭނެ އިންތިޒާމް ގާއިމްކޮށްފި އެވެ. މި ހިދުމަތުގެ ދަށުން އަދި މިހާތަނަށް ފައިސާ ދެއްކޭނީ "ފައިން ޓެކްސީ"ގެ ޓެކްސީތަކުގައި ކުރާ ދަތުރުތަކަށް އެކަންޏެވެ.

މި ހިދުމަތާއެކު ޓެކްސީ ހިދުމަތް ބޭނުންކުރާ ހުރިހާ ފަރާތަކަށް ވެސް މޯބައިލް ފޯނު މެދުވެރިކޮށް ރައްކާތެރިކަމާއި ފަސޭހަކަމާއެކު ވަގުތުން ފައިސާ ދެއްކޭނެ އެވެ. މި ހިދުމަތުގެ ސަބަބުން ޓެކްސީ ދަތުރުތައް ކުރުމުގަައި ދިމާވާ ފައިސާ މާރު ކުުރުމުގައި ދިމާވާ މައްސަލަތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް އުރީދޫ އިން ބުންޏެވެ.

އުރީދޫ އިން މިހާރުވަނީ އެމްފައިސާ މެދުވެރިކޮށް ޓެކްސީއަށް ފައިސާ ދައްކާ ފަރާތްތަކަށް މަހަކު 1000 އެމްބީ އާ ހަމައަށް ހިލޭ ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ފަށާފަ އެވެ. އަދި އެމްފައިސާ މެދުވެރިކޮށް ޕްރީޕެއިޑް ރިޗާޖް ކުރާވާ ކޮންމެ ފަހަރަކު 25 ޕަސެންޓްގެ އިތުރު ކްރެޑިޓް އަދި އެމްފައިސާ މެދުވެރިކޮށް ޕޯސްޓްޕެއިޑް ބިލް ދެއްކުމުން ކުރިއަށް އޮތް މަހުގެ ބިލުން ފަސް ޕަސަންޓް ޑިސްކައުންޓް، އަދި ކަނޑައެޅިފައިވާ އެމްފައިސާ މާޗެންޓްތަކުން ޑިސްކައުންޓް ލިބޭނެ އެވެ.

އެމްފައިސާގެ ހިދުމަތް ތައާރަފް ކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. އެކުންފުނީގެ އަމާޒަކީ އެމްފައިސާގެ ހިދުމަތާއި އެކު ދުވަހުން ދުވަހަށް ކުރަންޖެހޭ ފައިސާގެ މުއާމަލާތްތައް ކަސްޓަމަރުންނަށް އިތުރު ފަސޭހަކަމާއި، ރައްކާތެރިކަމާއި އެކު ކުރިއަށް ގެންދިއުމުގެ ފުރުސަތު ހޯދައިދިނުން ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫ އެމްފައިސާ ހިދުމަތުގައި މޮބައިލް އެކައުންޓް މެދުވެރިކޮށް ކަސްޓަމަރުންނަށް މޮބައިލް ފޯން ބޭނުންކޮށްގެން ފައިސާ ފޮނުވޭނެ އެވެ. އަދި އުރީދޫ ޕްރީޕެއިޑް އެކައުންޓް ރީޗާޖް ކުރުމާއި ވިޔަފާރި ކުރުމުގެ އިތުރުން ބިލްވެސް ދެއްކޭނެ އެވެ. މި މޮބައިލް އެކައުންޓަށް އެސްޓީއޯ ފާމަސީތައް ފަދަ އުރީދޫ އެމްފައިސާ ހިދުމަތް ފޯރުކޮށްދޭ ސެންޓަރު ތައް މެދުވެރިކޮށް، ފައިސާ ޖަމާކޮށް، އެކައުންޓުން ފައިސާ ނެގޭނެއެވެ.