ރިޔާސީ ބަޔާން

އިދިކޮޅުން ރިޔާސީ ބަޔާނާ އަޅައިނުލުމަކީ ސަރުކާރު ރަނގަޅުވުން: މޫސަ

ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އިއްވަވާ ރިޔާސީ ބަޔާނަކީ ގައުމުގެ އެންމެ މުހިންމު މަންޒަރު ކަމަށާއި އެ ބަޔާން އިއްވަވާއިރު މަޖިލީހުގައި އިދިކޮޅު ފަރާތް ތަމްސީލު ކުރައްވާ ޕާޓީގެ މެންބަރުން ޖަލްސާ ބޮއިކޮޓްކޮށް ގޭގައި ތިއްބެވުމާއި ރިޔާސީ ބަޔާނަށް ޖަވާބުދާރީ ނުވުމަކީ ސަރުކާރުން ކޮށް ނިންމި މަސައްކަތާއި ކުރަން ގަސްދު ކުރާ ކަންކަން ރަނގަޅުވެ ބުނާނެ އެއްޗެއް ނެތުން ކަމަށް މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

ސަންގު ޓީވީގެ ޕްރޮގްރާމެއްގައި މިރޭ ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވީ މިއަދު ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދެއްވި ރިޔާސީ ބަޔާނަކީ ރާއްޖޭގެ މަލްޓި ޕާޓީ ސިޔާސީ ހަޔާތުގައި ސިޔާސީ ގޮތުން އިދިކޮޅު ފަރާތްތަކަށް ނިސްބަތްވާ ގޮތަށް އެއްވެސް އެއްޗެއް ނުހިމަނައި ހަމަ އެކަނި ގައުމަށް ހާއްސަކޮށް ރާއްޖޭގައި މިހާތަނަށް ދެއްވި ފުރަތަމަ ރިޔާސީ ބަޔާން ކަމަށާއި އެ ބަޔާނަކީ ރައްޔިތުން ތަމްސީލު ކުރާ އިދިކޮޅު ފަރާތްތަކުން ދިރާސާކޮށް ޖާވާބުދާރީވާން ޖެހޭނެ ބަޔާނެއް ކަމަށެވެ.

"[ޕާޓީ ސިސްޓަމާއެކު] މައުމޫންގެ ވެރިކަމުގައި ވެސް، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް، ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ވެސް އަދި ރައީސް ޔާމީންގެ ވެރިކަމުގައި ވެސް މީގެ ކުރިން އައި ރިޔާސީ ބަޔާންތަކުގައި އިދިކޮޅު ފަރާތްތަކަށް ފާޑު ކިޔާ. އެކަމަކު މިފަހަރު ފެނުނީ ގައުމުގެ ވާހަކަ އިސްކޮށްފައިވާތަން،" މޫސަ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރިޔާސީ ބަޔާނުގެ ބޭނުމަކީ ސަރުކާރަކުން ރައްޔިތުންނަށް ކޮށްދޭނެ ކަންތައްތަކާއި ރައްޔިތުންނަށް ކޮށްދީފައިވާ ކަންތައްތައް އަދި ކުރިއަށް އޮތްތަނުގައި ކޮށްދޭން ހުރި ކަންތައްތައް އިއުލާން ކުރުން ކަމަށާއި އިދިކޮޅު ފަރާތްތަކުން އެކަންކަން ދިރާސާކޮށް އެއަށް ދޭ ރައްދެއް އޮންނަން ޖެހޭނެ ކަމަށެވެ.

"ގާނޫނުން ވެސް އެބަ ލާޒިމްކުރޭ ރައީސުލް ޖުމްހޫރިއްޔާ ދެއްވާ ރިޔާސީ ބަޔާނަށް ޖަވާބު ދޭން. އެ ޖަވާބަކީ ހަގީގަތުގައި ރައީސަށް ދެއްވާ އެއްޗެއް ނޫން. ރައީސް އެ ދެއްވި ބަޔާނާއި ގުޅިގެން ދައުލަތުގެ ކަންކަމުގެ މައްޗަށް ބިނާކޮށް ރައްޔިތުންނަށް ކަމެއް އޮޅުންފިލުވާ ދިނުމަށްޓަކއި ރައްޔިތުންގެ މަންދޫބުންގެ ހައިސިއްޔަތުން އަދި ދައުލަތުން ހަރަދު ކުރާ ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ޕާޓީ ކުރަން ޖެހޭ ކަމެއް އެއީ ޑިމޮކްރަސީގައި. އެކަމަކު އެކަންވެސް ނުކުރާތާ މިހާރު މިވަނީ ހަތަރު އަހަރު" މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓް ކުރުމުން ދޭހަކޮށްދެނީ ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކާއި ޕްރޮޖެކްޓްތަކާއި ދޭތެރޭ އިދިކޮޅު ފަރާތްތަކުން ބުނާނެ އެއްޗެއް ނެތް ކަން ކަމަށާއި ކަންކަން ރަނގަޅަށް ދިއުން ކަމަށެވެ.

"ރައީސް ޔާމިން މިއަދު އެ ވިދާޅުވާ ކަންތައްތަކުގެ މައްޗަށް އެބޭފުޅުންނަށް އެއްޗެއް ވިދާޅުވެވެން ނެތީމަ އެތަނަށް ދާންވެސް ބޭނުންނެތީ. ދެން ރައްޔިތުން ބަލައިގަންނަމުން ދަނީ ރައީސް ޔާމީން ކުރައްވާ ކަންތައްތައް. އެމްޑީޕީންވެސް އެ ގޮތް ގަބޫލު ކުރަނީ" މޫސަ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވައި ދެއްވައި ރިޔާސީ ބަޔާން އިއްވެވި ޖަލްސާއަށް އެމްޑީޕީގެ މެންބަރުން ވަޑައެއް ނުގަންނަވަ އެވެ.