ދެހާސް ދިހަ ވަނަ އަހަރު އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނެއް ވުޖޫދަށް ގެނައީ އަތޮޅުތަކާއި ރަށްތަކުގައި ދިރިއުޅެމުން އަންނަ ރައްޔިތުން ކުރަމުން ދިޔަ ބުރަ މަސައްކަތްތަކަށް އިތުރު ހިތްވަރަކާއި ގާނޫނީ ބާރެއްދީ، އެ ފަރާތްތަކަށް ވެސް އަތޮޅާއި ރަށު ފެންވަރުގައި އާމްދަނީ އިތުރު ކުރެވޭނެ މަގެއް ތަނަވަސް ކޮށްދިނުމުގެ ރޫހުގަ އެވެ. ތަރައްގީވެފައިވާ އެހެން ގައުމުތަކާ އެއް ފަދައިން ރާއްޖޭގައި ވެސް ރައްޔިތުން ބާރުވެރި ކުރުވާ ރަށް ހިންގުމުގައި ބަސް ބުނާނެ ބަޔަކާއި، ލީޑަރުންތަކެއް އުފެއްދިދާނެ ފުރިހަމަ ނިޒާމެއް ގޮތުގަ އެވެ.
ނަމަވެސް މިއަދު މި ފެންނަނީ ލާމަރުކަޒީ ނިޒާމް ރާއްޖެއަށް ގެނައިތާ ހަތް އަހަރަށް ފަހު އުންމީދު ކޮށްގެން ތިބި މަންޒަރު ކަމަށް ބުނަން ދައްޗެވެ. ދުނިޔޭގެ ބައެއް ގައުމުތަކުގެ ތަރައްގީއާ ކުރިއެރުމުގެ ބޮޑު ރޯލެއް ލާމަރުކަޒީ ނިޒާމު ކުޅުން ނަމަވެސް ވޭތުވެދިޔަ ހައެއްކަ އަހަރު ތެރޭގައި ރާއްޖޭގެ ސިޔާސީ މަސްރަހަށް އައި ބަދަލުތަކާ ގުޅިގެން ރާއްޖޭގައި އެ ނިޒާމް އޮތީ "ޕެރެލައިޒް" ވެފައޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. އޭގެ ވަރަށް ބައިވަރު ސަބަބުތަކެއް ވެސް އެބަހުއްޓެވެ. -- އެކަމާ ގުޅޭ ގޮތުން އެހެން ދުވަހަކުން ލިޔާނަމެވެ.
ކައުންސިލަރުންނަކީ ދައުލަތުގެ އޮނިގަނޑުގައި ހިމެނޭ ރައްޔިތުން އިންތިހާބު ކުރަންޖެހޭ ފަރާތްތަކުގެ ތެރެއިން ރައްޔިތުންނާ އެންމެ ކައިރިން މަސައްކަތް ކުރަން ތިބޭ މީހުންނެވެ. އެއީ ރައްޔިތުންގެ ކަންބޮޑުވުންތައް އެންމެ ކައިރިން އަޑުއަހާ އަމަލީ ގޮތުން އެ މައްސަލައެއް ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނައުމަށް އެންމެ ފުރަތަމަ މަސައްކަތް ކުރަންޖެހޭ ބަޔަކީ އެއީ ކަމަށްވާތީ އެވެ. މިހެން އޮތް އިރު ކައުންސިލަރަކަށް ވެވޭ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތައް ވެސް ކަނޑައަޅަން ޖެހޭނީ ވަކި މިންގަނޑެއްގެ ތެރެއިންނެވެ. އެއީ އެ ރަށެއް ނުވަތަ އަތޮޅަކަށް ވެސް އެންމެ ފައިދާ ކުރާނެ އަދި އިތުބާރު ކުރެވޭ ފެންވަރުގެ މީހަކަށް ކައުންސިލަރުން ވާން ޖެހޭތީ އެވެ.
ލޯކަލް ކައުންސިލް އިންތިހާބާބެހޭ ގާނޫނުގައި މިހާރު އޮންނަ ގޮތުން ކައުންސިލް އިންތިހާބަށް ކުރިމަތި ނުލެވޭނެ މީހުންގެ ތެރޭގައި އިސްލާމް ދީނުގެ ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތާއި ރިޝްވަތުގެ ކުށެއް ސާބިތުވެފައިވާ މީހުންނާއި މަސްތުވާތަކެތި ބޭނުން ކުރުން ނުވަތަ އޭގެ ވިޔަފާރި ކުރިކަން ސާބިތުވެފައިވާ މީހަކަށް ކުރިމައްޗެއް ނުލެވޭނެ އެވެ. އަދި ކުޑަކުއްޖަކާމެދު ބަދުއަހުލާގީ އަމަލެއް ހިންގާފައިވާ ކަން ނުވަތަ މީހެއްގެ އިއްފަތްތެރިކަން ފޭރިގަތްކަން ޝަރީޔަތަށް ސާބިތުވެފައިވާ މީހަކަށް ވެސް ކައުންސިލް އިންތިހާބަކަށް ވާދައެއް ނުކުރެވޭނެ އެވެ.
ނަމަވެސް މި އަހަރުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާތައް ފެށުމާއިއެކު މަޖިލީހުން އެންމެ ފުރަތަމައަށް ބަލައިގަތް ބިލަކީ އެ ހުރިހާ ކުށެއްކޮށްފައި ތިބި މީހުންނަށް ވެސް ކައުންސިލަރަކަށްވުމުގެ މަގު ތަނަވަސްވާ ބިލެކެވެ. އެގޮތުން އެފަދަ އަމަލެއް ކުރިކަމުގެ ކުށް ސާބިތުވެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ދެ އަހަރުވެފައިވާ މީހަކަށް ވެސް ކުރިމަތިލެވޭނެ އެވެ.
"ލޯކަލް ކައުންސިލްތަކާބެހޭ ގާނޫން އެންމެ ފުރަތަމަވެސް ހަދާފައި އޮތީ ރައްޔިތުންގެ ފަރާތުން މަންދޫބަކަށް ވާން ޖެހޭ މީހުންގެ ކިބައިގައި ހުންނަން ޖެހޭނެ ސިފަތަކުގެ މައްޗައް ރިއާޔަތް ކުރެވިގެން ހަދާފައިވާ ގާނޫނެއް. ކައުންސިލަރުން މަސައްކަތް ކުރަން ޖެހޭނީ ރައްޔިތުން ބަލައިގަނެވޭނެ ގޮތަކަށް. ނަމަވެސް މި އިސްލާހުގެ ސަބަބުން ކޮންމެ ފަދަ ކުށެއްކޮށްފައި ހުރި މީހަކު ކައުންސިލަރަށް ކުރިމަތިލެވޭ. އެއީ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން. މަސްތުވާތަކެތި ބޭނުންކޮށްފައި ތިބި މީހުންވެސް ހުކުމް ތަންފީޒުކޮށް ނިމިގެންވެސް އަލުން އެ ވަބާގައި ޖެހޭ. އެ ފަރާތްތަކަށް ކައުންސިލަށް ކުރިމަތިލެވޭނަމަ އޭގެ ނޭދެވޭ އަސަރު ރައްޔިތުންނަށް ކުރާނެ،" ރައްޔިތުން މަޖިލީހުގައި އެ ބިލަށް ބަހުސް ކުރައްވަމުން ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސެން ވިދާޅުވި އެވެ.
ބައެއް މެންބަރުންގެ ކަންބޮޑުވުން ބިލަށް އޮތުމާ ގުޅިގެން ކޮމިޓީ މަރުހަލާގައި ބައެއް ބަދަލުތަކެއް ގެނެއެވެ. އެއީ މިހާރުވެސް ގާނޫނުގައި އޮންނަ ގޮތަށް ކުޑަކުއްޖަކާމެދު ބަދުއަހުލާގީ އަމަލެއް ހިންގާފައިވާ ކަން ނުވަތަ މީހެއްގެ އިއްފަތްތެރިކަން ފޭރިގަތްކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ކައުންސިލް އިންތިހާބަށް ކުރިމަތި ނުލެވުމެވެ. ނަމަވެސް އިސްލާމް ދީނުގައި ކަނޑައެޅިފައިވާ ހައްދެއް ސާބިތުވީ މީހެއް ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހަކަށް ހުކުމް ތަންފީޒުކޮށް ނިމުނުތާ ހަތް އަހަރު ފަހުން ކުރިމަތިލެވޭނެ އެވެ.
އެ ބިލު ކޮމިޓީގެ އިއްތިފާގުން ފާސްކުރި އިރު ހިޔާނާތާއި ރިޝްވަތުގެ މައްސަލައެއް ނުވަތަ މަސްތުވާތަކެތި ބޭނުންކޮށްފައި ހުރި މައްސަލައެއް ސާބިތުވީ މީހަކާބެހޭ ގޮތުންވަކި އެއްޗެއް ބިލުގައި ބުނެފައެއް ނުވެއެވެ. އެ އޮތް ގޮތަށް ބިލު ފާސްވެ ގާނޫނަކަށް ވުމަކީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ލިބޭނެ ކުރިއެރުމެއްތޯ ސުވާލު އުފެދެއެވެ.
ބައެއް މެންބަރުން ވިދާޅުވާ ގޮތަށް ގިނަ ބަޔަކަށް ލޯކަލް ކައުންސިލް އިންތިހާބުގައި ބައިވެރިވާން ފުރުސަތު ލިބޭނެ ކަމާ މެދު ޝައްކެއް ވެސް ނެތެވެ. ނަމަވެސް ބޭނުމަކީ ގިނަ ބަޔަކަށް ކުރިމަތިލެވުން ހެއްޔެވެ؟ ނޫނީ މަދު ނަމަވެސް އެކަށީގެންވާ ވަރަށް ރައްޔިތުންގެ ހައްގުގައި ފުރިހަމައަށް މަސައްކަތް ކުރާނެ ބަޔަކު އިންތިހާބު ކުރުން ހެއްޔެވެ؟
ދެން އެންމެ ބޮޑަށް ސުވާލު އަނެއް މައްސަލައަކީ ކައުންސިލް އިންތިހާބަށް ވާދަ ކުރާ ކެންޑިޑޭޓުންގެ ޝަރުތުތަކާ ގުޅޭ ބިލެއް މަޖިލީހަށް ހުށަހަޅާފައި ވަނީ އެ އިންތިހާބަށް މަހެއްހާ ދުވަސް އޮއްވަ އެވެ. ބައެއް ޕާޓީތަކުން ބައިވެރިވާ މެންބަރުންގެ ކެންޑިޑެންސީ ފޯމުތައް ވެސް އިލެކްޝަން ކޮމިޝަނަށް ހުށަހަޅާ މަސައްކަތްތައް ގާތްގަނޑަކަށް ނިމިފައި ވަނިކޮށެވެ. އަދި ލޯކަލް ކައުންސިލް އިންތިހާބާބެހޭ ގާނޫނުގައި ވަކިން ހާއްސަކޮށް މި އަހަރުގެ އިންތިހާބުގައި އެއަށް އަމަލު ކުރަން ޖެހޭނެކަމަށް ވެސް ބުނެފައި ވެއެވެ. މިފަދަ ދަނޑިވަޅެއްގައި އެ މެންބަރުންގެ ޝަރުތުތަކަށް ބަދަލެއް ގެނައުމަކީ އިންތިހާބަށް ތައްޔާރުވުމަށް އަނެއްކާވެސް ލަސްތަކެއް ވެދާނެ ކަމަކަށް ވެދާނެ އެވެ.
"މިހާރުވެސް އެއްފަހަރު އެ ވަނީ ކޯޓުގެ އަމުރަކުން އިންތިހާބު ވަރަށް ބޮޑަށް ލަސްކޮށްލާފައި. އަނެއްކާ ކެންޑިޑޭޓުން ކަނޑައަޅާ އެ ހުރިހާ މަސައްކަތްތައް ނިންމާފައި އޮއްވާ ޝަރުތުތަކަށް ބަދަލު ގެނައުމަކީ އަލުން އެ މަސައްކަތްތައް އިލެކްޝަނުން ކުރަން ޖެހިދާނެ ކަމެއް. މިހާރު ހުށަހަޅާފައި ހުރި ބައެއް މެންބަރުންގެ ފޯމުތައް ވެސް އަލުން އަނބުރާ ޕާޓީއަށް ފޮނުވާލަން ވެސް ޖެހިދާނެ. އޭރުން އިންތިހާބު އަނެއްކާ ލަސްކުރަން ޖެހި ބޮޑު މަސައްކަތެއް އިލެކްޝަންގެ ބޮލުގަ އެ އެޅެނީ،" އިލެކްޝަން ކޮމިޝަންގެ ކުރީގެ މެންބަރެއް ވިދާޅުވި އެވެ.
ކޮންމެއަކަސް ކައުންސިލަރު ކަމަށް ހޮވާ ފަރާތްތަކުގެ ޝަރުތުތައް ވަކި މިންގަނޑެއްގެ ތެރޭގައި ބެހެއްޓުމަކީ ލާމަރުކަޒީ ގާނޫނުގެ ތެރެއިން އެކަށީގެންވާ ނަތީޖާއެއް ނެރުމަށް އެޅޭނެ މުހިންމު ފިޔަވަޅަކަށް ވެގެންދާނެ އެވެ. ރައްޔިތުން އިންތިހާބު ކުރާ ފަރާތްތަކުގެ ތެރެއިން ރައިސުލްޖުމްހޫރިއްޔާގެ މަގާމާއި އާއި ރައްޔިތުން މަޖިލީހުގެ މަގާމްވެސް ހިމެނެއެވެ. އެ ދެ މަގާމަށް ކުރިމަތިލެވޭ ފަރާތްތަކަށް ވެސް ވަކި "ޑިސިޕްލިނަރީ" ޝަރުތުތަކެއް ހުރުން މުހިންމެވެ.