ރިޕޯޓް

ނަޝީދުގެ އިސްތިއުފާގެ ސިޓީ އާއި ކޯނީއަށް ދެއްވި ޖޯކު ބަޔާން!

Feb 8, 2017
18

ފެބުރުއަރީ 7، 2012 ވަނަ ދުވަހުގެ މެންދުރުން އަނބުރައި އެކެއް ޖަހަން އުޅެނިކޮށް މުޅި ދިވެހި ޤައުމަށް ކުއްލި ސިހުމެއް ލިބިގެންދިޔައީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު އެއްވެސް މަޖުބޫރުކަމެއް ނެތި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުން އިސްތިޢުފާދެއްވިކަން ޓީވީ އާއި ރޭޑިއޯގެ ޒަރީޢާއިން މުޅި ޤައުމާއި ދުނިޔެއަށް އިޢުލާން ކުރެއްވުމާ ގުޅިގެންނެވެ.

ރައީސް ނަޝީދުގެ އިސްތިޢުފާގެ ބަޔާނުގައި އެމަނިކުފާނު ވިދާޅުވިއެވެ:

"އަޅުގަނޑަށް މިއަދު ފެންނަ ފެނުމުގައި އަޅުގަނޑު އިތުރަށް ރާއްޖޭގެ ރައީސްކަމުގައި ހުރެއްޖެނަމަ، ރާއްޖޭގެ ރައްޔިތުންނަށާއި އަދި ރާއްޖެއަށް އެތައް ގިނަގުނަ ގެއްލުންތަކެއް ވެދާނެ ކަމަށް ފެންނާތީވެ، އަޅުގަނޑު މިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ ކަމުން މިއަދުން ފެށިގެން އިސްތިޢުފާ ދީފިން."

ރައީސް ނަޝީދު އިސްތިއުފާގެ ބަޔާން ކުރިއަށް ގެންދަވަމުން އިތުރަށް ވިދާޅުވިއެވެ.

"އަޅުގަނޑު ދުށް ގޮތުގައި، އަޅުގަނޑަށް ފެނުނު ގޮތުގައި، ސަރުކާރު ދަމަހައްޓަން ވެއްޖެނަމަ، ނުހަނު ބޮޑަށް ބާރުގެ ބޭނުން ކުރަންޖެހި އެތައް ރައްޔިތުންނަކަށް ގެއްލުން ވާނެ ކަމަށް އަޅުގަނޑަށް ހިތުގެ އަޑިން ގަބޫލު ކުރެވޭތީވެ، އަޅުގަނޑު މިނިންމުން ނިންމީ. ހަމައެއާއެކުގައި އަޅުގަނޑަށް ފެނުނު ގޮތުގައި ސަރުކާރު އިތުރަށް ދެމެހެއްޓުމަށް މަސައްކަތްކޮށްފި ނަމަ ރާއްޖެއަށް ބޭރުގެ ނުފޫޒުތައް އައުމަކީ ވަރަށް އެކަށީގެންވާ ކަމެއްކަމަށް ވާތީވެ، މި ގައުމަށާއި މި ރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑު އަބަދުވެސް ހެއުއެދޭތީވެ، އަޅުގަނޑު މިއަދު މިނިންމީ ވަރަށް ހެއު ހިތުން އިހުތިރާމާއެކު ރާއްޖޭގެ ރައްޔިތުން އަޅުގަނޑަށް ދެއްވާފައިވާ، ނުހަނު ބޮޑު ތާއީދާއި އަޣުލަބިއްޔަތު ހަނދާންކޮށް، އެ ރައްޔިތުންގެ މަންފާ އާއި ލާބަ އަށްޓަކާ އަޅުގަނޑު މި ރާއްޖޭގެ ރައީސްކަމުން އިސްތިއުފާ ދިނުން. އަޅުގަނޑު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ނުހަނު ޝުކުރު ދަންނަވަން. އެ ރައްޔިތުން އަޅުގަނޑާއެކުގައި މި ދިޔަ ތިން އަހަރު ދުވަހު ނުހަނު ބުރަ މަސައްކަތް ކުރައްވައިފި. އަދި އަޅުގަނޑަށް ފެންނަ ފެނުމުގައި، އަޅުގަނޑު ދެކޭ ގޮތުގައި، އެ މަސައްކަތުން މި ރާއްޖޭގެ ރައްޔިތުންނަށާއި މި ރާއްޖެއަށް ނުހަނު ފައިދާ އަދި މަންފާ ވެސް ކޮށްފި. އަޅުގަނޑު އެދެނީ ރާއްޖޭގައި އަބަދު ވެސް ޑިމޮކްރެޓިކް ހަމަތައް ގާއިމު ވެފައި އޮތުން. އަޅުގަނޑު އެދެނީ ރާއްޖޭގައި އަބަދު ވެސް އިންސާފު ގާއިމުވެފައި އޮތުން. އަޅުގަނޑުގެ އަބަދު ވެސް ބޭނުމަކީ މި ރާއްޖެއަށް ތަރައްގީ އާއި ރާއްޖޭގެ ރައްޔިތުންގެ ކުރިއެރުން. އަޅުގަނޑު އުއްމީދު ކުރަނީ މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް އަޅުގަނޑުމެން ރައްޔިތުންނަށް ލިބޭނެ ކަމަށް. އަޅުގަނޑުގެ ދުއާއަކީ އަޅުގަނޑުމެންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބުން."

ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުގެ ކުރީން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެމަނިކުފާނުގެ ކެބިނެޓާ ބައްދަލުކުރައްވައި އިސްތިއުފާ ދެއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. ކެބިނެޓުގެ ބައެއް މެންބަރުން އެމަނިކުފާނު އިސްތިއުފާ ނުދެއްވުމަށް މަޝްވަރާ ދެންނެވިއެވެ. ނަމަވެސް އެ ލަފާ ގަބޫލު ނުކުރައްވައި ނަޝީދު އިސްތިއުފާދެއްވީ އެވެ.

ޤާނޫންއަސާސީގެ 121 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރަނީ އަންނަނިވި ފަދައިންނެވެ.

"ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، ސިޓީއަކުން އެކަން ބަޔާންކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހުށަހަޅައި، އެ ސިޓީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިބުމުން ރައީސުލްޖުމްހޫރިއްޔާ އެ މަގާމުން ވަކިވީއެވެ."

ރައީސް ނަޝީދު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުން، އިސްތިއުފާ ދެއްވިތާ 24 ގަޑިއިރުވެސް ނުވަނީސް، އެމަނިކުފާނު އިސްތިއުފާ ދެއްވީ ސިފައިންނާއި ފުލުހުންނާއި ބައެއް ސިޔާސީ ބޭފުޅުން ބިރުދައްކައިގެން ކަމަށް ވިދާޅުވެ ބަޔާންތައް ދެއްވަން ފެއްޓެވިއެވެ.
އެކަމާގުޅިގެން މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށްޓަކައި ފެބުރުއަރީ 8 ވަނަ ދުވަހުގެ ރޭ ބައްދަލުވުމެއް ބޭއްވިއެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް މުޙައްމަދު ދީދީ ވިދާޅުވީ، ރައީސް ނަޝީދު އިސްތިއުފާ ދެއްވީ ސިފައިންގެ އެއްވެސް މަޖުބޫރުކަމެއް ނެތި ކަމަށާއި އެމަނިކުފާނު ވެރިކަމުން ބޭލުމަށް ހަތިޔާރުގެ ބޭނުންކޮށްގެން އެއްވެސް އަމަލެއް ނުހިންގާ ކަމަށެވެ.

ނަޝީދު އިސްތިއުފާ ދެއްވުމުގެ ކުރިން މާލޭގައި ހިނގި ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމުގައި އެމްއެންޑީއެފުން ހަރަކާތްތެރިވި ފައުޖުގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ދީދީ ވިދާޅުވީ، ހަތިޔާރުން ބިރުދައްކައިގެން، އިސްތިއުފާ ދެއްވުމަށް ނަޝިދަށް މަޖުބޫރު ކުރުވިކަމަށް އެމަނިކުފާނު ދައްކަވަމުން ގެންދަވާ ވާހަކަތައް ވަރަށް ބޮޑަށް ކުށްވެރި ކުރައްވާ ކަމަށެވެ.

"އެ ވާހަކަ ދެއްކި ބަޔަކު ދައްކައިގެން އެ އުޅެނީ، ހަގީގަތާ ޚިލާފު ދޮގު ވާހަކައެއް. އަޅުގަނޑުމެން ދިވެހި ގައުމުގެ ރައީސް އަވަހާރަކޮށްލަން، ދިވެހި ސިފައިން ހަތިޔާރު ހިފައިގެން ނުނިކުންނާނެ." އިބްރާހީމް ދީދީ ވިދާޅުވިއެވެ.

ނަމަވެސް ބައިނަލްއަޤްވާމީ މީޑިއާގައި ނަޝީދު ވިދާޅުވެފައި ވަނީ، އިސްތިއުފާ ދެއްވީ ހަތިޔާރުނަގާނެ ކަމަށް ބުނެ ހަތިޔާރުއެޅި ސިފައިންނާއި ފުލުހުން އެކަމަށް މަޖުބޫރު ކުރުމުން ކަމަށެވެ.

"އެމީހުން ބުނީ އަޅުގަނޑު އިސްތިއުފާ ނުދީފިނަމަ ޖެހޭނީ ހަތިޔާރުގެ ބޭނުން ކުރާށޭ. އަޅުގަނޑު އެ ވާހަކަ ނެގީ ވަރަށް ބޮޑު ނުރައްކަލެއްގެ ގޮތުގައި." އޭއެފްޕީއަށް ދެއްވި އިންޓަރވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

އިބްރާހީމް ދީދީ ވިދާޅުވީ ރައީސް ނަޝީދު އިސްތިއުފާ ދެއްވީ، އަމިއްލަފުޅަށް ބޭނުންފުޅުވެގެން ކަމަށެވެ. ރައީސް ނަޝީދު އިސްތިއުފާ ދެއްވުމަށް ގިނަ އަދަދެއްގެ ސިފައިން އެދިފައިވޭތޯ ރިޕޯޓަރުން ދެންނެވުމުން އިބްރާހީމް ދީދީ ވިދާޅުވީ، އެފަދަކަމެއް ހިނގާފައި ނެތްކަމަށެވެ.
ނަޝީދު އިސްތިއުފާ ދެއްވުމަށް ގޮވައި އަދި އެފަދަ އަމުރެއް ވެސް ސިފައިންގެއިން ކޮށްފައި ނޯންނާނެ ކަމަށް ވެސް އިބްރާހީމް ދީދީ ވިދާޅުވި އެވެ.

ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުން، ޤާނޫނީ ހަމަތަކުގެ މަތީން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމާ ޙަވަލުވެވަޑައިގެންނެވި ޑރ. މުހައްމަދު ވަޙީދު ޙަސަން މަނިކު "ކޮމިޝަން އޮފް ނޭޝަނަލް އިންކްއަރީ" (ކޮމިޝަން) "ކޯނީ" އުފައްދަވައި، މިނިވަން އަދި ވަކިފަރާތަކަށް ނުޖެހޭ ތަޙުޤީޤެއް ހިންގުމަށް އެދިވަޑައިގަތެވެ. އެ ކޮމިޝަނާ މަތިކުރެވިފައިވާ މަސްއޫލިއްޔަތުތަކުގެތެރޭގައި 14 ޖެނުއަރީ 2012 އިން ފެށިގެން 8 ފެބުރުއަރީ 2012 އާ ދެމެދު ދިވެހިރާއްޖޭގައި ހިނގާދިޔަ ކަންތައްތަކުގެތެރެއިން 7 ފެބުރުއަރީގައި ވެރިކަން ބަދަލުވި ގޮތާއި، ރައީސް ނަޝީދު އިސްތިއުފާ ދެއްވާފައި ވަނީ ޤާނޫނާ ޚިލާފު މަޖުބޫރު ކުރުވުމެއްގެ ސަބަބުންކަން ނުވަތަ ނޫންކަން ބެލުމާއި 7 ފެބުރުއަރި 2012 ގައި ސަރުކާރު ބަދަލުވީ ޤާނޫނާ އެއްގޮތަށްކަން ނުވަތަ ނޫންކަން ބަލައި ތަޙްޤީޤް ހިންގުމާއި ދިވެހިރާއްޖޭގައި ވެރިކަން ބަދަލުވުމަށް 7 ފެބްރުއަރީ 2012 ގައި މެދުވެރިވި ހާދިސާތަކުގެ ވަޤާއިޢުތަކާއި ޙާލަތްތަކާއި ސަބަބުތައް ހޯދައި ބެލުން ހިމެނެއެވެ.

ތަޙުޤީޤް ކޮމިޝަންގައި ހިމެނިވަޑައިގެންނެވި ބޭފުޅުންނަކީ އިސްމާޢީލް ޝަފީޢު، ސިންގަޕޯރގެ ޖަސްޓިސް ޖީ.ޕީ. ސެލްވަމް، ޑރ. އިބްރާހީމް ޔާސިރު، ޑރ. ޢަލީ ފަވާޒް ޝަރީފް އާއި އަޙްމަދު ސަޢީދުއެވެ. އޭގެ އިތުރަށް ކޮމަންވެލްތުގެ ފަރާތުން ސަރ ބްލޫސް ރޮބަޓް ސަން އާއި އދ. ގެ ފަރާތުން ޕްރޮފިސަރު ޖޯންޕެކާ ވެސް "ކޯނީ" ގައި ހިމަނުއްވާފައި ވެއެވެ.

ރައީސް ނަޝީދުގެ އިސްތިއުފާގެ ސިޓީ ޑިސްޕެޗްކުރަން އޮންނަ ރަސްމީ އުސޫލުން މަޖިލީހުގެ ގެއަށް ރައްދު ނުކުރެވޭކަމަށާއި އެ ސިޓީ ރައްދުކުރީ ޢާއްމު ފަރުދުންތަކެއް ކަމަށް އެދުވަސްވަރު އަޑު ފެތުރިގެން ގޮސްފައިވެއެވެ. އެކަމާ ގުޅޭގޮތުން ރައީސް ނަޝީދު ރިއާސީ ކޮމިޝަން "ކޯނީ"އަށް ދެއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ.

"އެ (އިސްތިއުފާގެ ސިޓީ) ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ނުދެއެވެ. ... އަޅުގަނޑު އެމީހުންގެ އަތަކަށް ސިޓީއެއް ނުދެމެވެ. .... ރައީސް އޮފީހުން އެމީހުން އަތަކަށް ސިޓީއެއް ނުދެއެވެ. .... އެ ސިޓީ ފޮނުވުމުގެ އެއްވެސް ނިޔަތެއް އަޅުގަނޑު ގެ ނެތެވެ. .... ޤާނޫނުއަސާސީ ބުނާގޮތުން ޝާހިދު (މަޖިލީހުގެ ރައީސް) އަށް އަޅުގަނޑު ގެ ސިޓީ ލިބެންޖެހެއެވެ. އެކަމަކު ޙިސާނަށް އެ ސިޓީ ލިބުމުން، އެ ސިޓީ އޭނާ ތަނެއްގައި ބާއްވާފައި ވަނިކޮށް މި ތިން މީހުން (ރިޔާޒް، ފަޔާޒް، އަދި ނާޒިމް) އެ ސިޓީ އެތަނުން ޖަހައިގަތީއެވެ. އެ ސިޓީ އެމީހުން ގެންދިޔައީ އެމީހުންނާއެކު ގައެވެ. އަދި މިހާރު އަޅުގަނޑަށް މިއެނގޭ ގޮތުގައި، ޝާހިދަށް އެ ސިޓީ އެމީހުން ގެންދިޔައީ، ޝާހިދުގެ ގެއަށެވެ. އަދި އެ ސިޓީ ލިބުނުކަމުގެ ރަސީދެއް ނެތެވެ. އެހެންވީމާ އަޅުގަނޑު ސިޓީއެއް ނުފޮނުވަމެވެ. އަޅުގަނޑު ގެ މަސައްކަތް ކުރަމުން ދިޔައީ އިސްތިއުފާގެ ތެރެއިން ނުކުމެވޭތޯއެވެ. އަޅުގަނޑެއް އިސްތިއުފާއެއް ނުދެމެވެ. އަޅުގަނޑު މަސައްކަތް ކުރަމުން ދިޔައީ އެ ޙާލަތުގެ ތެރެއިން ނުކުމެވޭތޯއެވެ. .... އެ ސިޓީ ލިބުނު ކަމުގެ ރަސީދެއް ފެންނާކަށް ނެތެވެ. އެ އޮތްތޯ އަޅެ ހޯއްދަވަ ބައްލަވާށެވެ. އެހެންވީމާ، އަޅުގަނޑު ގަބޫލު ކުރަނީ، އެ ސިޓީ މެދުވެރިކޮށް އަޅުގަނޑު ދީފައިވާ އިސްތިއުފާއެއް ނޯންނާނެ ކަމަށެވެ. އެ ސިޓީ ސިޓީއަކަށްވާ ހަމައެކަނި ސަބަބަކީ، ދައުލަތުގެ ނިޝާން ޖަހާފައި ހުރުމެވެ. އެކަމަކު އެއީ، ރައީސުލްޖުމްހޫރިއްޔާގެ ނޯޓު ޕެޑެވެ. އެހެންނަމަވެސް، އޭގައި ނަމްބަރެއް ނެތެވެ. އެ ވާންޖެހޭނީ ރަނގަޅު ސިޓީއަކަށެވެ. "އޮފިޝަލް ކަންތައް" ބުނާގޮތަށް އޮތް ސިޓީއަކަށެވެ. އޮފިޝަލް ކަންތައްތަކާބެހޭ ގާނޫނެއް އޮވެއެވެ. އޭގައި ސިޓީ ލިޔަންވާގޮތް ބަޔާންކޮށްފައި އޮވެއެވެ. އަދި ސިޓީގެ ކަންތައްތައް ކުރިއަށް ގެންދާނެގޮތް ބަޔާންކޮށްފައި އޮވެއެވެ. އަދި އެމީހުން އަޅުގަނޑަށް ވަގުތެއްވެސް ދިނެވެ. އަޅުގަނޑު ވަކި ވަގުތެއްގެ ކުރިން އިސްތިއުފާ ދޭންޖެހޭނެ ކަމަށް ބުނެއެވެ. އެދުވަހު އެކަން އެގޮތަށް ނުކޮށްފިކަމަށްވާނަމަ، އަޅުގަނޑު ގަޔަށް އޭނާ ބަޑިޖަހާނެކަމަށް އަޅުގަނޑަށް ޤަބޫލުކުރެވުނެވެ. އަޅުގަނޑުގެ ވިސްނުމުގައި އޭނާ ވަނީ، އޭން ވެއްޓޭނެ އެންމެ އަޑިއަކަށް ވެއްޓިފައެވެ. އަދި އޭނާ ކުރަން ބޭނުންކަމަށްވާނަމަ، އޭނާއަށް އެކަން ނުކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. އަދި އޭނާ އެ އިންޒާރު ދިން މުއްދަތު، އޭނާ ދިން އެންމެ ފަހު ވަގުތު، އޭރު ދަނީ ފާއިތުވަމުންނެވެ. އަދި އެހެން ޕްރޮޓޮކޯލެއް ވެސް އަޅުގަނޑުމެން ތަޢާރަފް ކޮށްފައި އޮވެއެވެ. ހުރިހާ ސިޓީއެއް ވެސް ދާންވާނީ އިލެކްޓްރޯނިކް މެއިލް މެދުވެރިކޮށެވެ. މިކަން ވެސް ކުރަނީ ނުރަނގަޅު ސިޓީއެއް ނުގޮސްވޭތޯ ބެލުމަށެވެ. އެންމެ ނުރަނގަޅު ސިޓީއަކީ މި ސިޓީއެވެ. އާޚިރުގައި އެންމެ ނުރަނގަޅު ސިޓީ މި ލިއެވުނީ އަޅުގަނޑަށެވެ."

ރިޔާސީ ކޮމިޝަނުން ހިންގި ތަހުގީގަށްފަހު ކޮމިޝަނުން ނިންމާފައި ވަނީ ޤާނޫނާ ޚިލާފު، މަޖުބޫރުކުރުވުމެއް ނުވަތަ ބިރުދެއްކުމެއް ނުވަތަ ކޫޑެޓާއެއް ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުގައި ހިމެނިފައި ނުވާކަމަށެވެ. އަދި އެ ތުހުމަތުތަކަށް ބާރުލިބިދޭ ނުވަތަ ވާގިވެރިވާ އެއްވެސް ހެއްކެއް ކޮމިޝަނަށް ލިބިފައި ނުވާކަމަށެވެ.

-- ލިޔުނީ: މުހައްމަދު ސަޢީދު މޫސާ ވަޖުދީ