ކުޅިވަރު

ވެލެންސިއާގެ އެކެޑެމީ ރަސްމީކޮށް ފަށައިފި

Feb 8, 2017
2

އޭއެފްސީ ކަޕް ޕްރިލިމިނަރީ ބުރުގައި، އިއްޔެ ބޫޓާންގެ ތިމްޕޫ އެފްސީއާ ދެކޮޅަށް ކުޅުނު މެޗުން، ކުލަބު ވެލެންސިއާގެ އެކެޑެމީ ރަސްމީކޮށް ފަށައިފި އެވެ.

ވެލެންސިއާގެ އެކެޑެމީއާ ގުޅޭ ކުދިން ނެގުމަށް ކުރުމަށް ހަމަޖެހިފައިވަނީ، ވެލެންސިއާގެ ކޯޗިން ސްޓާފުން ނެވެ.

ނަމަވެސް އެކެޑެމިގެ މަސައްކަތް ކުރިއަށް ގެންދަނީ، މިހާރުވެސް ޒުވާން ކުޅުންތެރިން އުފެއްދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ، ވެލެންސިއާގެ އެއް ފައުންޑާ އަހްމަދު ސަލީމް (ބޮޑު ހީނާ) ގެ ބެލުމުގެ ދަށުން ނެވެ.

"އެކެޑެމީ ފެށުން މިދިމާވީ ވެލެންސިއާ ލިބުނު މުހިންމު މޮޅަކާއެކު، ކުރިއަށް ހަފުތާ ތެރޭގައި މިހަރު ތިބި ކުދިންގެ ޕްރެކްޓިސް ޝެޝަންތައް ކުރިއަށް ގެންދާނަން،" ވެލެންސިއާގެ ޓެކްނިކަލް ޑައިރެކްޓާ އިސްމާއިލް އާސިފް (ކުޑަ ހީނާ) ބުންޏެވެ.

އޭނާ ބުނީ، މިހާރު ވެލެންސިއާގެ އެކެޑެމީގައި ތިބި 30 ކުދިންނަކީ، ފުރާނާލައިގެން ނަގާފައިވާ އެލީޓް ލެވަލުގެ ކުދިން ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް، ކުދިން ނަގާނީ މޮނިޓާ ކޮށްގެން ވަކި ލެވަލަކަށް އާދެވޭނެ ކަމަށް ގަބޫލު ކުރެވޭ ކުދިން ކަމަށެވެ.

"މިއީ އަޅުގަނޑުމެން ފައިސާ އަކަށް ކުރާ ކަމެއް ނޫން، ބޭނުމަކީ ރަނގަޅު ކުޅުންތެރިންތަކެއް ފުޓްބޯޅަ އަށް ތާރަފު ކުރަން އެހެންވެ އެކަން ކުރެވޭނީ ލިމިޓެޑް ސީޓެއްގައި ރަނގަޅު ކުދިންތަކެއް ފުރާނާލައިފައި ނެގިގެން،" ކުޑަ ހީނާ ބުންޏެވެ.

މެޗު ފެށުމުގެ ކުރިން ދެ ޓީމުގެ ކުޅުންތެރިންނާއެކު މެޗުގެ އެސްމްބްލީ އަށް ދަނޑަށް ނިކުތީ އެކެޑެމީގައި މިހާރު ތިބި ބައެއް ކުދިން ނެވެ.