ލައިފްސްޓައިލް

ދިވެހިން ވެސް ބަތް ކައްކަނީ ސިއްހަތަށް އެންމެ ނުރައްކާވާ ގޮތަށް

ދިވެހިން ޒަމާނުއްސުރެ ވެސް ބަތް ކައްކާ އުޅެނީ ހަޑޫ ފެނަށް އަޅައި އެ ފަންގަނޑު ހިދެން ދެން މަޑު ގިނީގައި ކައްކައިގެންނެވެ. އެހެން ނަމަވެސް، ސައިންސް ވެރިންގެ ފަހުގެ ދިރާސާތަކަށް ފަހު ބުނެފައި ވަނީ މިގޮތަށް ބަތް ކެއްކުމަކީ އިންސާނާގެ ހަށިގަނޑު ވިހަވެދާނެ ފަދަ ނުރައްކާތެރި ކަމެއް ކަމަށެވެ. ރާއްޖެ ވެސް ހިމެނޭ ގޮތުން އޭޝިޔާގެ ގިނަ ގައުމުތަކުގައި، ކޮންމެ ދުވަހެއްގެ ކެއުމުގައި ގިނަ އަދަދަކަށް ބަތް ބޭނުން ކުރާ އިރު ސައިންސްވެރިން ބުނަނީ، ބަތްކައްކާ ގޮތުގެ ސަބަބުން އެތައް މިލިއަން ބަޔަކު ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށެވެ.

ބެލްފާސްޓްގެ، ކުއީންސްލޭންޑް ޔުނިވަސިޓީގެ ބައޮލޮޖިކަލް ޕްރޮފެސާ އޭންޑީ މެހާގް، ކުރި ދިރާސާތަކުގެ ނަތީޖާ އިން ދައްކާ ގޮތުން އާންމުކޮށް ބަތް ކައްކާ ގޮތަށް ހަނޑުލަށް ފެން އަޅައިގެން ފެން ހިނދެންދެން ބަތް ކެއްކުމުން އޭގައި "އާސެނިކް" ނަމަކަށް ކިޔާ ވިހަ މާއްދާއެއް އުފެދެ އެވެ. އަދި މިގޮތަށް ކައްކާފައި ހުންނަ ބަތް ކެއުމުން "އާސެނިކް ޕޮއިޒަނިން" ނޫނީ ވިހަވުމަށް މަގުފަހިވާ ކަމަށް އެ ދިރާސާއިން ދައްކަ އެވެ.

އާސެނިކް އަކީ އޭގައި ކޮންމެވެސް މައުދަނުގެ ވިހަ އެކުލެވޭ ގުދުރަތީ ކެމިކަލެކެވެ. މިއީ އިމާރާތް ކުރުމަށް ބޭނުންކުރާ ވިހަ މާއްދާތަކާއި ގަހަށް ޖަހާ ބޭހުގައި ވެސް އެކުލެވޭ މާއްދާއެކެވެ. މިފަދަ ތަކެތިން ދޫކޮށްލާ މި މާއްދާ ބިމުގެ އަޑީގައި ހުންނަ ފެނާއި އެކުވެ، ގަސް ހެދިބޮޑުވަމުން އަންނަ އިރު ގަހަށްވެސް ވާސިލުވެ އެވެ.

އާސެނިކް ކެމިކަލަކީ އާންމުކޮށް ޖެހޭ ގައިންގަޔަށް ނާރާ ބޮޑެތި ބަލިތައް ޖެއްސުމުގައި މެދުވެރިއެއްގެ ރޯލު އަދާކޮށްފާނެ ކެމިކަލެއް ކަމަށްވެސް މި ދިރާސާއަށް ފަހު ސައިންސްވެރިން ވަނީ ބުނެފަ އެވެ. އެ ޓީމުން ބުނެފައިވަނީ ހަނޑުލުގައި ހުންނަ މި ކެމިކަލް، ފެނުގައި ކެއްކުމުން ނެތިގެންދާ ކަމަށް މީގެ ކުރިން ގަބޫލުކުރެވުނަސް އެއީ ރަނގަޅު ގަބޫލުކުރުމެއް ނޫން ކަމަށެވެ. އެހެން ވިއްޔާ ބަތް ކައްކަންވީ ދެން ކިހިނެއްހެއްޔެވެ؟

ސައިންސްވެރިން ބުނި ގޮތުގައި، ބަތްކައްކަން ރަނގަޅު ގޮތަކީ، އެއް ރޭ ވަންދެން ހަނޑޫ ފެނަށް އަޅާފައި ބެހެއްޓުމަށް ފަހު ޖެހިގެން އަންނަ ދުވަހު އެ ހަނޑުލުން ބަތްކެއްކުމެވެ. އާންމުކޮށް ރާއްޖޭގައި ހަނޑުލުން ބޯކިބާ އަޅާ އިރު މިގޮތަށް ހަދާނެ އެވެ. މިއީ ރަތްކާތެރި ގޮތް ކަމަށް ސައިންސްވެރިން ނިންމާފައި ވަނީ ފެނުގައި ގިނަ އިރު ހަނޑޫ ބެހެއްޓުމުން އޭގައި އެކުލެވޭ ކެމިކަލްގެ ބޮޑު ބައެއް ފިލައިގެންދާތީ އެވެ.

މި ހަގީގަތް ސަބިތުކޮށްދިނުމަށް ޕްރޮފެސާ އޭންޑީ ވަނީ ބީބީސީގެ "ޓްރަސްޓް މީ، އައިއޭމް އަ ޑޮކްޓާ" ޕްރޮގްރާމްގައި ތިން ގޮތަކަށް ބަތް ކެއްކުމަށް ފަހު، ހަނޑުލުގައި އެކުލެވޭ ވިހަ މާއްދާ ނޫނީ އާސެނިކް ލެވެލް އަށް ބަދަލު އައިސްފައިވާ މިންވަރު ބަލައިފަ އެވެ.

އޭނާ ފުރަތަމަ ބަތް ކައްކާފައި ވަނީ އާންމުކޮށް ބަތް މި ކައްކާ ގޮތަށެވެ. ކެމިކަލް އެންމެ ގިނައިން ފެނުނީ އާންމުކޮށް ބަތް ކައްކާ ގޮތަށް އެކަން ކުރުމުންނެވެ. އޭނާގެ ތިން ވަނަ ޓެސްޓުގައި ހަނޑޫ ބެހެއްޓީ އެއް ރޭ ވަންދެން ފެނަށް އަޅާފަ އެވެ. އެގޮތަށް ބެހެއްޓުމަށްފަހު ޓެސްޓުކުރި ހަނޑުލުން 80 ޕަސެންޓް ކެމިކަލް ވަނީ ނެތި ގޮސްފަ އެވެ.

އެހެންކަމުން ބަތް ކެއްކުމަށް އެންމެ ރައްކާތެރީ ހަނޑޫ ފެނަށް އަޅާފައި އެއް ރޭ ވަންދެން ބެހެއްޓުމަށްފަހު ކައްކާ ހަނޑުލުގެ ފަސް ގުނަ އަށް ފެން އެޅުމަށް ފަހު ކެކުމުން ބާކީ ފެން އުކާލުން ކަމަށް މި ވަނީ ސައިންސުން ސާބިތުވެފަ އެވެ.

އާސެނިކް ޕޮއިޒަނިން އަކީ އޭގެ ސަބަބުން ކެންސަރާއި ހިތުގެ ބަލިތަކާއި ހަކުރުގެ ބަލިތައްވެސް ޖައްސާ ކެމިކަލެކެވެ. އާސެނިކްޕޮއިޒަނިންގެ އަލާމާތްތަކުގެ ތެރޭގައި ލޮޑުވުމާއި، ހޮޑުލެވުމާއި ދިޔާކޮށް ބޮޑުކަމުދިއުމުގެ އިތުރަށް ބަނޑުގައި ރިއްސުންފަދަ ކަންކަން ހިމެނެ އެވެ. އެހެންވީމާ މިއޮއްހާ ދުވަހު ބަތް ކައްކައިގެން ކައި މި އުޅުނީ ހަށިގަނޑަަށް އެންމެ ނުރައްކާވާ ގޮތަށް ނޫން ހެއްޔެވެ؟