ދުނިޔެ

ޓްރަމްޕްގެ "ފިނި" ސިޓީފުޅެއް ޗައިނާގެ ރައީސްއަށް

Feb 9, 2017

ޗައިނާއާއި އެމެރިކާގެ ގުޅުމަށް ބުރޫ އަރާ ގޮތަށް ވާހަކަފުޅުތައް ދައްކަވާފައިވާ އެމެރިކާގެ އާ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ޗައިނާގެ ރައީސް ޝީޖިންޕިންއަށް ސިޓީފުޅެއް ފޮނުއްވައިފި އެވެ.

އެމެރިކާގެ ރިޔާސަތާ ހަވާލުވެވަޑައިގެންނެވުމުން މަރުހަބާ ވިދާޅުވެ ޝީޖިންޕިން ސިޓީ ފުޅެއް ފޮނުއްވާފައިވާތީ ޓްރަމްގެ ސިޓީ ފުޅުގައި އެކަމަށް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ވިދާޅުވެފައި ވަނީ ބިނާކުރަނިވި ގޮތަކަށް ޗައިނާއާ އެކު ގުޅުން ބަދަހިކުރައްވަން ބޭނުންވެވަޑައިގަންނަވާ ކަމަށެވެ.
"ރައީސް ޓްރަމްޕް ބަޔާންކުރައްވާފައި ވަނީ ޔުނައިޓެޑް ސްޓޭޓްސް އަށާއި ޗައިނާއަށް ވެސް ފައިދާ ފަދަ ގޮތަކަށް ބިނާކުރަނިވި ގުޅުމެއް ބަދަހިކުރުމަށް ރައީސް ޝީޖިންޕިންއާއި އެކު މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަން،" ޓްރަމްޕްގެ ސިޓީފުޅާ ބެހޭ ގޮތުން ވައިޓް ހައުސްއިން އާއްމުކުރި ބަޔާނުގައި ވެއެވެ.

ޗައިނާގެ ރައީސަށް ޓްރަމްޕް ސިޓީފުޅެއް ފޮނުއްވާފައި މިވަނީ ދުނިޔޭގެ ގިނަ ލީޑަރުންތަކަކާއި ފޯނުން ވާހަކަފުޅު ދެއްކެވުމަށް ފަހުގައެވެ. އަދި އޭނާ ވަނީ ޗައިނާއިން ނުރުހޭ ބައެއް ފިޔަވަޅުތައް އެކަމުގައި އަޅުއްވާފަ އެވެ. އެގޮތުން ޗައިނާއިން އެގައުމުގެ ބައެއް ކަމަށް ދެކޭ ޓައިވާނުގެ ރައީސާއި ވާހަކަފުޅު ދެއްކެވުމާއި ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގައި ޗައިނާއަށް ގޮން ޖެހުމުގެ އަސްކަރީ ކަންތައްގަނޑެއް ވެސް އެމެރިކާއިން ވަނީ މީގެ ކުރިން ހިންގައިފަ އެވެ. - ބީބީސީ