ކުޅިވަރު

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރަށް ޔޫރަޕުގެ ތިން ނަމެއް!

Feb 9, 2017

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމަށް މީހަކު ހަމަޖެއްސުމަށް، ޔޫރަޕްގެ ފުޓްބޯޅައިގެ ތަޖުރިބާކާރު ތިން ނަމެއް ޝޯޓް ލިސްޓް ކޮށްފި އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމަށް ގެނައުމަށް، ޝޯޓްލިސްޓް ކޮށްފައިވަނީ ޕޯޗްގަލްގެ ފުޓްބޯޅައިގެ ދެ އެކްސްޕާޓުންގެ އިތުރުން، ތުރުކީގެ އެކްސްޕާޓެއް ކަމަށެވެ.

އަދި މިތިން ފަރާތަކީވެސް އޭޝިއާގެ ފުޓްބޯޅަ އެނގޭ ތިން ބޭފުޅުން ކަން ބައްސާމް ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ އެ ތިން ނަމަށް ވެސް ފީފާގެ ރެކޮމެންޑޭޝަން ދީފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ޓެކްނިކަލް ޑައިރެކްޓާ ހަމަޖައްސާނީ، ގައުމީ ޓީމުތަކުގެ މަސައްކަތަށް އެކުލަވާލި ޓެކްނިކަލް ކޮމިޓީގެ ލަފާ ގެ މަތިން ކަމަށެވެ. ގައުމީ ޓީމުތަކުގެ ކޮމިޓީގައި، ޓެކްނިކަލް ޑިރެކްޓަރުވެސް ހުންނަވާނެ އެވެ.

ޓެކްނިކަލް ކޮމިޓީ އިން ނިންމުމުން، އެ މަގާމަށް ގެންނަ ފަރާތާއި ނެގޯޝިއޭޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށާއި ހުރިހާ ކަމެއް ފައިނަލުވުމުން، އެފްއޭއެމުން ބާއްވާ މީޑިއާ އިވެންޓެއްގައި ޓެކްނިކަލް ޑިރެކްޓަރު ކަމަށް ހަމަޖައްސާ ފަރާތުގެ ތަފުސީލުތައް އިއުލާން ކުރައްވާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.

އެފްއޭއެމުން ވަނީ، ބޭރުގެ ޓެކްނިކަލް ޑިރެކްޓަރުގެ އިތުރުން، ޑެޕިއުޓީ ޓެކްނިކަލް ޑިރެކްޓަރަކަށް ދިވެއްސަކު ހަމަޖެއްސުމަށް ނިންމާފަ އެވެ. މިވަގުތު އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމު ވަގުތީ ގޮތުން ފުރުއްވަމުން ގެންދަވަނީ، ކުރީގެ ކުޅުންތެރިޔާ އަހްމަދު ޝަރީފް (ޑުންގާ) އެވެ. އޭނާ އަކީ، އެފްއޭއެމްގެ އައްޑޫ ބިއުރޯ ހިންގެވުމުގެ މަސައްކަތް ކުރާ ފަރާތެވެ.