- އެމްޑީޕީގައި ނަޝީދު ނޫން ބޭފުޅަކަށް ފުރުސަތެއް ނުލިބޭ
- ޕްރައިމަރީގެ ނަތީޖާ ނަޝީދު މިހާރުވެސް އިއުލާން ކުރައްވައިފި
- މުޅި ޕާޓީގެ ފޯކަސް ނަޝީދަށް އިންތިހާބު ހޯދައިދޭން
އިނގިރޭސިވިލާތުގެ ހިމާޔަތް ހޯއްދަވައިގެން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިދިޔަ މަހުގެ 29 ވަނަ ދުވަހު ލަންކާއަށް ވަޑައިގަތީ އެމްޑީޕީ ތެރޭގައި އޮތް ފެކްޝަނަށް ނިމުމެއް ގެނެސް ހިޔާލުތައް އެއްގޮތް ކުރުމަށާއި ޕާޓީގެ މިސްރާބު އެއް ދިމާލަކަށް އަނބުރާލުމަށެވެ. އެ މަސައްކަތް ކުރެއްވުމަށް ލަންކާއަށް ވަޑައިގެން، އެމްޑީޕީގެ ލީޑާޝިޕާ ބައްދަލު ކުރައްވައި ދެ ދުވަހެއްގެ މަތިން މަޝްވަރާ ކުރެއްވި އެވެ. އަދި އެ މަޝްވަރާތަކަށް ފަހު ނިންމެވި ގޮތް ރައީސް ނަޝީދު މިދިޔަ ބުރާސްފަތި ދުވަހު ވަނީ މުޅި ދުނިޔެއަށް އިއުލާންކުރައްވައިފަ އެވެ.
"އަޅުގަނޑުމެންގެ ޕާޓީގެ ލީޑާޝިޕާ ގިނަ މަޝްވަރާތަކަށް ފަހު މި ނިންމެވީ އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަ ކުރައްވާނެ ބޭފުޅަކު ކަނޑައަޅަން ޕްރައިމެރީއެއް މި އަހަރު ފަހުކޮޅުވިޔަސް ބާއްވަން. އަދި އެ އިންތިހާބުގައި އަޅުގަނޑު ވާދަ ވެސް ކުރަން ނިންމައިފިން. އަދި ޕާޓީ ތަމްސީލު ކުރައްވާނެ ރިޔާސީ ކެންޑިޑޭޓަކަށް ވުމަށް އެ އިންތިހާބު ކާމިޔާބު ކުރައްވަން އަޅުގަނޑު އުންމީދު ކުރަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ރާއްޖެ ވަޑައިގެން ޖަލު ހުކުމުގެ ބާކީ ބައި ތަންފީޒު ކުރައްވަން ޖެހޭ ކަން އެއްފަރާތްކޮށްލުމަށް ފަހު ދެން މި ވާހަކަ ފުޅަށް ވިސްނާލާ ނަމަ މިއީ ހަގީގަތުގައި ވެސް ވަރަށް ޑިމޮކްރަޓިކް ނިންމެވުމެކޭ ބުނެވިދާނެ އެވެ. ނަމަވެސް ރައީސް ނަޝީދު އެއާ ވިއްދާ ދެން ވިދާޅުވީ މިހެންނެވެ؛
"ލީޑާޝިޕާއެކު ރަނގަޅަށް މަޝްވަރާކޮށް ނިންމުމަށް ފަހު މި ނިންމީ ކުރިޔަށް އޮތް އިންތިހާބުގައި އަޅުގަނޑަށް ވާދަ ނުކުރެވޭނަމަ އެމްޑީޕީން ވެސް ރިޔާސީ އިންތިހާބުގައި ބައިވެރިނުވާން. ދެން އަޅުގަނޑުމެން ކުރާނެ ކަމަކީ އެހެން ޕާޓީއަކަށް ތާއީދު ކުރާނީ. އަޅުގަނޑު ގަބޫލު ކުރަނީ އިދިކޮޅު ޕާޓީތައް އެއް ވެގެން ޕީޕީއެމް ބަލި ކުރެވޭނެކަން،"
ރައީސް ނަޝީދު ފުރަތަމަ ވިދާޅުވި ވާހަކައާއި ފަހުން ވިދާޅުވި ވާހަކަ ދެކޮޅު ޗެއްސޭކަށް ނެތެވެ. ނަމަވެސް އެ ވިދާޅުވާން އުޅުއްވާ ވާހަކަ ވަރަށް ސާފެވެ. އާ ލީޑާޝިޕަކަށް ފުރުސަތު ދިނުމަށް ޕްރައިމެރީއެއް ބާއްވާނެ ކަމަށް ވިދާޅުވި ނަމަވެސް ނަޝީދަށް ވާދަ ނުކުރެވޭނަމަ އެމްޑީޕީއިން ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެ އެވެ. އެހެން ވީމާ ނަޝީދު ނޫން ބޭފުޅަކަށް ރިޔާސީ ޕްރއިމަރީ ކާމިޔާބު ވެއްޖެ ނަމަ ޕްރައިމަރީ އެއްގެ ބޭނުމެއް ނެތެވެ. މިއީ އެމްޑީޕީގެ ތެރެއިން ސިޔާސީ ކުރިއެރުން ބޭނުންވާ ފަރާތްތަކަށް ލިބޭނެ، ބޮޑު ބޭއިންސާފެކެވެ. އަދި މިއީ، ޕްރައިމެރީ ބޭއްވުމުގެ ކުރިން ރައީސް ނަޝީދަށް ޕްރައިމެރީ ހިބަކޮށް ދިނުން ފަދަ ކަމެކެވެ.
ސިޔާސީ މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ސިފަ ކުރައްވާ ގޮތުގައި އެމްޑީޕީގެ މިހާރުގެ އިސްފަރާތްތައް މަޝްވަރާކޮށްގެން ނިންމެވި ނިންމުމަކީ ރައީސް ނަޝީދަށްޓަކައި މިނިވަން ހިޔާލަށް އެންމެ ގަދައަށް އަޑު އުފުލި އެމްޑީޕީ "ކޮއްޓަކަށްލައި ބަންދު" ކުރުން ފަދަ ނިންމުމެކެވެ. އަދި އޭގެ ސަބަބުން އެމްޑީޕީގެ މުސްތަގު ބަލު ކުރިޔަށް އޮތީ ވަރަށް ބަނަކޮށް ކަމަށް ވެސް އެ ފަރާތްތަކުން ސިފަ ކުރެ އެވެ.
އެމްޑީޕީގެ ޕްރައިމެރީ ރައީސް ނަޝީދަށް މާކުރިން ހަދިޔާކޮށްފައިވާ ކަމުގެ އިޝާރާތްތައް އެ ޕާޓީން ދެމުން، ގެންދާ ނަމަވެސް ދެން އިންތިޒާރު ކުރެވެނީ ރިޔާސީ ޓިކެޓު ލިބޭނެ ކަމުގެ އުންމީދުގައި ރައީސް ނަޝީދާ ކުރިމަތިލައްވަން ކެރިވަޑައިގަންނަވަނީ ކޮން ބޭފުޅެއްތޯ އެވެ؟ އެ ސުވާލަށް ޖަވާބު އެމްޑީޕީގެ ބައެއް އިސް ފަރާތްތަކުން ލިބޭތޯ ކުރި މަސައްކަތުން ކުރިއެރުމެއް ނުލިބުނެވެ. ނަމަވެސް އެމްޑީޕީގެ ޓިކެޓަކަށް ވާދަ ކުރައްވާނީ ކޮން ފަރާތެއްތޯ ބެލުމުގެ ކުރިން މީގެ ކުރިން އެ ހިޔާލު ކުރެއްވި މެންބަރުންނަށް ޕާޓީގެ ތެރެއިން ވެގެން ދިޔަ ގޮތް ބަލާލުން ވެސް މުހިންމެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ތެރެއިން ފުރަތަމަ ރައީސް އަކަށް ހޮވުނީ މއ. ބޯގަންވިލާ އިބްރާހީމް އިސްމާއީލް (އިބްރާ) އެވެ. ނަމަވެސް އެމްޑީޕީއަށް އެއް އަހަރުވެ، 2006 ވަނަ އަހަރުގެ މެއިމަހުގެ އިބްރާ އިސްތިއުފާ ދެއްވި އެވެ. އިސްތިއުފާ ދެއްވި ސަބަބަކަށް އިބުރާ ވިދާޅުވީ އޭރުގެ ޗެއާޕާސަން މުހައްމަދު ނަޝީދު އޭނައަށް ކުރިމަތިކުރެއްވި ހުރަސްތަކެވެ. އޭގެ ފަހުން ރައީސް ނަޝީދު ކުރިމަތިކުރެއްވި ތަފާތު ހުރަސްތަކުގެ ސަބަބުން އިބްރާ އެމްޑީޕީއިން ވެސް ވަކިވެވަޑައިގެން އެހެން ޕާޓީއެއް އުފެއްދެވި އެވެ. އެއީ 2006 ވަނަ އަހަރުގެ ނުވެމްބަރު 24 ވަނަ ދުވަހެވެ.
އޭގެ ފަހުން އަހަރެއްހާ ދުވަސްވަންދެއް ރައީސް އަކާ ނުލާ އެމްޑީޕީ ހިނގީ ނަޝީދު ބޭނުންފުޅުވާ އެމަނިކުފާނުގެ ފުރިހަަމަ ކޮންޓްރޯލްގަ އެވެ. ނަމަވެސް އެ ޕާޓީގެ ރައީސް ކަމަށް 2007 ވަނަ އަހަރު ޑރ. މުހައްމަދު މުނައްވަރު ހޮވުނެވެ. ނަމަވެސް މުނައްވަރަށް ވެސް ޖެހިވަޑައިގަތީ އިބްރާއަށް ޖެހުނު ހާލެވެ. އެގޮތުން ރައީސް ނަޝީދުގެ އުނދަގޫތައް ހައްދުފަހަނަ އަޅާ ދިޔުމުން 2008 ވަނަ އަހަރުގެ އޮގަސްޓު މަހު މުނައްވަރު ވެސް އިސްތިއުފާ ދެއްވާ ޕާޓީއިން ވަކިވެވަޑައިގަތެވެ. އަނެއްކާވެސް 2011 ވަނަ އަހަރާ ހަމަޔަށް އެމްޑީޕީ ކުރިޔަށް ދިޔައީ އެއްވެސް ވެރިއެއް ނެތި ސީދާ ރައީސް ނަޝީދުގެ ބާރުގަ އެވެ.
ދެން އެމްޑީޕީގެ ރައީސް ކަމަށް ހޮވިވަޑައިގަތީ ޑރ. އިބްރާހިމް ދީދީ އެވެ. ނަމަވެސް ދީދީއަށް ވެސް އެ ރައީސްކަމުގެ ގޮނޑީގައި ނުހުރެވުނެވެ. ޕާޓީގެ އަސާސީ ގަވާއިދަށް ހުރަސް އަޅާކަމަށް ބުނެ ޑރ. ދީދީއާއި އޭނާގެ ނައިބު ވަނީ މަގާމުން ދުރުކޮށްފަ އެވެ. ދީދީ ވެސް ދިޔައީ އެމްޑީޕީގެ ކުރީގެ ރައީސުންގެ ލިސްޓަށެވެ. ދެން މިފަހުގެ ތާރީހެއްގައި ޕާޓީގެ ރިޔާސީ ޓިކެޓަށް ވާދަ ކުރައްވާނެ ކަމަށް އިއުލާން ކުރެއްވީ ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކާއި އަލްހާން ފަހުމީ އެވެ. އެ ދެ ބޭފުޅުން ވެސް ވަނީ ޕާޓީއިން ވަކިކޮށްފަ އެވެ.
"އަޅުގަނޑުގެ ތަޖުރިބާއެއް ބަލާ އިރު ޕާޓީ ތެރެއިން އިތުރު ބަޔަކަށް ވާދަ ކުރެވޭނެ ހެނެއް ހިޔެއް ނުވޭ. ޕާޓީ އެއްގެ މައިގަނޑު މަގްސަދަކީ ޕާޓީގެ ފަރާތުން ގައުމާ ރައްޔިތުންނަށް ކޮށްދެވޭނެ ކަމެއް ކަނޑައެޅުން. ޕާޓީގެ ވެރިމީހާ އަށް ކޮށްދޭނެ ކަމެއް ކަނޑައެޅުމެއް ނޫން. ނަމަވެސް އެމްޑީޕީގެ ތެރެއިން ފެންނަނީ މުޅި ޕާޓީ ރައީސް ނަޝީދަށް ޖާގައެއް ހޯދައިދިނުމަށް ހުސްވާތަން. އަދި ވަކި މީހަކަށް ޓަކައި މުޅި ޕާޓީ ގުރުބާން ކުރާ މަންޒަރު،" އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސަ ވިދާޅުވި އެވެ.
މިއީ "އެންމެ ޑިމޮކްރަޓިކް" އެމްޑީޕީގެ ތާރީހުގެ ތެރެއަށް ހިނދުކޮޅަކަށް ފީނާލުމުން ހާމަވާ ހަގީގަތްތަކެވެ. ކަންމިހެން އޮތްއިރު ދެން ބާއްވާނެ ޕްރައިމެރީއެއްގެ ނަތީޖާ ވެސް ވަރަށް ސާފެވެ. އަދި ނަޝީދަށް ވާދަ ނުކުރެވޭނަމަ އެމްޑީޕީ ވާދަ ނުކުރާނެ ކަމަށް އެ ބުނާ ސަބަބުވެސް ވަރަށް ސާފެވެ. މުޅި ޕާޓީ އެނބުރެނީ ރައީސް ނަޝީދު ވަށައިކަމަށް ބުނާ ވާހަކަޔަށް ފުރިހަމަ ބާރު ލިބެ އެވެ.
ކޮންމެއަކަސް ރައީސް ނަޝީދަު އިއްޔެގެ ވަގުތެއްގައި އެމަނިކުފާނު ލަންކާއަށް ކުރެއްވި 14 ދުވަހުގެ ދަތުރުފުޅު ނިންމަވާލުމަށް އިނގިރޭސިވިލާތަށް ފުރާވަޑައިގެންފަ އެވެ. އެމްޑީޕީގެ އާންމު މެންބަރުންނާ ބައްދަލުކޮށްލުމާއި ޑިޕްލޮމެޓުންނާއި އަދި އެ ގައުމުގެ ރައީސްއާ ބައްދަލު ކުރައްވައި ފޮޓޯ ނެންގެވުމުން މިހާރު ޔަގީންވާ ކަމަކީ، ބޭރުގައި ހުންނަވައިގެން ނަޝީދުގެ ރިޔާސީ ކެމްޕެއިން ފެއްޓެވީ ކަމެވެ. އެކަމަކު އެމްޑީޕީގެ ތެރެއިން ލީޑަރެއް ފެނޭތޯ ކުރެވޭ ސުވާލަށް އަދި އޮތީ ޖަވާބެއް ނުލިބި އެވެ؟ ނަޝީދު ގޮތް ދޫނުކުރައްވަނީވެސް މި ސުވާލަށް ދުވަހަކު ވެސް ޖަވާބެއް ނުލިބޭނެ އެވެ.