ކުޅިވަރު

ކުންފުނިތަކުން ދޭ ފައިސާ ލަސްވާތީ ކުލަބުތައް ކަންބޮޑު ވެއްޖެ

ފުރަތަމަ ޑިވިޝަންގެ ކޮންމެ ކުލަބަކަށް ތިން މިލިއަން ރުފިޔާ ދިނުމަކީ، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ވައުދެކެވެ. އެ ފައިސާ ދިނުމަށް އެފްއޭއެމުން ނިންމާފައިވަނީ އެފްއޭއެމްއާ އެކު ބައިވެރިވާ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނެވެ. ނަމަވެސް ސީޒަން ފެށެން ގާތްވެފައި ވާއިރު، ފައިސާ ލިބުން ލަސްވާތީ ކުލަބުތައް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ސީޒަން ފެށެން ގާތްވުމުން، ކުލަބުތަކުގެ ކޮންމެ ދުވަހެއްގެ ހިންގުމަށްވެސް ފައިސާ ހަރަދު ކުރަންޖެހެ އެވެ. އެހެންވެ ކުލަބުތަކުން ވެސް ތިބީ މި ފައިސާ ލިބޭނެ ކަމުގެ އިންތިޒާރު ގަ އެވެ.

ފައިސާ ލިބުން ލަސްވުމުން. މައްސަލަ އެންމެ ބޮޑަށް ކުރިމަތި ވެފައިވަނީ، ފުރަތަމަ ޑިވިޝަންގައި މުޅިން އަލަށް ވާދަކުރާ، ގްރީންސްޓްރީޓަށެވެ.

"އަޅުގަނޑުމެން މިހަރަދު ކުރަނީ މިހާރުވެސް ސުމަކުން، ފައިސާ ނެތިގެން 350000 ރުފިޔާގެ ލޯނެއް ނަގައިގެން މިހާރުވެސް ސީޒަނަށް ތައްޔާރުވުމުގެ މަސައްކަތް ކުރިއަށް މިގެންދަނި، އެފްއޭއެމުން ދޭން ޖެހޭ ފައިސާ ލިބުނަސް އެންމެ ފުރަތަމަ އަޅުގަނޑުމެންނަށް ކުރަން ޖެހޭނެ ކަމަކީ، އެ ލޯނު އަދާ ކުރުން،" ގްރީން ސްޓްރީޓްގެ މެނޭޖަރު އިލްޔާސް ވިދާޅުވި އެވެ.

ބައެއް ކުލަބުތަކަށް ގެންނަން ޖެހޭ، ބިދޭސީ ކުޅުންތެރިން ވެސް އަދި މިހާތަނަށް ހަމަ ކުރެވިފައެއް ނުވެ އެވެ.

"ފުރަތަމަ ހީކުރީ މިފައިސާ ސީޒަން ފެށުމުގެ ކުރިން ލިބިދާނެ ކަމަށް، އަޅުގަނޑުމެންވެސް މިތިބީ، ޓީމަށް ގެންނަން ޖެހޭ ބިދޭސީ ކުޅުންތެރިން ހަމަ ނުކުރެވި ކުޅުންތެރިން ގެނައުމުގައިވެސް ބޮޑެތި ހަރަދު ތަކެއް ކުރަންޖެހޭ، ފައިސާ ނުލިބެންޏާ ކުލަބުތަކަށް ކިހާ އުނދަގޫ ވާނެ،" ކަންބޮޑުވުމާއެކު ކުލަބެއްގެ އޮފިޝަލަކު ވިދާޅުވި އެވެ.

ކުލަބެއް ހިންގުމުގައި ބައިވެރި ނުވި ނަމަވެސް، ފުޓްބޯޅަ އާއިލާއާ ވަރަށް ގާތުން މަސައްކަތް ކުރާ ބޭފުޅަކު ވިދާޅުވީ، ކުލަބުތައް ރަނގަޅަށް ފަންކްޝަން ކުރުމުގެ ވާހަކަ ދައްކައިރު، ކުލަބުތަކަށް ފުރިހަމަ ކޮށްދޭން ޖެހޭ ކަންކަން އަވަހަށް ފުރިހަމަ ކޮށްދިނުމަށް އެފްއޭއެމުން ސަމާލުކަން ދޭން ޖެހޭ ކަމަށެވެ.

މި މަސައްކަތުގައި އެފްއޭއެމް އޮތް ހިސާބާކީ ކޮބާ؟

އެފްއޭއެމުން މިހާރު ކުރިއަށް ގެންދަނީ، ކުންފުނިތަކާއެކު އެއްބަސްވުމަކަށް އައުމުގެ މަރުހަލާ އެވެ. އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވީ، އަންނަ ހަފުތާ ތެރޭގައި، އެފްއޭއެމް އާއި ކުންފުނިތަކާ ދެމެދު އެއްބަސްވުން ތައް އެކުލަވާލަނެ ކަމަށެވެ. އަދި މި މަސްތެރޭގައި ކުންފުނިތަކާއި ކުލަބުތަކާ ދެމެދު އެއްބަސްވުން އެކުލަވާލެވި ފުރަތަމަ ކުއާޓާގެ ފައިސާ މިމަހު ލިބޭނެ ކަމަށް ބައްސަމް ވިދާޅުވި އެވެ.

"ފައިސާގެ އެއްބަސްވުންތަކެއް ވީމަ ކުންފުނިތަކުން ހުށަހަޅާ ކަންތައްތަކެއް ވެސް ހުންނާނެ، އަދި އެކި ކުންފުނިތަކުން ރިއާޔަތް ކުރާ ކަންކަންވެސް، ތަފާތު، އަށް ކުންފުންޏާއެކު ވާހަކަ ދެއްކުމުގެ މަސައްކަތް މި ކުރިއަށް ގެންދަނީ، ކުންފުނިތަކުން ކުލަބުތަކަށް ވެސް ހުށަހެޅުން ތަކެއް އެބަހުރި. އެހުރިހާ ކަމަކާ ކުންފުނިތަކާއެކު މަޝްވަރާ ކުރުމުން މިގެންދަނީ، އަންނަ ހަފުތާ ގައި ހުރިހާ ކުންފުނި ތަކާއެކު އެފްއޭއެމްގައި ބައްދަލުވުމެއް ބާއްވަން މަސައްކަތް ކުރުމުން މިގެންދަނީ، އިރާދަ ކުރެއްވިއްޔާ މި އަންނަ ހަފުތާ ތެރޭގައި އެފްއޭއެމް އާއި ކުންފުނިތަކާ ދެމެދު އެއްބަސްވުންތައް ހެދިގެން ދާނެ،" ބައްސާމް ވިދާޅުވި އެވެ.

ކުންފުނިތަކާއެކު އެފްއޭއެމް އެއްބަސްވުމަށްފަހު ދެން އެފްއޭއެމުން ދާނީ ކުލަބުތަކާ ކުންފުނިތަކާ ގުޅުވުމުގެ މަރުހަލާ އަށެވެ. ކުލަބުތަކަށް ފައިސާ ދޫކުރާނެ ކުންފުނި ކަނޑައަޅާނީ، ގުރު ލައިގެން ނެވެ. އެއަށްފަހު ކުލަބު ތަކާއި ކުންފުނި ތަކާ ދެމެދު އެއްބަސްވުން ހެދިގެންދާނެ އެވެ. އޭގެ ކުރިން ކުލަބުތަކާއި ކުންފުނިތަކާ އެކު ބާއްވާ ބައްދަލު ވުމެއްގައި އެފްއޭއެމް އާއި ކުންފުނިތަކުން ކުލަބުތަކަށް ހުށަހަޅާ ކަންކަމާ ބެހޭގޮތުން ކުލަބުތަކާ ހިއްސާ ކުރާނެ އެވެ.

ކޮންމެ އަހަރެއްގައިވެސް ފައިސާ ދޫކުރަނީ ތިން ކުއާޓާ އަށް ބަހާލައިގެން ނެވެ. ކޮންމެ ކުއާޓާއެއްގައި ދޭނެ ފައިސާގެ އަދަދު ކަޑައެޅިގެންދާނީ ކުލަބުތަކާއި ކުންފުނިތަކާ ދެމެދު ވެވޭ އެއްބަސްވުމުން ނެވެ.