ދުނިޔެ

މުސްލިމުން ދަތުރުކުރުން މަނާ ކުރުމުގައި ޓްރަމްޕަށް ނާކާމިޔާބު

Feb 10, 2017

މުސްލިމުންގެ މެޖޯރިޓީ އޮންނަ ހަތް ގައުމެއްގެ މީހުން އެމެރިކާއަށް ދަތުރު ކުރުން މަނާކޮށް ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި ގަރާރު ތަންފީޒު ކުރުމަށް އަނެއްކާވެސް އިތުރު ހުރަހެއް ކުރިމަތި ވެއްޖެއެވެ. ޓްރަމްޕްގެ " ޓްރެވެލް ބޭން " ހުއްޓުވުމަށް އެމެރިކާގެ ކޯޓަކުން ކުރި ހުކުމް ސަރުކާރުން އެޕީލް ކޯޓްގައި އިސްތިއުނާފް ކުރުމުން އެކޯޓުން ކުރީގެ ހުކުމަށް ތާއީދު ކުރީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

އެހުކުމާ ގުޅިގެން ޓްރަމްޕް ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައި އެ މައްސަލަގައިވާ ސުޕްރީމް ކޯޓަށް ވެސް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. އޭނާ އެކަން އިއުލާންކުރެއްވީ ކުރިއެކޭ ވެސް އެއްގޮތަށް ސޯޝަލް މީޑިއާ ޓްވިޓާގައެވެ. އެޕީލްކޯޓްގެ ހުކުމް ޓްރަމްޕް ސިފަކުރައްވާފައި ވަނީ ސިޔާސީ ހުކުމެއްގެ ގޮތުގަ އެވެ.

ހުކުމާ ގުޅިގެން ޓްރަމްޕް ހަރުކަށިކޮށް ވާހަކަފުޅު ދެއްކެވި ނަމަވެސް އޭނާގެ ސަރުކާރުންގެ ޖަސްޓިސް ޑިޕާޓްމަންޓުން އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކާފައި ވަނީ މަޑުމައިތިރިކޮށެވެ. ބުނެފައި ހުކުމާ ގުޅިގެން ކުރެވެން ހުރި ކަންތައްތަކަށް ރިއާޔަތް ކުރާނެ ކަމަށެވެ.

ޓްރެވެލް ބޭންއާ ބެހޭ ގޮތުން އެޕީލް ކޯޓުން ނިންމި ނިންމުމުގައި ބުނެފައި ވަނީ މެޖޯރިޓީ މުސްލިމް ހަތް ގައުމުގެ މީހުން އެމެރިކާއަށް ދަތުރުކުރުން މަނާ ކުރަން ޖެހޭ ސަލާމަތީ ސަބަބުތަކެއް ހުރިކަން ޖަސްޓިސް ޑިޕާޓްމަންޓަށް ކޯޓްގައި ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.ބުނެފައި ވަނީ އެ ހަތް ގައުމުގެ ރައްޔިތުން އެމެރިކާގެ ފަސްގަނޑުގައި ހަމަލާއެއް ދިން ކަމުގެ ހެއްކެއް ވެސް ސަރުކާރަށް ދެއްކިފައި ނުވާ ކަމަށެވެ. އަދި ޓްރަމްޕްގެ ގަރާރަށް އަވަހަށް އަމަލުކުރަން ފަށަން ޖެހޭ ސަބަބެއް ވެސް ސާބިތުކޮށްދެވިފައި ނުވާ ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.

ޓްރަމްގެ ގަރާރާ ދެކޮޅަށް މައްސަލަ ކޯޓަށް ވެއްދި ސްޓޭޓްތަކުގެ ލޯޔަރުން ވަނީ އެ ގަރާރު ތަންފީޒުކޮށްފި ނަމަ ދީނަށް ނިސްބަތްކޮށް ބޭއިންސާފު ކުރެވުމާއި އެކަމުގެ ސަބަބުން ސަލާމަތަށް ނުރައްކާވާ ކަންތައްތައް ހިނގާފާނެ ކަމުގެ ހެކި ދައްކާފަ
އެވެ. އެޕީލް ކޯޓްގެ ހުކުމާ ގުޅިގެން މުސްލިމް ހަތް ގައުމުން އެމެރިކާއަށް ރެފިއުޖީންގެ ގޮތުގައި ދާ މީހުންނާއި ޒިޔާރަތް ކުރުމަށް ދާ މީހުންނާއި ވިސާގައި ދަތުރުކުރާ މީހުންނަށް ވެސް ކުރިއެކޭ އެއްގޮތަށް ދަތުރުކުރަމުން ގެންދެވޭނެ އެވެ.