ހަބަރު

މެމްބަރު ނާޒިމްގެ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމްގެ މައްޗަށް ދައުލަތުން ކުރާ މަކަރާއި ހީލަތް ހެދުމުގެ ދައުވާތަކުގެ ހުރިހާ އަޑުއެހުންތަކެއް ސުޕްރީމް ކޯޓުން މިއަދު ނިންމާލައިފި އެވެ.

ސަރުކާރުގެ ހަތަރު ޕްރޮޖެކްޓެއް މަކަރާއި ހީލަތުން ކާމިޔާބު ކުރި ކަމަށް ބުނެ ހަތަރު ދައުވާއެއް ނާޒިމްގެ މައްޗަށް އުފުލި ނަމަވެސް ދަށު ކޯޓާއި ހައި ކޯޓުން ނިންމީ ނާޒިމް ކުށްވެރިނުވާ ކަމަށެވެ. އެ މައްސަލަތައް ދައުލަތުން އިސްތިއުނާފް ކުރުމުން ކުރިން ބޭއްވި އަޑުއެހުންތަކުގައި ވަނީ ބައެއް ހެކިވެރިން ހާޒިރުކޮށް، ސުވާލުކޮށްފަ އެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި ވަނީ ދެ ފަރާތަށް ވެސް މައްސަލައާ ގުޅޭގޮތުން ފަހު ބަސް ބުނުމުގެ ފުރުސަތު ދިނުމަށް ފަހު މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފަ އެވެ. އަދި އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް ކުރުން ކަމަށް ވެސް ބެންޗުން އިއުލާން ކުރެއްވި އެވެ.

ސަރުކާރު ހިންގާ ޕީޕީއެމަށް ނިސްބަތްވާ ނާޒިމަކީ ކުރިން މަޖިލީހުގެ ނައިބު ރައީސް ވެސް ކުރެއްވި ބޭފުޅެކެވެ. އަދި އޭނާއަކީ މިހާރުގެ ރައީސް އަބްދުﷲ ޔާމީނާއި ކުރިން ވަރަށް ގާތް ގުޅުމެއް އޮތް ބޭފުޅެކެވެ.