މޯލްޑިވިއަން އައިޑޮލް 2

ތިއޭޓާ ރައުންޑުގެ ކުރިންވެސް ރޮއްވީ، ފަހުންވެސް ރޮއްވީ

އެތައް ސަތޭކަ ބައިވެރިންގެ ތެރެއިން ފުރޭނިގެން މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްގެ ގޯލްޑެން ޓިކެޓް ހާސިލް ކުރި ބައިވެރިންގެ ހުނަރު އެންމެ ފުރިހަމަކޮށް ދައްކާލާނެ ފުރުސަތު ރޭ މިވަނީ ލިބިފަ އެވެ. އއ. މަތިވެރި ފަޅު ތެރޭގައި އޮންނަ ހިތް ފަސޭހަ ފިނޮޅުގައި ބައިވެރިން މިވަނީ ލަވަ ކިޔާ ޖަޖުން އުފާކޮށްދީ އަދި ދެރަވެސް ކޮށްލާފަ އެވެ. މުބާރާތުގެ އުސޫލު އޮންނަ ގޮތުން ބޭނުން ނޫން ނަމަވެސް ބައިވެރިންތަކެއް މުބާރާތުން ވަކިކުރުމަކީ ޖަޖުންގެ ހިތަށް އެންމެ އުނދަގުވާ ކަމެވެ. އަދި ކުރަން އުނދަގޫ ކަމެއްވެސް މެ އެވެ.

ކިތަންމެ އުނދަގޫ ނިންމުމެއް ނަމަވެސް ރޭ މިވަނީ 19 ބައިވެރިން މުބާރާތުން ވަކިވެ އަނބުރާ މާލެ އައިސްފަ އެވެ. މުބާރާތާއި ވަކިވި ނަމަވެސް މިއީ ލަވަ ކިޔުމުގެ ދާއިރާއިން ކުރިއަށް ދެވޭނެ އަދި ހުނަރު ހުރި ކުދިންނެވެ. ކޮންމެ އަކަސް ރޭގެ ޝޯގައި ބައިވެރިން ލަވަ ކިޔާފައިވަނީ ގްރޫޕްކޮށްނެވެ.

ގްރޫޕް ހުށަހެޅުންތަކުގެ ތެރެއިން ވިޔަސް މަގޭ އައިޑޮލް އަކީ މިއޭ ބުނާ ވަރުގެ ބައިވެރިންތަކެއް ފެނިގެން ދިޔަ އެވެ. އޮޑިޝަނުން "ފެވަރިޓެއް" ނުހޯދުނު ނަމަވެސް ރޭގެ ޝޯއިން އެކަން ކުރާނެ ފުރުސަތު ލިބިއްޖެ އެވެ.

ތިއޭޓާ ރައުންޑުގައި ލަވަ ހުށަހަޅައިދިން ގްރޫޕްތަކުގެ ތެރެއިން އާމިނަތު ޝިއުނާ، އަލްޔާ އަދި މުހައްމަދު އަކްރަމްގެ ގްރޫޕުން ޖަޖުން ހިންހަމަ ޖެހޭވަރަށް ހުށަހަޅައެއް ނުދެވުނެވެ. އެހެން ނަމަވެސް އަލްޔާގެ ޕާފޯމަންސްއަށް ޖަޖުން ތިބީ ހިންހަމަ ޖެހިގެންނެވެ. ތިއޭޓާ ރައުންޑްގެ ދެ ވަނަ ބައިން އަލްޔާ ފުރުސަތު ހޯދި އެވެ.

ޝައްފާން ޝަފީގާއި، އަހްމަދު މާއިޝް އަދި ސައްމާހުގެ ގްރޫޕެވެ. މި ގްރޫޕުންއެންމެ ރަނގަޅު ޓީމް ވޯކެއް ނުފެނުނެވެ. ޕްރެކްޓިސްގައި ޝައްފާންގެ ކިބައިން މާބޮޑު ސީރިއަސް ކަމަކާއި އެއްބާރުލުމެއް ނުލިބުމުން އަނެއް ދެ ބައިވެރިން ތިބީ ކޮންމެސް ވަރަކަށް ހިންހަމަ ނުޖެހި ތުންފިއްތައިގެންނެވެ. ރޭ އެންމެ ރީތިކޮށް ލަވަ ހުށަހަޅައިދިން ބައިވެރިންނަށް މުހައްމަދު ޔާމިން. މައުސޫފް މޫސާ އަދި މާދު އަދުނާނުގެ ލަވައަށް ނިކަން ބޮޑު ތަރުހީބެއް ޓުވިޓާގައި ލިބުނެވެ.

ލަވަކިޔުންތެރިޔާ ފާތުމަތު ޒޫނާގެ ދަރިފުޅު އަހްމަދު ނަބީލާއި އައިޝަތު ޖައިޝާ އަދި ޝަޒާ އަބްދުﷲ ގެ ލަވަވެސް ޖަޖުންނަށް އަދި ބެލުންތެރިންނަށްވެސް ވަނީ ވަރަށް ބޮޑަށް ކަމުގޮސްފަ އެވެ. މުބާރާތުގެ އުންމީދީ ބައިވެރިއެއްގެ ގޮތުގައި އޮޑިޝަނާއި ހިސާބުން ނަބީލް ފާހަގަ ކުރެވުނު އިރު ރޭ އެކަމަށް ވަނީ އިތުރު ޔަގީންކަމެއް ލިބިފަ އެވެ.

ޝަމްވީލް އަދި ހުނައިދާގެ ލަވަޔާ ދޭތެރޭ ޖަޖުން މާބޮޑު ހިންހަމަ ޖެހުމެއް ނެތެވެ. ދެ ބައިވެރިންނަށްވެސް ލަވައިގެ ލިރިކްސް އެއްކޮށް ކަހަލަ ގޮތަކަށް ކިޔުނީ ނުބައިކޮށެވެ. ނަމަވެސް ޝަމްވީލްގެ ހުށަހެޅުމަށް ޖަޖުން ތިބީ "އޯކޭ" ދީގެންނެވެ. އޭނާ ވަނީ ދެވަނަ ރައުންޑަށް ދަތުރުކޮށްފަ އެވެ. ހުނައިދާ މުބާރާތާއި ވަކިވީ އެވެ. މުހައްމަދު ރީހާން، އަބްދުﷲ ހިޝާން، އިބްރާހިމް ވަހީދު އަދި ނާއިލް ޝަރީފްގެ ލަވަ ރީތި ލަވައެއް ގޮތަށް ބައެއް މީހުން ސިފަކުރި އެވެ. އެންމެ ބޮޑު ފޭން ބޭސް އެއް ލިބުނު ބައިވެރިއަކަށް ހަމަގައިމުވެސް މި ގްރޫޕްގެ ހިޝާން ވާނެ އެވެ.

ދެން އޮތް ގްރޫޕަކީ ކުޑަ ދޮހޮއްކޮބޭ ނުވަތަ ނިއާމް އިބްރާހީމްގެ ގްރޫޕެވެ. ލަވައިގެ ވަކި ހިސާބަކުން އޭނާ ލިރިކްސް ހަނދާން ނެތުނު ނަމަވެސް ދެން ތިބި ބައިވެރިން ވަނީ ލަވަ ފުރިހަމަކޮށްފަ އެވެ.

އައިޝަތު އަޒަލް، ހަދީޖާ ވަދީފާ، ނިޝްފާ މުސްތަފާ ފާތިމަތު އޫޝާގެ ގުރޫޕަށްވެސް ޖަޖުން އެންމެ އުފާވާ ކަހަލަ ޕާފޯމެންސެއް ނުދެއްކުނެވެ. ލިރިކްސް ހަނދާން ނެތުނީ އެވެ. ގްރޫޕްގެ ބައެއް ބައިވެރިން އޮޑިޝަންގައި ރޮއްވާލާފައި ރޭގެ ޝޯގައިވެސް ރޮއްވާލީ އެވެ. އޫޝާ ވަނީ ޖަޖުންގެ ނިންމުމާ ދޭތެރޭ ހިންހަމަނުޖެހުންވެސް ފާޅުކޮށްފަ އެވެ. ޓީމް ގައިސް އައީ ވަރަށް ތައްޔާރުވެގެންނެވެ. އެމީހުން ބޭނުންވީ ލަވަ ކިޔުމުގެ އިތުރަށް ނަށާލާ ކުޑަކޮށް މަޖާވެސް ކޮށްލާށެވެ. އެކަން ވަރަށް ރަނގަޅަށް ކުރި އެވެ. ޓީމް ގައިސްގެ ހުށަހެޅުމަށް ޓީމުންވެސް ތިބީ ހިންހަމަ ޖެހިގެންނެވެ.

އަބްދުﷲ ތަސްނީމް (ބޮބް)، އަދި ހަމްދާން ހިމެނޭ ގުރޫޕުން ކީ ލަވައަށް ޓުވިޓާގައި ސަޕޯޓަރުން އޮތީ ތައުރީފު އޮއްސާފަ އެވެ. ޓުވިޓާގައި އަދި ޓޫވިޓާއިން ބޭރުގައިވެސް އެންމެ ބޮޑު ފޭން ބޭސްއެއް އޮތް ބައިވެރިއަކަށް އޭނާ ވާނެ އެވެ. ފަރާޝް އަދި ސަމާހުގެ ލަވަވެސް ވަރަށް ކަމުދިޔަ އެވެ. ފަރާޝް އާއި މޯލްޑިވިއަން އައިޑޮލް ސީޒަން އެކެއްގެ ބައިވެރިޔާ އަބްދުﷲ ސޯދިގު (ސޯދު) އާއި ވައްތަރުވެގެންވެސް އުޅުނެވެ.

ހަސަން އިރުފާން (ޒަކިއްޓޭ) ހިމެނުނު ގްރޫޕުންވެސް ރީތި ލަވައެއް ހުށަހަޅައިދީފައިވާއިރު ޝަނީޒާމެންގެ ގުރޫޕުން ހުށަހަޅައިދިން ލަވަވެސް ވަރަށް ފުރިހަމަ އެވެ.

ރޭގެ ޝޯގައި ބައިވެރިންނަށް ދިމާވި އެންމެ ބޮޑު މައްސަލައެއް ކަމަށް ފާހަގަކުރެވުނީ ލިރިކްސް ހަނދާން ނެތުމެވެ. ތިން ގުރޫޕަކަށް އެ މައްސަލަ ކުރިމަތިވެފައިވެ އެވެ. ރޭގެ ޝޯއިން 19 ބައިވެރިޔަކު ވަނީ މުބާރާތާއި ވަކިވެފަ އެވެ.

ޯމޯލްޑިވިއަން އައިޑޮލްގެ ތިއޭޓާ ރައުންޑުގެ ދެވަނަ ބައި މިރޭ އޮންނާނެ އެވެ. މި ރައުންޑު ނަގާފައިފަނީ އއ. މަތިވެރި ފަޅު ތެރޭގަ އެވެ. މިރޭގެ ޝޯއިން ޕިއާނޯ ރައުންޑަށް ދާ ބައިވެރިން އެނގޭނެ އެވެ. މި ބައިގައި ބައިވެރިން ލަވަ ކިޔާނީ ސޯލޯ ކޮށެވެ. އަދި ލަވަ ކިޔާނީ ލައިވް މިއުޒިކާ އެކުގަ އެވެ.