ކުޅިވަރު

ކީޕަރުން ތަމްރީން ކުރުމުގައި ދެގޮތެއް ނުވެ 25 އަހަރު

މިއީ ކީޕަރެއް ނޫނެވެ. ފުޓްބޯޅަ ކުޅުނު އިރުވެސް، ކުޅުނީ ޑިފެންޑަރަކަށާއި މިޑްފީލްޑަރަކަށެވެ. ހަމަލާ އުފެއްދުމުގައި، ޓީމުގެ ފޯވަޑް ލައިގައި ނުކުޅުނު ނަމަވެސް އޭނާ ވަނީ ބޮލުން ކީޕަރުން ކޮޅަށް ގިނަ ގޯލްތަކެއް ކާމިޔާބު ކޮށްފަ އެވެ. އަހްމަދު ރިޔާޒު ފުޓްބޯޅައިގެ ދަނޑުން ނަމަ "ގާނާ" ކީޕަރުން ތަމްރީން ކުރަން ފެށީ، ފުޓްބޯޅަ ކެރިއާގެ އެންމެ ޕީކް ދުވަސްވަރު، އޭނާ އަށް ލިބުނު އަނިޔާ އަކުން ކުޅުން ހުއްޓާލަން ޖެހުމުންނެވެ.

ކުޅުން ހުއްޓާލަން ޖެހުނު ނަމަވެސް، ފުޓްބޯޅަ އާއި ވިކްޓަރީ އޭނާ އަށް ބީރައްޓެއްސެއް ނުވި އެވެ. ފަހުން އޭނާ ނިކުތީ، އޭރު ވިކްޓަރީގެ މަޝްހޫރު ކީޕަރު އިސްމާއިލް ޒަރިޔަންދު ގޯލްގައި ބަހައްޓައިގެން ބޯޅަ ތަޅާށެވެ.

"އަށްޑިހަ ނުވަ ވަނަ އަހަރު، އަޅުގަނޑު ވިކްޓަރީ އަށް ކުޅެމުން ދަނިކޮށް ކަކުލަށް ލިބުނު އަނިޔާ އެއްގެ ސަބަބުން ކުޅުން ހުއްޓާލަން ޖެހުނީ، ދެން އެއް އަހަރު ބޭސް ކުރަށް އުޅެފައި ފައި ރަނގަޅުވުމުން ވިކްޓަރީގެ ތެރެއަށް އައިސް އަޅުގަނޑު ނިކުތީ ޒަރިއަންދު ގޮވައިގެން ޕްރެކްޓިހުގައި ބޯޅަ ތަޅަން،" އުމުރުން 21 އަހަރުގައި ލިބުނު އަނިޔާއާ ގުޅިގެން ކުޅުން ހުއްޓާލުމަށްފަހު ކީޕަރު ޓްރެއިނިންގެ ތެރެއަށް ވަދެވުނު ގޮތް ގާނާ ހިއްސާ ކުރި އެވެ.

ނަމަވެސް ވިކްޓަރީގެ ރަސްމީ އޮފިޝަލެއްގެ ގޮތުގައި، ގާނާ ނިކުތީ 1995 ވަނަ އަހަރު އެވެ. އެސިސްޓެންޓް ކޯޗްގެ ގޮތުގައި ހުރެވެސް ގާނާ މަސައްކަތަކަށްވީ، ކީޕަރުން ތަމްރީން ކުރުމެވެ.

ގާނާ އެ މަސައްކަތަށް ނުކުތުމުގެ ކުރިން، ޒަރިޔަންދާ އެކު ބޯޅަ ތަޅަން ހުންނަނީ ވިކްޓަރީގެ ކުރީގެ ކުޅުންތެރިޔާ ހަސަން ރަޝީދެވެ. ގާނާ ވެސް ބޯޅަ ތަޅަން ނިކުތީ ހަސަން އަށް އެހީ ތެރިވުމަށެވެ. ނަމަވެސް ފަހުން ގަވައިދުން އެކަން ކުރަމުން ގެންދިޔައީ ގާނާ އެވެ.

"ގާނާ ދުވަހަކުވެސް ގަޑިއެއް ނުޖެހޭނެ، ހުން އައިސްގެން، ބަލިވެގެން ނާދެވިވެސް ނުހުންނާނެ، ބަރާބަރު ގަޑިއަށް ހުންނާނެ، ވިކްޓަރީގެ ޕްރެކްޓިސް ހަތަރެއްޖަހާއިރު އޮންނައިރު ތިނެއް ޖަހާއިރު ނިކުމެ އަޅުގަނޑާއެކު ބޯޅަ ތަޅަން ހުންނާނެ،"

"ފަހަރެއްގައި މިހާރުގެ ބައެއް އެހެން ކީޕަރު ޓްރޭނަރުން ބުނެފާނެ ގާނާގެ ޓްރޭނިންތައް ކަމު ނުދެޔޭ، ނަމަވެސް އޭރު ވިކްޓަރީގައި ހުރެފައި އެހެން ޓީމުތަކަށް އަޅުގަނޑު ބަދަލުވީމަ، ދެން އިހްސާސް ކުރެވޭ ގާނާގެ ޓްރެއިނިންތައް ކިހާ ވަރުގަދަ ކަން،" ވިކްޓަރީގެ އިތުރުން ލެގޫންސް އައީ ނިއުރޭޑިއަންޓް އަދި ހުއްރިއްޔާ އަށްވެސް ކުޅުނު ޒަރިއަންދު ބުންޏެވެ.

ގޯލްކީޕަރު ޓްރެއިނަރުން މެދުވެރިކޮށް، އެންމެ ގިނައިން ކުރާ އެއް ކަމަކީ، އަތުން އެކި ދިމާތަކަށް ބޯޅަ އުކައި، އެކި ލެވަލުން ބޯޅަ ސޭވް ކުރުމަށް ކީޕަރަށް މަގުފަހި ކޮށްދިނުމެވެ.

ޒަރިއަންދު ބުނީ ގާނާ އަކީ އެއާ ތަފާތު ޓްރެއިނަރެއް ކަމަށާއި ޕްރެކްޓިހުގައި ގާނާ އެންމެ ގިނަ އިން ވަގުތު ހޭދަ ކުރަނީ ބާރު ބޯޅަ ތަކަށް ފަރިތަ ކުރުވަން ކަމަށެވެ. އަދި ގާނާ އަކީ ވަރަށް ބާރަށް ބޯޅައިގައި ޖަހާ މީހެއް ކަމަށް ޒަރިއަންދު ބުންޏެވެ.

"މެޗެއްގެ ކުރިން އޮންނަ ޕްރެކްޓިހުގައި ބުނާނެ އިދިކޮޅަށް ނިކުންނަ ޓީމެއްގެ މިވެނި ކުޅުންތެރިޔަކު ބޯޅަ ޖަހާނީ މިހެންނޭ، ހަމަ އެ ކުޅުންތެރިޔާ ޖަހާ ގޮތަށް ބޯޅަ ޖަހައި، އެ ބޯޅަތައް ދިފާއު ކުރަން އަޅުގަނޑުމެންނަށް ފަރިތަ ކޮށްދޭނެ، އެގޮތަށް ކޮންމެ ދުވަހަކު، ގޯލްގައި ބަހައްޓައިގެން 100 ބޯޅަ ގޯލަށް ޖަހާލާނެ،"

ގާނާގެ ދަށުން ތަމްރީން ވީ ޒަރިއަންދު އެކަންޏެއް ނޫނެވެ. މިހާތަނަށް ރާއްޖޭގެ އުފެދުނު އެންމެ މޮޅު ގޯލް ކީޕަރު، އިމްރާން މުހައްމަދުގެ ގޯލަށް އިދިކޮޅުން އުފައްދާ ހޫނު ހަމަލާތައް ދިފާއު ކުރަން ފަރިތަވީ ގާނާގެ ބާރު ބޯޅަތަކަށް ހާނުވާ ލުމުން ނެވެ.

ނުވަ އަހަރު ވަންދެން، ވިކްޓަރީގެ ގޯލް ބެލެހެއްޓި އިމްރާން، މިއަދު އެ ހިސާބަށް އާ ދެވުމުގައި ގާނާގެ ހިއްސާ އެބައޮތެވެ. އުމުރުން 21 އަހަރުގައި ވިކްޓަރީ އަށް ގެނެސް، ކޮންމެ ދުވަހަކު ހަވީރު ތިނެއް ޖަހާއިރު ދަނޑަށް ނެރެ، އިމްރާން ހާނު ވާލީ ގާނާގެ ބާރު ބޯޅަ ތަކުން ނެވެ. ހުދު އިމްރާންވެސް އެކަން ފާހަގަ ކުރެ އެވެ.

"އެއީ ފުޓްބޯޅައިގައި އަޅުގަނޑުގެ ބައްޕަ،" ގާނާ އާ ބެހޭގޮތުން ސުވާލު ކުރުމުން އިމްރާން ފުރަތަމަ ވެސް ބުނީ މިހެން ނެވެ.

"އަޅުގަނޑު މިހާ ހިސާބަށް އައުމުގައި، ގާނާ ހިއްސާ އޮންނާނެ، އަބަދުވެސް އެކަން އަޅުގަނޑު ހަނދާން ހުންނާނެ، އެއީ ގާނާގެ ޓްރެއިނިންގް ތަކުން މިއަދު މި ހިސާބުގައި މިހުރެވެނީ." އިމްރާން ބުންޏެވެ.

ގާނާގެ މަސައްކަތާ އެއްވަރަށް، އިމްރާންގެ ހިތްވަރާއި، ޝައުގުވެރިކަން ވެސް އެކަމަށް އޮތްކަން ގާނާ ފާހަގަ ކުރި އެވެ. އިމްރާން ގައުމީ ޓީމުން ރިޓަޔާ ކޮށްފި އެވެ. އޭނާގެ ޖާގަ ފޫބައްދާނެ އެ ފެންވަރުގެ އެހެން ކީޕަރަކު ނެތެވެ.

ނަމަވެސް، އިމްރާންގެ ފެންވަރަށް ދިއުމަށް ދާން ބޭނުންވާ ޒުވާން ކީޕަރުންނަށް ގާނާގެ މެސެޖެއް އެބައޮތެވެ. އެކަމަށް ޝައުގު ވެރިވެގެން، ހިތްވަރު ހުރި ކޮންމެ ކީޕަރަކު ދެ ވަނަ އިމްރާނަށް ހެދުމަށް ގާނާ ހުރީ ތައްޔާރަށެވެ.

"ކޮމިޓްމެންޓް ދީގެން މަސައްކަތް ކުރަންޏާ، އެފެންވަރަށް ކީޕަރަކު ގެންދިއުމަށް އަޅުގަނޑު މިހުރީ ތައްޔާރަށް، ނަމަވެސް އެ ހިތްވަރާއި ބުންވަރު އަދި ޝައުގުވެރިކަން ހުރެގެން އެކަން ކުރެވޭނީ،" ގާނާ ޔަގީން ކަމާ އެކު ބުންޏެވެ.

"ވަރަށް ގިނަ ކީޕަރުން ޓްރޭން ކުރަން އުޅެވިއްޖެ، ނަމަވެސް އިމްރާން ވަރުގެ ކީޕަރަކާ އަދި މިހާތަނަށް ދިމާވެފަ އެއް ނެތް، ޓްރެއިނިންތައް ކިތަންމެ ހާޑް ވެގެން ދިޔަސް ނުބުނާނެ މާ ހާޑޭ، އަދި ބުނި ކޮންމެ ގަޑިއަކަށް އަންނާނެ، ނިދި ހަމަ ކުރާނެ، ކެއުމުގައި ހަމަތަކާއި އުސޫލުތައް ބަރާބަރަށް ގެންގުޅޭނެ، އެ ހިތްވަރު ހުރި ކީޕަރަކު ހުރިއްޔާ އަންނަންވީ، ޔަގީން ކަން ދެން އެފެންވަރަށް ގެންގޮސް ދޭނަން."

ވިކްޓަރީގެ ހަޔާތުގައި އެ ކުލަބުން ފެނުނު އެންމެ ކާމިޔާބު ކޯޗް މައުރޫފް އަހްމަދު (މައްޓޭ) ގާނާ އަކީ ކީޕަރުން މޯޓިވޭޓް ކޮށްގެން ކުޅުވާ ޓްރޭނަރެއް ކަމަށެވެ.

"ގާނާގެ މަސައްކަތް ފެނިފައި ކީޕަރުން އިންސްޕަޔާ ވާވަރުގެ ފިގާ އެއް އެއީ، އަދި ގާނާގެ މޯޓީވޭޝަން ވާނެ ވަރަށް މުހިންމު ހިއްސާ އަކަށް، ވިކްޓަރީގެ ވަރަށް މުހިންމު އެސެޓެއް އެއީ." މާއްޓޭ ބުންޏެވެ.

ގާނާގެ ހާއްސަ އެހެން ކަމެއްވެސް އެބައޮތެވެ. ގާނާ އަކީ، ވިކްޓަރީގެ ކުރީގެ ދެ ކޯޗުން ކަމަށްވާ، އަލީ ސުޒޭން އާއި މުހައްމަދު ނަޒީހާއި އަދި މިހާރުގެ ބޯޑު މެންބަރު އިބްރާހިމް ޝިނާޒުގެ އެއްބަނޑު އެއްބަފާ ބޭބެ އެވެ. ގާނާ އެކޭ އެއްގޮތަށް އެ ތިން މީހުނަކީ ވިކްޓަރީ އަށް ކުޅުނު ތިން ކުޅުންތެރިންނެވެ. އެހެންވެ އޭނާގެ ހިތުގައި ވިކްޓަރީ އަށް ހާއްސަ ލޯތްބަކާއި ގަދަރެއް އެބަ އޮތެވެ. މެދުކެނޑުމެއް ނެތި މިހާ ގިނަ މުއްދަތެއްގައި ރާއްޖޭގެ ކުލަބަކަށް ހިދުމަތް ކުރަމުންދާ ދެ ވަނަ އެހެން ޝަހުސިއްޔަތެއް ގާނާ ނޫނިއްޔާ ދިވެހި ފުޓްބޯޅަ އިން ފެންނާ ކަށް ނެތެވެ.

"ވިކްޓަރީގައި އަޅުގަނޑުގެ ދެ ހައިސިއްޔަތަކުން ގާނާ ދުށިން، އެއީ ވިކްޓަރީގެ ކީޕަރަކަށް އަޅުގަނޑު ހުރިއިރު، އަޅުގަނޑަށް ޓްރެއިނިން ދިން ޓްރޭނަރު، ދެން އަޅުގަނޑު ވިކްޓަރީގެ ޖެނަރަލް ސެކެޓްރީ ކަމަށް 2012 ގައި އައި އިރުވެސް ގާނާ ހަމަ އެ މަސައްކަތުގައި އުޅޭ، އަޅުގަނޑަށް ފާހަގަ ކުރެވެނީ ވިކްޓަރީ އަށް ވަރަށް ހާއްސަ ލޯތްބެއް އޮންނަ ބޭފުޅެއްގެ ގޮތުގައި." ޒަރިޔަންދު ބުންޏެވެ.

ވޭތުވެދިޔަ 25 އަހަރު ވިކްޓަރީގެ ބޯޑަށް އެކި ބަދަލު ތައް އަތުވެއްޖެ އެވެ. އެކި މޫނުތައް ވިކްޓަރީގެ ރިޔާސަތާ ހަވާލު ވެއްޖެ އެވެ. ކުޅުންތެރިންނާއި ކޯޗުން ސްޓާފުން ބަދަލު ވެއްޖެ އެވެ. ކުލަބު ގައި އަދާ ކުރާ މަސްއޫލިއްޔަތާއި ޓާސްކް ތައްވެސް ބަދަލު ވެއްޖެ އެވެ. ނަމަވެސް، ބަދަލު ނުވި އެއްކަމެއް އެބަ އޮތެވެ. ނަވާރަސްތޭކަ ނުވަދިހަ ދޭއް ގައި. ކީޕަރުން ތަމްރީން ކުރަން ގާނާ ފެށި މަސައްކަތަށް އަދިވެސް ބަދަލެއް ނާދެ އެވެ. އޭނާ އަދި ވެސް އެ މަސައްކަތުގައި ދެގޮތެއްނުވެ ދެމިއެބަ ހުންނަވަ އެވެ.