ވެރިރަށް މާލެ އަކީ ދުނިޔޭގައި ވެސް އޮތް އެންމެ މީހުން ގިނަ ސިޓީ އެވެ. މި "ލަގަބު" ގެ އަޖުމަ ބެލުމަށް ރެކޯޑް ފޮތެއް ބަލާކަށް ނުޖެހެ އެވެ. ގޭބީސީ ތަކުން ފެށިގެން، މަގުތަކާއި އާންމުން އެއްވެ އުޅޭ ތަންތަނަށް ނަޒަރެއް ހިންގާލުމުން ސާފުވާނެ އެވެ.
އާބާދީގެ ބޮޑުބައި މާލޭގައި ދިރިއުޅޭ އިރު، އެއްޗެއް ގަންނަންވިޔަސް ނޫނީ ހިދުމަތެއް ހޯދަންވިޔަސް ކިޔޫ އެއްގައި ޖެހިގެން ނޫނީ އެކަމެއް ވާނެ ހަމަ އެއްވެސް އިތުރު ގޮތެއް ނޯވެ އެވެ. ފިހާރާއިގެ ކައުންޓަރުތަކުން ފެށިގެން ބޭންކުތަކާއި، ޕެޓްރޯލް ޝެޑްތަކާއި، ހޮސްޕިޓަލުތަކުގައި ވެސް ބޮޑެތި، ދިގު ކިޔޫ ތަކެވެ.
ނަމަވެސް، ކިޔޫ ގައި ޖެހެންޖެހޭ ވަރު ގިނަ ކަމަށް ބަލާއިރު، ދިވެހިންނަށް ކިޔޫ ހެދުމުގެ ވައްޓަފާޅި އެއްވެސް ވަރަކަށް ތަޖުރިބާ ކުރެވިފައި ހުރިހެނެއް ހިއެއް ނުވެ އެވެ.
ގިނަ ފަހަރު ބަލާ ބެލުމަށް ހީވަނީ މާލޭގައި އުޅެނީ އަލަށް ކިޔޫ ހަދާ މީހުން ހެން އެވެ. ކިޔޫގައި ހޭދަ ކުރަންޖެހޭ ވަގުތު ގިނަ ވުމުން، ތިމާގެ ނަންބަރު ޖެހުމާއެކު "ބަދަލު ހިފާލާ" ރޫހެއް ގެންގުޅޭތަން ވެސް ވަރަށް އާންމެވެ.
އެއާ ހިލާފަށް ކިޔޫގައިޖެހޭ އެންމެންވެސް ފަހަތުގައި ތިބި މީހުންނަށް ކުޑަކޮށް ވިސްނާލައިފިނަމަ، ކިޔޫގައި ޖެހިގެން ހުންނަންޖެހޭ ވަގުތު ވަރަށް ބޮޑުތަން މަދުކޮށްލެވޭނެ އެވެ.
އެއްޗެއް ގަންނަން ނޫނީ ހިދުމަތެއް ހޯދާއިރު، އެ އެއްޗަކަށް ނޫނީ ހިދުމަތަކަށް ފައިސާ ދައްކަންޖެހޭ ކަން ކަށަވަރެވެ. އެކަމަކު ގިނަ މީހުން ވޮލަޓު ނޫނީ ޕާސް ނަގަން ހިތަށްއަރާނީ ވެސް، ކައުންޓަރުގައި ހުންނަ މުވައްޒަފަކު އަތް ދިއްކޮލުމުންނެވެ. މިސާލަކަށް ރަތް ދަކަ އަވީގައި ޕެޓްރޯލް ޝެޑުތަކުގައި ކިޔޫ ހަދައިގެން ތިބޭ އިރު އާންމުކޮށް މިއީ ފެންނަ މަންޒަރެކެވެ.
ޕެޓްރޯލް އަޅާ ނިމިގެން، ފައިސާ ދައްކަން "މަސައްކަތް" ފަށާނީ، ސައިކަލު ދެބުރައް ތަޅުވާލާފަ، ކެޕު ޖަހާ ނިމިގެން، ބެގީ ރަނގަޅުކޮށް، ދެން އިތުރު ގޮތެއް ނެތުނީމަ އެވެ. އަދި އެވަރުން ވެސް ނިމުނީ އެއް ނޫނެވެ. ދެން ވޮލަޓު ހާވާނީ ކުދި ލާރިކޮޅު ހޯދާށެވެ. ބާކީ ލާރިކޮޅު ލިބެންދެން، ފަހަތުގައި ހުރި މީހާއަށް ޖާގަ ދޭން، ސައިކަލު ތަންކޮޅެއް ދުރަށް ޖައްސާލާނީ ވެސް މަދު މީހެކެވެ.
ފިހާރަތަކުގެ ކައުންޓަރު ތަކުގައި ވެސް ހަމަ އެއް ހަމަ އެވެ. ގިނަ މާޓުތަކުގައި ގަތް ސާމާނަށް އަރާވަރު ކުރިމަތީގައި ފެންނަން ހުއްޓަސް، ބާރު ޖިންސުގެ ފަހަތު ޖީބުން ވޮލަޓު ނަގަން ނޫނީ ޕާސް ހޯދަން "އުމަރު އައްޔާރުގެ ސުންބުލި" ފަދަ އަތްދަބަހުގެ ތެރެއަށް ފީނައިގަންނާނީ، ސާމާނު ކޮތަޅަށް ވެސް އަޅާ ނިމުމުންނެވެ.
ބޭންކުތަކާއި ހޮސްޕިޓަލުތަކުން ހިދުމަތް ހޯދާއިރު، ގޮނޑިން ތެދުވާނީ ބޯޑަށް ނަންބަރު އެރުވީމަ އެވެ. ދެން ކައުންޓަރާއި ހަމައަށް ފަރި، ނަލަ، މަޑު ފިނީގެ ހިނގުމެއްގައި ދެވޭއިރު އެތައް ބުރަކަށް ބޯޑަށް ނަންބަރު އަރާ، ބައެއް ފަހަރު ނަންބަރު ކަޓާ ފަހަރުވެސް މަދެއް ނުވާނެ އެވެ.
މަހުގެ އެކި ހިސާބުތަކުގައި، އޭޓީއެމްތަކަށް ވަރަށް ބާރު ބޮޑުވާކަމީ އެންމެވެސް ދަންނަ ހަގީގަތެކެވެ. ކިޔޫތައް ދިގުލައިގެން މުޅިތަން ތޮއްޖެހޭ ދުވަސްތައް ވެސް ގިނަ އެވެ. މީގެ ފަހަތުގައި ވެސް އޮންނަނީ ގިނަ މީހުންގެ އަމަލުތަކެވެ. ތިން ހަތަރު ކޭޝް ކާޑުން ފައިސާ ނަގާށެވެ. ނޫނީ ހައެއްކަ ޗެކު ނުވަތަ އެކި އެކައުންޓުތަކަށް ހާހުން ފައިސާ ޖަމާކުރާށެވެ.
ދެން އޮތީ މަގުމަތީގައި ޖެހޭ ކިޔޫ އެވެ. ލޮރީ އަކުން މުދާ އަރުވާ ބާލަންދެން، ނޫނީ ޓެކްސީ އަކުން މީހުން ފައިބަންދެން މަގުމަތީގައި މަޑުކުރަންޖެހޭ ވެލިކަލް ކިޔޫ ތަކެވެ. ޓެކްސީ ތަކުން ދަތުރުކުރާ މީހުން، ކުރިން ވެސް ފާހަގަކުރި ފަދައިން، ޓެކްސީ އަށް ލާރި ދައްކަންޖެހޭ ކަން ރޭކާލާނީ، ދާން ބޭނުންވާ މަންޒިލަށް ގޮސް މަޑު ކުރުމުންނެވެ.
ވޮލަޓު ނޫނީ ޕާސް ހާވައިގެން ލާރި ދައްކައިގެން، ޓެކްސީ ޑްރައިވަރު ބާކީ ހަމަކޮށް، ޓެކްސީން ފޭބޭއިރު، ފަހަތުގައި ތާށިވެފައި ތިބި ވެހިކަލްތަކުގެ ބަރުގޮނުތަކުން އޭރު އޮންނާނީ މުޅި ސަރަހައްދު ގުގުމާލާފަ އެވެ.
ކޮންމެ މީހަކު ވެސް ދިގު ކިޔޫ އެއްގައި ޖެހެން ފޫހިވެ އެވެ. ޝަކުވާ ވެސް އިންތިހާއަށް ކުރެ އެވެ. ކިޔޫގައި ގިނައިރު ވެގެން އެތަނެއްގެ މުވައްޒަފުންނާ ދިމާލަށް ހަޑިހުތުރު ބަހުން މުއާމަލާތް ކުރާ ފަހަރު ވެސް ގިނަ އެވެ. އެކަމަކު ތިމާގެ އަމިއްލަ ނަންބަރު ޖެހުމުން، ކިޔޫގައި ހޭދަކުރަންޖެހުނު ވަގުތު އެއްވެސް މީހަކު ހަނދާންނެތޭ ކަހަލަ އެވެ. ކިޔޫގައި ހޭދަ ކުރި ވަގުތުގެ ބަދަލުހިފުމުގެ ގޮތުން ކައުންޓަރުގައި ހޭދަކުރަން އުޅޭތަން ވެސް ބައެއް ފަހަރު ސިފަވެ އެވެ.
އެކަމަކު، އޭގެ ބަދަލުގައި ކޮންމެ މީހަކު ވެސް، އަމިއްލަ ނަންބަރު ޖެހުމުން، ވީއެންމެ އަވަހަކަށް ކައުންޓަރު ދޮށަށް ގޮސް ނޫނީ ލާރި ދައްކަންޖެހޭ ކަން ހަނދާނުގައި ބަހައްޓައިގެން، ކުރީ ބައިގަ ވޮލަޓު ނޫނީ ޕާސް ނަގައިގެން ހުރެއްޖެނަމަ، އަވަހަށް ފައިސާ ދެއްކޭނެ އެވެ. އެއާއެކު ފަހަތުގައި ހުންނަ މީހާއަށް އަވަހަށް ފުރުސަތު ދެވުނީ އެވެ.
މިގޮތަށް ކޮންމެ މީހަކަށް ހިދުމަތްދެވޭ ދުވެލި އެންމެ މިނެއްޓު ކޮޅެއް އަވަސް ކުރެވުނަސް، އޭގެ ހެޔޮ އަސަރު މުޅި ކިޔޫ އަށް ފޯރާ، އެންމެން ވެސް ކިޔޫގައި ހޭދަ ކުރާ ވަގުތު ކުރުކޮށްލެވުނީ އެވެ.