ކުޅިވަރު

ޓީޓީގެ އާޖީލު ބިނާ ކުރުމަށް އުންމީދީ މަޝްރޫއުއެއް

ރާއްޖޭގެ ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ރައީސް ކަމާ، މިހާރު ގެ ރައީސް އަލީ ރަޝީދު (އައްޔަ) ހަވާލުވެ، އޭނާގެ ވައުދު އަމާޒު ކުރި ދެ ދާއިރާއަކީ، ޓީޓީގެ ގްރާސް ރޫޓް ހަރުދަނާ ކުރުމާއި އަތޮޅު ތެރެ އަށް ޓިޓީ ފުޅާ ކުރެއްވުމެވެ. ޔޫތު ޑިވްލަޕްމެންޓް ޕްރޮގްރާމަކީ، މިހާރު ވެސް ހިނގަމުން ދާ ދެ ޕްރޮގްރާމެކެވެ. ޔޫތު ޑިވްލަޕްމެންޓް މަސައްކަތަށް ވެސް އާ ހިޔާލާއި، އާ ބަދަލު ތައް ބޭނުންވެ އެވެ. ޓީޓީ އަށް ޒުވާން ސިކުނޑިތައް ޝައުގުވެރި ކުރަން ބަދަލު ތައް ބޭނުންވެ އެވެ.

ޓީޓީ އެސޯސިއޭޝަން ހިންގަވަން ތިއްބެވި ފަރާތްތަކަކީ، ޒަމާނީ ވިސްނުމާއި ބަދަލަށް ފަރިތަ ބޭފުޅުން ކޮޅެކެވެ. އެހެންވެ ގެންނަން ޖެހޭ ބަދަލާއި ތާރަފު ކުރަން ޖެހޭ ކަންކަން، އެކަށޭނެ ވަގުތުގައި ތަންފީޒު ކުރުމުގެ ވިސްނުން ހުރިކަން ހާމަ ވެގެން ދިޔަ އެއް ހަރަކާތަކީ، ކުޑަ ކުދިންނަށް ހާއްސަކޮށްގެން ބޭއްވި ފުރަތަމަ ޓީޓީ ކޭމްޕެވެ.

"ޕްލޭ ލާން އެންޑް ފަން" ނުވަތަ މަޖާ މާހައުލެއްގައި ކުޅުމުގެ ތެރެއިން އުނގެނުމުގެ ފުރުސަތުވެސް ލިބިގެންދާ ގޮތަށް ކުރިއަށް ގެންދިޔަ ހަރަކާތްވީ ކޭމްޕްގައި ބައިވެރިވި ކުޑަ ކުދިންނަށް ވަރަށް ކަމުދިޔަ ހަރަކާތަކަށެވެ.

"އަޅުގަނޑުމެން މަޝްވަރާ ކޮށްފަ ނިންމީ، ވައިޑީޕީ ޕްރޮގްރާމަށް ކުދިން ޝައުގުވެރި ކުރުމަށް އާ ގޮތަކަށް ހަރަކާތެއް ހިންގަން، ޕްލޭންތަކެއް ހެދިގެން އެ ޕްލޭނާ އެއްގޮތަށް، ހަރަކާތް ހިންގުނީމަ ބައިވެރިވި ކުދިންނަށާއި އެ ކުދިންގެ ބެލެނިވެރިންނަށް ވަރަށް ކަމުދިޔަ ހަރަކާތެއް މިއީ،" ޓީޓީ އެސޯސިއޭޝަންގެ ރައީސް އައްޔަ ވިދާޅުވި އެވެ.

ސޯޝަލް ސެންޓަރުގައި ހުންނަ ޓީޓީ ހޯލް ގައި ކުރިއަށް ގެންދިޔަ ހަރަކާތް ހިންގާފައި ވަނީ، ރާއްޖޭގެ ގައުމީ ޓީޓީ ކުޅުންތެރިންގެ ހުނަރު ދައްކާލައި، ވީޑިއޯ ޕްރެސެންޓޭޝަން މެދުވެރިކޮށް އާ މައުލޫމަތުތައް ފޯރުކޮށް ދިނުމުގެ ތެރެއިން ނެވެ.

'މި ހަރަކާތަށް ލިބުނު ތަރުހީބު ވަރަށް ބޮޑު، އަދި މި އަހަރު ތެރޭ މިކަހަލަ އިތުރު ހަރަކާތްތަކެއް އަޅުގަނޑުމެން ކުރިއަށް ގެންދާނަން،" އައްޔަ ވިދާޅުވި އެވެ.

އަތޮޅު ތެރެއަށް ޓިޓީ ފުޅާ ކުރުމުގެ ހަރަކާތުގެ ތެރެއިން، މިހާރުވެސް އެ އެސޯސިއޭޝަނުން ވަނީ، ރާއްޖޭގެ ދެ ސަރަހައްދަކަށް ޓީޓީ ކުޅޭ މެޒާއި ސާމާނު ފޮނުވައި، ޓީޓީގެ ހަރަކާތްތައް ފަށާފަ އެވެ. އަދި އެސޯސިއޭޝަން ތަމްރީން ކުރި ކޯޗުންގެ ބެލުމުގެ ދަށުން ދަނީ، ޕްލޭނެއްގެ ދަށުން ޕްރޮގްރާމް ހިންގަމުން ނެވެ.

"އަތޮޅު ތެރޭގައި މިހާރު ޕްރޮގްރާމް ފެށިފައި ހުރި ރަށްރަށުން ކޮންމެ މަހަކު، އެ ރަށެއްގައި ހިންގާ ހަރަކާތްތަކުގެ ރިޕޯޓް ފޮނުވަން ޖެހޭނެ، އަދި ހަރަކާތްތައް ހިންގަމުން ދަނީ ސީދާ އެސޯސިއޭޝަނުން އެކުލަވާލާފައިވާ ޕްރޮގްރާމްގެ ދަށުން، އޭރުން އެސޯސިއޭޝަނުން ވާސިލުވާން ބޭނުވާ ލަނޑުދަނޑިއާއި އަތޮޅު ތެރޭގަ ހިންގާ ހަރަކާތްތައް ދާނީ ގުޅި ލާމެހިގެން އެއް މިސްރާބަކަށް."

މި ހަރަކާތްތައް މިގޮތުގައި ކުރިއަށް ގެންދެވި ފުޅާ ކުރެވިއްޖެނަމަ ރައްޖޭގެ ޓީޓީގެ ކުރިމަގުން ފެންނާނީ އުޖާލާ މަންޒަރެކެވެ. ބޭނުން ވަނީ އެ މަސައްކަތަށް ހީނަރު ކަމެއް އަޔަ ނުދީ ކުރިއަށް ގެންދިއުމެވެ.