ލައިފްސްޓައިލް

ކޮންމެ މުނާސަބަތަކަށް ހާއްސަ ސެންޓެއް

Feb 13, 2017
4

ޖަހައިގެންދާ ސެންޓުގެ ވަހުން މީހެއްގެ ހިތް ބަދަލު ވެދާނެކަން އެނގޭ ހެއްޔެވެ؟ ސެންޓަކީ ތިމާއަކީ ކޮން ކަހަލަ މީހެއްކަން ވަކި ކުރަން އެނގޭފަދަ، ބާރެއް ލިބިފައިވާ އެއްޗެކެވެ.

އަނބިމީހާ ނުވަތަ ލޯބިވެރިޔާ އަށް ހަދިޔާއަކަށް ދޭން ވެސް މިއީ އެންމެ ހާއްސަ އެކައްޗެވެ. ލޯބިން ދިއްކޮށްލާ ރަތް ފިނިފެންމަލުގެ ވަހަށްވުރެ ސެންޓުފުޅީގެ ވަސް ލޯބިވެރިންގެ ހިތުގައި މާބޮޑަށް ބިންވަޅު ނެގިގެންދާނެ ކަން އެނގޭހެއްޔެވެ؟ އެހެންވީމަ ދެން ފަހަރަކުން ވެސް ލޯބިވެރިއަކަށް ރަނގަޅު ސެންޓުފުޅިއެއްދޭން ހަނދާން ބަހައްޓައްޗެވެ.

ނަމަވެސް "ބެޓާ ހާފް" އަށް ދޭ ސެންޓުފުޅިއަކީ މީރުވަހެއް ދުވާ ރަނގަޅު ސެންޓުތޯ ޔަގީން ކުރަންވާނެ އެވެ. ނޫންނަމަ މޫނު އަނބުލާފައި ހިނގައިދާނެ އެވެ.

ސެންޓަށް އަހަރެމެން ދިވެހިންގެ ތެރޭގައި ވެސް ހާއްސަ ލޯތްބެއް ދެވިފައިވާއިރު، ގިނަ ފަހަރު ގަނެވެނީ ތިމާއާ ގުޅޭ ސެންޓުތޯ އަބަދުވެސް ބަލަންވާނެ އެވެ. ސަބަބަކީ ބައެއް ފަހަރު އެހެންމީހުންނާއި ގުޅޭ ނުވަތަ މީރުވަސްދުވާ ސެންޓު ތިމާގެ ހަމާއި ނުގުޅިދާނެ އެވެ. އަދި އެ ސެންޓުގެ ވަސް އަމިއްލަ ގަޔަށް ޖެހުމުން ބަދަލު ވެސް ވެދާނެ އެވެ. ސަބަބަކީ ބައެއް މީހުންގެ ގައިގައި ސެންޓުގެ ވަސް ގަދަޔަށް ހިފާފައި ހުރެ އެވެ. އަދި އަނެއްބައިމީހުންގެ ހަމާއި ޖަހާ ސެންޓާއި ނުގުޅޭ ގޮތްވެ އެވެ. އެހެން ކަމުން ސެންޓު ގަންނަން ދާއިރު މިކަމަށް ހާއްސަ ސަމާލު ކަމެއް ދޭންވާނެ އެވެ.

ލޯބިވެރިޔާ ނުވަތަ އަންހެނުނާއެކު ޑޭޓަކަށް ދާނަމަ ވެސް އިޚުތިޔާރު ކުރަންވާނީ ހަމަ އެހާމެ ލޯބި ސެންޓެކެވެ.

މިގޮތުން ޑިސެޔަރ ބައި ޑަންހިލް، ގުޗީގެ ގިލްޓީ ބައި ގުޗީ، ޑިއޯގެ ސަވޭޖް ނުވަތަ ޕެކްރަބާންގެ އިންވިކްޓަސް އަކީ ހިތްގައިމު މީރުވަހެއްދުވާ ސެންޓު ތަކެވެ. މީގެއިތުރުން ރޭގަނޑު ޖަހާލަން ޑޮލްޗޭ އެންޑް ގަބަނާ ދަ ވަން އަކީ ހަމަ ހަގީގަތުގައި ވެސް އެއްވަނައިގެ ސެންޓެކެވެ.

އޮފީހަށްދާއިރު ޖަހާލަން މޮންޓް ބްލަންކް އިންޑިވިޖުއަލް އަދި ކްލިނިކް ހެޕީ އަކީ އެންމެ ރަނގަޅު އެއް ޗޮއިސްކަން ޔަގީނެވެ.

މީގެ އިތުރުން ފްރެޝް ވަހެއް ދުވާ ސެންޓެއް ބޭނުންވާނަމަ ޖޫޕް އަކީ ހަމަ "ވައު" އޭ ބުނާވަރުގެ ހިތްގައިމު މީރުވަހެއް ދުވާ ސެންޓެކެވެ.

އަންހެން ކުއްޖަކު ނަމަ، ލެންކޮމްގެ ލަވިއެސްޓެބެލް، މިޑްނައިޓް ރޮމޭންސް، ގުޑްގާލް، ޑީއެންޑް ޖީގެ ލެމްޕެރަޓްރިސް3 ، ގުޗީގެ ފްލޯރާ، ޕެކްރަބާންގެ އޮލިމްޕިއާ، އާރްމާނީ ސީ އަދި މާކް ޖެކޮބްސްގެ ޑެއީސީ ކިސްއަކީ ހިތް އަތުލާ ފަދަ މީރުވަހެއް ދުވާ ސެންޓުތަކެވެ.

ރާއްޖޭގައި ސެންޓުޖަހާ ޒުވާން ފިރިހެން ކުދިންގެ ތެރޭގައި އެންމެ ފޭވަރިޓް ސެންޓުތަކުގެ ތެރޭގައި ބްލޫ ދި ޝެނަލް، ޑިއޯ ސަވޭޖް، އިންވިކްޓަސް ބައި ޕެކްރަބާން، ސެންޑަރ ފޯ މެން އަދި ޗިކް ފޯ މެން ފާހަގަ ކޮށްލެވެ އެވެ.

މިގޮތުން އަންހެން ކުދިންގެ މެދުގައި ފަހަކަށް އައިސް އެންމެ މަގުބޫލުވި ސެންޓު ތަކުގެ ތެރޭ މިދިޔަ އަހަރު ކެރޮލިނާ ހެރޭރާއިން ނެރުނު ގުޑް ގާލް ފާހަގަކޮށްލެވެ އެވެ. މީގެއިތުރުން ޕެކްރަބާންގެ އޮލިމްޕިއާ، ސީ ބައި އާރްމާނީ، ޓްރެޒަރ މިޑްނައިޓް ރޯސް، ފްލޯރާ ބައި ގުޗީ އަދި ލަވިއެސްޓެބެލް ހިމެނެ އެވެ.

މީހެއްގެ ހިތް އަތުލަން ނިޔަތްގަނެގެން އުޅޭނަމަ ނުވަތަ ޑޭޓަކަށް ދާނަމަ އަބަދުވެސް މީރުވަސް ދުވާ ސެންޓެއް ޖަހައިގެންދާން ހަނދާން ކުރަންވާނެ އެވެ. މިއީ ތިމާގެ މުޅިޝަޚުސިއްޔަތު ދައްކާލަން ލިބޭނެ ޗާންސެއް ގޮތުގައި ދެކިގެންނެވެ. އަދި ދާއިރު ދާންވާނީ ލޯބިވެރިޔާއަށް ދޭންވެސް މީރުވަސްދުވާ ސެންޓުފުޅިއެއް ހިފައިގެންނެވެ. އޭރުން އިތުރު ބޯނަސް ޕޮއިންޓެއް ލިޭބެނެކަން ޔަގީނެވެ.