ދިވެހި ސިނަމާ

އަހަރުގެ ބޮޑު ފިލްމް ނޯޓީ 40

މިއަހަރަކީ އޮލިމްޕަހަށް ބިޒީ އަހަރަކަށް ވާނެ އެވެ. އޯޑިއަންސްގެ ހިތް ދަމައިގަންނާނެ ފަދަ ފިލްމްތަކެއް އުފެއްދުމަށް ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުން މި ވަނީީ ފޫގަޅައިލައިފަ އެވެ. މިދިޔަ އަހަރު ހެއްވާލައިގެން ނިންމާލާ ހިނިތުންވުމާއެކު އާ އަަހަރު ފަށައިދިން ފިލްމު "ބައިވެރިޔާ"ގެ ޕްރޮޑަކްޝަން ޓީމް އެންވިޝަން އަދި ޔޫއްޕެ ޕްރޮޑަކްޝަނުން މިވަނީ މުޅިން އާ ފިލްމެއް މިއަހަރަށް ލޯންޗުކޮށްފަ އެވެ.

"ނޯޓީ ފޯޓީ"ގެ ނަމުގައި ހަދާ ފިލްމަކީވެސް ބައިވެރިޔާ އެކޭ އެއް ފަދައިން މަޖާ ފިލްމަކަށް ވާނެ އެވެ. އެކަމަކު މި ފިލްމުގައި ލޯތްބާއި، އަސަރު ފެނިގެންދާނެ އެވެ. ފިލްމު ލޯންޗުކުރުމަށް ރޭ ފިލްމު ޕްރޮޑިއުސް ކުރުމުގެ އިތުރަށް ޑައިރެކްޓްކުރާ ޔޫސުފް ޝަފީއު (ޔޫއްޕެ) ބުނީ "ނޯޓީ ފޯޓީ" އަކީ މިއަހަރުގެ ބޮޑު ފިލްމަށް ވެގެންދާނެ ކަމަށެވެ.

މި ފިލްމުން 18 ތަރިން ފެނިގެންދާނެ އެވެ. އޭގެ ތެރޭގައި ޔޫއްޕެ، އަހްމަދު ސައީދު އާއި އޭނާގެ އަންހެނުން ފާތިމަތު އާޒިފާ (އަޒޫ)، އަލީ ސީޒަން، މުހައްމަދު މަނިކު، ނިއުމާ މުހައްމަދު، އަލީ އާޒިމް (ދޮން އައްޔަ)، އިބްރާހިމް ޖިހާދު (ޖިމީ) ފެނިގެންދާނެ އެވެ. އަދި މަރިޔަމް އައްޒަ، މުހައްމަދު ރިފްޝާން (ރިއްޕެ) އަދި އުމަރު އަޝްފާގް، އަރްޝަމް، އަލީ ޝާހިދު (ސްޓެޕް އައްޔަ)، އަހްމަދު ޝަރީފް، ގުލިސްތާނު ވެސް ފެނިގެންދާނެ އެވެ. އަދި ޑާކްރެއިން އެންޓަޓެއިންމަންޓްގެ "ވާށޭ މަށާ އެކީ" އިން ފެނިގެން ދިޔަ މާރިއާ ތެރީސާވެސް ފެނިގެންދާނެ އެވެ. މި ފިލްމުން ފެންނަ އަހްމަދު ޝަރީފް އަދި ގުލިސްތާނަކީ އަލަށް މި ދާއިރާއަށް ނުކުންނަ ތަރިން ތަކެކެވެ. ނުޒުހަތުގެ ހުނަރު އަންނަ މަހު އަޅުވާ "މަލިކާ" އިން ފެނިގެންދާނެ އެވެ.

ށ. މިލަންދޫ އަދި މާލޭގައި ޝޫޓުކުރާ މި ފިލްމުގައި ފެނިގެންދާނީ އުމުރުން 40 އަހަރުން މަތިވެފައިވާ ބަޔަކަށް ދިމާވާ ކަންތައްތަކެކެވެ. އުމުރުން 40 އަހަރުން މަތީގެ ރޯލު ކުޅޭ ސީޒަން، ޔޫއްޕެ އަދި ސައީދުގެ ދެ ރޯލެއް ފެނިގެންދާނެ އެވެ. އެއީ އެމީހުންގެ އުމުރުން 19 ވަރަކަށް އަހަރުގެ މަންޒަރުތަކެކެވެ. އެބައިތައް ނަގާނީ މާލޭގަ އެވެ. ފިލްމުގައި ހަ ލަވައެއް ހިމެނޭނެ އެވެ. ފިލްމުގެ ޝޫޓިން އަށް އަންނަ ބުދަ ދުވަހު މިލަންދޫއަށް ފުރާނެ އެވެ.

މި ފިލްމު ބެލުންތެރިންނަށް ފެންނާނީ އޯގަސްޓް މަހުގެ ދެ ވަނަ ދުވަހު އެވެ. މި ފިލްމަކީ އަހަރުގެ ބޮޑު ފިލްމަށް ވާނެ ކަމުގެ ޔަގީންކަން ޕްރޮޑަކްޝަން ޓީމުން ދެ އެވެ.