ރިޕޯޓް

އިސްތިއުނާފުގެ މުއްދަތު ކުރު؛ އެކަމަކު އިންސާފެއް ނުލިބޭ

  • އިސްތިއުނާފުގެ މައްސަލަތައް ހަލުވި ނުވާ މައްސަލަ ބޮޑު
  • އިސްތިއުނާފުގެ މުއްދަތު ކުރުވުމުން ތަކުލީފު ބޮޑު
  • މައްސަލައިގެ ރިޕޯޓް ހޯދަން ގިނަ ދުވަސްތަކެއް ނަގާ

މައްސަލަތަކުގެ އިސްތިއުނާފު މަރުހަލާ ދިގުލައިގެން ގޮސް މައްސަލަތައް ނުނިމި ލަސްވެ، އިންސާފު ހޯދައިދިނުމަށް ހުރަސްތައް އެޅޭތީ، ސުޕްރީމް ކޯޓުން ވަނީ އިސްތިއުނާފުކުރުމުގެ އުސޫލަށް ބޮޑު ބަދަލެއް ގެނެސް ސާކިއުލާއެއް ނެރެފަ އެވެ. އެ ސާކިއުލާއަކީ އިސްތިއުނާފުގެ މަރުހަލާ ފަސޭހަކޮށް، އަވަސްކުރުމަށް އެކުލަވާލި ސާކިއުލާއެކެވެ. މައްސަލަތައް އަވަސްކުރުމަށް އެކުލަވާލި އެ އުސޫލުގެ މަގުސަދު ހާސިލުވަމުންދޭތޯ އެއީ މިހާރު އުފެދޭ ބޮޑު ސުވާލެކެވެ؟

ގަލޮޅު ދެކުނު ދާއިރާގެ އަހުމަދު މަހުލޫފްގެ އިސްތިއުނާފުގެ އަޑުއެހުންތައް ނުފެށި ލަސްވަމުންދާތީ، އޭނާގެ އާއިލާއިން ކަންބޮޑުވުން ފާޅުކުރިތާ އަދި މާގިނަ ދުވަހެއް ނުވެ އެވެ. އެ އާއިލާއިން އެ ކަންބޮޑުވުން ފާޅުކުރީ، މަހުލޫފްގެ ފުރަތަމަ ހުކުމް ތަންފީޒުކޮށް ނިމުނުއިރު ވެސް އިސްތިއުނާފު އަޑުއެހުންތައް ހައިކޯޓުގައި ފެށިފައިނުވާތީ އެވެ. މިހާރު މަހުލޫފް ދަނީ ފުރަތަމަ ހުކުމް ތަންފީޒުކޮށް ދެވަނަ ހުކުމް ތަންފީޒުކުރައްވަމުންނެވެ.

މަހުލޫފަކީ ސިޔާސީ ބޭފުޅެއްކަމުން އެ މައްސަލަ ބޮޑުކޮށް ފެންމަތިވެފައިވީ ނަމަވެސް އެފަދަ ގިނަ މައްސަލަތައް ހުންނާނެ އެވެ. އާ އުސޫލުގެ ދަށުން އަވަހަށް އިސްތިއުނާފަށް މައްސަލަ ހުށަހެޅި ނަމަވެސް މައްސަލަތައް އެ ސްޕީޑްގައި ކުރިއަށް ނުދާ މައްސަލައަކީ ކަންބޮޑުވަމުން އުފެދިފައިވާ މައްސަލަ އެކެވެ.

ގާނޫނީ ވަކީލެއް ކަމުގައިވާ، އަބްދުﷲ ހަސީން ވިދާޅުވީ، އިސްތިއުނާފަށް ދަނީ ހުކުމާމެދު ހިތްހަމަ ނުޖެހިގެން އެ ހުކުމް ބަދަލުކުރުމުގެ ބޭނުގައި ކަމަށެވެ. އިސްތިއުނާފަށް މައްސަލަ ހުށަހަޅަނީ ވެސް ހުކުމު ގަބޫލުނުކުރެވޭ ގާނޫނީ ސަބަބުތައް ބަޔާންކޮށް، ފަރުވާއެއް ހޯދުމަށް ކަމަށެވެ. ނަމަވެސް ހުކުމް ތަންފީޒުކޮށް ނިމިގެންދާއިރު ވެސް އެ އަޑުއެހުންތައް ނުފެށި އޮތުމަކީ އިސްތިއުނާފު ހައްގު ގެއްލިގެން ދިޔުން ކަމަށް ހަސީން ވިދާޅުވި އެވެ. ހުކުމެއް ތަންފީޒުކޮށް ނިމޭ ފަހުން އިސްތިއުނާފު ނިމުމުން އޭނާގެ މައްސަލައަށް ފަރުވާއެއް ވެސް ނުލިބޭނެ އެވެ.

"މިސާލަކަށް އިސްތިއުނާފުގައި ނިންމަނީ އެމީހާއަށް އިއްވާފައި ހުކުމް ރަނގަޅު ނޫން ކަމަށް، އެކަމަކު އޭރު އެމީހާ ވަނީ ހުކުމް ތަންފީޒުކޮށް ނިމިފަ، އެހެންވެއްޖެ ކަމަށްވާނަމަ އެއީ އެމީހަކަށް ލިބޭ އިޔާދަނުކުރެވޭވަރުގެ ބޮޑު ގެއްލުމެއް، މީހަކު ޖަލުގައި ހޭދަކުރާ ދުވަސްތަކަކީ ފައިސާއިން ހޯދާނެ ބަދަލެއް ނޫން،" ހަސީން ވިދާޅުވި އެވެ. "މަހުލޫފްގެ މައްސަލައަށް ބަލައިލި ނަމަވެސް އޭނާގެ ހުކުމް ނުރަނގަޅު ކަމަށް ހައިކޯޓުން ނިންމައިފިނަމަ އޭނާ ޖަލުގައި ހޭދަކުރި ހަތަރު މަހާއި 24 ދުވަހުގެ ބަދަލު ކިހިނެއްތޯ؟ އަދާކުރާނީ،"

މިފަދަ ހާލަތްތަކުގައި ގެއްލުމުގެ ބަދަލު ހޯދުމުގެ ފުރުސަތު އޮތް ނަމަވެސް އެއީ ވެސް އަނެއްކާ ކޯޓުތަކަށް ގޮސް، ގިނަ މަރުހަލާތަކެއް ކަނޑަތުކުރަންޖެހޭ ކަމެއްކަން ހަސީން ފާހަގަކުރެއްވި އެވެ. އެކަމަށް ހަރަދުތަކެއް ވެސް ހިނގާނެ އެވެ.

އިސްތިއުނާފުގެ އަޑުއެހުންތައް ބައެއް ފަހަރަށް ދިގުލައިގެންދާ މައްސަލާގައި ވަކީލުން ކަންބޮޑުވާއިރު ސުޕްރީމް ކޯޓުން 2015 ވަނަ އަހަރު އެކުލަވާލި އުސޫލުގެ ދަށުން އިސްތިއުފާނުގެ ކުރުމުގެ މުއްދަތު 90 ދުވަހުން 10 ދުވަހަށް ކުރުކޮށްފަ އެވެ. އެއީ މައްސަލަތައް އަވަސްކުރުމަށް ކުރި ކަމެކެވެ. ކުރިން މައްސަލަތައް އިސްތިއުނާފަށް ހުށަހަޅަނީ އެންމެ ފަހު ވަގުތުގަ އެވެ. އެހެން ކަމުން މައްސަލަ ހުށަހަޅެނީ މައްސަލަ ނިމޭތާ ގާތްގަނޑަކަށް 90 ދުވަސް ފަހުންނެވެ. ނަމަވެސް މިހާރު ހުކުމް ކުރާތާ 10 ދުވަސް ތެރޭގައި އިސްތިއުނާފަށް ހުށަހަޅަންޖެހެ އެވެ.

އެއީ ރަނގަޅު ބަދަލެއް ކަމަށް ވަކީލުން ފާހަގަކުރި ނަމަވެސް މިހާރު އިސްތިއުނާފަށް ހުށަހަޅަން އޮންނަ ގޮތަކުން ވަކީލުން ދަނީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ. އެއީ އިސްތިއުނާފަށް އެ މައްސަލައެއް އެ މައްސަލަ ނިންމާ ކޯޓަކަށް ހުށަހަޅަން ޖެހުމާއި އެހާ ކުރު މުއްދަތެއްގައި ކުރަން ޖެހޭ ކަންކަން ގިނަވުމުންނެވެ.

"އެއީ ބައެއް ފަހަރަށް އުނދަގޫ ކަމެއް، މިސާލަކަށް ހއ. ތަކަންދޫ ކޯޓުން ނިންމާ މައްސަލައެއް ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ވެސް ހުށަހަޅަން ޖެހޭނީ ތަކަންދޫ ކޯޓަށް، ތަކަންދޫން ވަކީލުން ހޯދަން ފަސޭހަ ނުވާނެ، އެހެންވެ އެމީހަކު އަންނަން މިޖެހެނީ މާލެ ވަކީލަކު ހޯދަން، އަނެއްކާ ވަކީލް ހަމަޖައްސައި ފޯމް ފުރާ ހުރިހާ ކަމެއްކޮށްފަ ފޯމް ލާން މި ޖެހެނީ އެ ރަށަކަށް ދާން، މިއީ 10 ދުވަސް ތެރޭގައި ކުރަން ބައެއް ފަހަރަށް އުނދަގޫ ކަމަކަށްވެފައި މި އޮންނަނީ، 10 ދުވަސްވެއްޖެނަމަ އިސްތިއުނާފުގެ ހައްގު މި ގެއްލެނީ،" ހަސީން ވިދާޅުވި އެވެ.

ހަސީން ވިދާޅުވީ، އޭގެ ބަދަލުގައި ހައިކޯޓަށް ނުވަތަ ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް އިސްތިއުނާފަށް ހުށަހަޅައިގެން އެ މައްސަލައެއް އެތަނުން ޝަރީއަތަށް ފޮނުވާ ގޮތަށް އޮންނަމަ މިހާރަށްވުރެ ފަސޭހަވެގެންދާނެ ކަމަށެވެ. ހަސީން ވިދާޅުވީ، ނިޒާމްތައް ހުންނަން ޖެހޭނީ ރައްޔިތުންނަށް އޭގެން ލުއި ފަސޭހަވާނެ ގޮތަށް ކަމަށެވެ. އަދި ދައުލަތުގެ މުވައްޒަފުންނަކީ ވެސް ރައްޔިތުންނަށް ލުއި ފަސޭހަކޮށް ހިދުމަތް ފޯރުކޮށްދޭން ތިބޭ ބައެއް ކަމަށެވެ.

މިހާރު އޮންނަ ގޮތުން މައްސަލަ ނިންމި ކޯޓަކަށް އެ މައްސަލައެއް އިސްތިއުނާފުކުރުމަށް ލިޔެކިޔުންތައް ހުށަހަޅަންޖެހެ އެވެ. އެ ލިޔުންތައް އެ ކޯޓަކުން އިސްތިއުނާފު ކޯޓަށް ހުށަހަޅާނީ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން މެދުވެރިކޮށެވެ. މިއީ މަސައްކަތް ގިނަވެ ހަރަދު ބޮޑުވާނެ ވެސް ކަމެކެވެ.

އިސްތިއުނާފްގެ ދައުވާ ފޯމް ފުރިހަމަކުރުމަށް މައްސަލަ ނިންމި ގޮތުގެ ރިޕޯޓް ބޭނުންވާއިރު ބައެއް ފަހަރަށް އެ ރިޕޯޓް ލިބުން ލަސްވުމަކީ ވެސް ވަކީލުން ކަންބޮޑުވާ މައްސަލައެކެވެ. އެކަމަށް ލުޔެއް ގެނައުމަށް މައްސަލަ ނިންމި ގޮތުގެ ތަފްސީލީ ރިޕޯޓްގެ ބަދަލުގައި ހުލާސާ ރިޕޯޓާއެކު އިސްތިއުނާފަށް ހުށަހެޅޭނެ ގޮތް ވަނީ ހަދާފަ އެވެ. ނަމަވެސް ހުލާސާ ރިޕޯޓަކީ ހުކުމް އިއްވާ ދުވަހު ލިބެން ޖެހޭ ރިޕޯޓެއް ނަމަވެސް އެ ލިބުމުން ވެސް ބައެއް ފަހަރު ލަސްވެ އެވެ.

"ތަފްސީލީ ރިޕޯޓް ލިބިގެން އެންމެ ފުރިހަމައަށް އިސްތިއުނާފަށް ތައްޔާރުވެވޭނީ، ގިނަ ފަހަރަށް ހުކުމް އިބާރާތާއެކު އެކަނި އިސްތިއުނާފަށް ހުށަހަޅަން ޖެހުމުން ވަރަށް އުނދަގޫވޭ، އިސްތިއުނާފުކުރާއިރު އޭނާގެ މައްޗަށް ކުށް ސާބިތުވި ސަބަބުތައް ތަފްސީލްކޮށް އެނގެން ޖެހޭ،" ޖިނާއީ މައްސަލަތަކުގައި ވަކާލަތުކުރައްވާ އެހެން ވަކީލަކު ވިދާޅުވި އެވެ.

މިކަމަށް އޮތް ހައްލަކީ އެ ވަކީލު ދެކޭ ގޮތުގައި، އިސްތިއުނާފުގެ މުއްދަތު 10 ދުވަހަށްވުރެ އިތުރުކުރުމެކެވެ. ގާތްގަނޑަކަށް 30 ދުވަހަށް އެ މުއްދަތު އިތުރުކޮށްފިނަމަ ފަސޭހަވެގެން ދާނެ ކަމަށް އެ ވަކީލު ވިދާޅުވި އެވެ. އަދި، ހައިކޯޓުގެ ގޮފިތައް ހުންނަ ރަށްރަށުގައި އެ ގޮފިތަކަށް އިސްތިއުނާފަށް ހުށަހެޅޭނެ ގޮތަށް ހަދައި، އެހެން ރަށްރަށުގެ ކޯޓުތަށް މެދުވެރިކޮށް ހައިކޯޓަށް މައްސަލަ ހުށަހެޅޭނެ ގޮތް ހެދުމުން ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެ ކަމަށް ވަކީލު ވިދާޅުވި އެވެ.

މައްސަލަތަކުގައި ހިމެނޭ މީހުންގެ ހައްގުތައް ކަށަވަރުކޮށް، މައްސަލަތައް އަވަސްކުރުމުގެ މަގުސަދުގައި ގެނައި މި ބަދަލާ ގުޅިގެން އިސްތިއުނާފަށް މައްސަލަތައް ހުށަހެޅުމުގައި ދަތިވުމަކީ އަދި ދެވަނަ ވިސްނުމަކަށް ދާން ޖެހިފައި އޮތް މައްސަލައެކެވެ. މިހާރު ދިމާވާ ދަތިތަކަށް މި ވަނީ ފަރުވާއެއް ހޯދައިދޭން ޖެހިފަ އެވެ. ދަތިތަކާއެކު މައްސަލަ ހުށަހެޅުމުން ވެސް އަވަސްކަމާއެކު މައްސަލަ ކުރިއަށް ނުދާނަމަ އެ ލިބޭ ގެއްލުން އަދި މާބޮޑެވެ. އިސްތިއުނާފަށް ލިބޭ 10 ދުވަހުގެ ތެރޭގައި މައްސަލަ އިސްތިއުނާފު ކުރެވުނަސް، އެ ސްޕީޑްގައި މައްސަލަތަކުގެ އަޑުއެހުންތައް ކުރިއަށް ނުދާ ނަމަ އޭގެ ބޭނުމެއް އޮންނާނެ ކަމަކަށް ނުފެނެ އެވެ.