ފެޝަން

މިފަހަރުގެ ލަންޑަން ފެޝަންވީކް ސިޔާސީވެފައި

Feb 13, 2017

ދެން ސިޔާސީ ނުވާނީ އަޅެ ކޮންބައެއް ހެއްޔެވެ؟ އެމެރިކާގެ އާ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވަރުގަދަ ބަސްތަކާ ސިޔާސަ ވާހަކަތަކަށް ރައްދު ދިނުމުގެ އަސަރު މިފަހަރުގެ ލަންޑަން ފެޝަންވީކްގައި ރަނގަޅަށް ވަނީ ދައްކާލާފަ އެވެ.

ޑިޒައިނަރުންގެ ހުނަރު ދައްކާލާ މި ޝޯގައި މިފަހަރު އެންޓި ޓްރަމްޕް ކެމްޕެއިން ވަރަށް ވަރުގަދަޔަށް ވަނީ ޖައްސާފަ އެވެ. އެގޮތުން ހަތަރު ދުވަހަށް ކުރިއަށްގެންދާ ފޯލް 2017 ގެ މެންސް ވެއާ ވަނީ ހަމަ ރަނގަޅަށް ވެސް ސިޔާސީ ވެފަ އެވެ. އަދި އޯޓަމް/ވިންޓަރ 2017 ގައި ވެސް ފެނުނީ މުޅިންވެސް ސިޔާސީ ހެދުން ތަކެވެ.

މަޝްހޫރު ޑިޒައިނަރެއް ކަމަށްވާ ޖެރެމީ ސްކޮޓްގެ "ޓޫ ކޫލް ފޯ ސްކޫލް" ސެޓްގެ ހެދުންތަކުން ދައްކުވައިދީފައިވަނީ ހައްގުތައް ހޯދަން ގޮވާލާ ލިޔުންތަކާއި ޓްރަމްޕާއި ދެކޮޅު ކެމްޕެއިން ތަކެވެ. މީގެ އިތުރުން މެރިލީން މޮންރޯ އާއި އެލްވިސް ޕްރެސްލީގެ މޫނު ވެސް ހެދުންތަކުން ފެނިގެން ގޮސްފައިވެ އެވެ.

ޑިޒައިނާ ޖޫލިއަން ވޫޑް ހައުސްގެ މެންސް ވެއާގައި ވެސް ފެނިގެން ގޮސްފައިވަނީ ހައްގުތަކަށް ވަކާލާތު ކުރާ ވާހަކަ ތަކުގެ ލިޔުންތަކުން ފަރުމާކޮށްފައި ހުރި ހެދުންތަކެވެ.

ފެޝަން އިންޑަސްޓްރީގެ ޑިޒައިނަރުންގެ މެދުގައި ޓްރަމްޕަށް މިހާބޮޑު ރުޅިވެރި ކަމެއް އުފެދިފައިވާއިރު އޭނާގެ އަންހެނުން މިލާނިއާ ޓްރަމްޕް ވެސް ވަނީ ބައެއް ޑިޒައިނަރުން ބޮއިކޮޓް ކޮށް އޭނާއަށް ހެދުން ޑިޒައިންކޮށްނުދޭން ނިންމާފަ އެވެ.

އަދި ޓްރަމްޕްގެ އަންހެން ދަރި އިވަންކާ ޓްރަމްޕްގެ ޑިޒައިންތައް ވެސް އެމެރިކާގައި ގިނަ ބަޔަކު ވަނީ ބޮއިކޮޓް ކޮށްފަ އެވެ.