ކުޅިވަރު

އެޗްޑީސީ ފުޓްސަލް ކަޕުގެ ފައިސާގެ އިނާމު ދެގުނަ އަށްވުރެ ބޮޑުކޮށްފި

Feb 14, 2017

ހައުސިން ޑިވްލަޕްމެންޓް ކޯޕަރޭޝަނުން އިންތިޒާމު ކޮށްގެން، ބާއްވާ އެޗްޑީސީ ފުޓްސަލް މުބާރާތުގެ އިނާމު ފައިސާ ދެ ގުނަ އަށް ވުރެ ބޮޑު ކޮށްފި އެވެ.

މިމަހު 24 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މުބާރާތުގެ އިނާމު ފައިސާގެ ގޮތުގައި ޖުމުލަ 140،000 ރުފިޔާ ދިނުމަށް އެޗްޑީސީ އިން މިހާރު ކަނޑައަޅާފަ އެވެ.

އެއީ ޗެމްޕިއަން ޓީމަށް 80،000 ރުފިޔާ، ރަނަރަފު ޓީމަށް 40،000 ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 20،000 ރުފިޔާ އެވެ.

އެޗްޑީސީއިން ބުނީ، އިނާމު ފައިސާ އަށް ބަދަލު ގެންނަން ނިންމީ، މުބާރާތުގެ ބައިވެރިވާ ޓީމުތަކުގެ މެދުގައި ވާދަވެރިކަން ބޮޑުވެ، ޓީމުތައް މުބާރާތަށް ވަރުގަދަ އަށް ތައްޔާރުވަމުން ދިއުމާއެކު، ޓީމު ތަކަށް އިތުރު ހިތްވަރެއް ދިނުމުގެ ގޮތުން ކަމަށެވެ. އަދި އޭގެ ސަބަބުން މުބާރާތުގެ ފޯރި އިތުރަށް ގަދަ ވެފައިވާ ކަމަށެވެ.

މުބާރާތުގެ އިނާމު ފައިސާގެ ގޮތުގައި ކުރިން ކަނޑައަޅާފައި ވަނީ 55،000 ރުފިޔާ އެވެ.

އެއީ ޗެމްޕިއަން ޓީމަށް، 30،000 ރުފިޔާ ރަނަރަފު ޓީމަށް 15،000 ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 10،000 ރުފިޔާ އެވެ.

މުބާރާތުގައި ޖުމުލަ 110 ޓީމު ވަނީ ބައިވެރިވެފަ އެވެ. މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ހުޅުމާލޭ ގަ އެވެ.

އެޗްޑީސީ އިން ބުނީ މި މުބާރާތުގެ މަގުސަދަކީ، ޒުވާނުންގެ މެދުގައި އިޖުތިމާއީ ރޫހް އާލާކޮށް، އެކުވެރިކަން އުފެއްދުން ކަމަށެވެ. އަދި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކުގެ މެދުގައި މި މުބާރާތުގެ ސަބަބުން ގުޅުން ބަދަހިވެގެން ދާނެ ކަމަށް އެޗްޑީސީ އިން އުންމީދު ކުރެ އެވެ.