ފިނިޕޭޖް

މަލިކާ އަކީ ބާގްބާންގެ ކޮޕީއެއް ނޫން: ބިންމާ

މި އަހަރު ބެލުންތެރިންނާ ހަމަ އަށް އައުމަށް ދަތުރުފަށާފައިވާ ދިވެހި ފިލްމުތަކުގެ ތެރެއިން ބެލުންތެރިން އެ ފިލްމަކަށް އެންމެ ގަދަ އަށް އިންތިޒާރުކުރަމުން އަންނަ "މަލިކާ" ގެ ފޯރި ކިތަންމެ ގަދަކޮށްލާފައިވީ ނަމަވެސް އެއް ބަޔަކު މި ފިލްމަށް ކުރާ ތުހުމަތެއް އެބައޮތެވެ. އެ ބަޔަކު ބުނަނީ މަޝްހޫރު ހިންދީ ފިލްމެއް ކަމުގައިވާ "ބާގްބާން" ގެ ކޮޕީއަކަށް މި ފިލްމު ނުވާނެ ހަމަ އެއްގޮތެއް ވެސް ނެތް ކަމަށެވެ.

ނަމަވެސް ފިލްމުގެ ސްކްރީންޕްލޭ ލިޔުނު މަޝްހޫރު ވާހަކަ ލިޔުންތެރިޔާ، ބިންމާ އިބްރާހިމް ވަހީދު ބުނަނީ މިއީ އެއްގޮތަށް ވުރެ ގިނަ ގޮތްގޮތުން ރަވީ ޗޯޕްރާގެ "ބާގްބާން" އާ ތަފާތުވާނެ ފިލްމެއް ކަމަށެވެ. މިހާތަނަށް ބިންމާ ލިޔުނު އޮރިޖިނަލް ސްކްރީންޕްލޭތަކާ އެންމެ އަސްލަށް އުފައްދާފައިވާ މި ފިލްމުގެ ދިފާއުގައި އިތުރަށް ވާހަކަ ދައްކަމުން ބިންމާ ބުނީ އޭނާގެ ފިލްމަކީ ވެސް އާއިލީ ޑްރާމާއެއް ކަމަށެވެ.

"ބާގްބާން އަކީ ވެސް އާއިލީ ޑްރާމާއެއް. އެހެންވީމަ ހީވަނީ އެގޮތުގައި އެއްގޮތްކަމެއް ހުރުމުންހެން ބަޔަކު މީހުން އެހެން ކިޔަނީ. ބާގްބާންގައި މި އޮންނަނީ ބައްޕަ އާއި މަންމަ އަށް ދަރިން ކުރި ކަންތައްތަކެއްގެ ވާހަކަ،" ގިނަ އަދަދެއްގެ އޮރިޖިނަލް ވާހަކަ އާއި ސްކްރީންޕްލޭ ކިޔުންތެރިންނާއި ބެލުންތެރިންނާ ހަމަ އަށް ގެނެސްދީފައިވާ މަޝްހޫރު ލިޔުންތެރިޔާ ބުންޏެވެ.

އޭނާ ބުނީ "މަލިކާ" އަކީ ތަފާތު ވާހަކައެއް ކިޔައިދޭނެ ފިލްމެއް ކަމަށާއި ދިވެހި މުޖުތަމައަށް ގިނަ ފިލާވަޅުތަކެއް ވެސް ނަގައިދޭނެ ފިލްމެއް ކަމަށެވެ.

"މި މުޖުތަމައުގައި ގަބޫލުކުރެވިފައި އޮންނަ ހަގީގަތަކީ މައިންބަފައިންނަށް އަޅާލައި އެހީތެރިކަން އެންމެ ބޮޑަށް ފޯރުކޮށްދޭނީ އެމީހުންގެ ފިރިހެން ދަރިންނޭ. އަންހެން ދަރިން މައިންބަފައިންނަށް އަޅައެއްނުލާނެއޭ،" މަލިކާގެ އިޝްތިހާރުތަކުން ވެސް އާންމުންނަށް ދޭ މެސެޖުތައް ތަކުރާރުކޮށްލަމުން ބިންމާ ބުންޏެވެ.

"މަލިކާ" ގެ ޕްރޮޑިއުސަރަކީ ލިލީގެ ޗެއާމަން އަދި ކުރިން ވެސް މަޝްހޫރު ދިވެހި ފިލްމުތަކެއް އުފައްދާފައިވާ މައްލާ ނާސިރު އާއި މަހުބަރު އިބްރާހިމް ރަޝީދު އެވެ. އަންނަ މަހުގެ ދެ ވަނަ ދުވަހު އޮލިމްޕަހުގައި ޕްރިމިއާކުރުމަށް ހަމަޖެހިފައިވާ މި ފިލްމަކީ ސެމީ މުސްތަފާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

މި ފިލްމުގެ ޓައިޓްލް ރޯލުން ފެނިގެންދާނީ އަލަށް މި ދާއިރާ އަށް ތައާރަފްވާ މޫނެއް ކަމުގައިވާ ނުޒުހަތު ޝުއައިބު އެވެ. އޭނާއާ އެކު މުހައްމަދު ޖުމައްޔިލް އާއި ފާތިމަތު އާޒިފާ އަދި މަރިޔަމް ޝަކީލާ އާއި އިސްމާއިލް ޒާހިރު އަދި ނީނާ ސަލީމް ފަދަ ކުޅަދާނަ ތަރިން ފެނިގެންދާނެ އެވެ.

ފިލްމުގެ ފުރަތަމަ ފަސް ޝޯގެ ޓިކެޓް ވަނީ މިހާރު ވެސް ފުލްވެފަ އެވެ. ޓިކެޓެއްގެ އަގަކީ 100ރ. އެވެ.