ކުޅިވަރު

ފުޓްބޯޅަ ތަރިން އުފެއްދި މަހިބަދޫއަށް ނެޓްބޯޅައިގެ އަމާޒު

އދ. މަހިބަދޫ އަކީ ފުޓްބޯޅަ ތަރިން އުފެއްދުމުގައި، ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކާރުހާނާއޭ ބުނުމުން ދޮގަކަށް ނުވާނެ އެވެ. މިހާރު ރާއްޖޭގެ ފުޓްބޯޅަ ދަނޑުތަކުގައި، އެއް ރަށަކުން އެންމެ ކާމިޔާބު ތަރިން އުފެއްދި، އަދި އުފައްދަމުންދާ އެއް ރަށަކީ މަހިބަދޫ އެވެ. ދެ ހާސް އަށް ވަނަ އަހަރު، ސާފް ޗެމްޕިއަންޝިޕް ގައުމީ ފުޓްބޯޅަ ޓީމު ހޯދިއިރު، ޓީމުގެ އެންމެ ކުރި އާއި ފަހަތް ބެލެހެއްްޓި ދެ ކުޅުންތެރިންނަކީ މަހިބަދޫ އަށް ނިސްބަތްވާ ދެ ކުޅުންތެރިން ނެވެ. އޭރުގެ ގައުމީ ޓީމުގެ ސެންޓާ ސްޓައިކަރަކީ މަހިބަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް) އެވެ. ޓީމުގެ ގޯލަށް އިދިކޮޅު ޓީމުން ފޮނުވާލާ ހަމަލާތައް ދިފާއު ކުރުމަށް ގޯލްގައި ހުރީ މަހިބަދޫ އަށް ނިސްބަތްވާ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އިމްރާން މުހައްމަދެވެ.

އިމްރާން އާއި ޓޮމް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ. ނަމަވެސް، ގައުމީ ފުޓްބޯޅަ ޓީމުގައި މަހިބަދޫގެ ވިދުން ފަނޑެއް ނުވި އެވެ. މިހާރުގެ ޓީމުގެ ޑިފެންސާއި، މިޑްފީލްޑް އަދި ފޯވަޑް ލައިން ބެލެހެއްޓުމު ގައިވެސް މަހިބަދޫ އަށް ނިސްބަތްވާ ތަރިން އެބަ ތިއްބެވެ.

މަހިބަދޫގެ އަޑު ފުޓްބޯޅައިން ކެނޑިގެން ނުދާނެ ކަން ޔަގީން ކޮށްދިނީ، ޓޮމްގެ މަސްއޫލުވެރިކަމުގެ ދަށުން އުފެއްދި މަހިބަދޫ ސްޕޯޓްސް ކުލަބުން، ރާއްޖޭގެ ކުޅިވަރަށް ހިދުމަތް ކުރަން ނުކުތުމުން ނެވެ. މިހާރުވެސް، މަހިބަދޫ ސްޕޯޓްސް ކުލަބުގެ ފުޓްބޯޅަ އެކެޑެމީ އެރަށުގައި ހިންގަމުންދާތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ފުޓްބޯޅަ އެކެޑެމީގެ ޕްރޮޑެކްޓްތައް ކާމިޔާބު ބްރޭންޑްތަކަށް ވެއްޖެ އެވެ. އެކަމުގެ ހެކި ދިވެހި ފުޓްބޯޅަ ދެންޑުން ފެންނާނެ އެވެ.

މަހިބަދޫ ސްޕޯޓްސް ކުލަބުން މިހާރު ތައްޔާރު ވަމުންދަނީ، ނެޓްބޯޅަ ތަރިން އުފެއްދުމަށް ބިޔަ ހަރަކާތެއް ކުރިއަށް ގެންދިއުމަ ށެވެ. މިއަދު ނެޓްބޯޅަ އެސޯސިއޭޝަނާ އެކު ވެވުނު އެއްބަސްވުމުގެ ދަށުން، މަހިބަދޫގައި މިއަހަރު ތެރޭ، ނެޓްބޯޅަ އެކެޑެމީ އެއް ހުޅުވިގެން ދާނެ އެވެ. މިހާރުވެސް މަހިބަދޫ ސްޕޯޓްސް ކުލަބަކީ ދިވެހި ނެޓްބޯޅައިގެ ޗެމްޕިއަނެކެވެ. މިދިޔަ އަހަރު ބޭއްވި ނެޓްބޯޅަ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ކާމިޔާބު ކުރީ އެޓީމުން ނެވެ.

މަހިބަދޫ ސްޕޯޓްސް ކުލަބުގެ ރައީސް، އިސްމާއިލް ފާއިޒު ވިދާޅުވީ، އެކެޑެމީގެ އަމާޒަކީ، ގައުމީ ފެންވަރުގައި ނެޓްބޯޅަ ކުޅޭނެ ކުޅުންތެރިން އުފެއްދުން ކަމަށެވެ. އެގޮތުން އެކެޑެމީ ފަށަނީވެސް އެކި އުމުރުފުރާތަކުގެ 103 ބައިވެރިންނާއެކު ކަމަށް ފާއިޒު ވިދާޅުވި އެވެ.

އޭނަ ވިދަޅުވީ، އެކެޑެމިގައި މަސައްކަތް ކުރުމަށް ކޯޗުންނާއި އޮފިޝަލުން ތަމްރިން ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވަނެ ކަމަށާއި އަދި ކުރިއަށް އޮތްތަނުގައިވެސް އިތުރު ކޯޗުންނާއި ނެޓްބޯޅަ އަމްޕެޔަރުން އަދި އޮފިޝަލުން ތަމްރީން ކުރުމަށްވެސް ނެޓްބޯޅަ އެސޯސިއޭޝަނާ ގުޅިގެން ޕްރޮގްރާމްތައް އެރަށުގައި ހިންގާނެ ކަމަށެވެ.

މިއީ، އަތޮޅު ތެރޭގައި ފަށާ އެންމެ ފުރަތަމަ ނެޓްބޯޅައިގެ ވައިޑީޕީ ހަރަކާތެވެ. ނެޓްބޯޅަ އެސޯސިއޭޝަނުން ބުނީ، މަހިބަދޫގައި ހިންގާ އެކެޑެމީ އަށް އެ އެސޯސިއޭޝަނުން ޓެކްނިކަލް ލަފާ ދޭނެ ކަމަށާއި އަދި މަހުން މަހަށް ފެންވަރު ވަޒަން ކުރަމުން ދާނެ ކަމަށެވެ.

ޓޮމްގެ އިސްނެގުމާއެކު މަހިބަދޫ ސްޕޯޓްސް ކުލަބުން އުފައްދާ، ނެޓްބޯޅަ އެކެޑެމީ ވެގެންދާނީ، ރާއްޖޭގައި މިހާތަނަށް ފަށާ އެންމެ ބޮޑު ނެޓްބޯޅަ އެކެޑެމީ އަށެވެ.

މަހިބަދޫގެ ކުޅުންތެރިން ދެން ފެނިގެންދާނި، ހަމައެކަނި ފުޓްބޯޅަ ދަނޑުތަކުން އެކަންޏެއް ނޫނެވެ. ބައިނަލްއަގްވާމީ މުބަރާތްތަކުގައި، ގައުމު ތަމްސީލު ކުރުމަށް ނެޓްބޯޅަ ކޯޓްތަކުންވެސް މަހިބަދޫގެ ކުޅުންތެރިން ފެނިގެންދާނެ ކަމުގެ ޔަގީން ކަން އެކުލަބުގެ ރައީސް ފާއިޒު ދެއްވަ އެވެ.