ފިނިޕޭޖް

އައްޒަގެ އަގު "ހައްދުން" މައްޗަށް!

އެއްގޮތަކަށް ވެސް ބަތަލާ މަރިޔަމް އައްޒަ ފިލްމު ކުޅެދޭ އަގު "ހައްދުން މައްޗަށް" އަރައިގެން އުޅެނީކީއެއް ނޫނެވެ. މަޝްހޫރު ޑައިރެކްޓަރު އަބްދުލް ފައްތާހު އިއުލާނުކޮށްފައިވާ އާ ފިލްމު "ހައްދު" ގައި އައްޒަ ކުޅެން ހަމަޖެހިފައިވާ އަގު ރިކޯޑަކަށް މައްޗަށް އެރީ އެވެ.

ޑައިރެކްޓަރު ފައްތާހު މިދިޔަ ހަފުތާގައި އަވަސް ވީކެންޑަށް ދިން އިންޓަވިއުގައި ބުނެފައި ވަނީ އޭނާގެ ފިލްމު "ހައްދު" ވެގެންދާނީ އައްޒަގެ ފިލްމީ ހަޔާތުގައި އޭނާ އެންމެ އަގުބޮޑުކޮށް ކުޅެދޭ ފިލްމަށް ކަމަށެވެ. ރިކޯޑް އަގަކަށް އައްޒަ މި ފިލްމު ކުޅެދޭން ހަމަޖެހިފައިވާ ކަމަށް ބުނާއިރު މި ފިލްމަކީ އައްޒަގެ އާންމު "ލުކްސް" އާއި ހުނަރަށް ވެސް ބޮޑެތި ބަދަލުތަކެއް ނުވަތަ ކުރިއެރުންތަކެއް އަންނާނެ ފިލްމެއް ކަމުގެ ޔަގީންކަން ފައްތާހުދެ އެވެ.

"އައްޒަ ވެސް މި ފިލްމަށް އައުން އެއީ އަޅުގަނޑުމެންގެ ފިލްމަށް ލިބުނު ވަރަށް ބޮޑު އިންގިލާބެއް. އައްޒަ މީގެ ކުރިން ފެނިގެންގޮސްފައިވާ ފިލްމުތަކާ ހަމަ ޔަގީނަށް ވެސް ލުކްސް ތަފާތުވެގެންދާނެ،" މަޝްހޫރު އަދި ކާމިޔާބު ގިނަ ފިލްމުތަކެއް ބެލުންތެރިންނާ ހަމަ އަށް ގެނެސްދީފައިވާ ފައްތާހު ބުންޏެވެ.

"އައްޒަގެ އެންމެ އަގުބޮޑު ފިލްމަށްވީމަ، އެބަޖެހޭ ކޮންމެވެސް ގޮތަކަށް ވިސްނާލަން ފިލްމާ ދޭތެރޭގަ. ހަމަ ޔަގީނުން ވެސް އައްޒަގެ އެންމެ އަގުބޮޑު ފިލްމު އަޅުގަނޑު އައްޒަ ލައްވާ މި ކުޅުވަނީ. އައްޒަގެ ހުންނާނެ ސެކްރިފައިސްތަކެއް ކުރަން ޖެހޭ. ފިލްމު ބަލާލީމަ ބެލުންތެރިން ޔަގީނަށް ވެސް ބުނާނެ އޯކޭއޭ، ވޯތޭ އެ އަގު ނޫނިއްޔާމު އެ އަގު ފަހަރެއްގައި އައްޒަކުރާ މަސައްކަތަށް ވޯތު ނުވެވެސްދާނެއޭ."

މިމޭރުމުން ވާހަކަ ދައްކަމުން ފައްތާހު ބުނީ އޭނާގެ މި ފިލްމަކީ ރިކޯޑްތަކެއް މުގުރާލާނެ ފިލްމެއް ކަމަށާއި އެ ރިކޯޑްތަކަކީ ކޮބައިކަން ބެލުމަށް ބެލުންތެރިން އިންތިޒާރުކުރުން މުހިންމު ކަމަށެވެ.

"އަޅުގަނޑު ނުބުނާނަން ތަފާތެކޭ. އަޅުގަނޑު ނުދަންނަވާނަން ތަފާތު ފިލްމެކޭ. މިއީ ހަމަ ސޭމް އިހްސާސްތައް އެކަމަކު ތަފާތުގޮތަކަށް. އެކަން ދޫކޮށްލާނީ ބެލުންތެރިންނަށް. ވެއިޓް އެންޑް ވޮޗު،" މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަ ވަނަ ދުވަހު އޮލިމްޕަހުގައި ޕްރިމިއާކުރަން ހަމަޖައްސާފައިވާ ފިލްމާ ބެހޭ ގޮތުން ފައްތާހު ބުންޏެވެ.

އޭނާގެ މި ފިލްމުން އައްޒަގެ ފިލްމީ ހަޔާތުގެ އަގު ރިކޯޑަކަށް އެރިޔަސް ފިލްމު ކުޅެދޭން އައްޒަ އެއްބަސްވި އަގު ރަސްމީކޮށް ފައްތާހު ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި މި ފިލްމު ކުޅެން އައްޒަ މަޝްވަރާކުރަމުން ދަނީ 50،000ރ. ގެ އަގަކަށެވެ.

އަވަސް އަށް ދިން އިންޓަވިއުއެއްގައި އައްޒަ ބުނީ ފިލްމު ކުޅެދޭނެ ސީދާ އަގެއް އަދި ނުނިމޭ ކަމަށާއި އެހެން ނަމަވެސް އެ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.

މިހާތަނަށް ދިވެހި ފިލްމެއް އެންމެ އަގުބޮޑުކޮށް ކުޅެފައި ވަނީ މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދު އެވެ. އޭނާގެ އަމިއްލަ ނަމުން ނަން ދީގެން ލީޑް ރޯލުކުޅުނު "ނިއުމާ" އިން އޭނާ އަށް އެއް ލައްކަ ރުފިޔާގެ އަގެއް ލިބުނުއިރު އެ ފިލްމުގެ ޑައިރެކްޝަން ޑްރެޑިޓްސް އާއި އަގު ވެސް އޭނާ އަށް ލިބުނުކަން ފާހަގަކޮށްލެވެ އެވެ.

އެހެންކަމަށް ވަނީ ނަމަ ފިލްމީ ދާއިރާގެ ބަތަލާއިންގެ ސާފު އަގުތަކަށް ބަލާއިރު 50،000ރ. ގެ އަގަކާ އެކު އައްޒަ މި އުޅެނީ ވަރަށް ކުރީގައި ކަމަށް ނިންމިދާނެ އެވެ.

ބެލުންތެރިންގެ މެދުގައި އައްޒަގެ މަގްބޫލުކަން މިފަހުން ބޮޑުވެގެން ގޮސްފައި ވަނީ ޑައިރެކްޓަރު ފާތިމަތު ނަހުލާގެ "4426" ގެ ކާމިޔާބީ އަށް ފަހު އެވެ.