މިއުޒިކް

ކުޑައިއްބެގެ އެދެމޭ ކަލާޔާ އަށް ވުރެން ބޮޑު ލަވައެއް

ލަވަކިޔުންތެރިޔާ ކުޑަ އިއްބެ އަކީ އަބަދުވެސް ތަފާތެއް ގެނެސްދޭ ފަންނާނެކެވެ. "އެދެމޭ ކަލާޔާ" ހަމަ އިން ފެށިގެން މިހާތަނަށް އޭނާ ގެނެސްދިން ލަވަތަކާއި ވީޑިއޯ ލަވަތަކަކީ ޔަގީނަށް ވެސް ދިވެހިން އެ މަސައްކަތްތަކަކަށް ފަހުރުވެރިވާނެ މަސައްކަތްތަކެކެވެ. ވަކިން ހާއްސަކޮށް އިއްބެ އެކްޓްކޮށްފައިވާ އޭނާގެ ވީޑިއޯ ލަވަތައް ފާހަގަކޮށްލެވެ އެވެ.

އެގޮތުން އަނެއްކާވެސް އޭނާ ތަފާތެއް ދެއްކުމަށް ތައްޔާރުވަމުން ގެންދަނީ އެވެ. މިފަހަރު އޭނާގެ މި މަސައްކަތް ބެލުންތެރިންނާ ހަމަ އަށް ޑައިރެކްޓްކޮށް ގެނެސްދެނީ މަޝްހޫރު ކެމެރާމަން، ހުސެއިން މުނައްވަރު (ކުޑަފޫޅު) އެވެ. ނިމިގެން ދިޔަ ގައުމީ އެވޯޑްސްގައި ގިނަ އެވޯޑްތަކެއް ހާސިލުކޮށްފައިވާ ހުސެން އާއި އިއްބެގެ މި މަސައްކަތަށް ދީފައިވާ ނަމަކީ "ލޯބިކަން" އެވެ.

ކުރު ފިލްމެއްގެ ގޮތުގައި ހުށަހަޅައިދޭ މި ވީޑިއޯ ލަވައިގެ ޓީޒާއެއް އިއްބެގެ ސޯޝަލް މީޑިއާ ޕޭޖުތަކުގައި އާންމުކޮށްފައިވާއިރު މި ލަވަ އެންމެ ވައްތަރީ އޭނާގެ ކްލެސިކް ހިޓް، "އެދެމޭ ކަލާޔާ" ގެ އެހެން ރެންޑިޝަންއަކާ އެވެ. ނަމަވެސް އިއްބެ ބުނަނީ މިއީ އެއްގޮތަކަށް ވެސް "އެދެމޭ ކަލާޔާ" އާ ގުޅިފައިވާ ލަވައެއް ނޫން ކަމަށެވެ.

"މިއީ އެދެމޭ ކަލާޔާ އަށް ވުރެން ވެސް ރީތިވާނެ ލަވައެއް. އެ ފީލްގެ ލަވައެއް މިއީ. އެ ލަވަ ދެކެ ލޯބިވާ މީހުންނަށް ކަމުދާނެ ލަވައެއް. މި ލަވަ ނިމޭއިރު އެދެމޭ ކަލާޔާގެ ތަންކޮޅެއް އަންނާނީ. އެކަމަކު މުޅިން އާ ލަވައެއް،" މޯލްޑިވިއަން އައިޑޮލްގައި ޖަޖެއްގެ ގޮނޑި ވެސް ފުރަމުން އަންނަ ކުޅަދާނަ ލަވަކިޔުންތެރިޔާ އަދި ކޮމްޕޯސަރު ބުންޏެވެ.

ލަވައިގެ ސިނެމެޓޯގްރަފާ އަދި ޑައިރެކްޓަރު ހުސެން ބުނީ ލޯބިވެރިންގެ ދުވަސް ފަހަނަޅައި ދިޔަޔަސް މި ލަވަ ވެގެންދާނީ ލޯބިވެރިންނަށް ދޭ ހަދިޔާއަކަށް ކަމަށެވެ.

"މި ލަވައިގައި އިންނާނެ ސްޓޯރީއެއް ވެސް. އިއްބެ އަކީ އާޓިސްޓެއް. ދަތުރެއްގައި ރަށަކަށް ދާއިރު ރީތި ކުއްޖަކު ފެނިގެން އޭނަ ލަވައެއް ހަދައިގެން ކިޔާ ލަވައެއް މިއީ. އިއްތިފާގަކުން މި ލަވަ ހެދެނީ ވެސް އިއްބެގެ ފޭނަކަށް،" ލަވަ އާއި ފިލްމު ޑައިރެކްޓްކުރުމުގައި ތަޖުރިބާ އާއި ކާމިޔާބު ހާސިލުކޮށްފައިވާ ޒުވާން ޑައިރެކްޓަރު ބުންޏެވެ.

"ބުނެދޭން ބޭނުންވަނީ ކޮންމެ ދުވަހަކީ ވެސް ކޮންމެވެސް ބައެއްގެ ލޯބީގެ ދުވަހެކޭ. އެއީ ލަވައިން ބުނެދޭން ބޭނުންވާ މެސެޖަކީ. އިއްބެގެ މި ލަވަ ވަރަށް ފުރިހަމަ. އަލީ ވަހީދުގެ ޅެންވެރިކަން ވެސް ވަރަށް ފުރިހަމަ،" ތޮއްޑޫގައި ޖުމްލަ މަންޒަރުތައް ޝޫޓްކޮށްފައިވާ ލަވައާ ބެހޭ ގޮތުން ހުސެން ބުންޏެވެ.

މި ވީޑިއޯ ލަވަ ނެރުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 20 ވަނަ ދުވަހު އެވެ.