- ޓެކްސް ނިޒާމު ފުރިހަމަ ކުރަން މިކަން މުހިންމު
- ގިނަ ހަރަދުތައް ކުރަނީ ޓެކްސް އާމްދަނީ އިން
- ދައުލަތުގެ އާމްދަނީގެ ބޮޑު ބަޔަކީ ވެސް ޓެކްސް
އެންމެ އާދައިގެ މުދަލެއް ގަތުމަށް ނޫނީ ހޮޓަލަކުން ކަޅުސައެއް ބޯލާ އިރު އެކަމަށް ކުރާ ހޭދައިގެ ހަ ޕަސެންޓް ޖީއެސްޓީގެ ގޮތުގައި ދައުލަތަށް ދައްކާކަން އެނގޭ ހެއްޔެވެ؟ ސަރުކާރުގެ އޮފީހަކުން ހިދުމަތް ހޯދާ އިރު އިދާރީ ފީގެ ގޮތުގައި ނަގާ ފައިސާ އާއި އުޅަނދުތަކުން ނަގާ ފައިސާ ހޭދަ ކުރަނީ ކޮން ކަމަކަށް ކަން އެނގޭ ހެއްޔެވެ؟ ދައުލަތެއް ހިންގަނީ އާންމު ރައްޔިތުންގެ އަތުން ނަގާ ޓެކްސްގެ އިތުރަށް އިމްޕޯޓް ޑިއުޓީ އާއި ވިޔަފާރިތަކުން ނަގާ އެހެނިހެން ޓެކްސްތަކުން ދައުލަތަށް ލިބޭ އާމްދަނީ އަކުންނެވެ.
މުޅި ރާއްޖެ އެތެރެކުރާ މުދަލަށް ބަރޯސާވެފައި އޮތް އިރު، ޒަމާނުއްސުރެ ދައުލަތް ހިންގުމުގައި ބަރޯސާވަނީ ވިޔަފާރިތަކުން ސީދާ އަދި ނުސީދާ ގޮތުން ދޭ ޓެކްސްތަކަށެވެ. ނަމަވެސް 2009 ވަނަ އަހަރުގެ ތެރޭގައި ރާއްޖޭގެ ޓެކްސްގެ ނިޒާމަށް ގެނައި ބޮޑު ބަދަލާ އެކު އެކަން ބަދަލުވެ، އާންމުންގެ އަތުންވެސް، ސީދާ ޓެކްސް ނަގަން ފެށި އެވެ. އެކަމަށް ހާއްސަކޮށްގެން އުފެއްދި، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ދައުލަތަށް ކޮންމެ މަހަކު އެތައް ބިލިއަން ރުފިޔާއެއްގެ އާމްދަނީއެއް ލިބޭކަން ޔަގީންވާ އިރު، އެ އާމްދަނީ އިން ހަރަދު ކުރާ ގޮތް އެހާސާފެއް ނޫނެވެ. މިއަހަރު ވެސް އެތައް އާ ޓެކްސްތަކެއް ނެގުމަށް މަޖިލީހުން އެ އަންނަނީ ފުލުފުލުން އެ އަންނަނީ ބިލްތައް ފާސްކުރަމުންނެވެ. ރައްޔިތުންގެ އަތުން ޓެކްސް ނަގާ ނަމަ އެ ފައިސާ ހަރަދު ކުރާ ގޮތް ހާމަވެފައި އޮތުމަކީ، ހުޅުވިފައިވާ އިގްތިސާދުތަކާއި ހަމަހަމަ ޓެކްސް ނިޒާމެއްގައި ބެސްޓް ޕްރެކްޓިސްއެކެވެ.
މީރާއިން އާންމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ނިމުނު އިރު، އެ އޮތޯރިޓީއަށް އާމްދަނީގެ ގޮތުގައި 14.5 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، އޭގެ އެންމެ ބޮޑު ޕަސެންޓެއް، 43.2 ޕަސެންޓް ލިބުނީ އާންމުން ދައްކާ ޖީއެސްޓީންނެވެ. މިއަހަރުގެ ފުރަތަމަ މަސް ދުވަސް ނިމުނު އިރު ޖީއެސްޓީގެ ގޮތުގައި ސީދާ ރައްޔިތުން ވަނީ 742.6 މިލިއަން ރުފިޔާ ދައުލަތަށް ދައްކައިފަ އެވެ. އެ އަދަދަށް ބަލާ ނަމަ، ގާތްގަނޑަކަށް ކޮންމެ މީހެއްގެ މަހެއްގެ އާމްދަނީން އެވްރެޖްކޮށް ތިން ޕަސެންޓަށް ވުރެ ބޮޑުބައެއް، ނޫނީ 500ރ. ޓެކްސްގެ ގޮތުގައި ދައުލަތަށް ދައްކާނެ ކަމަށް ލަފާކުރެވެ އެވެ. ވިޔަފާރިވެރިން އަދި މިއަށް ވުރެ ބޮޑެތި އަދަދުތައް މީރާއަށް ދައްކާނެ އެވެ. ދައުލަތުގެ މުވައްޒަފުންނަށް މުސާރަ ދިނުމާއި ދުވަހުން ދުވަހަށް ކުރަން ޖެހޭ އެހެން ހަރަދުތައް ކުރަމުން ގެންދާނީ މިގޮތަށް ނަގާ ޓެކްސް ފައިސާއިންނެވެ. އެކަމަކު އެ ފައިސާ ހަރަދު ކުރާ ގޮތުގެ ބޮޑު މަންޒަރެއް އާންމުކޮށް ނުފެނެ އެވެ. އާންމުންނާއި ވިޔަފާރިވެރިންގެ އަތުން ޓެކްސް ނެގޭ ނަމަ އެ ފައިސާ ދައުލަތުން ހަރަދު ކުރާ ގޮތް އާންމުންނަށް ނެރެ ހާމަކުރުމަކީ ޓެކްސް ނިޒާމެއް ކާމިޔާބުވުމުގެ ވަރަށް މުހިންމު ބައެކެވެ. ޓެކްސް ނިޒާމެއްގެ ބެލެންސް ހިފަހައްޓައި ދެނީ ވެސް ޓެކްސުން ދައުލަތަށް ލިބޭ އާމްދަނީ އާއި އެ ފައިސާ ހަރަދުވާ ގޮތް އާންމުންނަށް ހާމަކުރާ މިންވަރަކަށެވެ.
އިނގިރޭސިވިލާތާއި އެމެރިކާގައި އޮންނަ އުސޫލުގެ ދަށުން ސިޔާސީ އެކި މަގާމުތަކާއި ދައުލަތުގެ އެންމެ އިސްވެރިންނާއި ސިވިލް ސާވިސް އާއި އުމްރާނީ އެކި މަސައްކަތްތަކާއި ދައުލަތް ހިންގުމަށް ޓެކްސް ފައިސާ އިން ހަރަދު ކުރާ ގޮތް އާންމު ކުރެ އެވެ. މީގެ އިތުރުން އެ ރިޕޯޓްތައް އެ ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީހަށް ކޮންމެ ކުއާޓާއެއްގައި ވެސް ފޮނުވަން ލާޒިމް ކުރެ އެވެ. އެކަމަކު ރާއްޖޭގައި މިފަދަ ކަންކަން ހިނގާ ވަރުގަދަ އުސޫލެއް ޒަމާނުއްސުރެ މިއަދާހަމަޔަށް އަދި ފެންނާކަށް ނެތެވެ.
މިއީ ގިނަ ދިވެހިންނަށް އެހާ ރަހުމަތްތެރި ވާހަކައެއް ނޫނެވެ. ދައުލަތުގެ ހަރަދުތައް އާންމު ކުރާ ކަމެއް ވެސް ނުކުރާ ކަން ވެސް ދަންނަނީ މަދުބަޔެކެވެ. އެކަމާ ޝަކުވާ ކުރަނީ ވެސް ކޮންމެހެން އެކަމުގެ ހުރި މުހިންމުކަން އެގި ތިބުމުގެ ބަދަލުގައި ސިޔާސީ ކޮންމެވެސް ވިސްނުމެއްގައި ތިބޭ ބައެއް އެ މީހުންގެ އަމިއްލަ ފައިދާއަށެވެ. ދައުލަތުގެ ހަރަދުތައް އެންމެ ތަފްސީލީ ގޮތެއްގައި ނޫން ނަމަވެސް, ކޮންމެ ވެސް ސިފައެއްގައި އާންމު ކުރަން ފެށީ 2011 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެންނެވެ. މަހަކު އެއްފަހަރު އާންމު ކުރަމުން އައި ދައުލަތުގެ ހަރަދުތައް އާންމު ކުރުން ހުއްޓާލީ 2013 ވަނަ އަހަރުން ފެށިގެންނެވެ.
އޭރު ރައީސް ވަހީދުގެ ސަރުކާރުގައި އެކަން ހުއްޓާލައްވަމުން ބަހަނާއަކަށްދެއްކެވީ، އެ ހިސާބުތައް ފުރިހަމަ ނުވުމާއި އަސްލު ހަރަދުތައް ދިމާނުވުމެވެ. އެއީ ހަމައެކަނި ނެރެލެވޭ އަދަދުތަކަަކަށް ވުމުން، އާންމުންނަށް ކޮންމެވެސް ވަރެއްގެ ހިސާބަކުން އޮޅުން އަރައި ޝައްކުތަކެއް އުފެދިދާނެތީ އެވެ. އެހެންވެ، މަސައްކަތް ކުރައްވަނީ، ތަފްސީލީ ހިސާބުތަކެއް ނެރުމަށް ކަމަށް އޭރު ސަރުކާރުން ހާމަކުރި އެވެ. މިހާރު އޭގެ ފަހުން ހަތަރު އަހަރުވީ އިރު ދައުލަތުން މަހުން މަހަށް ކުރާ ހަރަދުތައް އާންމުންނަކަށް ތިލައެއް ނުވެ އެވެ. އެކަމަށް އަދިވެސް ތައްޔާރު ވެވުނުހެން ހިއެއް ނުވެ އެވެ. އެކަމަށް ޖަވާބެއް ދޭނޭ މީހެއް ވެސް ނުފެނުނެވެ.
"ސިޔާސީ ވާހަކައަށް ވުރެ މާބޮޑު ވާހަކައެއް އަސްލު ދައުލަތުގެ ހަރަދުތައް އާންމުންނަށް އެގިފައި ހުރުމަކީ. އޭގެން އެބަ އަންގައިދޭ އާންމު ދައުލަތް މި ދައްކާ ޓެކްސްގެ ފައިސާ މި ހަރަދު ކުރެވެނީ ރަނގަޅު ޕެޓާންގަތޯ. ނޫނީ ގޯސްކޮށްތޯ؟ ގޯސްކޮށް ދާނަމަ އެކަން ރަނގަޅު ކުރަން ފާޑުކިޔައިގެން ފުރުސަތު އެބަ ލިބޭ. އެކަމަކު އެއްވެސް އިރެއްގައި ރާއްޖޭގައި އެ ފުރުސަތު އެބަ ބަންދުވޭ،" މާލީ ދާއިރާގެ ބޭފުޅަކު ވިދާޅުވި އެވެ.
ދައުލަތުގެ ހަރަދުތައް މަހުން މަހަށް އާންމު ކުރަން ފެށި ދުވަސްވަރު، އޭރުގެ ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒް ވިދާޅުވެފައިވާ ގޮތުގައި އެކަން ކުރުމުގެ ބޭނުމަކީ، ދައުލަތުން ކުރާ ހަރަދުތައް ދެ ފުށް ފެންނަ ގޮތަކަށް ކުރުމެވެ. އަދި ދައުލަތުން ހަރަދު ކުރުމުގައި ޒިންމާދާރު ވުމަކީ އޭގެ އެންމެ ބޮޑު އަމާޒު ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އެކަން އެންމެ ފުރިހަމަ ނޫން ނަމަވެސް އެކަން ކުރުން އޭރު އަވަސް ކުރީ ވެސް ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ދެކިގެން ކަމަށް ވެސް އޭނާ ވަނ ވިދާޅުވެފަ އެވެ.
"ދައުލަތުގެ ހަރަދުތައް ޓްރާންސްޕޭރަންޓް ވާން އެބަ ޖެހޭ. އެހެން ނޫނީ ދައުލަތުގެ ހަރަދު ކުރުމުގެ ނިޒާމާ މެދު އާންމުންގެ އިތުބާރު ނުދެމެހެއްޓޭނެ،" އިނާޒު އޭރު ވަނީ މިހެން ވިދާޅުވެފަ އެވެ.
މިއަހަރަށް މަޖިލީހުން ފާސްކޮށްފައިވާ 26.8 ބިލިއަން ރުފިޔާގެ ބަޖެޓްގައި 64.1 ޕަސެންޓް، 14.1 ބިލިއަން ރުފިޔާ އަކީ ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ އެވެ. ދައުލަތް ހިންގުމުގެ ހަރަދުތައް ޒަމާނުއްސުރެ ބޮޑު އިރު ޓެކްސް ފައިސާއިން އެ ހަރަދުތައް ހަމަޖެއްސުމަށް މަހެއްގެ މައްޗަށް ކިހާވަރެއް ހަރަދު ވާކަން ނޫނީ އޭގެ އެއްވެސް ތަފްސީލެއް އޮންނަނީ ސާފުކޮށް ނޭންގުމެއްގެ ތެރޭގަ އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭ އިން މަހަކު އެއްފަހަރު އާންމުކުރާ އިގްތިސާދީ ރިވިއުގެ މިދިޔަ މަހުގެ އަދަދުގައި ބުނެފައިވާ ގޮތުގައި ސަރުކާރުގެ ހަރަދާއި އާމްދަނީ އާއި ގުޅޭ މައުލޫމާތުތައް އެ އޮތޯރިޓީއަށް ލިބިފައި ވަނީ އޮކްޓޯބަރު 2016ގެ ހިސާބުތަކާ ހަމަޔަށެވެ. އެ ހިސާބުތަކަށް ބަލައި އެމްއެމްއޭ އިން ބުނެފައި ވަނީ އޮކްޓޯބަރު މަހުގެ ނިޔަލަށް ސަރުކާރުގެ ޖުމްލަ ހަރަދަކީ 1.9 ބިލިއަން ރުފިޔާ ކަމަށެވެ. އެއީ 2015 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު، 399.2 މިލިއަން ރުފިޔާގެ އިތުރުުވުމެއް ކަމަށް އެމްއެމްއޭ އިން ލަފާކުރާ އިރު، ސަބަބަކީ ސަރުކާރުގެ ރިކަރަންޓް ހަރަދާއި ކެޕިޓަލް ހަރަދު އިތުރުވުން ކަމަށް ބުނެފައިވެ އެވެ. ނަމަވެސް ތަފްސީލްތަކެއް ރިޕޯޓްގައި ނެތުމުން އިތުރުވީ ކޮން ރިކަރަންޓް ހަރަދުތަކެއް ކަމެއް އެނގޭކަށް ނެތެވެ. އެގޮތަށް ރިކަރަންޓް ހަރަދެއް އިތުރު ވާނަމަ، އެއީ ކޮން ސަބަބަކާ ހުރެ ކޮން ދިމާލަކުން އިތުރުވާ ރިކަރަންޓް ހަރަދެއްތޯ ވެސް އެނގެން ޖެހެ އެވެ.
ދައުލަތުން ހަރަދުތައް ކުރާ ގޮތަކީ ކޮންމެ ސަރުކާރެއް އޮތް ނަމަވެސް ރައްޔިތުން ޝައްކުގެ ނަޒަރަކުން ބަލާ ކަމެެކެވެ. ހާއްސަކޮށް އެހެން ދިމާވަނީ ވެސް ދައުލަތުގެ ހަޒާނާއިން ހަރަދުކޮށްފައިވާ ގޮތާ މެދު އޮޑިޓް ރިޕޯޓްތަކުގައި އަބަދުވެސް ކޮންމެ އިރެއްގައި ވެސް ގިނަ ސީރިއަސް މައްސަލަތަކެއް ފާހަަގަވެފައި ހުރުމެވެ. އަދި އޮޑިޓް ރިޕޯޓެއް ނެރުނަސް އޭގެ ތެރެއިން ގިނަ މައްސަލަތަކަށް ހައްލެއް ލިބިފައި ނެތުމަކީ އާންމުންގެ މެދުގައި އޮންނަ ޝަކުވާ އެކެވެ.
ދައުލަތުގެ ހަރަދުތަކުގެ ހިސާބުތައް ބެލެހެއްޓުން ވަރަށް ދޯދިޔާ ކަމަށް އޮޑިޓް ރިޕޯޓްތަކުގައި އޮތީ ފާހަގަކޮށްފަ އެވެ. އަދި ކައުންސިލްތައް އުފެދުމާ އެކު، އެކަށީގެންވާ މުވައްޒަފުން ނެތުމުގެ ސަބަބުން އެތަންތަނަށް ކުރާ ހަރަދުތަކުގައި ތަފްސީލްތައް ވަނީ އޮޅުންބޮޅުންވެފަ އެވެ. ދައުލަތުގެ ބައެއް ހަރަދުތަކުގެ ރިޕޯޓްތައް، "ގެއްލިފައި" ހުރި ކަމަށް ވެސް އޮޑިޓްތަކުގައި ފާހަގަ ކުރެ އެވެ. އެ ރިޕޯޓްތައް ދިރާސާ ކުރުމުގައި މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އިން މަސައްކަތްތައް ކުރެ އެވެ. ލިޔުމުން ކަންކަން ރަނގަޅު ކުރުމަށް އަންގަ އެވެ. އެކަމަކު ގާނޫނުތައް ބައްޓަންވެފައި ހުރި ގޮތުން އެންމެ އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅިފައި އޮތުމަކީ އަދި މާކަންބޮޑުވާން ޖެހޭ މައްސަލަ އެކެވެ. މަހުން މަހަށް ދައުލަތުގެ އޮފީސްތަކުން ކުރާ ހަރަދުތައް ދިރާސައިކޮށް ނުބައި ރަނގަޅު އެކަށަ އެޅުމުގެ މެންޑޭޓެއް އެ ކޮމިޓީގައި ވެސް ނޯވެ އެވެ. ދައުލަތުގެ ހަރަދުތަކުގެ ތަފްސީލްތައް މަހުން މަހަށް އެ ކޮމިޓީއަށް ފޮނުވުން ވެސް ލާޒިމެއް ނުކުރެ އެވެ.
ބަޖެޓް ފާސްވުމަށް ފަހު ދައުލަތުގެ ހަރަދުތައް އެގޮތަށް ކުރުމުގެ ފެހް ސިގްނަލް އޮންނަނީ އޭރަކު އޮންނަ ސަރުކާރަށް ލިބިފަ އެވެ. ދައުލަތުގެ ހަރަދުތައް ކުރުމުގައި އެކަށީގެންވާ ޗެކް އެންޑް ބެލެންސް ނިޒާމު ނެތުމަކީ މި މައްސަލަ ވެސް ބޮއްސުންލައިގެން ގޮސްފައިވާ އެއް ސަބަބެވެ. އެ ކަންކަމަށް ހައްލެއް ހޯދޭނީ ދައުލަތުގެ ހަރަދުތަކަށް ފާރަވެރިވާނެ އެކަށީގެންވާ ނިޒާމެއް ގާނޫނުތަކަކުން އެކުލަވާލެވިގެންނެވެ. އެ ހަރަދުތައް އާންމުކޮށް ރައްޔިތުންނަށް ފެންނާނެ ގޮތް ހަދައިގެންނެވެ. ނޫނީ އަހަރުމެންގެ ޓެކްސް ފައިސާއިން ހަރަދު ކުރާ ގޮތް އުމުރަށް ވެސް އޮންނާނީ ނޭނގުމެއްގެ ތެރޭގަ އެވެ.