ރިޕޯޓް

ހަމައެއްލަމައެއް ނެތް މަގުތަކެއް، ޓްރެފިކް ގަވާއިދުތައްވެސް "ބޭކާރު"

ދުއްވާފައި ދަމުން ފަހަތް ބެލުމަށް ލޯގަނޑު ބޭނުންކުރޭތޯ ޗެކްކުރުން! ދުއްވަމުންދާއިރު ގަވާއިދު ފަޅިން ދުއްވާތޯ ޗެކްކުރުން! ރަނގަޅަށް ސިގްނަލް ދޭތޯ ބެލުން!

މިއީ ހައްތަހާވެސް އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ޓެސްޓު ދޭއިރު ބެލުމަށް ކަނޑައަޅާފައިވާ 50 އަށް ވުރެ ގިނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ވަރަށް ވެސް ފުރިހަމަ ގަވާއިދުގައިވާ އަދި ކުޑަމިންވަރެކެވެ. އެގްޒަމިނަރުން ވެސް ވަރަށް ހަރުކަށިކޮށް މިހުރިހާ ކަމަކަށް ބައްލަވަ އެވެ. އެ ބޭފުޅުންގެ ހަރުކަށިކަމުން ފުރަތަމަ ބުރުން ފާސްވާ މީހުންގެ އިންސައްތަ ވަރަށް ވެސް މަދުވާނެ އެވެ. އެކަމަކު މި ހަރުކަށި ގަވާއިދު ތަހަންމަލު ކުރަންޖެހޭނީ ލައިސަންސް ކާޑް އަތަށް އަރަންދެންނެވެ.

ލައިސަންސް ކާޑު ހިފައިގެން ނިކުމެ ވެހިކަލަށް އަރާ ދުއްވާ ލުމާއެކު، ހުރިހާ ގަވާއިދެއް "އުވުނީ" އެވެ.

އުވުނީ އޭ ނޫން ގޮތަކަށް އެކަން ސިފަކޮށްދޭނެ އިތުރު ގޮތެއް ނޭނގެ އެވެ. ސަބަބަކީ ދުއްވުމުގެ ޓެސްޓް ހަދާއިރު އެހާ "ހަރުކަށި" ކޮށް ބަލާ ކަންތައްތަކަށް ފަހުން އަޅާލާނެ މީހަކު ނުވާތީ އެވެ. މާލޭގެ ތޮއްޖެހިފައިވާ މަގުތަކުގައި ސައިކަލުގެ ލޯގަނޑު ބޭނުންކުރަން ދަންނަނީ ކިތައް މީހުން ބާވަ އެވެ. ގިނަ ސައިކަލު ތަކުގައި މި ބުނާ ލޯގަނޑެއް ނުވެސް ހައްދަވަ އެވެ. އަނެއް ސައިކަލު ތަކުގައި "ސަޅިއަށް" ހަރުކޮށްފައި ހުންނާނީ ފަންސޫރުޖަހާ ދަތީގެ ފަހަތުގައި އިންނަ ވަރުގެ ލޯގަނޑު ކޮޅެކެވެ. ބާކީ ތިބި މީހުން ލޯގަނޑު ބޭނުންކުރަނީ އިސްތަށިގަނޑު ރީތިކޮށްލާ، ނޫނީ މޭކަޕް ރަނގަޅަށްތޯ ހުރީ ބަލާށެވެ.

ދެން އޮތީ ތިމާގެ އަމިއްލަ ސަލާމަތަށާއި ފަހަތުން އަންނަ ވެހިކަލްތަކުގެ ސަލާމަތަށް އެންމެ މުހިންމު އެއް ދައުރު އަދާކުރާ ސިގްނަލެވެ. އެކަމަކު ކީއްކުރަން ދޭ ސިގްނަލެއް ހެއްޔެވެ. ގޯޅި އަޅަންވީމަ އަޅަންވީ އެވެ. މަޑު ކުރަންވިޔަސް ފަރުވާލެއް ނެތެވެ. ކުރީގެ މަޝްހޫރު "ދިރިއުޅަމަކީ މިއީ" ގައި ޔޫސުފް ރަފީއު (ޔޫސޭ) ބުނާހެން "ފަހަތުން އަންނަ އެއްޗެހި ނަށްޓާނެ" ނޫން ހެއްޔެވެ.

މި ހިސާބުން ނިމުނީ އެއް ނޫނެވެ. މަގުތަކުގައި އާންމުކޮށް ފެންނަނީ "ގަދަ" މީހާ ގަދަވާތަނެވެ. ސްޕީޑް ލިމިޓް ވެސް އޮންނަނީ ނަމެއްގަ އެވެ. ފަތުއަޑު ކިޔާފަ ދުއްވާ މީހާ ދުއްވަންވީ އެވެ. އެމްބިޔުލަންސް އަށް ޖާގަދޭ ފަދައިން، އެމީހުންނަށް ޖާގަ ވެސް ދެވެ އެވެ. ގިނަ ފަހަރު އަމިއްލަ ސަލާމަތަށްޓަކައި، ގަންނާ ކުރެއްވި ބިރުންނެވެ. އޯވާޓޭކް ކުރުމުން ފެށިގެން ޕާކު ކުރުމުގައި ވެސް އެއްވެސް އަދަބެއް އަހުލާގެއް، ހަމައެއް ލަމައެއް މިތާކު ނެތެވެ.

މީގެ އެންމެ އަޖައިބު ކުރަނިވި ކަމަކީ ކުރިން ވެސް ފާހަގަ ކުރި ފަދައިން، މިހުރިހާ ކަމެއް ވަރަށް ސާފުކޮށް ޓްރެފިކް ގަވާއިދުގައި ލިޔެފައި އެބައޮތެވެ. ނަމަވެސް، ތަންފީޒު ކުރުމުގެ ޒިންމާ ބޮލުގައި އެޅިފައިވާ ބޭފުޅުންގެ އެއްވެސް ސަމާލު ކަމެއް، މަދު ކަމަކަށް މެނުވީ ލިބޭ މަންޒަރެއް ނުފެނެ އެވެ.

ވަކި ސަރަހައްދުތަކެއްގައި "ކުރު ދޮށީގައި" ގަވާއިދާ ހިލާފަށް ޕާކު ކޮށްގެން ސްޓިކާ ވެސް ޖަހަ އެވެ. އެހެނަސް ސަމާލުކަން ނުލިބޭ ސަރަހައްދުތަކުގައި، އަރި ހުރަހަށް ޕާކު ކުރިއަސް ވަރިހަމަ އެވެ. އެއިން ބޭފުޅެއްގެ ކައިރިން ދުން ކަނޑާފައި ދިޔައަސް ނުފެންނަ ކަހަލަ އެވެ.

އެހެން ހުރިހާ ގައުމެއްގައި ވެސް، ސިގްނަލް ރަނގަޅަށް ނުދިނުމުން ފެށިގެން ކަނޑައެޅިފައިވާ މިންގަޑަށް ވުރެ ބާރަށް ދުއްވުމަކީ ހައްތަހާވެސް ޓްރެފިކް ކުށެވެ. ނަމަވެސް ރާއްޖޭގައި، ހާއްސަކޮށް މާލޭގައި ޓްރެފިކް "ކުށް"ތައް ވަރަށް މަދެވެ. ރޯޑް ވާދިނަސް އާއި އިންޝުއަރަންސް އަދި އަހަރީ ފީ ދައްކައިގެން ހިތުހުރި ގޮތަކަށް ދުއްވަންވީ އެވެ. އެކަމަކު މިކަމުން ވެސް ގިނަ ފަހަރު ކާރު ތައް ބަރީއަވާނެ އެވެ. ޕާކިންގް ސްޓިކާ ޖެހުމުގައި ވެސް ސައިކަލުތަކަށް ހާއްސަ ސަމާލުކަމެއް ލިބެ އެވެ. ކާރަކީ "ރަންދަރި" ސައިކަލަކީ "ގުއިދަރި" ގެ އުސޫލެވެ.

އެބޭފުޅުން ތިއްބަވަނީ ހަމައެކަނި މިކަހަލަ މަދު ކަންތައްތަކަށް ފާރަވެރިވެގެންނެވެ. އެކަމުގައި އެބޭފުޅުން ވަރަށް ކުޅަދާނަ ވާނެ އެވެ.

ޓްރެފިކް ބޯވެ، އެންމެ ބާރު ބޮޑު އަނގޮޅިތައް ތޮއްޖެހޭ ވަގުތުތަކުގައި، ޓްރެފިކް ކޮންޓްރޯލް ކުރައްވާ ބޭފުޅުން ހަރަކާތްތެރިވާ މަންޒަރަކީ އެހެން ގައުމުތަކުގައި ވަރަށް ވެސް އާންމުކަމެކެވެ. އެކަމަކު ރާއްޖޭގައި ހާއްސަކޮށް މާލޭގައި މި ފަދަ މަންޒަރެއް ފެނުމަށްވުރެ އަވަހަށް ކޭތަ ހިފާ މަންޒަރު ވެސް ފެނުން އެކަށީގެންވެ އެވެ. ޓްރެފިކަށް ބާރުބޮޑުވާ ވަގުތެއްގައި އެއިން ބޭފުޅަކު ފެނުނަސް، ޓްރެފިކް ކޮންޓްރޯލް ކުރަން އުޅޭ ތަނެއް ފެނުން ނާދިރެވެ. އެއާހިލާފަށް ހަދަންވީ ގޮތެއް ނޭނގި، ގޮތް ހުސްވެގެން، ދެކޮޅަށް ހިނގާތަން ނޫނީ، އަތް އުރާލައިގެން ހުންނަތަން ފެނިދާނެ އެވެ.

ކޮންމެ ސަބަބަކާ ހުރެ ނަމަވެސް މާލޭގެ މަގުމަތީގެ ހާލަތު ދުވަހުން ދުވަހަށް ގޯސްވަމުންދާ ކަމީ ދެބަސްވެވޭނެ ކަމެއް ނޫނެވެ. ކުޑަކުއްޖަކަށް މުސްކުޅިއަކަށް ބެލުމެއްނެތި، ފުރޮޅު ކަހާފައި ބާރު ސްޕީޑުގައި ދުއްވަނީ އެވެ. ނުރައްކާތެރި އެކްސިޑެންޓުތައް ދަނީ އިތުރުވަމުންނެވެ. ގާނޫނު ތަކަކާއި ގަވައިދުތަކެއް ހެދިފައި ހުއްޓަސް، ތަންފީޒު ނުކުރެވި، ދުއްވާ މީހުންނަށާއި ހިނގާ މީހުންނަށް އެއްވެސް ރައްކާތެރިކަމެއް ނެތެވެ. ޓްރެފިކްގެ އުސޫލުތައް މިތާ މިއޮތީ އެބަޔަކު އެއިރެއްގައި ހިތަށް އެރި ގޮތަކަށް އަމަލު ކުރާ އެއްޗަކަށްވެ ނިމިފަ އެވެ.