ފިނިޕޭޖް

ޕިއާނޯ ރައުންޑްގެ ޓްރެއިލާހާ ހިތްގައިމުކަމެއް މިއަދަކު ނުފެންނާނެ

މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއެއްގެ ޕިއާނޯ ރައުންޑަށް ބައިވެރިންނެކޭ އެއްގޮތަށް ބެލުންތެރިންވެސް މިތިބީ ވަރަށް "އެކްސައިޓް" ވެފަ އެވެ. އެތައް ބަހުސަކަށްފަހު މިދިޔަ ހަފުތާގައި މިވަނީ ގަދަ 16 ބައިވެރިން ހޮވައިފަ އެވެ. އެ ބައިވެރިންގެ ހުނަރު ފެނިގެންދާ ޕިއާނޯ ރައުންޑަށް ކުރަމުންދާ އިންތިޒާރަށް ނިމުމެއް އަންނަން އަދި ދެ ދުވަސް އެބަ އޮތެވެ.

އޭގެ ކުރިން ޕީއެސްއެމުން މިއަދު މިވަނީ ޕިއާނޯ ރައުންޑުގެ ޓްރެއިލާއެއް އާންމުކޮށްފަ އެވެ. މި ރައުންޑުގެ ފުރަތަމަ ބައިގައި އަށް ބައިވެރިން ލަވަ ކިޔާނެ އެވެ. މި ޓްރެއިލާގައި މި އަށް ބައިވެރިންގެ ގްރޫޕް ލަވަޔަކުން މަންޒަރެއްވެސް ފެނިގެންދެ އެވެ.

ބައިވެރިން ބުނަނީ މި ރައުންޑުގައި ތަފާތު ލަވަތަކެއް ފެނިގެންދާނެ ކަމަށެވެ. އަދި ބައިވެރިންގެ ހުނަރުގެ ސަބަބުން ޖަޖު ކުރުމަށް ޖަޖުންނަށް އުނދަގޫވާ ފެންވަރުގެ ޕާފޯމެންސް ތަކެއް ފެނިގެންދާނެ ކަމަށެވެ.

އެހެންކަމުން މި ރައުންޑަކީ ޓަފް ރައުންޑަކަސް ފޯރި ގަދަ އަދި ރީތި ލަވަތަކެއް ފެނިގެންދާނެ ކަމަށް ބެލެވެ އެވެ.

ޕިއާނޯ ރައުންޑުގައި ލަވަކިޔާ ފުރަތަމަ އަށް ބައިވެރިންގެ ތެރޭގައި ހިމެނެނީ މުހައްމަދު ރީހާން، އިބްރާހިމް ވަހީދު، ޝަނީޒާ ޝަރީފް، ޝަޒާ އަބްދުﷲ ރަޝީދު، މުހައްމަދު ތަސްނީމް (ބޮބް)، މުހައްމަދު ހަމްދާން، އަހްމަދު ސައްޔާހު އަދި ޝަމްވީލް މުހައްމަދު އެވެ.

މި ރައުންޑުގައި ބައިވެރިން ސޯލޯ ލަވަތަކެއް އަދި ޑުއެޓް ލަވަތަކެއް ހުށަހަޅައިދޭނެ އެވެ. މޯލްޑިވިއަން އައިޑޮލް ސީޒަން ދެ އެއްގެ ޕިއާނޯ ރައުންޑަށް ހޮވިފައިވާ އަނެއް އަށް ބައިވެރިންނަކީ އަހްމަދު ނަބީލް، ހަމޫދު އަހްމަދު، ހަސަން އިރުފާން، އަހްމަދު ފަރަޝް، އައިޝަތު ޖައިޝާ، އަހްމަދު މާއިޝް، އަބްދުﷲ ހިޝާން، ހުސެން ސަމާހު އެވެ.