ކުޅިވަރު

ވިކްޓަރީން ޝާޒު ދުރުކުރި ސަބަބު މި އޮތީ

މި އަހަރުގެ ފުޓްބޯޅަ ސީޒަންގެ ތައްޔާރީގައި ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ކޯޗް ކަމަށް ހަމަޖެއްސި، އެ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މުހައްމަދު ޝާޒްލީ (ޝާޒު) ކޯޗުކަމުގެ މަގާމުން ވަކި ކުރީ އޭނާ އާއެކު ވިކްޓަރީ ދާން ބޭނުންވާ ހިސާބަށް ވާސިލު ނުވެވިދާނެ ކަމަށް މެނޭޖުމަންޓަށް ފެންނާތީ ކަމަށް ވިކްޓަރީގެ ޗެއާމަން އިބްރާހިމް ނަޒީމް މިއަދު ވިދާޅުވެއްޖެ އެވެ.

ޝާޒު މަގާމުން ދުރުކޮށް އެ މަގާމަށް ވިކްޓަރީގެ ކުރީގެ މަޝްހޫރު ކޯޗު އަލީ ސުޒޭން ހަމަޖެއްސިކަން ރަސްމީކޮށް އިއުލާނުކުރުމަށް އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޒީމު ވިދާޅުވީ، ވޭތުވެދިޔަ ދުވަސްތަކުގައި ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގައި ޝާޒުގެ ފެންވަރު ފެނިފައިވާ ކަމަށާއި އޭނާއާ އެކު ކާމިޔާބު ނުލިބިދާނެ ކަމުގެ ނިޝާނާއި އިންޒާރު ލިބިފައިވާ ކަމަށެވެ.

"ވަރަށް ދުވަހަށް ފަހު ވިކްޓަރީގައި ވަރަށް ވަރުގަދަ ޓީމެއް އެކުލަވާލެވިފައި މިވަނީ، ޝާޒްލީ އާއެއްކޮށް މިހާތަނަށް މިގެންދެވުނު ޕްރެކްޓިސް ޝެޝަންތަކުގައި، ޓީމުގެ މެނޭޖްމެންޓަށް، ބައެއް ކަންކަން ފާހަގަ ކުރެވިފައި ވަނީ، މެނޭޖެމްނެްޓުން އެންމެ ހިތްހަމަ ޖެހޭ ގޮތަކަށް ނޫން ކަންކަން ގޮސްފައި އޮތިކީ މި ޓީމާއެކުވެސް ޝާޒްލީ އަށް ވިކްޓަރީ އެންމެ ބޭނުންވާ ކާމިޔާބު ހޯދައި ނުދެވިދާނެ ކަމުގެ ބިރު މެނޭޖްމެންޓަށް އޮތީމަ،" ނަޒީމް ވިދާޅުވި އެވެ.

"މި އަހަރު ވިކްޓަރީ ނިކުމެ މިތިބީ ވަރަށް ބޮޑު ހޭދައެއް ކޮށްގެން، މިއަހަރު ކުލަބު ހޯދާނެ ނަތީޖާއަކާ ދޭތެރޭގައި ސަޕޯޓަރުންގެ ވަރަށް ބޮޑު އުންމީދު ތަކެއް އެބަހުރި، އެހެންވީމަ އެ ނަތީޖާ ހޯދުމަށް ކުރަން ޖެހޭ ކޮންމެ ކަމެއް ކުލަބުގެ މެނޭޖްމެންޓްގެ ފަރާތުން ކުރާނެ."

ޝާޒްގެ ކޯޗް ކަމުގެ ދަށުން މިހާތަނަށް ވިކްޓަރީން ވާދަވެރި ނުވަތަ ވަރުގަދަ އެއްވެސް މެޗެއް ކުޅެފައެއް ނުވެއެވެ. ކޯޗް ކަމުން ވަކި ކުރަން ޖެހޭނީ ވާދަވެރި މެޗު ތަކުގައި ނެރެފައިވާ ނަތީޖާ ތަކުގެ މައްޗަށް ބިނާކޮށް ނޫންތޯ، ނަޒީމް އާ ސުވާލު ކުރުމުން، ވިދާޅުވީ ޕްރީ ސީޒަން ނިމި ސީޒަން ފަށަން ތައްޔާރު ވެފައި ވާއިރު ވެސް ޓީމަށް އެހާ ބޮޑު ކުރިއެރުމެއް އައިސްފައި ނުވާކަން އެންމެވެސް ގަބޫލު ކުރާ ކަމަށާއި އަދި ކުޅުންތެރިންގެ މެދުގައިވެސް ހިތްހަމަ ނުޖެހުން ތަކެއް ހުރި ކަމަށެވެ.

ޝާޒް އަކީ މިދިޔަ ދެ އަހަރު ބީޖީ އަށް ކޯޗް ކޮށްދިން ކޯޗެވެ. ނަމަވެސް، މިދިޔަ ސީޒަން ގައި އެ ޓީމު ވަނީ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓް ވެފަ އެވެ.

ޝާޒް ކޯޗް ކަމަށް ހަމަޖެއްސުމުގެ ކުރިން ބެލީ ބޭރުގެ ކޯޗަކަށް ކަމަށާއި، ނަމަވެސް ޓީމު އެކުލަވާލި ޕްލޭނަށް ވުރެ ބަޖެޓް މަތިވުމުން ދިވެހި ކޯޗެއްގެ ވިސްނުން ގެންގުޅުނީ ކަމަށާއި ޝާޒްއާ އެކު ކުރިއަށް ދާން ނިންމީ އެވަގުތު އޭނާ ހުސްކޮށް ހުރުމުން ކަމަށް ނަޒީމު ވިދާޅުވި އެވެ.

"ދިވެހި ކޯޗެއް ހޯދަން އަޅުގަނޑުމެން ބެލިރު އޭރު ސުޒޭނެއް ނެތް، އޭރު ސުޒޭން ހުރީ މާޒިޔާގައި، ބީޖީ ރެލިގޭޓްވި ނަމަވެސް، ޝާޒް ވަނީ އެޓީމުގައި ބޮޑެތި ޓީމުތަކާ ދެކޮޅަށް ވެސް ރަނގަޅު ފައިޓެއް ދީފަ އެހެންވެ އެވަގުތު ޝާޒްއާ އެއްކޮށް ދިއުން ރަނގަޅު ކަމަށް ފެންތީ އަޅުގަނޑުމެން ކުރިއަށް ދިޔައީ، އިހްތިރާމާ އެކު ދަންނަވަން ޖެހޭނީ މި ވަގުތު ކޯޗް ބަދަލު ކުރީ މިއީ އެންމެ ރަނގަޅު ގޮތް ކަމަށް ވާތީ އޭ،" ނަޒީމް ވިދަޅުވި އެވެ.

ސުޒޭން ބުނީ، ދިވެހި ކޯޗެއް ހުންނަނަމަ، މިވަގުތު ވިކްޓަރީ ސަޕޯޓަރުންނާއި މެނޭޖްމެންޓުން މަސައްކަތް ކުރަން ބޭނުންވަނީ އޭނާ އާ އެކު ކަމަށެވެ.