ކުޅިވަރު

ސުޒޭނާއި ވިކްޓަރީ އަށް ޝާޒުގެ ހޫނު ހަމަލާ

Feb 16, 2017

ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ކޯޗް ކަމުން ޝާޒްލީ މުހައްމަދު ވަކި ކުރީ، އޭނާއާ އެކު އެ ޓީމުގެ ހަމަލާތައް ވަރުގަދަ ނުވުމުން ނެވެ. މިއީ ވިކްޓަރީގެ މެނޭޖުމެންޓުން ބުނި ވާހަކަ އެވެ. ޝާޒްގެ ކޯޗް ކަމުގެ ދަށުން، ވިކްޓަރީގެ ހަމަލާތައް ވަރުގަދަ ނުވި ނަމަވެސް، އޭނާ ވަނީ، މިއަދު ކޯޗު ކަމަށް ހަމަޖެއްސި އަލީ ސުޒޭން އާއި ވިކްޓަރީގެ ބޯޑަށް ގިނަ ހަމަލާ ތަކެއް ފޮނުވާލާފަ އެވެ.

ޝާޒް ވިކްޓަރީގެ ކޯޗް ކަމުން ވަކި ކުރީ، ވާދަވެރި އެއްވެސް މެޗެއް ކުޅެން ނުލިބި ވަނިކޮށެވެ. ނަމަވެސް ވިކްޓަރީން ބުނަނީ، ޝާޒްއާ އެކު މިހާތަނަށް އެ ޓީމުން ކުރި ޕްރެކްޓިސް ޝެޝަންތަކުގައި ފާހަގަ ކުރެވުނު ކަންތައްތަކުން ވިކްޓަރީ ދާން ބޭނުންވާ ހިސާބަށް އޭނާއާ އެކު ނުދެވުމުގެ ބިރު ޓީމުގެ މެނޭޖްމެންޓަށް އެބައޮތް ކަމަށެވެ. ކޮންމެ އަކަސް ކޯޗް ކަމުން ޝާޒް ވަކި ކޮށްފި އެވެ. ޝާޒް ވެސް ދިފާއުގައި މިޑިއާ އާއި ކުރިމަތިލި އެވެ. އޭނާ ވެސް މީޑިއާ ކުރިމައްޗަށް އައީ ވިކްޓަރީގެ ކޯޗް ކަމުން އޭނާ ދުރު ކޮށްފައިވާ ކަން އިއުލާން ކުރި އެފްއޭއެމްގެ އެ ހޯލް ގައި ހަމަ އެ މޭޒުގަ އެވެ. ވިކްޓަރީގެ ޕްރެސް ނިމުނުތާ ދެތިން މިނެޓް ފަހުން ނެވެ.

އޭނާގެ ތުހުމަތުތައް އައިގޮތުން، ސިފަ ކުރެވުނީ، އޭނާ އިން ގޮނޑި ސުޒޭން ޖަހައިގަތީ ކަމަށެވެ. ޝާޒް ތުހުމަތު ކުރާ ގޮތުގައި ވިކްޓަރީގެ ކޯޗުކަން އޭނާ އަށް ގެއްލުމުގެ "އެންމެ ބޮޑު އަސްލަކީ" ސުޒޭން އެވެ.

"އެންމެ ފުރަތަމަ ކަމަކީ، އަލީ ސުޒޭނަށް ކޯޗް ކޮށްދޭނެ ޓީމެއް ނުލިބުން، މިއީ މީގެ އެންމެ ބޮޑު އަސްލު، އެއީކީ އަޅުގަނޑުގެ މައްސަލަ އެއްވެސް ނޫން އަދި ފުޓްބޯޅަ އަށް ލޯބި ކުރާ އެހެން ބައެއްގެ މައްސަލައެއްވެސް ނޫން، އެއީ އަލީ ސުޒޭންގެ މައްސަލައެއް،"

ޝާޒް ބުނީ، ވިކްޓަރީގެ މެނޭޖްމެންޓަށް ސުޒޭންގެ ނުފޫޒު "ވަރަށް ބޮޑަށް އެބައޮތް" ކަމަށެވެ. ވިކްޓަރީގެ ބޯޑުގައި، ސުޒޭންގެ އެއްބަނޑު އެއްބަފާ ދެބެން އެބަ ތިއްބެވެ. އެހެންވެ ވިކްޓަރީގެ ކޯޗް ކަމުގެ މަގާމަށް ސުޒޭން އައީ ވިކްޓަރީގެ ބޯޑުގެ ތެރެއަށް ނުފޫޒު ފޯރުވައި އަތްބާނައިގެން ކަމަށް ޝާޒް ތުހުމަތު ކުރި އެވެ.

އެހުރިހާ ކަމަކާއި ނުފޫޒެއް ބޭނުން ކޮށްގެން ވިކްޓަރީގެ ކޯޗް ކަމަށް ސުޒޭން އައީ މިހާރު އެކުލަވާލަފައި އޮތް ސްކޮޑަކީ ތަށި ހޯދޭނެ ފެންވަރުގެ ޓީމެއް ކަން އޭނާ އަށް އެނގުމުން ކަމަށާއި އެވަރުގެ ޓީމެއް ވިކްޓަރީގައި ނެތް ނަމަ ވިކްޓަރީގެ ކޯޗް ކަމާ ސުޒޭން ހަވާލު ނުވާނެ ކަމަށެވެ.

"އަޅުގަނޑަށް ވަރަށް ޔަގީން ސުޒޭނަށް އެނގޭނެކަން މިދަނޑިވަޅުގައި އައިސްގެން ނޫނީ ވިކްޓަރީގެ ކޯޗް ކަމާ ހަވާލުވާން މި އަހަރު އުނދަގޫ ވާނެ ކަން، މި އަހަރު ހަމަގައިމުވެސް ވަރަށް އުނދަގޫވާނެ ކާމިޔާބު ހޯދަމުން ދަނިކޮށް އަންނަން، އަލީ ސުޒޭނަށް ވަރަށް ޔަގީން މި ޓީމު ތަށި ހޯދާނެ ކަން، އަލީ ސުޒޭނަށް ވަރަށް ޔަގީން މި ޓީމު އަޅުގަނޑާ އެކު ކާމިޔާބު ހޯދާނެ ކަން، އެހެންވެ އޭގެ ކުރިން ވިކްޓަރީ އަށް އައިސްގެން ކަން (އޭނާ އަށް) މިކަން ކުރެވޭނީ،" ޝާޒްލީ ބުންޏެވެ.

އަދި ދެ ކޯޗެއްގެ ދެމެދުގައި ޗެލެންޖް އޮންނަންވާނީ ދަނޑު ގައި ކަން ފާހަގަ ކުރަމުން ޝާޒް ބުނީ ކުލަބުގެ ބޯޑުގައި އެމީހެއްގެ ނުފޫޒު އޮވެގެން ކޯޗުގެ މަގާމަށް އަންނަނަމަ ކޯޗުންގެ މެދުގައި އޮންނަ ޓެކްނިކަލް ވާދަވެރިކަން ގެއްލި ސިޔާސީ ވާދަވެރި ކަމުގެ އޮއިވަރާ ދިމާލަށް މިސްރާބު ބަދަލުވެގެން ހިނގައިދާނެ ކަމަށެވެ.

ބައެއް ނޫސްވެރިން، ސުޒޭން އަށް ފޭވާ ކުރުމުގެ ގޮތުން، އޭނާ [ސުޒޭން] ވަރަށް ބޮޑަށް ޕްރޮމޯޓް ކޮށްދޭން މަސައްކަތް ކުރާ ކަމަށް ޝާޒް ވަނީ ތުހުމަތު ކޮށްފަ އެވެ. އަދި އެއީ ދިވެހި ފުޓްބޯޅަ އަށް ރަނގަޅު ކަމެއް ނޫން ކަމަށް ޝާޒް ބުންޏެވެ.

"ނޫހުގައި އެބަ ލިޔެވޭ ވިކްޓަރީ އާއި ނިއުރޭޑިއަންޓް ވަރުގަދަ ވާއިރު، ދަނޑަށް މިހުން ވަންނަ ވާހަކަ ދެކެވޭއިރު، ވިކްޓަރީގެ ބެންޗުގައި އަލީ ސުޒޭން އިނުމަކީ ދިވެހި ފުޓްބޯޅަ ފޯރިގަދަވެ، ދަނޑަށް މީހުން ވަދެ މިއީ ވަރަށް ހިނގާ ކަމަކަށް ވާނެޔޭ، އަބަދުވެސް މި ދެކެވެނީ އަލީ ސުޒޭން މިފަހަރު ޓީމެއްގައި ނެތުމުން، އަދި ހާއްސަކޮށް ވިކްޓަރީ ސްޕޯޓްސް ކުލަބުގައި ނެތުމުން އެއީ ފުޓްބޯޅަ އަށް ލިބޭ ވަރަށް ބޮޑު އުނި ކަމެކޭ، މިދެންނެވީ މީޑިއާއިން ފާހަގަ ކުރާ ގޮތް،"

ޝާޒް ބުނީ ސުޒޭން އަކީ ރާއްޖޭގެ މޮޅު ކޯޗެއްކަން ހުދު އޭނާ ވެސް ގަބޫލު ކުރާ ކަމަށެވެ. ނަމަވެސް ސުޒޭން، މާޒިޔާގެ ކޯޗު ކަމުން އިސްތިއުފާ ދިނީ، އެކުލަބު ހޯދަން ބޭނުންވި ކާމިޔާބު ހޯދައި ނުދެވުމުން ކަމަށާއި ނަމަވެސް މީޑިއާ އިން އެކަން ފާހަގަ ނުކޮށް އަބަދުވެސް ވިސްނައިދޭން އުޅޭނީ ސުޒޭންގެ މޮޅުކަމުގެ ވާހަކަތައް ކަމަށް ޝާޒް ބުންޏެވެ.

"މިކަންކަން މީޑިއާ ފާހަގަ ނުކުރުމަކީ އަރަމުން އަންނަ ކޯޗުންނަށް ކުރިމަތިވާނެ ވަރަށް ބޮޑު ހުރަހެއް،" ޝާޒް ބުންޏެވެ.

ސުޒޭން އަށް ހަމަލާތައް އަމާޒު ކުރުމުގެ ކުރިން ޝާޒްގެ ހަމަލާ އަމާޒުވީ ވިކްޓަރީގެ މެނޭޖްމެންޓަށް ށެވެ. ޝާޒް ބުނީ، އޭނާއާ މެދު ކުލަބުގެ މެނޭޖްމެންޓުން ހިތްހަމަ ނުޖެހޭނަމަ، ވިކްޓަރީގެ މެނޭޖްމެންޓުން ފުރިހަމަ ކުރަންޖެހޭ ގިނަ ކަންކަމެއް ކޮންޓްރެކުޓްގައި ހިމެނޭ ކަމަށެވެ.

އަދި ކޯޗު ކަމުން ވަކި ކުރުމާ ހަމައަށް ދާން ޖެހޭނީ ގިނަ މަރުހަލާ ތަކެއް ފުރިހަމަ ކުރުމަށްފަހު ކަމަށް، ޝާޒް ބުންޏެވެ. އަދި ކޯޗު ކަމުން ވަކި ކުރުމަށްފަހުވެސް މެނޭޖެންޓުން ފުރިހަމަ ކުރަން ޖެހޭ ކަންކަން އެބަހުރި ކަމަށާއި އެއިން އެއްވެސް މަރުހަލާ އެއް މެނޭޖްމެންޓުން ފުރިހަމަ ނުކުރާ ކަމަށެވެ.

އަދި ކޯޗު ކަމުން ވަކި ކުރިކަން އޭނާ އަށް އެނގިފައި ނުވާ ކަމަށާއި، އާ ކޯޗަކު ގެންނަ ހަބަރު ލިބުނީ މީޑިއާ އިން ކަމަށެވެ.

"ހެޑް ކޯޗަކާ އެކު ކޮންޓްރެކްޓެއް ހެދިފައި އޮންނައިރު އެ ކޮންޓްރެކްޓް އުވާލެވޭނެ ގޮތްތަކެއް އެބަހުރޭ، އެކަމެއް ވިކްޓްރީ ސްޕޯޓްސް ކުލަބަކަށް ކުރެވިފައެއް ނުވޭ."

ޝާޒް ބުނީ ވިކްޓަރީގެ ޓީމުން އޭނާއާ އެކު އެއްބަސްވި އެއްބަސްވުމުގައި އަމަލު ކުރަން އެއްބަސްވި ކަންކަމަށް އަމަލު ކޮށްފައި ނުވާ ކަމަށެވެ. އެގޮތުން އޭނާ ފާހަގަ ކުރީ:

- ޓްރެއިނިން ކޭމެޕަކަށް ދިއުން
- ޕްރެކްޓިސް ފަށަން ވާއިރު، ބިދޭސީ ކުޅުންތެރިން ގެނައުން

ޝަޒް ބުނީ އެ ދެކަމުން ކުރެ އެއްވެސް ކަމެއް މެނޭޖްމެންޓުން އެއްބަސްވި ގޮތަށް ކޮށްދީފައިނުވާ ކަމަށާއި ކުޅުންތެރިންނަށް މުސާރަ ވެސް ދެވިފައި ނެތް ކަމަށެވެ.

"މި ހުރިހާ ކަމެއް ދިމާވި އިރުވެސް މިހާރު ވިކްޓަރީ ސްޕޯޓްސް ކުލަބުގެ އަމާޒު މިހުރީ ހެޑްކޯޗް އެއްފަރާތް ކޮށްފަ އެހެން ހެޑްކޯޗެއް ގެނައުން، ހަގިގަތުގައި ކުލަބެއްގެ މުހިންމު ކަމަކަށް ވާންޖެހޭނީ ކުލަބެއް ހަރުދަނާ ކުރުން، އަދި އޮތް ހިސާބަށް ވުރެ ރަނގަޅު ހިސާބަކަށް ގެންދިއުން،"

އެކަން ނުކޮށް، ކޯޗް ބަދަލު ކުރުމަކީ އެކަމުގައި ކޮންމެވެސް ވަރެއްގެ ނޭދެވޭ ކަންތައްތަކެއް އުޅޭކަން ސާބިތު ކުރެވޭ ކަމެއް ކަމަށް ޝާޒް ބުންޏެވެ.

އޭނާގެ ވާހަކަތައް ނިންމާލީ ފިނި ޖަވާބަކުން ނެވެ.

"އަޅުގަނޑު މިކަމާ ހިތްހަމަ ނުޖެހިފައި އިނަސް އަޅުގަނޑަށް ހީވަނީ މި ޓީމާ އެކު ސުޒޭން ނަތީޖާ ނެރޭނެ ހެން، ސުޒޭން އަކީ އަޅުގަނޑުވެސް ވަރަށް ރެސްޕެކްޓް ކުރާ ކޯޗެއް، ކާމިޔާބު ހޯދާފައި ހުރި ކޯޗެއް ވީމަ ސުޒޭން އަށް މިކަން ކުރެވޭނެ ހެން އަޅުގަނޑަށް ހީވަނީ،" ޝާޒް ބުންޏެވެ.

އަދި އޭނާ ވަނީ، ކޮންމެ ކޯޗަކު ހުއްޓަސް ވިކްޓަރީގެ ކުޅުންތެރިން އެ ކޯޗަކާ އެކު މަސައްކަތް ކުރުމަށް އިލްތިމާސް ކޮށްފަ އެވެ.