ރިޕޯޓް

ދައުލަތުގެ "އިސްރާފު" ހަރަދުތައް ކުޑަ ކުރެވޭތަ؟

Feb 16, 2017
2
  • އާމްދަނީ އިތުރު ކުރުމަށް ވުރެ ހަަރަދު ކުޑަކުރުން މުހިންމު
  • ހަރަދު ކުޑަކުުރުމަށް ސަރުކާރުން ރަނގަޅު ފިޔަވަޅު އެޅި
  • އިސްރާފުގެ ބައި ކުޑަކުރަން އަދިވެސް ފިޔަވަޅު އަޅަން ޖެހޭ

ރާއްޖޭގެ އިގްތިސާދާ މެދު ބޭރުގެ މާލީ އިދާރާތަކުން އަބަދުވެސް ކަންބޮޑުވުން ފާޅުކުރާ ކަންތައްތަކެއް އެބަ ހުއްޓެވެ. އައިއެމްއެފާއި ވޯލްޑް ބޭންކުން ކެނޑިނޭޅި ފާހަގަ ކުރާ ގޮތުގައި، ބޭރުގެ ފައިސާގެ ބާޒާރަށް އޮންނަ ބޮޑު ޕްރެޝަރާއި ދައުލަތުގެ ދަރަނީގެ މައްސަ އަދި އާމްދަނީއާ ނުބައްދަލު މިންވަރަށް ދައުލަތުގެ ހަރަދުތައް ބޮޑުވުމަކީ ރާއްޖޭގެ އިގްތިސާދަށް ހުރި ބޮޑެތި ނުރައްކާތަކެކެވެ. އެތައް އަހަރުތަކެއް ވަންދެން ފަރުވާލެއް ނުބަހައްޓައި ކުރެވުނު ކަންތައްތަކުން އިގްތިސާދުގެ މުހިންމު އަސާސްތަކަށް މި ވަނީ ނޭދެވޭ އަސަރުތައް ކޮށްފަ އެވެ.

އެކަން ހައްލުކުރުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން އަބަދުވެސް ގޮވާލާ އެއްކަމަކީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމެވެ. ކޮންމެ ސަރުކާރެއް ވެސް އެކަމަށް ވައުދުވެ އެވެ. ނަމަވެސް އެކަމަށް އަމަލީ ފިޔަވަޅު އެޅުމުގައި ފަހަތު ފަޔަަށް އަބަދުވެސް ބުރަވެވެ އެވެ. އިގްތިސާދީ މައްސަލަތަކުން އަރައިގަންނަން ކުރަންޖެހޭ މަސައްކަތްތަކަކީ ދައުލަތުގެ ހަރަދުތައް ކުޑަކޮށް އާމްދަނީ އިތުރުކުރުމެވެ. އޭގެ ތެރެއިން އަހަރުމެންނަށް މަސައްކަތް ކުރެވެނީ އާމްދަނީ އިތުރު ކުރުމަށެވެ. ހަރަދު ކުޑަކުރުމުގެ ބަޔަކީ އެހާ ބޮޑަށް އަޅާލާ ކަމަކަށް ނުވެ އެވެ.

"ހަރަދު ކުޑަކުރަން ހިފީމަ އެބަ ކުރިމަތިވޭ ބޮޑެތި ހުރަސްތަކެއް. އެއީ ކުރަން ވަރަށް އުނދަގޫ ކަމަކަށް ވެފައި އޮންނަނީ. އެއީ މީހުންގެ ހިތްހަމަނުޖެހުމައި ލިބޭ އެއްޗެއް ކުޑަވާން ބޭނުން ނުވުން މީގެ މައިގަނޑު މައްސަލައަކީ. އާމްދަނީ ލިބޭވަރު ރާއްޖެ އަށް މިހާރު ބަލާއިރު އެއީ މައްސަލައެއް ނޫން. މައްސަލައަކަށް ވަނީ ހަރަދުތައް،" ފިނޭންސްގެ އިސް މަގާމުތައް ފުރުއްވައި މިހާރު ރިޓަޔާ ކުރައްވާފައިވާ ބޭފުޅަކު ވިދާޅުވި އެވެ.

ބަޖެޓްގެ ހަރަދު ކުޑަކުރުމުގެ ޗެލެންޖްތައް ފެށެނީ ވެރިކަމަށް އަންނަން ކެމްޕޭން ކުރާ ހިސާބުންނެވެ. ރާއްޖޭގެ ސިޔާސީ މައިދާން ބައްޓަންވެފައިވާ ގޮތުން އާންމުންގެ ތާއީދާ އެކު ވެރިކަމަށް އައުމަކީ އެކްޓިވިސްޓުންނާ ނުލައި ވާނެ ކަމެއް ނޫނެވެ. ނޫނީ އެ މީހުން ކޮންޓްރޯލްކުރާ މީހުންނާއި ގުޅުންހުރި މީހުން އަބަދުވެސް ކައިރީގައި ގެންގުޅެންޖެހެ އެވެ. އެ މީހުން ބޭނުންވާ ކަންތައްތައް އެ މީހުންނަށް ކޮށްދޭންޖެހެ އެވެ. ނަހަމަ ގޮތުގައި ކޮންޓްރެކްޓްތައް ދިނުމާއި އެކި ނަންނަމުގައި ކުންފުނި ހަދައި ބޯޑުތަކަށް މި ދެންނެވި އެކްޓިވިސްޓުން އިސް ކުރުމަކީ ކޮންމެ ވެރިކަމެއްގައި ވެސް ކަންހިނގާ މަގެވެ. އޭގެ ސަބަބުން ހަރަދުތައް ބޮޑުވެ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ވެސް ހަރަދުތަކުގެ ބޮޑުބައެއް ބެހިގެންދެ އެވެ.

"ހަރަދުކުޑަކުރަން މަސައްކަތްތަކެއް ކުރެވުނަސް އެންމެ ފަހުން އެކި ނަންނަމުގައި ހަރަދުތައް ކުރެވިފައި އޮންނަނީ. އެއީ ކޮންޓްރޯލް ކުރަން އުނދަގޫ ކަމަކަށް ވެފައި އޮންނަނީ. އެއީ އެ ރޫހު އަޅުގަނޑުމެންގެ ތެރޭގައި ނެތީ،" ކުރިން ވެސް ވާހަކަދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.

ހަރަދު ކުޑަނުކުރެވޭ އަނެއް ސަބަބު ގުޅިފައި ވަނީ މީހުންގެ ވިސްނުމާ އެވެ. ކޮންމެ ރައްޔިތަކަށްމެ ކޮންމެ އެއްޗެއް ހިލޭ ލިބެން ބޭނުންވެ އެވެ. އެންމެ މުއްސަނދި މީހާ ވެސް ކަރަންޓް ސަބްސިޑީ ބޭނުންވެ އެވެ. އާސަންދަ ވެސް އެ މީހުންނަށް ވެސް ލިބެމުން އެބަދެ އެވެ. އަދި މަސްވެރި މީހާ އަށް ވެސް ސަބްސިޑީ ދޭންޖެހެ އެވެ. ހިލޭ ތައުލީމު ލިބެ އެވެ. ގައުމު ބޮޑު، ވެލްފެއާ ސްޓޭޓަކަށް ވުމަކީ ގައުމަށް ދިމާވެފައިވާ ހަރަދު ބޮޑުވުމުގެ މައްސަލަ އަދި އިތުރަށް ޑަބަލް ކުރާ ކަމެކެވެ. އެހެން ނަމަވެސް މިފަހުން ސަރުކާރުން، ވަނީ ކާޑްގެ ސަބްސިޑީ އާއި ކަރަންޓް ސަބްސިޑީއަށް ބަދަލުތަކެއް ގެނެސް އެ ނިޒާމު ރަނގަޅުކުރަން މަސައްކަތްތަކެއް ފަށައިފަ އެވެ.

"އަޅުގަނޑުމެންގެ ތެރެއިން މިސާލަކަށް ވިސްނާލަމާ ހިނގާ އެންމެ ޒުވާން ކުއްޖާ އޭނަ އަތުގައި އޮންނާނެ އެންމެ ފަހުގެ ފޯނެއް، ވޮލެޓް އެންމެ އަގު ބޮޑު ލެދާ ވޮލެޓެއް. މުސާރައިގެ ދެބައިކޮށްފައި އެއްބައި ކޮފީ އަށް. އާ ސްޓޮކެއް ގެނެސްފިއްޔާ ހުސްވޭ، އެކަމަކު އެ އެންމެނަށް އެބަޖެހޭ ހިލޭ ބޭސްފަރުވާ ކަރަންޓް މިހެން ގޮސް ނަން ކިޔާނެ އެއްޗެއް ދޭން. އެކަމަކު ސަރުކާރަކަށް އެގޮތަކަށް އެކަމެއް ނުކުރެވޭ،" އިގްތިސާދީ ދާއިރާގެ ބޭފުޅަކު ވިދާޅުވި އެވެ.

ހަރަދު ކުޑަކުރުމުގެ މައްސަލަ އަށް ކޮންމެ މީހަކު ވެސް އަމިއްލަ ހައިސިއްޔަތަކުން ވިސްނަންޖެހެ އެވެ. ވިޔަފާރި އާއި އިގްތިސޯދުގެ ކަންކަން ވެސް ބިނާވެފައި ވަނީ ރައްޔިތު މީހާގެ ޖީބާ ހަމައިން ކިބައިން ކަންކަން ފެށޭ ގޮތަށެވެ.

"އަމިއްލަ ފަރުދުންނަށް ވެސް މިކަންކަން އެގޮތަށް ވިސްނައިދީ އިތުބާރު އުފެއްދުން މުހިންމު،" ރާއްޖޭގެ އިގްތިސާދު ދިރާސާ ކުރެއްވުމަށް އައިއެމްއެފްއިން މީގެ ކުރިން ވަޑައިގެން ޗީފް އެކޮނޮމިސްޓް ކޯޝީ މަތާއީ ވިދާޅުވެފައިވެ އެވެ.

ދައުލަތުގެ ހަރަދުތަކަށް ބަލާއިރު މި އަހަރުގެ ބަޖެޓްގެ ވެސް ބޮޑު ޕަސެންޓެއް ދަނީ ރިކަރަންޓް ހަރަދަށެވެ. ތަފާސްހިސާބުތަކަށް ބަލާއިރު ވޭތުވެދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި ރިކަރަންޓް ހަރަދު ވަނީ ގާތްގަނޑަކަށް 300 ޕަސެންޓަށް ބޮޑުވެފަ އެވެ. އެހެން ނަމަވެސް މިއަހަރަށް ފާސްކޮށްފައި އޮތް ބަޖެޓުން ފުރަތަމަ ފަހަރަށް ރިކަރަންޓް ހަރަދު ކުޑަކުރުމުގައި ކާމިޔާބެއް ވެސް ވަނީ ހޯދައިފަ އެވެ. އަންނަ އަހަރުގެ ބަޖެޓުގައި ރިކަރަންޓް ހަރަދު ވަނީ 13.6 ބިލިއަން ރުފިޔާއަށް ކުޑަކޮށް، އެ ހަރަދު މުޅި ޖުމްލަ ބަޖެޓްގެ 49.3 ޕަސެންޓަށް ދަށްކޮށްފަ އެވެ.

ރިކަރަންޓް ހަރަދަށް އެންމެ ބޮޑު ހޭދައެއް ހިނގާ، މުވައްޒަފުންގެ މުސާރަ އާއި އެލަވަންސަށް ކުރާ ހަރަދުން ވަނީ 117.6 މިލިއަން ރުފިޔާ އުނިކޮށް 6.8 ބިލިއަން ރުފިޔާއަށް އެ ހަރަދު ކުޑަކޮށްފަ އެވެ. އޮފީސް ހިންގުމުގެ ރިކަރަންޓް ހަރަދުން ވެސް 424.1 މިލިއަން ރުފިޔާ ވަނީ މަދުކޮށްފަ އެވެ.

ބަޖެޓްގައި ރިކަރަންޓް ހަރަދު ބޮޑުކޮށްގެން ގައުމަށް އަންނަ އިގްތިސޯދީ ކުރިއެރުމެއް ނެތެވެ. އެކަމުގެ ސަބަބުން ގައުމުގެ އުފެއްދުންތެރި ކަމަށް އެއްވެސް އަސަރެއް މިހާތަނަށް ކޮށްފައެއް ނެތެވެ. އެހެން ވީމާ މިއީ ސާބަސް ދޭން ޖެހޭވަރުގެ ކަމެކެވެ. ހަރަދު ކުޑަކުރުމުގެ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ބަޖެޓް ކޮމިޓީގައި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވަނީ، ރާއްޖޭގެ އިގްތިސާދީ ނިޒާމުގެ އޮނިގަނޑު ހަރުދަނާކުރުމަށްޓަކައި ދައުލަތުގެ ރިކަރެންޓް ހަރަދު ކުޑަކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަހަރުން އަހަރަށް ބަޖެޓު ބޮޑު ކުރުމުގެ ވިސްނުން ދޫކުރަން ޖެހޭ ކަމަށް މިނިސްޓަރު ވެސް ވިދާޅުވެ އެވެ. މީގެ ބަދަލުގައި ގެންގުޅެން ޖެހޭ ވިސްނުމަކީ ކޮށްދޭނެ ކަންތައްތަކާއި އެކަންކަމުން ނުކުންނާނެ ނަތީޖާތަކަށް ބަލައިގެން ހަރަދުތައް ކުރުމެވެ.

އެހެން ނަމަވެސް ހަރަދު ކުޑަކުރުމުގެ މަސައްކަތް މި ހިސާބަކުން އަދި ނުނިމެ އެވެ. މިސާލަކަށް ސިޔާސީ މުވައްޒަފުންގެ މުސާރަތައް ކުޑަކުރުމަށް މަސައްކަތް ކުރެވުނެވެ. އެކަމުގައި ހުރިހާ ސިޔާސީ ބޭފުޅުންނަށް އެއްގަލަކަށް ނޭރުނެވެ. މުވައްޒަފުންގެ މުސާރަތައް ވަކި މިންގަނޑަކަށް ފެއްތުމުގައި ވެސް އަދި އޮތީ ކާމިޔާބެއް ނުލިބި އެވެ. އެހެން ނަމަވެސް، ކެޕިޓަލް ހަރަދު ނޫނީ އުމްރާނީ ތަރައްގީއަށް ކުރާ ހޭދަ ސަރުކާރުން މިހާރުވެސް މި ވަނީ އިތުރުކޮށްފަ އެވެ. މިއީ ރަނގަޅު ޓްރެންޑެކެވެ.

"މީގެ ކުރިން ކޮންމެވެސް ވަރަކަށް އެބަހުރި ކަންނޭންގެ ބައެއް ކަންކަން ލޯމަރާލާފައި ކޮށްފައި ވެސް. ހަރަދުކުޑަކޮށް އިގްތިސާދު ރަނގަޅުކުރަން އެބަ ޖެހޭ ބައެއް ކަންކަން ލޯމަރާލާފައި ވެސް ކުރަން. އެއީ ހަރަދު ކުޑަކުރުމުގެ ކަންތައްތަކަކީ އަޅުގަނޑުމެން ކޮންމެހެން ވެސް ކުރަން ޖެހިފައި އޮތް ކަމެއް. ފިޔަވަޅުތަކެއް ނާޅައެއް މިކަމެއް ނުހެއްޓޭނެ،" ފިނޭންސް މިނިސްޓަރު މުނައްވަރު ވިދާޅުވި އެވެ.

ހަގީގަތަކީ އަދިވެސް، އިސްރާފުވާ ހަރަދުކުޑަކުރަން ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމެވެ. ހަރަދުބޮޑުކޮށް އެވަރަށް އާމްދަނީއެއް ހޯދަން ހިފާ ނަމަ އެއީ އަދި މާބޮޑު މައްސަލައެކެވެ. އެއަށް ވުރެ ދައުލަތުގެ ހަރަދުތައް ކުޑަކުރުން މާ މުހިންމެވެ. ނޫން ނަމަ ގައުމެއްގެ ނިސްބަތުން އަހަރުމެން ދެން ކުރިމަތިލާން ޖެހޭ ކަންކަން މާބޮޑުވާނެ އެވެ. މިކަން ކުރެވިއްޖެނަމަ މުސްތަގުބަލްގައި ހުރިހާ މީހުންނަށް ވެސް އޮތީ ފައިދާ އެވެ. ލިބޭ 21.9 ބިލިއަނެއްހާ ރުފިޔާގެ އާމްދަނީ އިން ހަރަދުތައް ކުރަން ދަސްކުރަން މި ވަނީ ޖެހިފަ އެވެ.