ކުޅިވަރު

ވިކްޓަރީގެ ނިންމުމަށް އަބުޖީ އާއި މާއްޓޭގެ ތާއީދު

ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ކޯޗްގެ މަގާމަށް އަލީ ސުޒޭން ހަމަޖެއްސުމުން، ވިކްޓަރީގެ އެންމެ ކާމިޔާބު ދެ ކޯޗުން ކަމަށްވާ އަބްދުލް ޖަލީލް (އަބްޖީ) އާއި މައުރޫފް އަހްމަދު (މާއްޓޭ) ތާއީދު ކޮށްފި އެވެ.

އިއްޔެ، ވިކްޓަރީން ވަނީ، މި އަހަރަށް، އެޓީމުން ފުރަތަމަ ހަމަޖެއްސި ކޯޗް، ޝާޒްލީ މުހައްމަދު ދުރުކޮށް، ކޯޗް ކަން ސުޒޭން އާ ހަވާލު ކޮށްފަ އެވެ. އަދި ޝާޒް ވަނީ ސުޒޭންގެ ގެ މައްޗަށް ގިނަ ތުހުމަތު ތަކެއް ކޮށްފަ އެވެ.

ނަމަވެސް މާއްޓޭ ވަނީ އޭނާގެ ތާއިދު ސުޒޭން އަށް އޮތް ކަން ހާމަ ކޮށްފަ އެވެ. އޭނާ ބުނީ، ވިކްޓަރީ އަށް މިވަގުތު ބޭނުން ވަނީ، ވިކްޓަރީ އޮތް ހާލަތުން ނަގައިދީ ސަލާމަތް ކުރެވޭނެ މީހެއް ކަމަށާއި ދިވެހި ކޯޗުންގެ ތެރެއިން އެކަން ކުރެވޭނެ މީހަކަށް އޭނާ އަށް ފެންނަން ހުރީ ސުޒޭން ކަމަށެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި، ވިކްޓަރީ އަކަށް ނެތް އާ ކޯޗުން ގެނެސް ކޯޗުން ޓެސްޓް ކުރާނެ ވަގުތެއް، ވިކްޓަރީ އަށް ބޭނުން ވަނީ މިހާރު އޮތް ހާލަތުން އަރައިގަތުން، އެކަމަށް ބޭނުންވަނީ ކާމިޔާބު ހޯދާފައި ހުރި ކޯޗެއް،"

"ސުޒޭން އަކީ އޭނާގެ ފެންވަރު ހުރި ކަން ސާބިތު ކޮށްދީފައިވާ ކޯޗެއް، އަދި ޕާސަނަލީ އަޅުގަނޑުގެ އިތުބާރު އޭނާއާ މެދު އެބައޮތް." މާއްޓޭ ބުންޏެވެ.

މާއްޓޭގެ ވާހަކަތަކަށް ބާރުދީ، ވިކްޓަރީގެ އެންމެ ކާމިޔާބު ކޯޗް، އަބްޖީ ބުނެފައިވަނީ، މާއްޓޭގެ ވާހަކަތަކަށް އޭނާ ފުރިހަމަ އަށް ތާއީދު ކުރާ ކަމަށެވެ.

"މައުރޫފް ތި ދެންނެވި ވާހަކަ ތަކަށް އަޅުގަނޑު ތާއީދު ކުރަން، ހަމައެއާއެކު ކުޅިވަރު ދެކެ ލޯބިވާ ކުލަބެއްގެ ގޮތުގައި ވިކްޓަރީ ހިންގަން ޖެހޭ،" އަބްޖީ ބުންޏެވެ.

މާއްޓޭ ބުނީ ވިކްޓަރީ އަކީ އަބަދުވެސް އޭނާގެ ހިތުގައި ވަރަށް ހާއްސަ ލޯތްބަކާއި ގަދަރެއް އޮތް ޓީމެއް ކަމަށާއި އޭނާގެ އެންމެ ޒުވާން ދުވަސްތައް ހޭދަ ކުރި ވިކްޓަރީ އަކީ ރައްޖޭގެ ކުޅިވަރުގައި ބަލައިގަންނަ ބްރޭންޑަކަށް ހެދުމުގެ މަސައްކަތު ގައި ކަމަށެވެ.

"އަޅުގަނޑުމެންގެ މަސައްކަތާއި ވަގުތު ގުރުބާން ކުރީ ވިކްޓަރީ އަކީ ހައުސް ހޯލްޑް ބްރޭންޑަކަށް ހެދުމަށް، ވަރަށް ފަހަކާ ޖެހެންދެން ވެސް ވިކްޓަރީގައި ލޯޔަލް ސަޕޯޓަރުންގެ ބޭސްއެއް އޮތް،"

"ވިކްޓަރީ ބޭނުން ވަނީ އެ ދުވަސްތައް އަލުން އަބުރާ ގެނައުމަށް، އެކަމުގައި އަބަދުވެސް ވިކްޓަރީ އަށް އެހީވުމަށް އަޅުގަނޑު ދެމިހުންނާނަން" މާއްޓޭ ބުންޏެވެ.