ކުޅިވަރު

މާޒިޔާ ވަރުުގަދަވިޔަސް ވެލެންސިއާ ޖެހިލުމެއް ނުވޭ

Feb 16, 2017

މި އަހަރުގެ ފުޓްބޯޅަ ސީޒަން ފެށެނީ އެވެ. ފުޓްބޯޅަ ކަލަންޑަރަށް އެފްއޭއެމުން ގެނެސްފައިވާ ބަދަލުން އެކަނިވެސް، މިއަހަރު ފުޓްބޯޅަ ސީޒަން ފޯރިގަދަ ވާނެ ކަމުގެ ޔަގީންކަން މިހާރުވެސް ދޭން ކެރިދާނެ އެވެ. މާލޭ ލީގާއި މިނިވަން ޗެމްޕިއަންޝިޕުން، ދިވެހި ޕްރިމިއާ ލިގް ޖާގަ ހޯދުމަށް ކުރާ ފޯރިގަދަ ހަނގުރާމަ އެވެ.

އެ ހަނގުރާމައިގެ ކުރިން މި އޮތީ ސިޒަން ހުޅުވުމަށް ކުޅޭ މެޗެވެ. ނުވަތަ ޗެރިޓީ ޝީލްޑް މެޗެވެ. އެ މެޗުގައި ބައްދަލު ކުރާ މާޒިޔާ އާއި ވެލެންސިއާ އަކީ މި އަހަރު އޭއެފްސީ ކަޕްގައި ރާއްޖެއިން ވާދަ ކުރުމުގެ ފުރުސަތު ލިބިފައިވާ ދެ ޓީމެވެ. މާޒިޔާ އޮތީ އެންމެ ފަހުގެ ލީގް ޗެމްޕިއަންގެ މަގާމާ އެކު، އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖް ޖާގަ ސީދާ މަގުން ޔަގީން ކޮށްފަ އެވެ. ނަމަވެސް ވެސް ވެލެންސިއާ އޮތީ އުނދަގޫ މަގެކެވެ.

މިއަހަރު ސީޒަންގައިވެސް އެންމެ ވަރުގަދަ ސްކޮޑެއް އޮތީ މާޒިޔާގައި ކަން، ދެން ތިބި ހުރިހާ ވާދަވެރިން އެއްބަސް ވެއެވެ. މާޒިޔާގެ ކޯޗް މެސަޑޯނިއާގެ މާރުޖޮން ސްކޮލަސްކީ ބަހުން ނަމަ، ދިޔަ ފެލައިގެން އެންމެ ތާޒާ ތާސީރެއް ނިކުންނާނީ މާޒިޔާގެ ސްކޮޑުން ނެވެ.

"އެންމެ ނޯމަލް ލެވަލުގައިވެސް ރަނގަޅު ފެންވަރެއްގައި ކުޅެވޭނެ ސްކޮޑެއް މާޒިޔާގައި މިހާރު އޮތީ، ކުޅުންތެރިޔަކަށް ކިޔާ ނަމަކުން، ނުވަތަ ނިސްބަތްވާ ގައުމަކުން ކުޅުންތެރިންގެ ފެންވަރުގައި ތަފާތެއް ނެތް،" ސްކޮލަސްކީ ބުންޏެވެ.

ނަމަވެސް ސްކޮލަސްކީގެ، އިހުތިރާމް ވެލެންސިއާ އަށް އެބައޮތެވެ. އަދި އޭނާ ޖެހިލުންވާ ވަރުގެ ކަންތައްތަކެއް ވެލެންސިއާގައި އެބަހުއްޓެވެ.

"އެ ޓީމުން މި މެޗަށް ނިކުންނައިރު، އެ ޓީމު އޮތީ، އިންޓަނޭޝަނަލް ދެ މެޗު ކުޅެފައި، އިންޓަނޭޗަނަލް މެޗެއްގައި 3-0 ން މޮޅުވުމަކީ ފަސޭހަ ކަމެއް ނޫން، ނަމަވެސް އެ ޓީމުން ވަނީ އެކަން ވެސް ކޮށްފަ، އަދި އެ ދެ މުޗުން އެޓީމުގެ ކޮމްބިނޭޝަން ވަނީ އިތުވެގެން ގޮސްފަ، ބިދޭސީ ކުޅުންތެރިންނާއެކު އަހަންނަށް އެ ޓީމު ފެންނަނީ ކޮމްބައިން ޓީމެއްގެ ގޮތުގައި،"

އޭއެފްސީ ކަޕުން ޖާގަ ހޯދަން، ވެލެންސިއާ އިން ދަނީ "ހަންކެނޑެން ދެން" މަސައްކަތް ކުރަމުން ނެވެ. އިންޑިއާގެ މޯހަންބަގާން ބަލި ކުރެވިއްޖެނަމަ ވެލެންސިއާ އަށް އޭއެފްސީ ކަޕް ގުރޫޕް ސްޓޭޖުން ޖާގަ ލިބޭނެ އެވެ. އޭރުން ވެލެންސިއާ އާއި މާޒިޔާ އޭއެފްސީ ކަޕްގައި ވެސް ކުރިމަތި ލާން ޖެހޭނެ އެވެ. އެހެން ވެއްޖެނަމަ މާޒިޔާ އާއި ވެލެންސިއާ ކުޅެން ޖެހޭ މެޗުގެ ހޯމް އެންޑް އަވޭ ލެގް މެޗުވެސް އޮންނާނީ، އެ ދެ ޓީމުގެ ވެސް ހޯމް ދަނޑު ގައުމީ ފުޓްބޯޅަ ދަނޑުގަ އެވެ.

ދެ ޓީމުގެ ތައްޔާރީތައް

މިއަހަރު ޕްރީ ސީޒަން ޓްރެއިން ފެށި އެންމެ ފުރަތަމަ ޓީމަކީ މާޒިޔާ އެވެ. ސްކޮލަސް ބުނީ އެ ޓީމަށް 40 ދުވަހު ޓްރެއިނިން ކުރިއަށް ގެންދެވިއްޖެ ކަމަށެވެ. ނަމަވެސް، އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރާއި ޕްލޭއޮފްގެ ބުރު ކުޅެން ޖެހެން އޮތުމާއެކު ވެސް، މާލީ ސަބަބުތަކާ ހުރެ، ވެލެންސިއާ އަށް ޕްރެކްޓިސް ފެށުނީ މާ ލަހުން ނެވެ. އެ ޓީމަކީ ދެ ވަނަ އަށް އެންމް ލަހުން ޕްރެކްޓިސް ފެށި ޓީމެވެ.

ސްކޮލަސްކީ ކޯޗު ކަމުގައި މާޒިޔާ އިން ވަނީ ވަރުގަދަ ޓްރެއިނިން ޝެޝަންތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އެއީ އެ ޓީމުގެ 20 އަހަރުވީ ތާރީހްގައި އެންމެ ވަރުގަދަ އަށް ޓްރެއިނިންތައް ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރެވެ. ފުރިހަމަ އަށް ފައްކާ ކޮށްފައި އޮތް ޓެކްޓިކްސްގެ ޕްލޭނަކާ އެކު، ސްކޮލަސްކީ ގެންދިޔަ ޓްރެއިން ޕްރޮގްރާމް ވީ މާޒިޔާގެ ކުޅުންތެރިން ގާނާ ލަން ރަނގަޅު ފުރުސަތަކަށެވެ.

ޕްރީ ސީޒަންގައި ކުޅުނު، ޕްރެކްޓިސް މެޗުތަކުގައި، އެ ޓީމުން ކުޅުނު ހުރިހާ މެޗެއް ކާމިޔާބު ކުރި އެވެ.

އެއާ ހިލާފަށް ވެލެންސިއާގެ ތައްޔާރީތައް ދިޔައި ފަނޑުކޮށެވެ. އެ ޓީމުގެ ޓްރެއިނިންގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ، ޓީމުގެ ޓެކްނިކަލް ޑައިރެކްޓަރު އިސްމާއިލް އާސިފް (ކުޑަ ހީނާ) ބުނީ، އޭއެފްސީ ކަޕު ޕްރިލިމިނަރީ ބުރު އޮތުން، މާ ތަފާތު ޕްރެކްޓިސްތަކެއް ކުރިއަށް ނުގެންދެވޭ ކަމަށެވެ.

"ތިމްޕޫއާ ދެކޮޅަށް ކުޅުނު ދެ މެޗަށް ވަރަށް ކައިރިވެފައި އޮތްވައި ޕްރެކްޓިސް ފެށީމަ، މާ ހާޑް ޓްރެއިނިންތަކެއް ކުރިއަށް ނުގެންދެވޭ، ހަމައެކަނި ފިޓްނަސް ރަނގަޅު ކޮށްލާ، ބައެއް ޓެކްޓިކް ތަކަށް މަސައްކަތް ކުރީ،" ކުޑަ ހީނާ 'އަވަސް' އަށް ބުންޏެވެ.

ނަމަވެސް، އެކަމެއް އެ ޓީމު ކުޅުނު ދެ މެޗުންވެސް ނުދައްކަ އެވެ. ބޫޓާންގެ ގައުމީ ޓީމުގެ ކުޅުންތެރިން ގިނަ އަދަދަކަށް ހިމެނޭ، ތިމްޕޫއާ ދެކޮޅަށް، މާލޭގައި ވެލެންސިއާ ކުޅުނީ މާ ތަފާތު ކުޅުމެ ކެވެ. އެ މެޗަށް ފަހު ދެން އެ ޓީމުން ކުރި ޕްރެކްޓިސް ސެޝަންތައްވެސް ދިޔައީ ވަރުގަދަ އަށެވެ. އެހެންވެ މިއަދުގެ މެޗުގައި ވެސް ސީޒަނަށް ލަހުން ތައްޔާރުވުމުގެ ލައްގަނޑު އެ ޓީމުން ފެންނާނެ ކަމަށް ނުބެލެވެ އެވެ.

އެއްވެސް ޓީމަކަށް މެޗު ފަސޭހައެއް ނުވާނެ

މާޒިޔާގައި ވަރުގަދަ ސްކޮޑެއް އެބަ އޮތެވެ. އެންމެން ދައްކަނީ އެ ވާހަކަ އެވެ. ވެލެންސިއާގައި މެޗު ވިނިން ޓީމެއް އެބަ އޮތެވެ. މުހިންމު ތިން ކުޅުންތެރިން މިއަހަރު ޓީމު ދޫކޮށްލި ނަމަވެސް، އެ ޓީމާ ގުޅުނު ކުޅުންތެރިންނާއެކު ވެލެންސިއާގެ ސްކޯޑް ވެސް ގޯސް ނޫން ކަން، ތިމްޕޫއާ ދެކޮޅަށް ކުޅުނު މެޗު ބެލި އެންމެން އިއްތިފާގު ވެއެވެ.

ފެސްކޯ ބުނީ ތިމްޕޫ މެޗާއި މިއަދު ކުޅޭ މެޗު ތަފާތު ކަމަށެވެ.

"އެއީ މުޅިން ތަފާތު މެޗެއް މިއަދު މި ކުޅެނީ ލޯކަލް ސީޒަންގެ މެޗެއް، ތަފާތު ތަކެއް ހުންނާނެނެ ނަމަވެސް އަޅުގަނޑުމެން އަތުގައި ވިނިން މެޗެއްގެ ޓީމު އިނީމަ މި މެޗަށް ވެސް މާބޮޑު ބަދަލު ތަކެއް ނުގެންނާނެ،" ފެސްކޯ ބުންޏެވެ.

ފެސްކޯ ބުނީ ނަތީޖާ ނެރެންޖެހޭ މެޗަކަށް ވުމުން ދެ ޓީމަށްވެސް އޮތީ ފިފްޓީ ފިފްޓީ ޗާންސެއް ކަމަށެވެ. އެހެންވެ ވެލެންސިއާ އަށް ވެސް މޮޅު ނުވެވެންވީ ސަބަބެއް ނެތެވެ. މިދިޔަ އަހަރު ނަތީޖާ ނެރެން ޖެހޭ މެޗުތަކުގައި މާޒިޔާ އަށް މާ ރަނގަޅަކަށް ޕާފޯމް ކުރެވިފަ އެއް ނުވެއެވެ. ނަތީޖާ އަކަށްވީ އޭފްއޭ ކަޕުންނާއި ޕްރެޒިޑެންޓް ކަޕް ސެމީ ފައިނަލު މެޗުން ކެޓުމެވެ.

ނަމަވެސް ސްކޮލަސްކީ ބުނީ، މަޒިޔާ ގައި ގިނަ ޕްލޭންތަކެއް އެބަހުރި ކަމަށާއި އެއިން ކޮންމެ ޕްލޭނެއް ބޭނުން ކޮށްގެންވެސް ނަތީޖާ ނެރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

"އަހަރެމެން އަތުގައި އެބަހުރި އެތައް ޕްލޭނެއް، ޕްލޭން 'އޭ' ފެއިލް ވެއްޖެނަމަ، ޕްލޭން 'ބީ' އަށްވެސް މެޗުގައި ސްވިޗް ކޮށްލެވޭނެ، ޕެލޭން ބީ ފެއިލް ވެއްޖެނަމަ ޕްލޭން 'ސީ' އަށް ވެސް ބަދަލު ކޮށްލެވޭނެ، އެއިން ކޮންމެ ޕްލޭނަކުންވެސް ނަތީޖާ ނެރެވޭ ގޮތަށް އަހަރުމެން ވޭތުވެދިޔަ ދުވަސްތަކުގައި ތައްޔާރު ވެފައި ވާނީ." ސްކޮލަސްކީ ބުންޏެވެ.