ލައިފްސްޓައިލް

ފިރިހެނުންނަށް އާދޭސް ނުކުރަން އަންހެނުން ހުންގާނަށް

"އެންމެ ފުރަތަމަ ސައިކަލު ދުއްވަން ފެށީ ކޮންމެ ފަހަރަކު ތަނަކަށް ދާންވީމަ ފިރިމީހާ އަށް ގުޅަން ޖެހޭތީ. އިރުކޮޅަކުން މި އަންނަނީ އޭ ބުނާ މީހާ ދައްކާލާނީ ބައި ގަޑިއިރު ފަހުން. އަސްލު ވަރަށް ފޫހިވޭ އެހެންވެ. ދެން ކުދިން ލިބުނީމަ ކުދިން ގޮވައިން ސްކޫލަށް ދާން ވެސް ފަސޭހަ މިހާރު. މާލެއިން ޓެކްސީއެއް ހޯދަން އެހާ އުނދަގޫ. އަނެއްކާ ކޮންމެ ފަހަރަކު ޓެކްސީގައި ނުދެވޭނެއްނުން. އެހެންވެ،" ކުޑަ ދެ ކުދިންގެ މަންމަ އެއް ކަމަށްވާ ފާތިމަތު އަލީ ބުންޏެވެ.

މީގެ އަހަރުތަކެއް ކުރިން އަންހެނުން ސައިކަލު ދުއްވުމަކީ ހުތުރު ކަމަކަށް ވިނަމަވެސް މިހާރު އެއީ ހުތުރު ކަމެއް ނޫނެވެ. އެއީ ވެސް "ސްޓައިލް" އެކެވެ. ސްކޫޕީ، ފީނޯ އިން ފެށިގެން ޕީސީއެކްސް ވެސް އަންހެނުން ދުއްވަ އެވެ. ވޭވް، އެއާ ބްލޭޑް، ޖުޕިޓާ އަދި އެކްސައިޓާ ވެސް އަންހެނުން ދުއްވަ އެވެ. މީގެ އިތުރުން ޖީއެން ވެސް ދުއްވާ އަންހެނުން މަދުން ނަމަވެސް އެބަ ފެނެ އެވެ. ސައިކަލު ދުއްވުމަކީ ހަމައެކަނި ފިރިހެނުންނަށް ހާއްސަވެފައި އޮތް އޮތުން ނިމުމަކަށް މިވަނީ އައިސްފަ އެވެ. ލައިސަންސް ނަގާ، ހެންވޭރުކޮޅު ކާނިވާ ސަރަހައްދަށް ބަލައިލީމާ އެކަން ވަރަށް ރަނގަޅަށް އެ އޮތީ ފެންނާށެވެ.

އަންހެނުން ސައިކަލު ދުއްވުމުގެ ފޯރި މާލެއަށް ވުރެ އަތޮޅު ތެރޭގައިވެސް ކުޑައެއް ނޫނެވެ. އައްޑޫ ސިޓީ، ފުވައްމުލައް، ގދ. ތިނަދޫ އަދި ހދ. ކުޅުދުއްފުށީ ފަދަ ބޮޑެތި ރަށްތަކުގައި މިއީ ވަަރަށް އާންމު ކަމެކެވެ. ސައިކަލު ދުއްވާ ފިރިހެނުންގެ ނިސްބަތާއި ސައިކަލު ދުއްވާ އަންހެނުންގެ ނިސްބަތުގައި މާބޮޑު ތަފާތެއް ނެތެވެ. ދަރިން ގޮވައިން ސްކޫލަށް ދިއުމާއި ފިނި ބުރުޖަހަން ދިއުމެވެ. އަދި ބާޒާރުކުރަންވެސް އަންހެނުން ދަނީ ސައިކަލުގަ އެވެ.

"މަ އެންމެ ފުރަތަމަ ސައިކަލު ދުއްވަން ފެށީ ހަމަ ދުއްވާ ހިތުން. އަހަންނަށް ވަރަށް ސަޅި ކަމަކަށްވީ އަންހެން ކުއްޖަކު ސައިކަލު ދުއްވުން. ސައިކަލު ދުއްވާ ހިތްވާ ވަރުން ސްކޫލްގައި އުޅުނު އިރު މަންމަ މެންނަށް ސިއްރުންވެސް ސައިކަލު ދުއްވަން. އޭރު ވެއްޓިފައި ވަރަށް ލަނޑުވެސް ލިބޭނެ. އެހެން އުޅެމުން ދަސްވީ. މިހާރު ދެން ވަރަށް ސަޅި ވަރަށް މަޖާ ކަމެއް މީ. އަނެއްކާ ތަނަކަށް ނުދެވިގެން މީހަކު ކައިރީ ގެންގޮސްދޭށޭ ކިޔާފައި އާދޭސްކުރާކަށްވެސް ނުޖެހޭ" އަމިއްލަ ކުންފުންޏެއްގައި ރަނގަޅު ވަޒީފާއެއްގައި އުޅޭ ޒުވާން އަންހެން ކުއްޖަކު ބުންޏެވެ.

މީގެއިތުުރުން އަންހެން ވެރިންގެ ހިތް ކިޔާނެ ކަހަލަ، އެކި ޑިޒައިންތަކުގެ ސައިކަލުތައް ބާޒާރަށް ހެޔޮ އަގުތަކުގައި ދޫކޮށްލުމަކީވެސް އަންހެނުން ސައިކަލަށް ޝައުގުވެރިކަން އިތުުރު ކުުރުވި ކަމެކެވެ. ސްކޫޕީ ފީނޯ މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. އަންހެނުންނާއި ގުޅޭ ކުލަތަކުގެ ރީތި ސައިކަލުތައް މިހާރު ލިބެން އެބަހުއްޓެވެ.

ކޮންމެ އަކަސް މިކަންވެސް މިއޮތީ އަންހެނުނަށް ވާނެ ކަންކަމުގެ ލިސްޓަށް އިތުރުވެފަ އެވެ. އަމިއްލަ ބޭނުންތަކަށް ސައިކަލު ދުއްވުމުގެ އިތުރަށް ސައިކަލު ޓެކްސީ ތައާރަފްކޮށް އެ ހިދުމަތުގައި އަންހެނުންވެސް ފިރިހެނުންނަށް ދޫނުކޮށް މިވަނީ ހިދުމަތްދޭން ފަށާފަ އެވެ.

ސައިކަލު ދުއްވުން އެކަންޏެއް ނޫނެވެ. މަސްވެރިކަން ކުރެވޭނެކަންވެސް އަންހެނުން މިވަނީ ސާބިތުކޮށްދީފަ އެވެ. ފިރިހެނުންނާއި އެއް ހަމައެއްގައި ހުރިހާ ދާއިރާއަކުން އަންހެނުންނަށް ކުރި ނޭރުނު ނަމަވެސް ފިރިހެނުންނާއި އެއް ހަމައެއްގައި އަންހެނުންނަށް ކުރިއަށް ދެވޭނެ ދާއިރާތައް އެބަހުއްޓެވެ. އަންހެނުން މިއަދު އެކަންވަނީ ސާބިތުކޮށްދީފަ އެވެ.