ހަބަރު

ސުޕްރީމް ކޯޓުން ގާޒީ އަކު މަގާމުން ދުރުކޮށްފި

Feb 16, 2017
6

ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅާފައިވާ މައްސަލައެއް ސިވިލް ކޯޓުން އަލުން ބަލައި ދައުލަތުގެ މައްޗަށް އަމުރެއް ނެރުނު މައްސަލައެއްގައި ސިވިލް ކޯޓްގެ ގާޒީ، ސ. ފޭދޫ، ބްލޫމޫން މަރިޔަމް ވަހީދު ގާޒީ ކަމުން ސަސްޕެންޑް ކޮށް ސުޕްރީމް ކޯޓުން އަމުރެއް ނެރެފި އެވެ.

މިއީ ފަނޑިޔާރަކު ކުރި ހުކުމަކާ ގުޅިގެން ސުޕްރީމް ކޯޓުން ފިޔަވަޅެއް އެޅި ފުރަތަމަ ފަހަރެވެ.

ވ. ބޮޑުމޮހޮރާ ކުއްޔަށް ދިނުމަށް، މެރިން ޓެކްނޮލޮޖީސް މޯލްޑިވްސްއާ އެކު އެއްބަސްވުމެއް އެކުލަވާލަން ސަރުކާރަށް މަޖުބޫރެއް ނުކުރެވޭނެ ކަމަށާއި އެއީ އިހުތިޔާރެއް ކަމަށް ނިންމައި ސުޕްރީމް ކޯޓުން ހުކުމެއްކޮށްފައި ވަނިކޮށް، ސިވިލް ކޯޓްގެ ގާޒީ މަރިޔަމް ވަހީދު އެ ކޯޓްގެ ގަޒިއްޔާއަކުން އަލުން އެ މައްސަލަ ބަލައި އެ ރަށް ހަތް ދުވަހުގެ ތެރޭގައި މެރިން ޓެކްނޮލޮޖީސްއަށް ކުއްޔަށް ދޫކުރަން އެއްބަސްވުމެއް އެކުލަވާލަން ސަރުކާރުގެ މައްޗަށް އަމުރެއް ކުރި އެވެ.

އެ ހުކުމް ބާތިލްކޮށް ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރުގައި ބުނެފައި ވަނީ، ގާޒީ މަރިޔަމް ވަހީދު އެފަދަ ހުކުމެއް ކުރެއްވީ، ރާއްޖޭގެ ގާނޫނު އަސާސީގެ 145 ވަނަ މާއްދާ އަދި 143 ވަނަ މާއްދާގެ (ރ) އާއި ފަނޑިޔާރުންގެ ގާނޫނާއި ރާއްޖޭގެ ކޯޓްތަކުގެ ގާނޫނު އަދި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ވެސް މުޅިން ހިލާފަށް ކަމަށެވެ. އެ ގާނޫތަކުން ބާރުލިބިގެން ސުޕްރީމް ކޯޓުން އެކުލަވާލާފައިވާ އެ ކޯޓްގެ ގަވާއިދުގެ 86 ވަނަ މާއްދާއަށް ރިއާޔަތްކޮށް ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރުގައި ބުނެފައި ވަނީ ރާއްޖޭގެ އެއްވެސް ކޯޓެއްގައި ޝަރީއަތް ކުރުމުގެ ހައިސއްޔަތު މަރިޔަމް ވަހީދަށް ގެއްލިފައިވާ ކަމަށް ދައުލަތުގެ އެންމެހާ ފަރާތްތަކަށް އަންގާ ކަމަށެވެ.

"... ދިވެހިރާއްޖޭގެ ކޯޓްތަކުގެ ގާނޫނުގެ 20 ވަނަ މާއްދާ އާއި 22 ވަނަ މާއްދާ އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓްގެ ގަވާއިދުގެ 86 ވަނަ މާއްދާއަށް ރިއާޔަތްކޮށް ދިވެހިރާއްޖޭގެ ކޯޓްތަކުގައި ޝަރީއަތްކުރުމުގެ ޝަރުއިއްޔަތާއި އަހުލިއްޔަތާއި ވިލާޔަތު ސިވިލްކޯޓް ގާޒީ މަރުޔަމް ވަހީދު، ސ.ފޭދޫ/ ބެލޫން ގެ ކިބައިން ގެއްލިފައިވާ ކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ކޯޓްތަކުގެ ޝަރީއަތް ކުރުމުގެ އެއްވެސް ހައިސިއްޔަތެއް ސިވިލް ކޯޓްގެ ގާޒީ މަރިޔަމް ވަހީދުއަށް ލިބިގެން ނުވާކަމަށް ދައުލަތުގެ ކަމާ ބެހޭ އެންމެހާ ފަރާތްތަކަށް އެންގީމެވެ،" ސުޕްރީމް ކޯޓްގެ އަމުރުގައިވެ އެވެ.