ހަބަރު

ގޮނޑި ގެއްލޭ މައްސަލައިގައި އަޑުއެހުމެއް މިއަދު ބާއްވަނީ

Jul 13, 2017
3

މަޖިލީހަށް އިންތިހާބުވާ ޕާޓީ ނޫން އެހެން ޕާޓީއަކަށް ރައްޔިތުން މަޖިލީހުގެ މެންބަރަކު ބަދަލުވެއްޖެ ނަމަ، އެފަދަ މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ހެދުމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ހުށަހެޅުއްވި ދުސްތޫރީ މައްސަލައިގެ އަޑުއެހުމެއް މިއަދު ސުޕްރީމް ކޯޓްގައި ބާއްވަން ނިންމައިފި އެވެ.

އެ މައްސަލައިގައި އަޑުއެހުން އޮތީ މިއަދު ހަވީރު 4:30ގަ އެވެ. އެ މައްސަލަ ހުށަހެޅުމަށް އަޑުއެހުން ބޭއްވީ، މިދިޔަ ހޯމަ ދުވަހު އެވެ. އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާ އިރު އެ މައްސަލައިގެ ތެރެއަށް ވަނުމަށް ބައެއް މަޖިލީހުގެ މެންބަރުންނާއި އަމިއްލަ ލޯފާމް އަކުން ވަނީ ހުށަޙަޅައިފަ އެވެ. އެއީ ދުސްތޫރީ މައްސަލައެއް ނަމަވެސް އެ މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އާދަމް މުހައްމަދު އަދި ފަނޑިޔާރު އަބްދުﷲ ދީދީ ހިމެނޭ ބެންޗަކުން އެވެ. ފަނޑިޔާރު އަލީ ހަމީދު އާލާސްކަންފުޅާ އަދިވެސް އޮންނެވީ އެޑްމިޓްކޮށްފަ އެވެ.

ހުދު އަނިލް ސުޕްރީމް ކޯޓަށް ވަޑައިގެން ހުށަހެޅުއްވި މައްސަލައިގައި އެދިފައި ވަނީ، ތިން ހާލަތެއް މެދުވެރިވެއްޖެ ނަމަ މެންބަރެއްގެ ގޮޑި ގެއްލޭނެ ކަމަށް ކަނޑައަޅައިދިނުމަށެވެ. އެގޮތުން މެންބަރަކު ހޮވޭ ސިޔާސީ ފިކުރަކާ ހިލާފުވުމާއި ޕާޓީ ވަކިވުމާ އަދި އެހެން ޕާޓީއަކާ ގުޅުމެވެ. މައްސަލަ ހުށަހެޅީ ގާނޫނު އަސާސީގެ 26 ވަނަ މާއްދާގެ (ނ) އާއި 30 ވަނަ މާއްދާގެ (ހ) އާއި 74 ވަނަ މާއްދާ އާއި 75 ވަނަ މާއްދާ މާނަކޮށްދިނުމަށެވެ.

މި މައްސަލަ ހުށަހެޅި އިރު ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ޕީޕީއެމްގެ ފަރާތުން ސޮއި ކުރި 10 މެންބަރަކު ވަނީ ކައިރިކައިރީގައި އެ ޕާޓީ އިން ވަކިވެފަ އެވެ. އެ މެންބަރުން ޕާޓީ އިން މިހާރު ވަކިވެފައިވާ އިރު ޕީޕީއެމް އިން ވަނީ އެބޭފުޅުން ޕާޓީ އިން ވަކިކޮށް ދިނުމަށް ވެސް ދެކޮޅު ހަދައިފަ އެވެ.

އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ ސަރުކާރުގެ ފަރާތުން މި ހުށަހެޅި މައްސަލަ އަކީ ދުސްތޫރީ މައްސަލައެއް ނޫން ކަމަށާއި މެންބަރުން ވަކިވާނެ ގޮތް ގާނޫނު އަސާސީގައި ސާފުކޮށް އެބަ އޮތް ކަމަށެވެ. މިއީ ކަނޑައެޅިގެން ގާނޫނު އަސާސީގެ ބާރު ކަނޑުވާލަން ހިންގާ އަމަލެއް ކަމަށް ވެސް އިދކޮޅު ފަރާތްތަކުން ބުނެ އެވެ. އަދި މިއީ މަޖިލީހުގެ ބާރުތައް ކަނޑާލައި މެންބަރުންގެ އިމްތިޔާޒުތަކަށް އަރައިގަތުން ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ވަނީ ސިފަކޮށްފަ އެވެ.

އެހެން ނަމަވެސް ސަރުކާރު ކޯލިޝަންގެ މެންބަރުން ވިދާޅުވަނީ މިކަމުގެ ސަބަބުން މަޖިލީހުގެ ނަޒާހަތްތެރިކަން އިތުރުވާ ކަމަށާއި މެންބަރުންގެ ވޯޓު ފައިސާއެއް ގަތުމަށް ހިންގާ ރިޝްވަތުގެ އަމަލުތައް މިކަމުން ހުއްޓުވޭނެ ކަމަށެވެ. އަދި ހައްގުތަކެއް ގެންލުނު ނަމަވެސް، އެކަން ކުރަން ތާއީދު ކަމަށް ކޯލިޝަންގެ މެންބަރުން ވަނީ ވިދާޅުވެފަ އެވެ.