ރައްޔިތުން މަޖިލީހުގެ މެންބަރަކު އިންތިހާބު ކުރާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީން ވަކިކޮށްފި ނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން ކުރި ހުކުމަށް އިދިކޮޅު ފަރާތްތަކުން ފާޑުކިޔަމުން ދަނިކޮށް، ސުޕްރީމް ކޯޓުން ނެރޭ ހުކުމްތަކަށް އިހުތިރާމް ކުޑަވާނެ ގޮތަށް އަމަލުކޮށް ވާހަކަ ދައްކާ ނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބުނެ އެ ކޯޓުން އަމުރެއް ނެރެފި އެވެ.
ސުޕްރީމް ކޯޓުން މިރޭ ނެރުން އަމުރެއްގައި ބުނެފައި ވަނީ ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައިގެން ނުވާނެ ކަމަށް ގާނޫން އަސާސީގައި ބުނެފައިވާ އިރު ކޯޓުތަކުން ބަލަމުންދާ މައްސަލަތަކާ ގުޅިގެން އެންމެހާ ފަރާތްތަކުގެ އަމަލާއި ބަސްމަގު ބަހައްޓަން ޖެހޭނީ ނުފޫޒު ފޯރުވުމުގެ އަމަލުން އެއްކިބާވެގެން ކަމަށެވެ. އަދި އެކަން ތަކުރާރުކޮށް އަންގަމުން ދިޔަ ނަމަވެސް ޝަރީއަތަށް ނުފޫޒު ފޯރުވާ ގޮތަށް ކޯޓުތަކަށް ނިންމާ ނިންމުންތައް އޮޅުވާލުމުގެ ނިޔަތުގައި ބަޔާން ދިނުމާއި މީޑިއާގެ ވަސިލަތްތައް ބޭނުންކޮށްގެން ޝާއިއުކުރަމުންދާ ކަން ފާހަަގަ ކުރެވިފައިވާ ކަމަށާއި އެފަދަ އެއްވެސް އަމަލެއް ހިންގައިގެން ނުވާނެ ކަމަށް އެ އަމުރުގައި ބުނެފައިވެ އެވެ.
"ގާނޫން އަސާސީ މާނަ ކުރުމުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުންކަން ބަޔާންކޮށްފައިވާ އިރު އެ ނިންމުންތަކާ މެދު އެއްވެސް ގޮތަކަށް ޖަދަލެއް ކުރެވޭނެ އެއްވެސް ތަނެއް ނުދޭ،" އަމުރުގައި ބުނެފައިވެ އެވެ. "ނަމަވެސް އެފަދަ އަމަލުތައް ހިންގާނަމަ ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާ ކޯޓުގެ ހުރުމަތް ރައްކާތެރި ކުރުމާ ބެހޭ ގަވައިދުގެ ދަށުން އަޅަން ޖެހޭ ފިޔަވަޅުތައް އެއްވެސް އިސްތިސްނާއެއް ނެތި އަޅަމުން ގެންދާނެ ކަން އެނގަމޭ،"
އިދިކޮޅު ފަރާތްތަކުން ދައްކަމުން ގެންދާ ބައެއް ވާހަކަތަކުގެ މައްޗައް ބިނާކޮށް ސުޕްރީމް ކޯޓުން ބުނެފައިވަނީ ދުސްތޫރީ މައްސަލަތައް ބަލަން ޖެހޭނީ ފަސް ފަނޑިޔާރުންގެ ތިބެގެން ކަމަށް ގާނޫނުގައި ބަޔާންކޮށްފައި ވަނީ އެއީ ކުރިން އެ ކޯޓުގައި ހަތް ފަނޑިޔާރުން ހިމެނޭތީ ކަމަަށެވެ. ނަމަވެސް މިހާރު ފަސް ފަނޑިޔާރުން ތިބޭތީ ތިން ފަޑިޔާރުންގެ އަގުލަބިއްޔަތުން އެފަދަ ދުސްތޫރީ މައްސަލަތައް ބެލޭނެ ކަމަށް މި މަހުގެ ހަވަނަ ދުވަހު ކަނޑައަޅާފައިވާ ކަމަށް އެކޯޓުން ބުނެފައިވެ އެވެ.