ހަބަރު

ސިވިލް ކޯޓްގެ ގާޒީ މަގާމުން ދުރުކުރުން އެމްޑީޕީ އިން ކުށްވެރިކޮށްފި

ސުޕްރީމް ކޯޓުން ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދު މަގާމުން ދުރުކުރުމުން އެކަން އިދިކޮޅު، އެމްޑީޕީއިން މިއަދު ކުށްވެރިކޮށްފި އެވެ. މަރިޔަމް ވަހީދަށް ރާއްޖޭގެ އެއްވެސް ކޯޓެއްގައި ފަނޑިޔާރުކަން ކުރުމުގެ ހައިސިއްޔަތު ނެތް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ، އެ ކޯޓުން ނިންމާފައިވާ މައްސަލައެއް މަރިޔަމް ވަހީދު އަލުން ބަލައި ހުކުމެއް ކުރުމާ ގުޅިގެންނެވެ.

އެމްޑީޕީއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މަރިޔަމް ވަހީދު ގާޒީކަން ކުރެއްވުމުގެ ހައިސިއްޔަތު ސްޕްރީމް ކޯޓުން ނިގުޅައިގަނެފައިވަނީ އޭނާގެ ކުށަކާނުލައި އޭނާއަށް ދީފައިވާ އަދަބެއްގެ ގޮތުގައި ކަމަށެވެ. މަރްޔަމް ވަހީދުގެ މައްޗަށް އެވަރުގެ ހަރުކަށިކަމެއް ދައްކާފައި ވަނީ ސަރުކާރުގެ ނުފޫޒުން ކަމަށް ވެސް އެމްޑީޕީއިން ވަނީ ތުހުމަތުކޮށްފަ އެވެ.

"މަރިޔަމް ވަހީދާމެދު ފިޔަވަޅުއަޅާފައިވަނީ އޭނާ ގާޒީކަމުގައި ދެމިހުންނަވަނިކޮށް އޭނާގެ މައްޗަށް އެއްވެސް ތަހުގީގެއް ކުރެވި، ދައުވާއެއް އުފުލެވި، އަދި ޝަރީއަތެއް ހިންގުމެއް ނެތި، އަދި އޭނާއަށް ދިފާއުވުމުގެ ފުރުސަތެއް ލިބިވަޑައިގަތުމެއް ނެތި،" އެމްޑީޕީއިން ބުންޏެވެ.

އޭގެއިތުރުން މަރިޔަމް ވަހީދާމެދު ފިޔަވަޅުއަޅާފައިވަނީ ގާޒީއަކާ މެދު ފިޔަވަޅު އެޅުމަށް ގާނޫނު އަސާސީގައި ބަޔާންކުރާ ހަމައެކަނި ދެ މުއައްސަސާ ކަމަށްވާ ޖުޑިޝަލް ސާވިސް ކޮމިޝަން އަދި ރައްޔިތުންގެ މަޖިލިސްގެ އެއްވެސް ދައުރެއްނެތިކަން ވެސް އެމްޑީޕީއިން ވަނީ ފާހަގަކޮށްފަ އެވެ.

"މަރިޔަމް ވަހީދުގެ ގާޒީކަމުގެ ހައިސިއްޔަތު ނިގުޅައިގަނެފައިވަނީ އިންސާފާއި ތަހުޒީބުގެ ހަމަތަކުގެ މައްޗަށް ބިނާވެގެންވާ އެއްވެސް ގައުމެއްގައި، އަދި ދިވެހިރާއްޖޭގައި ވެސް މިހާތަނަށް އަމަލުކޮށްފައިނުވާ ގޮތަކަށްކަމެވެ. އަދި އެއީ ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތަކާއި ބައިނަލްއަގުވާމީ މުއާހަދާތަކާ ކަނޑައެޅިގެން ހިލާފަށް ފަނޑިޔާރަކާމެދު އަޅާފައިވާ ފިޔަވަޅެކެވެ. އެހެންކަމުން އެއީ، ރާއްޖޭގައި މުސްތަގިއްލުކަމާއެކު ފަނޑިޔާރުކަންކުރައްވާ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއްކަމަށް ދެކެމެވެ." އެމްޑީޕީއިން ބުންޏެވެ.