ހަބަރު

"އަސުރުމާ ކުލައަކީ ހުރިހާ ބައްޔަކަށް އޮތް ޝިފާއެއް"

  • އަސުރުމާ ކުލައިގާ ނޫނީ ހަމަޖެހުމެއް ނެތް
  • މި ގެންނަ ތަރައްގީއަށް ދެބަސްވާ މީހަކު ނެތް
  • މި ގެންނަނީ ހަމައެކަނި ކޮންކްރީޓްގެ ތަރައްގީއެއް ނޫން

އަސުރުމާ ކުލައިގައި ނޫނީ ސަލާމަތެއް ނެތް ކަމަށާއި ދިވެހި އުދަރެހުން އަބަދުވެސް އުޖާލާކަމާއެކު ފާއްދާލާނެ ކުލައަކަށް އަސުރުމާ ކުލަ ވެގެންދާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ މަސްރަހުގައި މީގެ ކުރިން ގުނި ކުލަތަކުން ހަމަޖެހުމެއް ނުލިބުނު ކަމަށެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިހާބްގެ ޕީޕީއެމްގެ ކެމްޕޭން ލޯންޗް ކުރުމަށް "ހޭވައްލާ" ނަމުގައި ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މިރޭ ވަނީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ މެންބަރުން ކައުންސިލްތަކަށް ހޮވުމަށް އިލްތިމާސްކުރައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ ވެރިކަމަށް ވަޑައިގެންނެވުމަށްފަހު މިއަދާ ހަމައަށްވެސް މަސައްކަތްކުރައްވަމުން ގެންދަވަނީ ރާއްޖޭގައި ތަރައްގީވެފައިވާ އުފެއްދުންތެރި، އޯގާތެރި ރައްޔިތެއް ބިނާކުރުމަށް ކަމަށާއި އަސުރުމާކުލަ އުޖާލާކަމާއެކު ރާއްޖޭގެ އުދަރެހުން އަބަދުވެސް ފާއްދާލާނެކަން ކަށަވަރުކޮށްދިނުމަށް ކަމަށެވެ.

"އަސުރުމާ ކުލާގަ ނޫނިއްޔަކާ ނެތް ރިޑެމްޕްޝަން (ސަލާމަތްތެރިކަމެއް). އެހެން ކުލަކުލަ ރާއްޖޭގެ މަސްރަހުގެ ތެރޭގައި ގުނި އިރު ކަންކަން ވެގެންދިޔަ ގޮތް ފެނިއްޖެ. އަސުރުމާ ކުލައަކީ ހުރިހާ ބައްޔަކަށް އޮތް ޝިފާއެއް. ސިކުނޑިއަށް ހަމަޖެހުން ގެނެސްދޭނެ ކުލަ އަކީ އަސުރުމާ ކުލަ. އަޅުގަނޑުމެން ބޭނުންވަނީ އަސުރުމާކުލަ އަބަދުވެސް ދިވެހި އުދަރެހުން އުޖާލާ ކަމާއެކު ފާއްދާލާނެކަން ކަށަވަރުކޮށްދޭން،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ އެކި ދާއިރާތަކަށް ފާއިތުވެދިޔަ ތިން އަހަރު އައި ތަރައްގީއަށް އިޝާރާތްކޮށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި ހިނގައިދިޔަ އެއްވެސް ކަމަކާމެދު އެއްބަސްވާނަމަ، އެމަނިކުފާނު ގެންނެވި ތަރައްގީއާމެދު އެންމެން ވެސް އެއްބަސްވާނެ ކަމަށެވެ. ސިއްހީ ދާއިރާއާއި، ތައުލީމީ ދާއިރާ އާއި އެނޫންވެސް ނަޒަރު ހިންގާލި ކޮންމެ ދާއިރާއަކުން ފެންނަ ހެޔޮ ބަދަލުތަކާއި، ދައުލަތުގެ ބޮލުގައި އެޅިފައިވާ ދަރަނި ފިލުވަން ކުރާ މަސައްކަތްތަކަކީ ކިތަންމެ ގަބޫލުކުރަން ބޭނުން ނުވި ނަމަވެސް ތަރައްގީއަށް ނުވެ ނުދާނެ ކަންތައްތައް ކަމަށް ރައީސް ވިދާޅުވި އެވެ.

"ހަމައެކަނި ބްރިޖް އެޅުމަކީ ތަރައްގީއަށް ނުވެ ހިނގައިދާނެ. އެކަމަކު ރިސޯޓްތަކެއް ނެރެ 60،000 ވަޒީފާ އުފެއްދުމަކީ ތަރައްގީއަށް ނުވެ ނުދާނެ. އަދި އެކި މުއައްސަސާތަކުގެ މިނިވަންކަން ކަށަވަރުކޮށްދީ، އަދި ބައިނަލް އަގުވާމީ އެކި މުޖުތަމައުތަކުގައި ރާއްޖެއާ މެދު އަޑު އުފުލާ މީހުން ބިނާކުރުމަކީ ތަރައްގީއަށް ނުވެ ހަމަޔަގީނުންވެސް ނުދާނެ، އަޅުގަނޑުގެ ތަސައްވުރެއް އެބައޮތް. އަޅުގަނޑުމެންގެ މި ކުރާ މަސައްކަތަކީ ތަރައްގީއާއި ތަހުޒީބަކީ ހަމައެކަނި ކޮންކްރީޓުން ގެންނަ ތަރައްގީ ނޫނޭ ދަންނަވަން ކުރާ މަސައްކަތް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނުވިދާޅުވި ގޮތުގައި މީގެކުރިން ރައްޔިތުންނަށް ބޭނުންޖެހިފައިވި އެތައް ކަމެއް އެންމެ އެކަށޭނަ ގޮތުގައި ކުރީގެ ސަރުކާރުތަކުން ފުރިހަމަކޮށްދެވުނު ނަމަ އެމަނިކުފާނު ކުރައްވަންޖެހުނު މަސައްކަތްތަކަށް ލުޔެއް ލިބުނީސް ކަމަށެވެ. ނަމަވެސް ވަޑައިގެންނެވި ކޮންމެ ދިމާލަކުން އެމަނިކުފާނަށް އަޑުއިވި ވަޑައިގަންނަވަނީ ރައްޔިތުން އެތަކެއް ދުވަސްތަކަކަށް ކުރަމުން އައި އާދޭސްތަކެއްގެ އަޑު ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ ތެރެއިން މާލޭގެ ކުނީގެ މައްސަލަ އާއި އިޔާދަ ކުރަނުވި ހަކަތައް ދިރުވުމަށް މަސައްކަތް ކުރުން ފަދަ ކަންކަމުގައި ސަރުކާރުން ބޮޑެތި ކާމިޔާބީތަކެއް ހޯދައިފައިވާކަން ރައީސް ފާހަގަ ކުރެއްވި އެވެ.

ރާއްޖޭގެ އަމާން މުސްތަގުބަލަކަށް ގެންދެވެން އޮތް އެންމެ އަމާން ގޮތަކީ ދީނާއި ގައުމަށް ލޯބިކުރާ ޒުވާން މުޖުތަމައެއް ބިނާކުރުން ކަމަށް ވިދާޅުވި އެވެ. އެނޫން ގޮތަކަށް ތަރައްގީ ގެންނަން މަސައްކަތް ކުރަންފަށައިފިނަމަ އެކި ކަންކަމުގައި "ތަފާތު ނެރެޓިވްތައް" ހޯދަން ދުވާނެ މީހުން މުޖުތަމައުގައި ގިނަވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުގެ މި މަސައްކަތަކީ ގައުމުގެ ކޮންމެ ރައްޔިތަކީ އެކަކު އަނެކަކަށް ލޯބިކުރާ އޯގާތެރި ބަޔަކަށް ހެދުމަށް ކުރާ މަސައްކަތްތަކެއް. ގައުމުގެ ކޮންމެ ފަރުދަކީ އޯސަމް ޕްރޮޑަކްޓަކަށް ހަދަން އެބަ ޖެހޭ. އެހެން ނޫންކަމަށް ވަންޏާ އަނެއްކާވެސް އަޅުގަނޑުމެންގެ ތެރެއިން އެކި ފެންވަރަށް އަންނަ މީހުން ތަފާތު ނެރެޓިވްތައް ހޯދަން ދުވާނެ. އަޅުގަނޑުމެން ތަފާތު ނެރެޓިވް ހޯދަން ދާކަށް ނުޖެހޭ. ދާންޖެހޭ މިސްރާބު ވަރަށް ކަށަވަރު. އިސްލާމް ދީން ނޫން އެ ނޫން ދީނެއްގެ ފިކުރުތަކަށް މިތާ ފުރުސަތެއް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ. "ކީއްކުރަންތޯ އިސްލާމީ ދައުލަތެއްގައި، އިސްލާމް ދީން ނޫން އެހެން ދީނަކަށް ޖާގަ އޮތްތޯ ބަލަންވީ؟"

އެމަނިކުފާނު މިރޭ ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ މެންބަރުންނަށް ވޯޓުދެއްވުމަށް ތަކުރާރުކޮށް އިލްތިމާސްކުރައްވާފަ އެވެ.

ފޮޓޯ އަލްބަމް