މިއުޒިކް

ތަރިންގެ ސްޓޭޖަކުން ފުރުސަތެއް ނުލިބި ތަރިއަކަށް

އޭނާ ނިސްބަތް ވަނީ ފަންނާއި ފަންނުގެ ދަރިންގެ ބޮޑު އާއިލާއަކަށެވެ. ވޮލީބޯޅަ އާއި ފުޓްބޯޅަ އާއި މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކުން އޭނާގެ ދައްތަމެންނާއި ބޭބެމެން ފާހަގަކޮށްލެވެ އެވެ. އުމުރުން މިހާރު 27 އަހަރުވެފައިވާ މެހެފޫޒް އިބްރާހިމް ބުނަނީ ބޮޑުބެރުގައި ނަންވިދާ ފެންވަރުގެ ތަރިއަކަށް އޭނާ ބަދަލުކޮށްލި އެއް ސިއްރަކީ މިއީ ކަމަށެވެ.

ކުރު މުއްދަތެއްގެ ތެރޭގައި ބޮޑު މަޝްހޫރުކަމަކާއި މަގްބޫލުކަމެއް ހޯދާފައިވާ ބޮޑުބެރު ގްރޫޕް "ސާދަ ތިރީސް އަށެއް" ގެ މުހިންމު މެމްބަރެއް ކަމުގައިވާ މެހެފޫޒަށް ބޮޑުބެރުގެ ތެރެއަށް ވެދެވުނީ އާއިލާގެ ތެރެއިން ކަމަށްވިޔަސް އެންމެ ފުރަތަމަ އޭނާ އަކީ ބޮޑުބެރު ޖަހަން ޝައުގުވެރިވި ޒުވާނެއް ނޫނެވެ. އެ ޝައުގުވެރިކަމެއް އޭނާގެ ގައިގައި ބައްދައިގަތީ މަޖަލަކަށް ޖަހާލި ބެރަކުން އޮހުނު ތައުރީފަކާ ގުޅިގެންނެވެ.

"އެހެން އުޅޭއިރު، ގޭގައި ހިތާނުކޮށްގެން އުޅެނިކޮށް، ބެރު ޖަހަން އެއް ރޭ ބެރަށް އެރީމަ މާ ރަނގަޅުވީ. ދެން ދޮންބެމެންނާ އެކު ހިތާނު ޝޯތަކުގައި ބެރު ޖަހަން ފެށީ. އޭރު ބެރުޖަހައި ނެށުން އޮންނާނީ." މެހެފޫޒް ބުންޏެވެ.

އޭނާ ބުނީ ދޮންބެގެ ގްރޫޕާ އެކު ގޭގެއަށް ގޮސް ނަށައި ބޮޑުބެރު ޖަހައި އުޅުނަސް އެކަން އެންމެ ފުރަތަމަ ފެށީ މަޖަލަކަށެވެ. ނުވަތަ ހުސް ވަގުތުކުރާނެ ކަމެއް ހޯދުމުގެ ބޭނުމުގަ އެވެ. ނަމަވެސް ދޮންބެގެ ފިޔަވަޅުމަތިން ގޮސް އެންމެފަހުން މި ބޮޑުބެރަކަށް ޒުވާން މެހެފޫޒުގެ ލޭ ކެކި ދާ ކައްކަން ފެށި ހިސާބުން ފެށިގެން އެންމެ ދުވަހަކަށް ވެސް ބޮޑުބެރު ދޫކޮށްލަން އޭނާ ބޭނުމެއް ނުވި އެވެ.

އެކުގައި ބޮޑުބެރު ޖެހި ދޮންބެ ބަލިވެ، އޭނާގެ ބޮޑުބެރު ގްރޫޕު ހުއްޓުމަކަށް އައުމުން ވެސް ނަށަމުން އެނބުރެމުން މެހެފޫޒު ދުއްވައިގަތީ އެވެ. އޭނާ ދިޔައީ ބޮޑުބެރު ޖަހާނެ ފުރުސަތެއް ދޭނެ އެހެން ގްރޫޕެއް ހޯދުމަށެވެ. އޭރަކީ ބޮޑުބެރުގައި "ހަރުބީ" ގެ ނަމާއި ކައިރޭމެން ޖެހި ބެރުގެ އަޑު ގަދަ ދުވަސްވަރެވެ.

ބޮޑުބެރަށް ހިތްޖެހިގެން ދިޔަވަރު ބޮޑުކަމުން މެހެފޫޒު ވެސް ގޮސް ބޭނުންވީ އެންމެ ބޮޑު ގްރޫޕާ ނުވަތަ އެންމެ މަޝްހޫރު ގްރޫޕުގައި ބޮޑުބެރު ޖަހާށެވެ. ނަމަވެސް އެފުރުސަތެއް އޭނާއަކަށް އެންމެ ފުރަތަމަ ނުލިބުނެވެ.

"ދޮންބެ ބަލިވެގެން ބޭބެގެ ބޭންޑް ހުއްޓުނީމަ ދެން ބެރު ޖަހާނެ ގްރޫޕެއް ނުލިބިގެން ހަރުބީ އަށް ވެސް އެޕްރޯޗްކުރިން. އެކަމަކު ފުރުސަތެއް ނުލިބުނު.ކައިރޭ ބޮޑުބެރު ގްރޫޕުން ވެސް ފުރުސަތެއް ނުލިބުނު،" މެހެފޫޒް ކިޔައިދިނެވެ.

މިހާލެއްގައި އެއް ބެރުން އަނެއް ބެރަށް ފުންމަމުން ދަނިކޮށް ހަރުބީއާ ބޮޑު އަދި އެވަރަށް މަޝްހޫރުވެ މަގްބޫލުވާނޭ ބޮޑުބެރު ގްރޫޕެއް އުފެއްދުމުގެ އަޒުމުގައި އުޅުނު އެހެން ޒުވާނަކާ އެވެ. މެހެފޫޒާއި މި ބުނާ ޒުވާނާ އާއި އެމީހުންގެ މި ފިކުރަށް ތާއީދުކުރި ބޮޑުބެރުގެ އެހެން ހުނަރުވެރިންނާ އެކު ދެން އުފެދިގެން އަޑުގަދަވެގެން އައީ ހަބޭސް ބޮޑުބެރޭ ކިޔުނު ގްރޫޕެއްގެ އަޑެވެ.

މި ގްރޫޕެއް އުފެދިގެން އައިއިރު މެހެފޫޒަކީ އޭގެ އެއް ހިތެވެ. ގްރޫޕު އުފެއްދުމުގައި އިސްކޮށް އުޅުމުގެ އިތުރުން ބެރުޖަހައި ލަވަކިޔުމުގައި ވެސް އިސްކޮށް އުޅުނު ނަމަކަށްވީ މެހެފޫޒެވެ. އިސާހިތަކު އޭނާ އަލަށް ލިބިގަތް ލަވަކިޔުމުގެ ހުނަރާއެކު އޭނާ ތަރިއަކަށް ބަދަލުވީ އެވެ.

ހަބޭސް ބޮޑުބެރު ގްރޫޕުން ވިދާލި މުސީގެ އަޑަށް ބަޔަކު އަޅުވެތިވުމުގެ ކުރިން ހަބޭސްގައި ލަވަކިޔައި ޖާދޫ ދެއްކި ހުނަރުވެރިޔަކީ މެހެފޫޒެވެ. ނަމަވެސް މެހެފޫޒު ވެސް މި ވަނީ އެންމެފަހުން އަނެއްކާވެސް އާ ތަޖުރިބާއަކާ ކުރިމަތިލައިފަ އެވެ. ހަބޭސްގެ މެނޭޖުމަންޓާ ޖެހުނު މައްސަލަތަކަކަށް ފަހު މިއަދު މެހެފޫޒު މަސައްކަތްކުރަމުން ދަނީ އެވަރުގެ ނުވަތަ އެއަށް ވުރެ ވެސް ބޮޑު އެހެން ބޮޑުބެރު ގްރޫޕަކަށް "ސާދަ ތިރީސް އަށެއް" ހެދުމަށެވެ.

ބުއްދިވެރިން ބުނާ ގޮތަށް ނަމަކުން ކުރާނީ ކީއް ހެއްޔެވެ؟ މިވަގުތު ރާއްޖޭގައި ޒަމާނީ ބޮޑުބެރަށް އެންމެ ކުޅަދާނަ ޒުވާނުން ތިބީ މެހެފޫޒާ އެކު "ސާދަ ތިރީސް އަށެއް" ގަ އެވެ. ބެރު ހިފައިގެން ދުއްވައިގަތްއިރު ސުޕަސްޓާރުންގެ ރޭހެއްގައި ލައްވައިނުލިޔަސް މެހެފޫޒަކީ މިއަދު ބޮޑުބެރުގެ ސުޕަސްޓާރެކެވެ. މި ވާހަކަ އަށް ޒަމާން ހެކިވާނެ އެވެ.