ރިޕޯޓް

ތިމާވެށީގެ ހިމާޔަތުގައި ދިރާގުގެ މުވައްޒަފުން މިސާލު ދައްކަނީ

Feb 22, 2017
4
  • ދިރާގު މުވައްޒަފުން ޕްލާސްޓިކު މަދުކުރުމުގެ އަޒުމުގައި
  • ހިލޭ ކޮތަޅު ބެހުމުގެ އިތުރުން، ދިރާގުގައިވެސް ބޭނުންކުރޭ
  • މުވައްޒަފުން އުކާލާ ޕްލާސްޓިކް އެއް ކުރަން ފަށަނީ

ޕްލާސްޓިކް ކޮތަޅުން ތިމާވެށީ ހަލާކުވާކަން ނޭނގޭ މީހަކު މަދުވާނެ އެވެ. އެކަމަކު މި ނުރައްކަލުން ސަލާމަތް ވުމަށް އިސްނަގާނެ މީހުން ވަރަށް މަދެވެ. އަދި އެ ފަދަ އިސްނެގުން ފެންނަނީ ވަރަށް މަދުންނެވެ. ނަމަވެސް ރާއްޖޭގެ އެއްވަނަ ޓެލެކޮމް ކުންފުނި، ދިރާގުން މިވަނީ މިކަމުގައި އިސް ނަގާފަ އެވެ. މިގޮތުން މުޅި ދުނިޔޭގައި ހިންގާ ޕާލޭގެ "ފޯ ދަ އޯޝަން" ކެމްޕޭނަށް އެހީތެރިވެ، އެ ކުންފުނިން މިވަނީ ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓާލަން ހިތްވަރުދޭން ހާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. މިގޮތުން ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ބޭނުން ކުރަން ތިމާވެއްޓާ ރަށްޓެހި ކޮތަޅެއް ދަނީ ބަހަމުންނެވެ.

"މި އިސްނެގުމަކީ ތިމާވެއްޓަށްޓަކައި ދިރާގުން ނަގާ އިސްނެގުމެއް. މިކަމުގައި އެހެން މީހުންނަށް މިސާލު ދެއްކުން އަޅުގަނޑުމެންގެ މައިގަނޑު މަގުސަދަކީ،" ދިރާގުގެ މާކެޓިން އެންޑް ކޮމިއުނިކޭޝަން މެނޭޖަރު، ބިޝާރާ ހަމީދު "އަވަސް" އަށް ވިދާޅުވި އެވެ.

ދިރާގުން ޕްލާސްޓިކް ކޮތަޅު މަދުކުރުމުގެ ކެމްޕޭން ފަށާފައިވަނީ ވެސް ވަރަށް ތަފާތު ގޮތަކަށެވެ. އެއް ދުވަހުގެ އޮފީހަށް މުވައްޒަފުން އައިއިރު މުޅި އޮފީހުގެ ލޮބީ އޮތީ ގޮނޑުކޮށްލާފަ އެވެ. މުޅިތަނުގެ ތެރޭގައި އޮތީ، ހުސް ޕްލާސްޓިކް ކޮތަޅެވެ. އެކަންވީ މުވައްޒަފުން ވެސް ހައިރާންކޮށްލި ކަމަށެވެ. ދިރާގު މުވައްޒަފުން ވެސް ތިމާވެއްޓަށް ލޯހުޅުވާލަދިން ކަމަށެވެ.

ބިޝާރާ ވިދާޅުވީ އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް ކޮތަޅު ކަނޑުތަކަށް އުކަމުންދާއިރު، މީހުން ދިރުޅޭ ތަނަކަށް ޕްލާސްޓިކް ކޮތަޅުތަކެއް އެޅުމުގެ ވާނެގޮތް މުވައްޒަފުންނަށް އަންގައިދީ އެކަމުގެ އުނދަގޫ ބުނެދޭން އެ ކުންފުނިން ބޭނުންވީ ކަމަށެވެ.

"އެންމެ ފުރަތަމަ ދިރާގުގެ މުވައްޒަފުންތާ މި މެސެޖު ދޭން ޖެހޭނީ. އެހެންވެ މުވައްޒަފުންވެސް ތިބީ ހައިރާންވެފަ. މީތި އަޅުގަނޑުމެން ޕަބްލިކަށްވެސް ނެރުނީ،" ބިޝާރާ ވިދާޅުވި އެވެ.

"މުޅި ރާއްޖެ ވެސް އޭގެ މައްޗަށް ބަރޯސާވެފައިވާ އެއްޗެއް ކަނޑުތަކަކީ. އިކޮނޮމިކް ނުވަތަ ޑިވްލޮޕްމަންޓަށް ބެލި ނަމަވެސް. އެހެންވެ ރާއްޖެ ޑިޕެންޑްވޭ. އެހެންވެ ސްޓްރެޓިޖިކަލީ މިކަން ކުރުމަށް."

ކޮންމެ މުވައްޒަފަށް ފުޅިއެއް!

ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ފަށާފައިވާ މި މަސައްކަތުން، ހަމައެކަނި ޕްލާސްޓިކް ކޮތަޅު ދެނީ އެކަންޏެއް ވެސް ނޫނެވެ. މީގެ އިތުރުން އެ ކުންފުނީގެ މުވައްޒަފުންގެ އަމިއްލަ ދިރިއުޅުމާއި، އޮފީސް މާހައުލުން ވެސް ދަނީ މި މިސާލު ދައްކަމުންނެވެ. އެ ކުންފުނިން ވަނީ ޕްލާސްޓިކު މަދު ކުރަން ވެސް ހާއްސަ ފިޔަވަޅު ތަކެއް ނަގާފަ އެވެ. މިގޮތުން އެ ކުންފުނީގެ ކޮންމެ މުވައްޒަފެއް ފެން ބޯން ބޭނުން ކުރަނީ ވަކި ޕްލާސްޓިކް ފުޅި އެކެވެ. އަދި އެ ފުޅިއަށް ފެން އެޅުމަށް ދިރާގުގެ އެކި ހިސާބުތަކުގައި ކޫލަރު ބަހައްޓާފައިހުރެ އެވެ. މީގެ ބޭނުމަކީ ޕްލާސްޓިކް ހުސްފުޅި ބޭނުން ކުރާވަރު މަދުކުރުމެވެ.

"މިތަނަށް ގެންނަ ޕްލާސްޓިކް ފުޅި ހުއްޓާލާފައިވާނީ. ކުރީގައި ފެން ބޮއިފައި ފުޅި އެއްލާލަނީ. މިހާރު ކޮންމެ މީހަކު ފުޅިއެއް ގެންގުޅޭނެ،" ބިޝާރާ ވިދާޅުވި އެވެ.

ދިރާގުގެ ހުރިހާ މުވައްޒަފުން ގޭގައި ބޭނުން ކުރުމަށްވެސް ވަނީ ކޮތަޅު ދީފަ އެވެ. ބޭނުމަކީ ދިރާގު މުވައްޒަފުންގެ އާއިލާތަކުގެ ކިބައިގައި ވެސް މި ސިފަ ހަރުލެއްވުމެވެ. ކަށީގައި ހިފާވަރު ކުރުމެވެ. މީގެ އިތުރުން ދިރާގުގެ ކޮންމެ ޑިޕާޓްމަންޓެއްގައި ވެސް "ގްރީން ޗެމްޕިއަނެއް"ނަގާފައިވެ އެވެ. އެމްބެސެޑަރެއްގެ ގޮތުގައި ހަމަޖައްސާފައިވާ މި މުވައްޒަފުގެ ޒިންމާއަކީ ތިމާވެއްޓާ ރަހުމަތްތެރި ފިޔަވަޅުތައް އެޅުމުގައި އިސް ނެގުމެވެ.

މީގެ އިތުރުން، ދިރާގުން ދަނީ އެ ކުންފުނީގެ މުވައްޒަފުން ގޭގައި ބޭނުންކުރާ ޕްލާސްޓިކް ހޮވައިގެން ގެނެވޭނެ ނިޒާމެއް ވެސް ގާއިމްކުރަމުންނެވެ.

"މިސާލަކަށް ގޭގައި ބޭނުންކުރާ ޔޯގަޓު. ކައި ނިމިގެން ތަށި ދިރާގަށް ގެނެވޭގޮތަށް. ކަލެކްޝަން ޕޮއިންޓްތަކެއް މި ހަދަނީ. އެ ޕްލާސްޓިކް ޕާލޭއާ ހަވާލުކުރާނީ،" ގާތްގަނޑަކަށް 600 މުވައްޒަފުން މަސައްކަތްކުރާ ކުންފުނީގެ ފަރާތުން ވާހަކަ ދެއްކެވި، ބިޝާރާ ވިދާޅުވި އެވެ.

ދިރާގުގެ އަމާޒަކީ ރާއްޖޭގެ ތިމާވެއްޓަށް ޕްލާސްޓިކުން ލިބޭ ގެއްލުން ކުޑަކުރުމަށް އެހީވުމެވެ. އެކަމަށްޓަކައި އެ ކުންފުނީގެ މުވައްޒަފުން ތިބީ އަޒުމުގައެވެ. ތިމާވެށި ހިމާޔަތް ކުރުމުގައި އިސް ނަގައި ރީތި މިސާލެއް ދެއްކުމެވެ.