ވިކްޓަރީގެ ކޯޗް ކަމަށް، އަލީ ސުޒޭން ހަމަޖެއްސުމުން، ފުޓްބޯޅައިގެ އާއިލާގެ ބައެއް ފަރާތްކުން ކަންބޮޑުވީ ހީކުރި ވަރަށް ވުރެ މާ ބޮޑަށެވެ. އެންމެންވެސް އެއްބަސްވެ އެވެ. ފުޓްބޯޅަ އާއިލާގެ ތެރޭގައި، މިހާރު ތިބި ދިވެހިންގެ ތެރެއިން، އެންމެ ގިނަ ތަށި ގެނައި ކޯޗަކީ، އަލީ ސުޒޭން އެވެ. ފުޓްބޯޅަ އާއިލާ އިން އޭނާ އަށް އޮތް ނުފޫޒު އެންމެ ބޮޑު ވަނީ ވެސް އެހެން ވެގެން ނެވެ. ފުޓްބޯޅައިގެ އެންމެ މުހިންމު މައްސަލަތައް، އާންމުންނަށް ތިލަ ކޮށްދޭން، މީޑިއާއިން އެންމެ ފުރަތަމަ ހާޒިރު ކުރާ ނަމަކީ ސުޒޭން އެވެ. އެއީ އޭނާގެ ޓްރެކް ރެކޯޑަށް ބެލުމަށް ފަހު، މީޑިއާއިން އޭނާ އަށް ކުރާ އިތުބާރުގެ ބޮޑު ކަމުންނެވެ.
ފުޓްބޯޅައިގެ ވާނުވާ ނޭންގޭ މީހުންނަށްވެސް ސުޒޭން ނޭންގި އެއް ނުދެ އެވެ. އޭނާ އަކީ ފުޓްބޯޅައިގެ ކޮން މަގާމެއްގައި ހުރި، ކާކު ކަން ނުދަންނަ އެއްވެސް ދިވެއްސަކު ނޫޅޭނެޔޭ ބުނުން ދޮގަކަށް ނުވާނެ އެވެ. ސުޒޭންގެ ނުފޫޒު ފުޓްބޯޅައިގައި އޭހާވެސް ގަދަ އެވެ. ސުޒޭންގެ ވާހަކަ މިދިޔަ ހަފުތާގެ ފަހު ކޮޅުން ފެށިގެން ގަދަ ވެގެން އުޅެނީ، ސުޒޭނު ސުޒޭނަށް ވުމުން ނެވެ.
ވިކްޓަރީގެ ކޯޗް ކަމަށް އޭނާ ހަމަޖެއްސީ އޭނާ އަށް ނުފޫޒާއި ބާރު ބޭނުންކޮށްގެން، ސުޒޭންގެ ކުރިން މިއަހަރު ވިކްޓަރީގެ ކޯޗް ކަމަށް ހަމަޖެއްސި، ޝާޒްލީ މުހައްމަދު ވެސް ވަނީ ތުހުމަތު ކޮށްފަ އެވެ. ފުޓްބޯޅައިގެ އާއިލާގެ ބައެއް މީހުން ވެސް ސިއްރު ސިއްރުން އެވާހަކަ ދައްކައި އުޅުނެވެ. ސުޒޭން ވިކްޓަރީގެ ކޯޗް ކަމަށް ހަމަޖެއްސީ ރަނގަޅަށް ނޫން ކަމަށް ބުނާ ކިތަންމެ މީހެއް ފުޓްބޯޅައިގެ އާއިލާގެ ތެރެއިން ބައްދަލުވި އެވެ.
އެއީ ހަމަ ތެދެއް ހެއްޔެވެ. ސުޒޭން ވިކްޓަރީގެ ކޯޗް ކަމަށް ހަމަޖެއްސީ ރަނގަޅަށް ނޫން ބާވަ އެވެ. ޖަވާބު ހޯދުމަކީ މުހިންމު ސުވާލެއް ވެސް މެ އެވެ. މި ސުވާލު އުފައްދާ އެންމެ ބޮޑު ސަބަބަކީ، ޝާޒް އިމްތިހާން ކުރަން ވަގުތު ނުދީ ވިކްޓަރީން އޭނާ ނަގާ އެއްލާ ލުމުން ނެވެ. ޝާޒްގެ ބަހުން ނަމަ ސުޒޭން ކޯޗް ކަމަށް ގެނައުމަށް ހިނގާފައިވަނީ، މަދުގަޑިއިރު ކޮޅެކެވެ.
"ވިކްޓަރީގެ ކޯޗް ކަމުން ވަކި ކުރިކަމެއް އަޅުގަނޑަކަށް ނޭނގެ، އެނގުނީ އެހެން ކޯޗެއް ހަމަޖެއްސިކަން،" ކޯޗް ކަމުން ދުރުކޮށްފައި ހުރި ޝާޒްލީ ނޫސްވެރިންނާ ބައްދަލު ކޮށްފައި ބުނީ އެހެން ނެވެ.
"ކޯޗް ކަމުން ވަކި ކުރާއިރުވެސް، ފުރިހަމަ ކުރަންޖެހޭ މަރުހަލާތަކެއް އެބަހުރި،" ވިކްޓަރީ އާއެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް ކުރިމަތީ ބައްވައިގެން އިނދެ ނޫސްވެރިންނާ މުހާތަބު ކުރަމުން ބުންޏެވެ.
ވިކްޓަރީއިން އޭނާ އަށް މަތިކުރި، ވަޒީފާ މަސްއޫލިއްޔަތާ މެދު، ހިތްހަމަ ނުޖެހޭ ކަމެއް ފެނުނަސް، އެކަން ރަނގަޅު ކުރަން އަންގަން ޖެހެ އެވެ. ނަމަވެސް، ވިކްޓަރީން އެފަދަ އެއްވެސް ކަމަކަށް، އީޝާރާތް ކޮށްފައި ނުވާކަން ޝާޒް ވަނީ ބުނެފަ އެވެ. އަދި ކޯޗް ކަމުން ވަކި ކުރާއިރުވެސް ލިޔުމުން އެކަން އަންގަން ޖެހެ އެވެ.
"ކޯޗް ކަމުން ވަކި ނުކޮށް އެހެން ކޯޗަކު ހަމަޖެއްސިޔަސް، އެ ނުވާނާނެ ސައްހަ ނިންމުމަކަށް،" މިއީ މީޑިއާގެ ކުރިމަތީގައި ޝާޒް ބުނި އެންމެ މުހިންމު ވާހަކަ އެވެ. ފިލުމުގެ ކުންނު ފެށޭ ހިސާބަކީވެސް މިއެވެ.
މިކުންނާ އެކު ކެކެމުން ބޮކިޖަހަމުން އަންނަ، ހޫނު ފެންގަނޑު ތެރެއަށް ވިކްޓަރީގެ ބޯޑާއި ސުޒޭން ވެސް ގެނބިއްޖެ އެވެ. ވިކްޓަރީ އަށް އޮތް ފާޑު ކިޔުންތައް އަދިވެސް މައިތިރިއެއް ނުވެ އެވެ. އެކަން ބާއްވާފައި، ވިކްޓަރީގެ ބޯޑުން، މިކަމާ މެދު ބުނަނީ، ކީކޭތޯ ބަލާލަން ހިނގާށެވެ.
މި ސުވާލުތައް ހިފައިގެން، ވިކްޓަރީގެ ޗެއާމަން އިބްރާހިމް ނަޒީމުގެ އަރިހަށް ދިއުމުން އޭނާ ވިދާޅުވީ، ފުރިހަމަ ކުރަން ޖެހޭ މަރުހަލާތައް ފުރިހަމަ ކޮށްފައި ވާނެ ކަމަށެވެ.
"އަޅުގަނޑުމެން ވާނެ، ރަނގަޅު ކުރަން ޖެހޭ ކަންކަން ޝާޒް އަށް އަންގާފަ،" މައްސަލަތަކުގެ ތަފްސީލަކަށް ނުގޮސް، ނަޒީމު ވިދާޅުވި އެވެ.
"އަދި އަންގާރަ ދުވަހުގެރޭ ޝާޒް އަށް އަންގާފައިވާނެ، މަސައްކަތައް ނުނިކުންނަން."
އަދިވެސް، މިމައްސަލަ އަށް ފިނި ކަމެއް ނެތެވެ. ސުޒޭން ގެންނައުމުން، އެކަމަށް ތާއީދު ކުރި ވިކްޓަރީގެ ކުރީގެ ދެ ކޯޗުން ކަމަށްވާ މައުރޫފް އަހްމަދު (މާއްޓޭ) އާއި އަބްދުލް ޖަލީލް (އަބްޖީ) އާ ދިމާލަށް ވެސް ވަށް ބަހުން އެއްލާފައި ހުއްޓެވެ. އެކަން ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ކޮށްފައިވާ ޕޯސްޓް ތަކުގެ ތަރުޖަމާއިން ހެކި ދެ އެވެ.